ފެންބޮޑުވި ދުވަހު ރިކޯޑު އަދަދަކަށް ވެހުނު؛ ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ!

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް ވަނީ އަރާފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭއިން ވަނީ ހުކުރު ދުވަހުގެ ވިއްސާރައާ ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ހާމަކޮށްފައެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅޭ ތަންތަނަށް ލިބުނު ގެއްލުން އަށް ލައްކައަށް އަރައެވެ.

ހުކުރު ދުވަހުގެ 00:00 އިން ހޮނިހިރު ދުވަހުގެ 00:00އާ ހަމައަށް 161.9 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މިއީ 24 ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރިކޯޑު އަދަދެއް ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ހުކުރު ދުވަހުގެ 15:00އިން 18:00އާ ހަމައަށް ތިން ގަޑިއިރު ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭ ވަނީ މާލެއަށް ވެހިފައެވެ. އެންޑީއެމްއޭއިން ބުނީ މިއީ ތިން ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ.

މާލޭގައި ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން އެންޑީއެމްއޭއިން ވަނީ މާލޭ ސިޓީ ކައުންސިލަށް 20،000 ގޯނި، ވެލިބަސްތާ ޖެހުމަށް ފޯރުކޮށްދީފައެވެ. އެ ހާދިސާގައި އެހީތެރިކަމަށް އެދި 740 ތަނަކުން ރިޕޯޓުކުރިއިރު، އޭގެ ތެރޭގައި ގޭގެއާއި އެކިއެކި ވިޔަފާރިތަކާއި، ސްކޫލްތަކާއި، ގުދަންތައް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި -- ފޮޓޯ/ އެންޑީއެމްއޭ

މީގެ އިތުރުން، ހުކުރު ދުވަހުގެ ރޭ ކައްކައި ކައިބޮއެ ހެދުމަށާއި ނިދުމަށް އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން 53 ގެއެއް ވަނީ އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައެވެ. އެހެންކަމުން ގެތަކުގެ ރެޕިޑް އެސެސްމަންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެ އޮތޯރިޓީން ވަނީ ފޯރުކޮށްދީފައެވެ. ހަމައެއާއެކު އެންޑީއެމްއޭއިން ވަނީ ފެންބޮޑުވުމާ ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިގެން 115 ގެއެއްގެ އެސެސްމަންޓް މިހާތަނަށް ހަދައިފައެވެ.

އެންޑީއެމްއޭއިން ބުނީ، ހުކުރު ދުވަހުގެ ވިއްސާރައިގައި އަތޮޅު ތެރެއިން ދެ ރަށަކަށް އުދަ އަރައިގެން ރިޕޯޓުކުރިއެވެ. އެއީ ރ. އިނގުރައިދޫއާއި ށ. ނަރުދޫންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އަށް ރަށަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެއީ:

  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ދ. މީދޫ
  • ފ. މަގޫދޫ
  • އދ. މާމިނގިލި
  • ކ. ގުރައިދޫ
  • ފ. ފީއަލި
  • ކ. ހިންމަފުށި

މާލޭގައި ފެންބޮޑުވެފައި -- ސަން ފޮޓޯ/ އަމަން ލަތީފް

މީގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ވަނީ ޚަރަދުވެފައެވެ. ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަނެވެ. އަދި މިއީ އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް