ލޯބިވެވުމުން... 51

ޔަލްވީ ކުއްލިއަކަށް ލޯހުޅުވާލިއެވެ. ރަޔާން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އަތް ދަމައިގަތީ ކުށެއް ކުރަނިކޮށް ފަޅާއެރުމުން އަތް ދަމައިގަންނަފަދަ ގޮތަކަށެވެ. ރަޔާން ތެދުވަން އުޅުމުން، ޔަލްވީ ރަޔާންގެ އަތުގައި ހިފިއެވެ. ރަޔާންގެ އަތްތިލަ ގެންގޮސް ޔަލްވީގެ ކޯތާފަތުގައި ޖައްސާލީ، ދުރަށްނުދާށޭ ބުނާ ފަދައިންނެވެ. ރަޔާންގެ ލޯތްބަށް އެދި ޔަލްވީގެ ހިތް ބޭގަރާރުވެފައިވާވަރު އެ އަމަލުން އެކަނިވެސް ހާމަކޮށްދިނެވެ. ޔަލްވީ ރަޔާނަށް ބަލަން އޮތީ، އަނގައިން ބުނާނެ ހިތްވަރު ހަށިގަނޑުގައި ނެތުމުންނެވެ. ޔަލްވީއާއި ދުރަށްދާކަށް ރަޔާންވެސް ބޭނުމެއް ނުވިއެވެ. ސަލާމަތުން އޮތް އަތުން ޔަލްވީގެ ބޮލުގައި ފިރުމައިލިއެވެ. އެއާއިއެކު ޔަލްވީ ލޯމަރާލިއެވެ.

********

އަފްސަމް ކުރުނބާފަނި ފުޅި ހިފައިގެން އައިސް ދޮރުމަތީގައި ހުއްޓުނެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ފަންކާގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު އަފްސަމް އިރުކޮޅަކު މަޑުކުރިއެވެ. އެތެރެއިން ޖަވާބެއް ނުލިބި ގިނައިރުވުމުން އޭނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެނދު ކައިރީގައި އިން ރަޔާން އޮތީ ޔަލްވީ އޮށޯވެގެން އޮތް ބާލީހުގެ އެއްކޮޅުގައި ބޯއަޅާލައިގެންނެވެ. ދެމީހުންގެ އަތް ގުޅިލާމެހިފައިވާއިރު، ނިދިފައި ތިބީ ނުހަނު ކައިރިން އެކަކު އަނެކެއްގެ މޫނަށް ބަލަން ތިބެކަން އަފްސަމަށް އެނގުނެވެ. އަފްސަމްގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. ދެމީހުން ގުޅުވަން ދެން އިތުރު މަސައްކަތެއް ކުރަން ނުޖެހޭނެކަން އެނގުނެވެ. ފަނިފުޅި މޭޒުމަތީގައި ބައިންދާފައި އޭނާ މަޑުމަޑުން ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލިއެވެ.

ބަދިގެއާއި ދިމާއަށް ދިޔަ އަފްސަމްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައީ، ގޭގެ ދޮރާއި ދިމާއިން މީހެއްގެ ހިޔަންޏެއް ވިހެން ހީވުމުންނެވެ. އަފްސަމް ލަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރުކައިރީގައި ހުއްޓުނެވެ. ކުޑަދޮރުން ބޭރުބަލައިލިއެވެ. ބޭރު އޮތީ ފުދޭ ވަރަކަށް އަނދިރިކޮށެވެ. އެކަމަކު މީހަކު އުޅޭކަމުގެ ހިލަންވިއެވެ. ސިއްރުން ވާހަކަ ދައްކާ އަޑު އިވުނެވެ. އަފްސަމަށް އެމީހަކު ފެނުނީ ކަޅު ހިޔަންޏެއް ހެންނެވެ. އެމީހެއްގެ ހަރަކާތްތައް ހުރިގޮތުން ބޭރުގައި އުޅުނީ އެކަކު ނޫންކަން އަފްސަމަށް އެނގުނެވެ. އެތަނުން މީހަކު އެތެރެއަށް ވަނީ އަފްސަމް ދޮރުކައިރީގައި މަޑުކޮށްލައިގެން ހުންނަތާ އިރުކޮޅެއް ވީފަހުންނެވެ. އެތެރެއަށް ވަނީ ޒުވާން ފިރިހެނެކެވެ. ބާމަތި ފުޅާ ހަށިގަނޑަކާއި ހެޔޮވަރު އިސްކޮޅެއް ލިބިފައިވިއެވެ. ގޭތެރެއަށް ވަން މީހަކަށް ފަހަތުގައި ހުރި އަފްސަމް ނުފެނުނީ ދޮރުފޮތިގަނޑާއި ނިވާވެގެން ހުރުމުންނެވެ. އެމީހަކު ގޭގެ އެކި ދިމަދިމާއަށް އަވަސް ނަޒަރެއް ދިނެވެ.

"ކާކުބާ؟" ޒުވާނާގެ ފަހަތުން ގޮސް، އަފްސަމް ކުއްލިއަކަށް އެމީހެއްގެ ކުރިމައްޗަށް އެރިއެވެ.

އަފްސަމްގެ ކުރިމަތީގައި ހުރީ ޒުވާނާ ސިހުނެވެ. އަފްސަމްގެ މޫނަށް އޭނާ ފުން ނަޒަރެއް ދިނެވެ. އެއީ އަފްސަމްއަށް އައު މޫނެކެވެ. ބައްދަލުވީ އަލަށެވެ. ޒުވާނާގެ ކަރުގައި ރިހި ފަށެއް އަޅާފައި އޮތެވެ. އެއް ކަންފަތުގައި އޮތީ ރިހި ބޮޅެއް އެލުވާފައެވެ. އަފްސަމްގެ ނަޒަރު އެ ފަށުން ޒުވާނާގެ މޫނަށް ހުއްޓުނެވެ. ފުރަތަމަ ނަޒަރުންވެސް އެމީހެއްގެ އަހުލާގު އޭނާގެ ކުރިމަތީގައި ހާމަވެގެން ދިޔައެވެ. އެފަދަ މީހަކު ރަޔާންގެ ގެއަށް އަންނަންޖެހޭ ސަބަބެއް އަފްސަމަކަށް ނުވިސްނުނެވެ.

"މި،، މި.. މިގޭގަ މީހަކު ނެތީތަ؟" ބަރު އަޑަކުން ޒުވާނާ އަހައިލިއެވެ. ހާސްވެފައި ހުރިވަރުން އޭނާގެ ވާހަކަދެއްކުމުގައި ކޮށި ގޮތެއް ހުއްޓެވެ.

"މީހަކު މިހުރީ ފެންނާކަށްނު" ޝައްކުގެ ނަޒަރަކުން ޒުވާނާއަށް ބަލަން ހުރެ، އަފްސަމް ބުނެލިއެވެ.

"އެކަމަކު ހާދަ ވަރަކަށް ސަލާން ގޮވައިފީމޭ.. ސަލާން ބަލައިނުގަތީމަ މި ވަނީ.. އަނެއްކާ މައްސަލައެއްތަ؟" ޒުވާނާ އެއްމިޔަކަނުން ހިނިތުންވެލިއެވެ.

އަފްސަމްގެ ދެބުމަ ކައިރިވިއެވެ. ކުރުނބާފުޅި ހިފައިގެން އޭނާ ބޭރުން އައިއިރު މަގުމަތިންވެސް މީހަކު ފެންނާކަށް ނެތެވެ. އެހާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހަކު އައިސް އެވަރަށް ސަލާން ގޮވިނަމަ، އަފްސަމަށް އަޑު އިވޭނެއެވެ. ޒުވާނާ ހެދީ ކަނޑައެޅިގެން ދޮގެއްކަން އެނގުމުން، އަފްސަމްގެ ހިތުގައި އޮތް ޝައްކު އިތުރުވިއެވެ.

"ވެދާނެ މައްސަލައަކަށްވެސް" އަފްސަމް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

"އޯހް.. އެހެންވިއްޔާ ވަރަށް ބޮޑަށް ސޮރީ" ޒުވާނާ މާފަށް އެދުނެވެ. އެކަމަކު އެ އަޑުގައި އިހުލާސްތެރިކަމެއް ނެތެވެ. "ނުބައި ގެއަކަށް ކަންނޭނގެ މި އާދެވުނީ... އަހަރެން އަންނަން ބޭނުންވި ގޭގަ އުޅޭ ކަހަލަ މީހަކާ ނޫން މި ދިމާވީ"

އަފްސަމް އިތުރު އެއްޗެއް ނުބުނަނީސް ޒުވާނާ ނުކުތެވެ.

"ތީ ކާކުބާ؟" ޒުވާނާގެ ފަހަތުން ދަމުން އަފްސަމް ސުވާލުކުރިއެވެ. އެހެނަސް، އެ ސުވާލުގެ ޖަވާބު ނުދީ އޭނާ ގެއިން ނުކުމެގެން ދިޔައީއެވެ.

********

ފަތިސްނަމާދުން ފައިބައިގެން ރަޔާންއާއި އަފްސަމް ގެއަށް އައި މަގުމަތީގައި ދެއްކީ ރޭގެ ހާދިސާގެ ވާހަކައެވެ. އަފްސަމްއެކޭ އެއްވަރަށް ރަޔާންވެސް ހުރީ ހާސްވެފައެވެ.

"އަހަންނަށް ޔަގީން މިރަށު މީހެއް ނޫންކަން އެއީ. މިރަށު ފިރިހެނަކު އެގޮތަށް ކަންފަތުގަ އެއްޗެހި އެލުވާފައެއް ނުހުންނާނެ" އަފްސަމްގެ އަޑުގައިވީ ޔަގީންކަމެވެ. "އަހަންނަށް ސުވާލު އުފެދެނީ އޭނަ ގެއަށް ވަނީމަ. ކީއްކުރަން ގޭތެރެއަށް ވަންނަންވީ؟ އަހަންނަށް ވަރަށް ޝައްކުވޭ އެއީކަން ތި އިންޒާރު ދޭ މީހަކީ"

"މިރަށު މީހެއް ނޫންވިއްޔާ ދެން ކާކުބާ ތީ؟" ރަޔާން ހުރީ ނުތަނަވަސްވެފައެވެ. "އަހަރެންގެ ކިބައިން ބަދަލުހިފަންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ"

"ކާކުތޯ އެހީމަ ޖަވާބެއްވެސް ނުދީ ދާނީ ކޮންމެސް ކަމެއް ވީމައެއްނު... އަހަންނަށް ހީވަނީ އަހަރެމެން ދެމީހުން ގޭގަ ނޫޅޭ ގަޑިއެއްކަމަށް ހީކޮށް ކަންނޭނގެ އޭނަ އެތެރެއަށް އެ ވަނީ" އަފްސަމް ވާހަކަ ދެއްކީ އޭނައަށް ހީވާ ގޮތަށެވެ. "މިރަށު މީހަކު ބުނެގެން އައިސްއުޅޭ މީހަކަށްވެސް ވެދާނެ.. އަހަންނަށް ޔަގީން އެކަކު ނޫންކަން އެތާ ތިބީ"

"ގޭގަ ކެމެރާއެއް އަޅުވަންވީ" ރަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ. "ޔަލްވީއަށް އެއްވެސް ރައްކާތެރިކަމެއް ނެތް"

ރަޔާން ގެއަށް ވަންއިރު މުޅި ގޭތެރޭގައި ހުރީ ކޮފީގެ މީރުވަސް ހިފާލާފައެވެ. ސިޓިންގްރޫމު މޭޒުމަތީގައި ތިން ތަށި ކޮފީއާއި ބިސްކޯދު ތައްޓެއް ބަހައްޓާފައި ހުއްޓެވެ. ކޮފީގެ ވަސް ޖެހުމުންވެސް، ރަޔާންގެ ސިކުނޑި ތާޒާވިއެވެ. އޭނާގެ ދެލޯ ހޯދައިލީ ޔަލްވީގެ ރީތި ސޫރައެވެ.

"ލަކީ މޭންއެކޭ" ކޮފީ ތަށިތައް ފެނުމުން، އަފްސަމްއަށް ރަޔާންއާއި ދިމާކޮށްނުލައެއް ނުހުރެވުނެވެ. ރަޔާންގެ ކޮނޑުގައި ޖެހިގަންނަމުން އަފްސަމް ދިމާކުރަން ފެށިއެވެ. ރަޔާން އަވަސް އަވަހަށް ތަށިން ބިސްކޯދެއް ނަގާފައި އަފްސަމްގެ އަނގަޔަށް ލެވިއެވެ. ޔަލްވީ އަންނައިރު އަފްސަމް ދިމާކުރާކަށް ރަޔާން ބޭނުމެއް ނުވިއެވެ.

ޔަލްވީ ކާގެއިން ނުކުތީ ފެންފުޅިއެއް ހިފައިގެންނެވެ. ރަޔާން ފެނުމުން ޔަލްވީ ހިނިތުންވެލިއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް ޔަލްވީގެ މޫނު އުޖާލާވެފައިވާހެން ރަޔާނަށް ހީވިއެވެ. އެމޫނުން ކުރިން ފެނުނު ހިތާމައިގެ އަސަރެއް ނެތެވެ. ރަޔާން ހިނިތުންވެލިތަން ފެނުމުން ޔަލްވީގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ޔަލްވީގެ އުފާވެރި މޫނުން ރަޔާންގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.

"ދެކުދިން ވާހަކަ ދައްކާލާ.. އަހަރެން ބޭކާރުމީހާ މިތަނުން ގޮސްލާނަން" ޔަލްވީ އަންނަތަން ފެނުމުން ހަމައެކަނި ރަޔާނަށް އިވޭ ވަރަށް އަފްސަމް ބުނެލިއެވެ. "ރޮމޭންޓިކް ކޮފީ މޯނިންގްއަކަށް މަރުހަބާ!"

އަފްސަމް ކޮފީތަށި ހިފައިގެން ދިޔުމުން ރަޔާނާއި ޔަލްވީ އެކަނިވިއެވެ. ދެމީހުން ތިބީ އެއް ސޯފާއެއްގައެވެ. އެކަކު އަނެކެއްގެ ގައިގައި ޖެހޭހައި ކައިރީގައެވެ. އިސްވެ، ވާހަކަ ދައްކާނީ ކާކު ކަމެއް ނޭނގިފައި ދެމީހުންނަށްވެސް އިރުކޮޅަކު ތިބެވުނެވެ.

"މިހާރު ކިހިނެއް؟" ޔަލްވީގެ މޫނަށް ބަލައިލަމުން، ރަޔާން ސުވާލުކުރިއެވެ.

"ރަނގަޅު.... މިހާރު ހުމެއް ނެތް ކަންނޭނ...." ޔަލްވީގެ ޖުމުލަ ފުރިހަމަނުވަނީސް ރަޔާން ޔަލްވީގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.

ޖެހި ބުދެއްހެން ޔަލްވީ އިނީ ގުޑިލަންވެސް ނޭނގިފައެވެ. އެހާ ކައިރީގައި ދެމީހުން ތިބިއިރު، ޔަލްވީގެ ނަޒަރު ހުއްޓިފައިވީ ރަޔާންގެ މޫނަށެވެ. ރަޔާންގެ މޫނުން ފެންނަން ހުރީ އަޅާލުމާއި އޯގާތެރިކަމެވެ. ކަންބޮޑުވުމެވެ. ކުއްލިއަކަށް ރަޔާންގެ އޯގާތެރިކަމާއި އަޅާލުން ލިބުމުން، ޔަލްވީގެ މެޔަށް ފިނިވެގެން ދިޔައެވެ. އެގާތްކަމަށް ޔަލްވީގެ ހިތް އެދޭތާ ކިތަންމެ ދުވަހެކެވެ.

"މިހާރު ނެތް ހުމެއް..." ޔަލްވީގެ މޫނަށް ބަލައިލަމުން ރަޔާން މަޑުމަޑުން އަތް ތިރިކޮށްލިއެވެ. "އެކަމަކުވެސް ފަރުވާކުޑަ ނުކުރާތި! ގަޑިން ގަޑިޔަށް ބޭސްކާންވާނެ!"

ނޭވާލާންވެސް ނޭނގިފައި ޔަލްވީ އިންދާ، ރަޔާން ކޮފީތަށި ނެގިއެވެ. އޭރުވެސް ޔަލްވީއަށް އިނދެވުނީ ރަޔާންގެ މޫނަށް ބަލާށެވެ. ރަޔާންގެ މޫނުން ނިދީގެ އަސަރު ފެންނަން ހުއްޓެވެ. ރޭގައި ރަޔާން ނުނިދާކަން ޔަލްވީއަށް އެނގެއެވެ. ރަޔާން ހޭލާ އިނީ ޔަލްވީއަށް ހިދުމަތް ކުރާށެވެ. ދަންވަރު ހުންގަދަވެގެން ޔަލްވީއަށް ހޭލެވޭ ކޮންމެ ފަހަރަކު ރަޔާން އިނީ އޭނާގެ ކައިރީގައި ކޮޅަށެވެ. ހުންމަޑުވަނީ ރަޔާން ފެންފޮތި ކާއްތައިދިނުމުންނެވެ. އެހާ އަވަހަށް ޔަލްވީ ރަނގަޅުވީ ރަޔާން ފަރުވާކުރުމުންނެވެ.

ކުއްލިއަކަށް ޔަލްވީގެ ދެލޯ ފެންކަޅިވިއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހުގައިވެސް ރަޔާން ޔަލްވީދެކެ ފޫއްސެއް ނުވެއެވެ. ލިބުނު ކޮންމެ ހިތާމައަކަށް ކެތްކުރިއެވެ. ޔަލްވީ ބަދުނާމެއް ނުކުރެއެވެ. ރަޔާނަކީ އޯގާތެރި ފިރިއެކެވެ. ނިމާލު ބުނިހެން ރަޔާން ކަހަލަ ފިރިއަކު ޔަލްވީއަކަށް ނުލިބޭނެއެވެ. ނިމާލަށް ރަޔާންގެ ފަރާތުން ފެނުނު ރަނގަޅު ސިފަތައް ކުރިން ޔަލްވީއަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟ ކުރެވުނު ކަންތައްތައް ހިތައް އަރަމުންދިޔަ ވަރަކަށް ޔަލްވީގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.

"ކިހިނެއްވީ؟" ޔަލްވީ ނޭފަތް ދަމައިލި އަޑު އިވުމުން ރަޔާން ކަންބޮޑުވިއެވެ. އިސްޖަހައިގެން އިންނަމަވެސް ޔަލްވީ ރޮނީކަން ރަޔާނަށް އެނގުނެވެ.

ޔަލްވީ ކުއްލިއަކަށް ރަޔާންގެ މޭގައި މޫނު ފޮރުވައިލިއެވެ. ރަޔާންގެ ހަށިގަނޑުގައި ދެއަތުން ބާރަށް ހިފަހައްޓައިލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ކުރެވުނު ކަންތަކާއި މާފަށް އެދެން ބޭނުންވި ނަމަވެސް، ޔަލްވީގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޔަލްވީ ގިސްލާފައި ރުޔެވެ. ޔަލްވީ ބޭނުން ވަރަކަށް ރޯން ފުރުސަތު ދީގެން ރަޔާން އިނެވެ.

"މީހަކު ކަމެއް ކުރީތަ؟" ރޭގެ ހާދިސާ ހަނދާންވުމުން ރަޔާނަށް އަހައިލެވުނެވެ. "ޔަލްވީ ބޭނުންތަ މާލެ ބަދަލުވާން؟"

ޔަލްވީ ދެފަރާތަށް ބޯ ހޫރައިލިއެވެ. ކުރިއަށްވުރެ ބާރަށް ރަޔާންގެ ގައިގައި ހިފަހައްޓައިލިއެވެ.

"އަހަ..ރެން ބޭ..ނުމެއް ނޫން ރަޔާން..އާ ވަކި..ވާކަށް... އަހަ..ރެން ބޭނު..މެއް ނޫން މި..ގޭ..ން ދާ..ކަށް" ޔަލްވީ ރޮމުން ވާހަކަ ދެއްކީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.

ވީގޮތް އެނގުމުން ރަޔާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޔަލްވީގެ ގައިގައި ދެއަތް ވަށާލެވުނީ ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ރަޔާންގެ ދިރިއުޅުމަށް އިތުރު މަޖުބޫރީއެއް ނެތެވެ. ޔަލްވީ ރަޔާންއާއި އެކުގައި އުޅެން ބޭނުންވާކަން އެނގުން އޭނާއަށް ފުދެއެވެ. ރަޔާންގެ ދިރިއުޅުމުން ގެއްލިފައިވާ އުއްމީދު ލިބުނެވެ. ދެމީހުން އުފަލުގައި އެކުގައި އުޅޭތަން ފެނުމުން ރަޒީނާ އުފާވާނެވަރު ރަޔާނަށް އެނގެއެވެ. އެދުވަސް ދެކެން ރަޒީނާ ދުނިޔޭގައި ހުރިނަމައޭ ރަޔާންގެ ހިތަށް އެރިއެވެ.

********

ހެނދުނު ސައިބުއިގޮތަށް ނަފީސާ ގޮސް އެނދުގައި އޮށޯތެވެ. ހެނދުނު ހޭލިއިރުވެސް އޭނާ ހުރީ ނިމާލުދެކެ ހިތްހަމަނުޖެހިފައެވެ. ނިމާލަށް ރަނގަޅު އެއްކަމެއްވެސް ނުކުރެވެއެވެ. އަނގައިން ބުނެވޭ ގޮތަކުންވެސް ނަފީސާ ހިތްހަމަނުޖެހިދާނެއެވެ. ފަހަކަށް އައިސް ނަފީސާގެ ތަބީއަތު ރަނގަޅުވެފައި ކުއްލިއަކަށް އެހެންވުމުން ނިމާލު ހުރީ ފިކުރުބޮޑުވެފައެވެ. ޔަލްވީ ދޫކޮށް، މާލެ ދިޔަގޮތަށް ނަފީސާއާއި ނިމާލުގެ ގުޅުން ހީނަރުވިއެވެ. އެކުގައި އުޅެވިދާނެކަމުގެ ޔަގީންކަން ކުޑަވި ނަމަވެސް ނިމާލު ހިތްވަރުކުރިއެވެ. އެކަމުން އަރައިގަންނަން އެތައް މަސައްކަތެއް ކުރިއެވެ. ޑޮކްޓަރުންނަށް ދައްކާ ބޭސްކުރިއެވެ.

ނަފީސާ ރަނގަޅުވިތާ ގިނަ ދުވަހެއް ނުވެ، އަނެއްކާވެސް ހާލަތު ގޯސްވެދާނެތީ ނިމާލު ހުރީ ނުތަނަވަސްވެފައެވެ. ފިހާރައަށް ދާންއުޅެފައިވެސް ނަފީސާއާއި ދޭތެރޭގައި ވިސްނާފައި އެދުވަހު ގޭގައި މަޑުކުރުމަށް އޭނާ ނިންމިއެވެ.

"އަހަރެން ހީކުރީ ކުޑަ ދުވަސްކޮޅަކުން ޔަލްވީ އަންނާނެކަމަށް... އެކަމަކު..." ނިމާލު އައިސް ކައިރީގައި އޮށޯތުމުން، ނަފީސާ ވާހަކަ ދައްކަން ފެށިއެވެ.

"ޔަލްވީއަށް އަހަރެމެންނާ ނުލާ އުޅެން ދަސްވެއްޖެއްޔާ ކިހާ ރަނގަޅު" ނިމާލު މަސައްކަތްކުރީ ނަފީސާއަށް ވިސްނައިދޭށެވެ. "ޔަލްވީވެސް ދިރިއުޅުމެއް ފެށީ... އަބަދު މައިންބަފައިން ކައިރީވެސް ނޫޅެވޭނެއެއްނު"

"އަހަންނަށް ރޭގަ ހުވަފެނުގަ ފެނުނީ ޔަލްވީ ވަރަށް ދެރަވެފަ ހުއްޓާ... މަންމާ އަންނާށޭވެސް ބުނި.. ނިމާލު ހެޔޮނުވާނެ އަހަންނަށް ޔަލްވީއާ ނުލާ ނޫޅެވޭނެ" ނަފީސާއަށް ރޮވުނެވެ.

"އަހަންނަށް އެނގޭ ނަފީ ދެރަވާވަރު..." ނިމާލުގެ އަޑުގައިވީ އޯގާތެރިކަމެވެ. "ނަފީ މާ އުފާވާނެއެއްނު ޔަލްވީއަށް އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ"

"ނިމާލު އަދިވެސް ވިސްނަނީ ތިހެންތަ؟ ޔަލްވީއަށް ކޮން އުފަލެއް ލިބޭނީ؟ އެކަހަލަ ތާކުން ޔަލްވީއަށް އުފަލެއް ނުލިބޭނެ..." ނަފީސާ ނުރުހިފައި ނިމާލުގެ މޫނަށް ބަލައިލިއެވެ.

"ޔަލްވީ ހުރީ އުފަލުންނޭ... އެހެންވެއޭ ނާންނަނީ.. ނަފީސާވެސް މިހާރު އެކަން ގަބޫލުކުރަންވެއްޖެ!" ނަފީސާއަށް ވިސްނައިދީދީ ނިމާލު އިނީ ވަރުބަލިވާވަރު ވެފައެވެ.

"ޔަލްވީއަކީ ގޮތްދޫނުކުރާ ކުއްޖެކޭ... އެތާ ކެތްކުރަނީ އަހަރެމެންދެކެ އައިއްސަ ހުރި ރުޅިންނޭ.. ކިތަންމެ ހާލެއްގަވެސް އެހެން ހުރެދާނެ.. ނިމާލަށްވުރެ ބޮޑަށް ޔަލްވީ އެނގޭނީ އަހަންނަށް... ނުވަ މަހާ ނުވަ ދުވަހު އެކުއްޖާ ބަނޑުތެރެއަށް ލައިގެން އުޅުނީ އަހަރެން" ނަފީސާގެ އަޑު ހިނދެއް ހިނދަކަށް ބާރުވިއެވެ.

"ނަފީ!.. އިހަށް ހަމަޖެހިބަލަ" ނަފީސާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ނިމާލު ބުންޏެވެ.

"އަހަރެން ބޭނުން ޔަލްވީ ކައިރިއަށް ދާން... ހެޔޮނުވާނެ ނިމާލު އަހަންނަކަށް ކެތެއް ނުވާނެ" ނަފީސާ އާދޭހުގެ ނަޒަރަކުން ނިމާލުގެ މޫނަށް ބަލައިލިއެވެ.

"އެންމެ ރަނގަޅު... ރަޔާންއަށް ގުޅާފަ ދަތުރު ހަމަޖައްސާނަން" ނިމާލު ޔަގީންކަން ދިނެވެ. "މާދަމާ ޔަލްވީއަށް ގުޅާނީ... އެންމެ ރަނގަޅުތަ؟"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު