ވެސްޓް ހޭމްގެ އާ ކޯޗަކަށް ޕޮޓާ، ބުނީ ޓީމާމެދު އުންމީދު އެބަ އޮތް ކަމަށް

ވެސްޓް ހޭމްގެ އާ ކޯޗަކަށް ޕޮޓާ، ބުނީ ޓީމާމެދު އުންމީދު އެބަ އޮތް ކަމަށް

އިންގްލިޝް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑްގެ އާ ކޯޗަކަށް ކުރިން ޗެލްސީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ކޯޗު ކޮށްދިން ގްރަހަމް ޕޮޓާ ހަމަޖައްސައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އުމުރުން 49 އަހަރުގެ ޕޮޓާ މި މަގާމާ ހަވާލުވެފައި ވަނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ވެސްޓް ހޭމް އިން ވަނީ އެޓީމުގެ ކޯޗު ކަމާއި މީގެ ހަ މަސް ކުރިން ހަވާލުވި ސްޕެއިންގެ ހޫލެން ލޮޕެޓެގޫ އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައެވެ.

ޕޮޓާ ވެސްްޓް ހޭމްގެ ކޯޗު ކަމާ ހަވާލުވެފައި މިވަނީ އެޓީމު އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ 14 ވަނައިގައި އޮއްވައެވެ. އަދި މިސީޒަންގެ ލީގުގައި ވެސްޓް ހޭމް މޮޅުވެފައި ވަނީ ހަ މެޗުންނެވެ. ޕޮޓާ އެންމެ ފަހުން ކޯޗު ކޮށްދީފައި ވަނީ ޗެލްސީ އަށެވެ. އަދި 2023ވަނަ އަހަރުގެ އެޕްރީލް މަހު ޗެލްސީގެ ކޯޗު ކަމުގެ މަގާމުން ވަކިކުރި ފަހުން މިހާތަނަށް އެހެން ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

ވެސްޓް ހޭމްގެ ކޯޗު ކަމާ ހަވަލުވުމަށްފަހު އެކްލަބްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޕޮޓާ ބުނީ ވެސްޓް ހޭމްއާ ގުޅުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށެވެ. އަދި މިހާދުވަހު އެހެންޓީމަކާ ހަވާލުނުވެ ހުރީ އޭނާ ގަބޫލު ކުރާ ރަނގަޅު ފުރުސަތެއް ލިބެން ދެން ކަމަށާއި މިއީ ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ވެސްޓް ހޭމްގެ ޗެއާމަން އާއި ބޯޑާއެކު ބޭއްވި މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަން ފާހަގަކޮށް ޕޮޓާ ބުނީ، ވެސްޓް ހޭމް މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރާނެކަމަށެވެ.

ޕޮޓާ އެންމެ ބޮޑަށް ފާހަގަވީ ބްރައިޓަންގެ ކޯޗުގެ ގޮތުގައި ހުރިއިރުއެވެ. އަދި ޕޮޓާގެ ކޯޗު ކަމުގެ ދަށުން ބްރައިޓަންއިން ދައްކަމުންދިޔަ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމުގެ ސަބަބުން އޭނާ ޗެލްސީއަށް ގެންދިޔައެވެ.

ޕޮޓާގެ ކޯޗު ކަމުގެ ދަށުން ވެސްޓް ހޭމް ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އެފް އޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަން ވިލާއާ ބައްދަލުކުރާ މެޗެވެ. އަދި ޕްރިމިއާ ލީގުގައި ފުރަތަމަ މެޗަށް ވާނީ މިއަންނަ އަނގާރަ ދުވަހު ފުލަމްއާ ދެކޮޅަށް އަމިއްލަ ދަނޑު ގައި ކުޅޭ މެޗެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު