އެފް އޭ ކަޕްގެ ހަތަރު ވަނަ ބުރުން ވިލާ ޖާގަހޯދައިފި

އިނގިރޭސި އެފް އޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަން ވިލާ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވިލާއިން މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދައިފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 2-1 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ.

ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ދެ އަހަރެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހު ކޯޗު ކޮށްދިނުމަށް އެނބުރި އައި ގްރަހަމް ޕޮޓާގެ ބެލުމުގެ ދަށުން ކުޅެމުންދިޔަ ވެސްޓް ހޭމްެއެވެ. މިގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ލޫކަސް ޕަކޭޓާ ވަނީ ވެސްޓް ހޭމްއަށް ލަނޑެއް ޖަހާދީ މެޗުގެ ލީޑު ނަގައިފީފައެވެ.

މިއާއެކު ޕޮޓާގެ އެނބުރި އައުން ކާމިޔާބީއާ އަކާއެކު ހިނގައިދާނެކަމުގެ އިޝާރާތެއް ވެގެންދިޔަ ނަމަވެސް އެކަން އެގޮތަކަށް ވެސްޓް ހޭމްއަށް ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ވިލާއަށް ވެސްޓް ހޭމްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ދެވަނަ ހާފަށް ވިލާއިން ނިކުތީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާ ނެރުމަށެވެ. މިގޮތުން މި ހާފުގައި ވިލާ ފެނިގެންދިޔައީ ވެސްޓް ހޭމްއާއި އަޅާބަލާއިރު މާ ވަރުގަދަ ކޮށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އަމަޑޫ އޮނާނާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ވިލާއަށް ހަމަހަމަ ކޮށްދިނުމެވެ.

ނަމަވެސް މިލަނޑު ޖެހުމަށް ވިލާއަށް ދިން ކޯނަރު ދީފާވަނީ ގޯހުން ކަމުން ވެސްޓް ހޭމްއިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އަދި މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ވިލާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޯގަން ގޮޖާސްއެވެ.

މި ނަތީޖާއާއެކު ވިލާއަށް މިހާރު މިވަނީ މި މުބާރާތުގެ ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެގެން ގޮސްފައެވެ. ވެސްޓް ހޭމް އަށް ބަލާއިރު ޕޮޓާއަށް ޖެހިފައިމިވަނީ އެޓީމަށް ދިމާވެފައިވާ އަޑިގަނޑުން އެރައިގަނެވޭތޯ މަސައްކަތް ކުރާށެވެ.

އަދި މި މެޗުގައި ފޯވަޑް ނިކްލަސް ފުލްކްރޫގްގެ ފަޔަށް އަނިޔާވެގެން ބާލަން ޖެހުމާއެކު އޭނާއަށް ފޯވަޑް ލައިނުގައި މިހާރު ކުޅުން ތެރިން މަދުވުމުގެ މައްސަލައާ ވެސް މި ވަނީ ދިމާވެފައެވެ. އެ ޓީމުގެ ކެޕްޓަން ޖެރޮޑް ބޮވެން މިވަގުތު އަނިޔާގައި ހުރިއިރު މިކައިލް އެންޓޯނިއޯ ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނާކަން ނޭނގެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު