މިދިޔަ އަހަރު ގަވައިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއަށް އެތެރެވާން އުޅުނު 56 ބިދޭސީން ހިފެހެއްޓި ކަމަށް އިމިގްރޭޝަނުން ރޭ ބުނެފިއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސާ އަޙުމަދު ވަޙީދު ވިދާޅުވީ، 56 ބިދޭސީން މިދިޔަ އަހަރު ތެރޭ ހުއްޓުވުނީ ބޯޑަރުގައި މަސައްކަތް ކުރާ އޮފިސަރުންގެ ހުޝިޔާރުކަމުން ކަމަށެވެ. އޭނާ ވިދާޅުވީ، ޝަހުސު އޮޅުވާލައިގެން ފޯޖު ޑޮކިއުމަންޓެއްގައި ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ އެތައް ބަޔަކު ތިބޭނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރުމަށް ދުރާލާ ވިސާއެއް ނަގަން ނުޖެހޭ ކަމަށާއި ރާއްޖެއަށް އެތެރެވާން އޮންނަ އިމިގްރޭޝަން ގާނޫނުގެ ތެރެއިން ޝަރުތުތައް ހަމަވާ ކަމަށްވާނަމަ އެ މީހަކަށް ރާއްޖެއަށް އެތެރެވެވޭނެ ކަމަށް ވަޙީދު ވިދާޅުވިއެވެ.
އެހެން ކަމަށްވާއިރު، އަޅުގަނޑުމެން ވިސްނާލާ 56 ކޭސް ވޭތުވެދިޔަ އަހަރު ތެރޭގައި ޝަހުސު އޮޅުވާލައިގެން، ޕާސްޕޯޓު ފޯޖަރީ އިނގޭތޯ. އެކި ކަހަލަ މި ކަހަލަ ކަންކަމުގައި އެތެރެވާން މަސައްކަތްކުރުމުގެ ތެރޭގައި އަޅުގަނޑުމެން ހުއްޓުވާފައިވާނެ،
އެގޮތުން، އަހަރެއް ތެރޭ 56 މީހުން އެގޮތަށް ހިފެހެއްޓުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ.
ގަވައިދާ ޚިލާފަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެތެރެވި މީހުންގެ ތަފާސްހިސާބުތައް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ފުރަތަމަ ކުއާޓަރުގައި (ޖެނުއަރީ- މާޗު):
- ވަގު ޕާސްޕޯޓް - ހަ ކޭސް
- ވަގު އައިޑީ - އެއް ކޭސް
- އެހެން މީހެއް ކަމަށް ހެދިގެން ރާއްޖެ އެތެރެވާން އުޅުން - އެއް ކޭސް
ދެވަނަ ކުއާޓަރުގައި (އޭޕްރިލް- ޖޫން):
- ވަގު ޕާސްޕޯޓް - 16 ކޭސް
- ޕާސްޕޯޓް ފޯޖުކުރުން - އެއް ކޭސް
ތިންވަނަ ކުއާޓަރުގައި (ޖުލައި- ސެޕްޓެމްބަރު):
- ވަގު ޕާސްޕޯޓު - ފަސް ކޭސް
- ވަގު އައިޑީ - އެއް ކޭސް
- ވަގު ބަޔޯ ޕޭޖް - ތިން ކޭސް
- ފެންޓަސީ ޕާސްޕޯޓް - އެއް ކޭސް
- އެހެން މީހެއް ކަމަށް ހެދިގެން ރާއްޖެ އެތެރެވާން އުޅުން - ހަތަރު ކޭސް
- ވަގު ވިސާ - ދެ ކޭސް
- ވަގު ސްޓޭމްޕް - ހަތަރު ކޭސް
އިމިގްރޭޝަނުން ގެންދަނީ ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން އެތެރެވާން މަސައްކަތްކުރާ ފަރާތްތައް އަތުލައިގަތުމަށް މަސައްކަތްކޮށް، ސެކިއުރިޓީ ބަލަހައްޓަމުންނެވެ.