2 އަހަރު ފަހުން ލުބުނާންގެ އާ ރައީސް އިންތިޚާބުކޮށްފި

ލުބުނާނުގެ އާ ރައީސް ޖޯސެފް އަޢޫން -- ފޮޓޯ/އޭއެފްޕީ

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ލުބުނާނަށް އާ ރައީސަކު އިންތިޚާބުކޮށްފިއެވެ.

ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރީ އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖޯސެފް ޢައޫންއެވެ.

ކުރިން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލުބްނާނުގެ ކުރީގެ ރައީސް މިޝޭލް ޢައޫންގެ ރިޔާސީ ދައުރު ނިމުމުން އެ މަގާމަށް އާ ރައީސެއް ޢައްޔަނުކޮށްފައެއް ނުވެއެވެ. އެއީ، 128 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ލުބްނާނުގެ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެއް ބަޔަކަށް ލިބިފައިނުވުމާއި މަޖިލީހުގެ ގިނަ މެންބަރުން ހިތްހަމަ ޖެހޭ ކެންޑިޑޭޓަކު ނެތުމުގެ ސަބަބުންނެވެ.

އެމެރިކާގެ ތާއީދު އޮންނަ ޖޯސެފް އެ މަގާމަށް އިންތިޚާބުވުމުގެ ފުރުސަތު ލިބުނީ، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އިން ތާއީދުކުރި ސުލައިމާން ފްރަންޖިއްޔަ އޭނާގެ ނަން އަނބުރާ ގެންގޮސް އަޢޫނަށް ތާއީދުކުރުމުންނެވެ.

އަޢޫން ރައީސް ކަމަށް އިންތިޚާބުވި ނަމަވެސް ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގެ ފުރަތަމަ ބުރުން މަގާމަށް އައްޔަނުކުރުމަށް ބޭނުންވާ 86 ވޯޓު ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް، ޙިޒްބުاللهއާއި އެ ޖަމާއަތަށް ތާއީދު ކުރާ ޝީޢީންގެ އަމަލް މޫވްމަންޓުގެ މެންބަރުންގެ ވޯޓާ އެކު ދެ ވަނަ ބުރުގައި ޢައޫނަށް ވަނީ 99 ވޯޓު ލިބިވަޑައިގެންފައެވެ.

އުމުރުން 60 އަހަރުގެ އަޢޫނަކީ ރައީސް ކަމަށް ވަޑައިގެންނެވި، ލުބުނާނުގެ ސިފައިންގެ ފަސްވަނަ ކޮމާންޑަރެވެ. އެ މަނިކުފާނަކީ 2017 ވަނަ އަހަރުން ފެށިގެން ލުބްނާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާއެވެ. އޭނަގެ މޭސްތިރިކަމުގެ ދަށުން ލުބްނާނުގެ އަސްކަރިއްޔާއަށް އެމެރިކާގެ ފަރާތުން ގިނަ އެހީތަކެއް ލިބެއެވެ. އެއީ، ޙިޒްބުاللهގެ ބާރު ކުޑަ ކުރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތެއްގެ ދަށުން ކުރާ ކަމެއް ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކުރިން 2019 ވަނަ އަހަރު ލުބްނާނަށް ދިމާވި އިޤުތިސާދީ ކާރިޘާއަށް ފަހު ހަނގުރާމައިގައި ގައުމަށް ލިބުނު ގެއްލުމުން އަރައިގަނެ ގައުމު އަލުން އާރާސްތުކުރުމަށް އަދިވެސް ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް