ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު ލެވަކޫސެން ކާމިޔާބު ކޮށްފިއެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފައިވަނީ 2-3 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑްއިންނެވެ. ނަމަވެސް މިއާއެކު ވެސް މި މެޗުގެ ފެށުން ރަނގަޅުވީ ލެވަކޫސެންގެއެވެ.
މިގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ލެވަކޫސެންއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ވިންޓާ ބްރޭކަށްފަހު ބުންޑެސްލީގާގައި ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ކުޅުން ފެށިތާ 24 ވަނަ ސިކުންތުގައި ލެވަކޫސެންއަށް ކާމިޔާބު ކޮށްދިނީ ނޭތަން ޓޭލާއެވެ.
އަދި މިލަނޑާއެކު ޑޯޓްމުންޑަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ލެވަކޫސެންގެ ޕެޓްރިކް ޝިކްވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޑޯޓްމުންޑް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖެމީ ގިޓެންސްއެވެ.
މި ލަނޑާއެކު ޑޯޓްމުންޑަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިގެންދިޔަ ނަމަވެސް މިލަނޑު ކާމިޔާބުކުރިތާ ހަތް މިނެޓް ފަހުން ލެވަކޫސެންއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ދެ ލަނޑުގެ ލީޑު އަނެއްކާ ވެސް ނަގާފައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑު ޖަހައިދިން ޝިކްއެވެ. މި މެޗުގައި ޑޯޓްމުންޑްގެ ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ސާހޫ ގުރާސީއެވެ. މިލަނޑާއެކު މި މެޗުން ނަތީޖާ އެއް ނެރުމަށް އިތުރު ލަނޑެއް ޖެހޭތޯ ޑޯޓްމުންޑް އިން ވަރަށް މަސައްކަޔް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ލެވަކޫސެންއިން ލީގު ދިފާއު ކުރުމަށް ކުރަމުންދާ އުންމީދު މި ވަނީ ކޮންމެ ވެސް ވަރަކަށް އާވާގޮތް ވެފައެވެ. އެ ޓީމު މިހާރު އުޅެނީ 16 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.
އެއީ ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔޭން މިޔުނިކަށްވުރެ އެއް ޕޮއިންޓް ފަހަތުންނެވެ. ނަމަވެސް ބަޔޭން މިހަފްތާގައި ކުޅޭ މެޗާއެކު އަނެއްކާވެސް މި ތަފާތު ބޮޑު ވެގެންދިއުމަކީ ގާތް ކަމެކެވެ. އަދި ޑޯޓްމުންޑް އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.