"އާއިން އެ ދައްކަނީ ކާކު އެގެއަށް ގޮސް އެއްޗެހިތައް ހަލާކުކުރި ވާހަަކަތަ؟" އޭނާއާ އެ ސުވާލު އެންމެ ފުރަތަމަ ކޮށްލީ ނަޖީބެވެ.

އެއާއެކު އަޒްލަފްއަށް ހައިރާންކަމާއެކު ބަލައިލެވުނީ، ރިސާމާއަށެވެ. އޭރު ރިސާމާ އުޅެނީ އާއިން ފެންވަރުވަން ނަގަން ވެގެންނެވެ.

"މިހާރު އަޒްލަފް ވެއްޖެއެއްނު މަންމަމެން މި ބުނާ ވާހަކައާ މެދު ވިސްނަން. ޝައުފާ ކައިރީގައި އާއިން ބަހައްޓައިގެން ލިބެނީ ކޮން މޮޅެއް؟ މިހާރުވެސް ވެފަ އޮތްވަރު ނުފެނޭތަ؟ މަންމަމެން މިބުނަނީ، އާއިންގެ ކަސްޓަޑީ ނަގާށޭ. އޭނަ އެނަގަނީ އަޒްލަފްގެ ފައިދާއޭ. އެހެންނު ވާނީ. ބުނާ ވަރަކަށް އަޒްލަފް ފައިސާ ފޮނުވާ ވިއްޔަ އެބަ. އޭގެން ހުރިހާ މޮޅެއް ލިބެނީ އޭނައަކަށްނު." ރިސާމާ ފާޚާނާއަށް ވަންނަމުން ބުނެލިއެވެ.

"މަންމަ އެ ބުނީ ހަމަ ރަނގަޅަށް. މިހާރު އަޒްލަފްވެއްޖެ އާއިންއާ ދޭތެރޭ ވިސްނަން. އޭނަ އެހާ އާއިން ދެކެ ލޯބިވާނަމަ އަޒްލަފް ކައިރީގައި ހުއްޓަސް އާއިންއާ ބައްދަލުކުރެވިދާނެ.... އެކަމަކު، ބައްޕަ ބުނަންތަ ވާހަކައެއް؟ ބައްޕައަކަށް ހިޔެއް ނުވޭ، ޝައުފާ އެ އުޅެނީ ކޮންމެހެން އާއިން ދެކެ ލޯބިވެގެން ހެނެއް....... ޝައުފާ ނައިކަންވެސް ނަސީބެއް ކަންނޭނގެ. ބައްޕައަކަށް މިއަދު އޭނާއަށް ރީއްޗަށް ވާހަކައެއް ނުދެއްކޭނެ. އެތައް ދުވަހަކު ކެތްކޮށްފިން އޭނައާ ދިމާލަށް އެއްޗެއް ނުބުނެ ހުރެވޭތޯ. އެކަމަކު ދެން ނުވާނެ." ނަޖީބު އޭނާގެ ރުޅިގަނޑު ކޮންޓްރޯލްކުރަމުން، އަޒްލަފްއާ ވާހަކަ ދެއްކިއެވެ.

"ކާކުތަ އެގެއަށް ވަނީ؟ އެއީ ޝައުފާގެ އެޕާޓްމެންޓެއް ނޫނެއްނު. އެއީ އާއިންއަށް އަޒްލަފް ދީފަ ހުރި ތަނެކޭ. އެތަނަށް އިތުުރ މީހަކަށް ވަދެވިގެނެއް ނުވާނެއެއްނު." ނަޖީބު ސުވާލުކޮށްލިއެވެ.

"ނޭނގެ. އެކަމަކު އެތަނަށް ބަލާލީމަ އެނގޭ ހިނގީ ކުޑަކަމެއް ނޫންކަން. އަޅުގަނޑު ޝައުފާއާ ކުރިމަތިލާނަން." އެންމެފަހުން އަޒްލަފް ބުނެލައިފިއެވެ.

"އެތަން ފެނުނީމަ ދޯ ޝައުފާ ނުލާ ތިއައީ؟" ނަޖީބު ބުނެލުމުން އަޒްލަފް ބޯ ޖަހާލިއެވެ.

"ދޮންބޭ ޕްލީޒް. އާއިން ދެން ޝައުފާ ކައިރިއަށް ނުފޮނުވާ…. ހީޒް ވެރީ ސްކެއާރޑް. އަހަންނާ އެވަރަށް ސަކަރާތްޖަހާއިރު، މިއަދު އަނގައިންވެސް ނުބުނޭ. އެ އެޕާރޓްމެންޓަށް އައި މީހަކު ދޮންބެ ޖެހޭނެ ބަލަން. " އެ ހުރިހާއިރު އެއްޗެއް ނުބުނެ ހުރި އަފްނާންވެސް ވާހަކަ ދެއްކިއެވެ. އޭނާއަށް ވެސް އެއްޗެއް ނުބުނެ ނުހުރެވުނީ އާއިންއަށްވެފައި ވާވަރުންނެވެ.

"އާއިންއަށް ގޮތެއް ވިނަމަ މިރޭ ކީކުރާނީ؟ ބިރުން ގޮސް އާއިން ހުންއައުމުން ވެސް ހޮސްޕިޓަލަށް ނުގެނަސް އެވަރު ވަންދެން ބަހައްޓާނީ އޭނަ ގައިމު އެކަންތައް ސިއްރުކުރަން މަސައްކަތްކުރީމައެއްނު. މީގެ ކުރިންވެސް ޝައުފާގެ ކިބައިން އާއިންއާ ދޭތެރޭ ފަރުވާކުޑަކޮށް ކަންތައްކުރާތަން ފެނިފަ ވަނީ. އެކަމަކު މީ ދެން ބޮޑުވަރު. ދިސް އިޒް ޓޫ މަޗް އަޒްލަފް. އަޒްލަފް ބޭނުން ވިޔަސް ނުވިޔަސް، އަޒްލަފްއަށް ޝައުފާ ކައިރިން އާއިން ނުގެނެވެންޏާ ދެން އެކަމާ އުޅޭނީ ބައްޕަ. ހޮސްޕިޓަލުން ދޫކޮށްލީމަ ދެން އާއިން ގެންދާނީ ގެއަށް. އަޑުއިވިއްޖެ." ނަޖީބު އެހެން ބުނެލުމުން، އޭނާ ދެން ފަހަތަށް ނުޖެހޭނެކަން، އަޒްލަފްއަށް އެނގުނެވެ.

ނަޖީބު ދެއްކި ވާހަކަތަކާ މެދު އަޒްލަފްއަށް ވިސްނެން ފެށުނެވެ. ޝަައުފާގެ ކައިރީގައި އާއިން ބަހައްޓައިގެން މަންމައެއްގެ ލޯބި އާއިންއަށް އެބަ ލިބޭ ހެއްޔެވެ؟ އާއިންއަށް ބޭނުންވާވަރަށް ޝައުފާގެ ފަރާތުން ސަމާލުކަން އެބަ ލިބޭ ހެއްޔެވެ؟ އެ ދަރިފުޅާ މެދު އެތަކެއް ފަހަރަކު ޝައުފާ ވަނީ އިހުމާލުވެފައެވެ. އެހެންނަމަވެސް އާއިންއަށް މަންމައެއްގެ މުހިންމުކަން އިޙްސާސްވާތީ، އާއިން ޝައުފާގެ ކައިރީގައި ބެހެއްޓުނީއެވެ. ކުޑަ ކުއްޖަކު މަންމައަކާ ނުލާ ބޮޑުކުރުމަކީ އޭނާ ބޭނުންވާ ގޮތަށް ނުވާތީއެވެ. އަދި ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް، ޝައުފާއާ މެދު އޭނާގެ ހިތުގައިވެސް އިޙްސާސްތަކެއްގެ އަސަރު ވާތީއެވެ. އާއިން އޭނާގެ ކައިރިއަށް ގެނައުމަކީ، އާއިންއަށްވެސް އެންމެ ރަނގަޅު ގޮތެވެ. އާއިންއަށް އެއްވެސް ކަމެއް އުނިވިޔަކަ އޭނާ ނުދޭނެއެވެ. ޝައުފާ ބޭނުންވެއްޖެނަމަ އެގެއަށް އައިސް އާއިންއާ ބައްދަލުކުރުމަކަށް އޭނާ ހުރަހެއް ނާޅާނެއެވެ. އެކަމަށް އޭނާ ފުރުސަތުވެސް ދޭނެއެވެ. އެހެންނަމަވެސް ދެން އާއިން އަނބުރާ އެ އެޕާރޓްމެންޓަކަށް ނުދާނެއެވެ. އޭނާގެ ދަރިފުޅާމެދު ޝައުފާ ކަންތައްކުރީ އެއްގޮތަކަށްވެސް ކަންތައް ކޮށްގެންވާނެ ގޮތަކަށް ނޫނެވެ. ދަރިފުޅަށް ވުރެ ޝައުފާގެ އަމިއްލަ ދިރިއުޅުމުގެ ކިތަންމެ ކަމެއް ޝައުފާ އިސްކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އެ ދަރިފުޅަށް އެތަކެއް އިހުމާލެއް އޭނާ ވެފައިވެއެވެ.

"ޝައުފާއަކަށް ނުކެރޭނެ ދެން އާއިން ގެންދާކަށް. ކޯޓަށް ގޮސްގެންވެސް އާއިން ހޯދާނަން." އަޒްލަފްގެ ވާހަކަ އަޑު އިވުމުން، ނަޖީބުގެ އިތުރުން އަފްނާންއާއި އެވަގުތު ފާޚާނާއިން އާއިން ގޮވައިގެން ނުކުތް ރިސާމާގެ ހިތަށްވެސް ހަަމަޖެހުމެއް ލބިގެން ދިޔައެވެ. އާއިން އޮތީ ރިސާމާގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ރިސާމާ އަޒްލަފް ގެނައި ކޮތަޅުން އެއްޗެހިތައް ނަގާފައި އާއިން ރީތިކޮށްލިއެވެ. އަދި އެނދުގައި ބާއްވާލިއެވެ. ފެންވަރުވާލުމުން އާއިންގެ ގާތަށް ނިދި އަންނަން ފެށިއެވެ.

"މިގަޑީގައި ކޮންމެވެސް އެއްޗެއް ދޭންވާނެއެއްނު. ގެއަށް ގުޅާފަ މަންމަ ބުނަންތަ އެއްޗެއް ތައްޔާރުކޮށްލަން." ރިސާމާ ބުނެލިއެވެ.

"ނޫން ރަނގަޅުވާނެ. ކާއެއްޗެހި ގެނެސް ދޭނެ މިކޮޅުން" އަޒްލަފް ބުނެލިއެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލާފައި، ރޫމުތެރެއަށް ލުޔޫނާ ވަނެވެ. އޭނާ ފަހަރަކު މީހަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އަޒްލަފް ލުޔޫނާ އޭނާގެ މައިންބަފައިންނަށް ތަޢާރަފްކޮށްލަދިނެވެ.

"ޑިއުޓީ ނިންމާލާފަ ދިޔުމުގެ ކުރިން އާއިން ކިހިނެއްތޯ ބަލާލަންވެގެން މި ވަދެލީ." ލުޔޫނާ އަޒްލަފްއަށް ބަލާލާ ހިނިތުންވެލިއެވެ. "އަނެއްހެން ރަނގަޅު ދޯ މިހާރު."

އާނ…ހުމެއް ވެސް ނެތް. އެކަމަކު އަދި އޮބްޒަވޭޝަންގައި ބާއްވާލާނެ ދޯ." އަޒްލަފް ސުވާލުކޮށްލިއެވެ.

"އާ. އިތުރަށް ހުން އާދޭތޯ ބަލާފަ ނާންނަންޏާ ފޮނުވާލަން ބުނެފަ އޮންނާނީ. ރައުޑްސްއަށް އަންނާނެ އިރުކޮޅަކުން." އެހެން ބުނެލާފައި ލުޔޫނާ އާއިންއާ ވެސް ކުޑަކޮށް ވާހަކަ ދައްކާލާފައި އެތަނުން ނުކުތެވެ.

އެދުވަހު ކޮލެޖުގެ އެއްވެސް ކްލާހެއްވެސް ނެތެވެ. އެހެންކަމުން އަފްނާންވެސް ގިނަވަގުތު ހޭދަކުރީ، ހޮސްޕިޓަލުގައެވެ. އަދިވެސް އެއްފަހަރު މައުވާގެ ގާތަށް ދިޔުމަށް އޭނާގެ ހިތް އެދި ގޮވަން ފެށި ނަަމަވެސް، އެތަނުގައި، ރާމިޒާ ހުރެފާނެތީ އޭނާ ޖެހިލުންވިއެވެ. ދާން ބޭނުންވި ނަމަވެސް، އެކަމަށް އޭނާގެ ޒަމީރު ތަނެއް ނުދިނެވެ. ޖެހިލުންވެ ބިރުގަންނަނީއެވެ. އެހެންނަމަވެސް ހިތުގައިވި ބޭޤަރާރުކަން ކުޑައެއް ނުވިއެވެ. މައުވާ އެވަނީ އެ ފުން ނިދިން ހޭލާފައެވެ. އޭނާ މަތިން މައުވާ ހަނދާން ހުންނާނެހެއްޔެވެ؟ އޭނާ ފެނުމުން މައުވާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ސުވާލުތަކަކުން، އަފްނާންގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ. ބޭނުންވަނީ، މައުވާގެ ގާތުގައި ގޮސް އިންނާށެވެ. މައުވާގެ ފަރާތުން މާފަށް އެދޭށެވެ. ކުރެވުނު ކުށް ޤަބޫލުކޮށް މައުވާއާ މެދު އޭނާގެ ހިތުގައި އިޙްސާސްތަކެއް ވާކަމުގައި އިޤުރާރުވާށެވެ. އެ ހިތުން ދުވަހަކު އެ ލޯބި ފިލުވާނުލެވޭކަން ހާމަކޮށްލާށެވެ. އެހިތުން ޖާގަ ދެވިފައިވާ ހަމައެކަނި ކުއްޖަކީ މައުވާކަމުގައި ޔަޤީންކޮށްދޭށެވެ.

އެރޭ އާއިން ގެއަށް ދޫކޮށްލައިފިއެވެ. އެވަގުތު ޝައުފާވެސް އެތަނުގައި ހުއްޓެވެ. ނަޖީބު އާއިން ދާނީ އެމީހުންނާ އެކީކަމުގައި ބުނުމުން ޝައުފާއަށް ބަލައިލެވުނީ، އަޒްލަފްއަށެވެ. އެހެންނަމަވެސް ނުރުހިފައިހުރި އަޒްލަފް އިތުރު އެއްޗެއް އެވަގުތަކު ނުބުނެއެވެ. ކޮޓަރިތެރޭގައި ހުރި އެއްޗެހި ހިފައިގެން އަފްނާން ނުކުތްއިރު، އޭނާގެ ފަހަތުން ރިސާމާއާއި ނަޖީބުވެސް ނުކުމެލިއެވެ. އާއިން އޮތީ ރިސާމާގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އެ އެންމެން ނުކުމެ ދޮރު ޖެހުމާއެކު، ޝައުފާ ވާހަކަ ދެއްކިއެވެ.

"އަޒްލަފް… އާއިން… " ޝައުފާއަށް އިތުރަށް އެންމެ އެއްޗެއް ވެސް ނުބުނެވި އުޅެނިކޮށް އަޒްލަފް އޭނާ ހުއްޓުވައިފިއެވެ.

"އާއިން ދެން މީގެ ފަހުން ހުންނާނީ އަހަރެން ކައިރީގަ." އަޒްލަފް ބުނެލިއެވެ.

"އަަހަރެން…" އަނެއްކާވެސް ޝައުފާ އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށްވެސް އަޒްލަފް އޭނާ ހުއްޓުފައިފިއެވެ.

"ކިހިނެއްވީ؟ އަހަންނަށް ބިރުދައްކަންވީ؟ އާއިންއަށް މަންމައެއްގެ ލޯބި ނުލިބޭނެކަމަށްބުނެ އަހަރެން ބަލިކަށިކޮށްލަންވީ؟ އޭނ… " އަޒްލަފް ހުރީ ވަރަށް ހިތްހަަމަނުޖެހި ރުޅި އައިސްކަން ޝައުފާއަށް އެނގެއެވެ. "މީގެ ކުރިން އާއިން ޝައުފާގެ ކައިރީގައި ބެހެއްޓިނަމަވެސް، މިހުރިހާކަމަކަށްފަހު އަހަންނަކަށް ނުކެރޭނެ އާއިން ދެން ޝައުފާއާ ހަވާލުކުރާކަށް. އެހެން ނޫނަސް އާއިން ބިރުގަތްފަ ހުރި ވަރު ނުފެނޭތަ؟" އަޒްލަފް ބުނެލިއެވެ.

"އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫނޭ…" ޝައުފާއަށް ބުނެވުނެވެ.

"ގަސްތުގަ ކުރިކަމެއް ނޫނޭ ބުނާކަށް ލަދެއް ނުގަނޭތަ؟ އަހަރެން ބުނިން ދޯ ގެއަށް އިތުރު މީހަު ވައްދައިގެން ނުވާނެޔޭ. ނުބުނަންތަ؟ ….. މީ އަހަރެންގެ ދަރިފުޅާ ގުޅިފައިވާ ކަަމަކަށްވާތީ މި ބުނަނީ. ވީ ގޮތް ހަމަ މިހާރު ކިޔައިދީ…" އަޒްލަފްގެ އަޑު ބާރުވިއެވެ. ޝައުފާއަށް ހިމޭންވެފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ވާހަކަތައް އަޒްލަފްއަށް ކިޔައިދޭނީ ކިހިނަކުން ބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ނުކިޔައިދޭނަންތަ؟ އަހަރެން މައްސަލަ ޖެންޑަރއަށް ލާންވީތަ؟" އަޒްލަފް އެހެން ބުނުމާއެކު ޝައުފާ ނިކަން އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރައިލަމުން ނޫނެކޭ ބުނެލިއެވެ.

"އެހެންވިއްޔާ ބުނޭ. ރޭގަ ކިހިނެއްވީ؟ އާއިން ހުންއައިއިރުވެސް އަހަންނަށް ގުޅާފަ ނުބުނެވުނީ ކީއްވެ؟ ކޮން ކަމެއް ފޮރުވަންވެގެން. މަގޭ ދަރިފުޅަށް ކަމެއްވިނަމަ ނިމުނީ. " އަޒްލަފް ބުނެލިއެވެ. އެއީ މީގެ ކުރިން އަޒްލަފް ފަރާތުން ޝައުފާއަށް ފެނިފައިނުވާ ސިފައަކަށްވާތީ އޭނާ ހުރީ ޖެހިލުންވެފައެވެ. އަޒްލަފްގެ ރުޅިގަނޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔަކަން ޝައުފާއަށް އެނގެއެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

"މިހާރު މިވަގުތު ފުލުހުންނަށް ގުޅަންވީތަ؟ އެމީހަކު ވަނީ މަގޭ ނަމުގަ ހިފާފަ ހުރި އެޕާރޓްމެންޓަކަށް. ގެއްލުން ދިނީ މަގޭ މުދަލަށް. އެހެންވީމަ އަހަންނަށް ފުލުހުންނަށްވެސް ގުޅޭނެ." އަޒްލަފް ބުންޏެވެ.

"ޕޮލިހަށް ނުގުޅާތި އަަޒްލަފް." ޝައުފާ ބުނެލީ ޖެހިލުންވެ ހުރެކަން ތުރުތުރު އަޅަމުން ދިޔަ އެ އަޑުން އެކަނިވެސް އެނގެއެވެ.

"ބުނާނީތަ؟ ނޫނީ އެހެން ގޮތަކުން ވީ ގޮތް ހޯދަންވީތަ؟" އަޒްލަފް ހުރީ ދެބުމަ ގޮށް ޖަހާލައިގެންނެވެ. "އަވަސްކުރޭ. ވަގުތެއް ނެތް…. ކާކުހޭ އެކަން ކުރީ؟"

"ހަމް… ހަމްދާން… " ޝައުފާގެ އަޑު ނުކުތްލެއް މަޑުކަމުން، އަޒްލަފަކަށްވެސް ސާފެއް ނުވިއެވެ. އޭނާއަށް ދެވަނަ ފަހަރަށް ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ.

"ހަމްދާން…." ޝައުފާ ބުނެލިއެވެ. މިފަހަރު ތަންކޮޅެއް ބާރަށް، އަޒްލަފްއަށް ރަނގަޅަށް އަޑު އިވޭވަރަށެވެ.

"ހަމްދާން؟ އެ ދުވަހު އަހަންނަށް ފެނުނު މީހާ؟ އަހަރެންގެ ބަދަލުގަ އާއިންގެ ކަންތައްތައް ކޮށްދޭން ޝައުފާ ގުޅާ މީހާ؟" އަޒްލަފް ފުންނޭވާއެއް ދޫކޮށްލަމުން ރުޅިގަނޑު މައިތިރިކުރަން މަސައްކަތްކުރިއިރު، އޭނާގެ އަޑުގައި ޝައުފާއަށްޓަކައި ވަނީ މަލާމާތެވެ.

"އޭނަ ކީއްކުރީ؟ ކީއްވެގެން ގެއަށް ވަދެ އެއްޗެހި ހަލާކުކުރަން ފެށީ؟ ބުނޭ.. " އަޒްލަފް ބުންޏެވެ.

"ނޭނގެ…" ޝައުފާ އިސްޖަހާލިއެވެ.

"ނޭނގެޔޭ... އެނގޭނެ. މިކަން އެހެން ގޮތަކަށް ނިންމަން އަހަންނަށް މަޖުބޫރުނުކުރޭ." އަޒްލަފް ބުންޏެވެ.

"އަހަރެން.. އަހަރެން އެހެން… އެހެން މީހަކާ ވާހަކަ ދެއްކިކަން… އެނގުނީމަ….އައިސް އެއްޗެހި…" ޝައުފާ އެހެން ބުނުމުން އަޒްލަފްއަށް ނިތުގައި އަތް ޖައްސާލުމަށްފަހު، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ޝައުފާގެ އުޅުން އަދިވެސް ބަދަލެއް ނުވެއެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"ކީކުރަން އެތެރެއަށް ވެއްދީ؟" އަޒްލަފްއަށް ބުނެވުނެވެ.

"އޭރަކު އަހަންނަކަށް ނޭނގެ….އަހަންނަކަށް ނޭނގެ އޭނާ ގެއަށް އައީ ހުރިހާކަމެއް އެނގިގެންކަމެއް… ވަދެފަ…އަހަރެން ހިޔެއް ނުކުރަން އެހެން ކަންތައް ކޮށްފާނެޔެކޭ…އެކަހަލަ މީހެއްކަމަކަށް ހިޔެއް ނުކުރަން." ޝައުފާ އެ ހުރިގޮތަށް ހުރެ ބުނެލިއެވެ.

"އެންމެން އަހަރެން ހެނެއް ނުވާނެ." އަޒްލަފް އެހެން ބުނުމުން، ޝައުފާއަށް އަޒްލަފްއަށް ބަލައިލެވުނެވެ.

"އާއިންއަށް އެ ހުރިހާކަމެއް ފެނުނީ ދޯ. އެހެންވެ ހުންއައީ؟ އެކަން ސިއްރުކުރަން ދޯ ޝައުފާ އާއިން ހޮސްޕިޓަލަށް ގެނައުން ލަސްކުރީ؟ ނޫނީ ފަރުވާކުޑަކަމުން ނުގެނައީތަ؟" އަޒްލަފް ފަހަރަކު ސުވާލެއް ޝައުފާއާ ކުރަމުން ދިޔައެވެ.

"އާއިން ނުކުތީ އެ އަޑަށް. ހުރިހާ އެއްޗެއް ހަލާކުކުރިތަންވެސް އާއިންއަށް ފެންނާނެ. އަހަރެން އޭނަ ހުއްޓުވަން އުުޅުނިން. އާއިން ގާތު އެތެރެއަށް ދާން ބުނި ނަމަވެސް، އާއިން ހުރީ ހުއްޓިފަ. ހަމްދާން ނުކުތުމުން، އަަހަރެން އާއިން ގާތަށް ދިޔައީ. އޭރުވެސް އާއިން ތުރުތުރު އަޅާ… އޭގެ އިރުކޮޅެއްފަހުން އާއިން ހުން އަންނަން ފެށީ… ބޭސް ވެސް ދިނިން. އަހަރެން ހީކުރީ ހުން މަޑުވާނެކަމަށް. އާއިން ރޮމުންދިޔަގޮތުންނާ ބިރުން ހުރިވަރުން، އަހަންނަށް އަޒްލަފްއަށް ގުޅާކަށް ނުކެރުނު." އެ ހިސާބަށް ބުނެފައި ޝައުފާ މަޑުޖެހިލިއެވެ.

"ނިމުނީ؟" އަޒްލަފްގެ އެ ސުވާލާއެކު ޝައުފާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ފެންފޮތިވެސް ލީމޭ. ހުން މަޑުވާނެކަމަށް އަހަރެން ހީކުރީ. އެހެން ހުއްޓާ…… އާއިންއަށް އެހެންވީ…" ޝައުފާއަށް ބުނެވުނެވެ.

"އެހިސާބުން އަދި ހޮސްޕިޓަލަށް ގެންނަން ޖެހޭކަން ރޭކާލީ ދޯ." އެހެން ބުނެލާފައި އަޒްލަފް އެތަނުން ނުކުންނަން ހިނގައިގަތީ ޝައުފާއަށް ބަލައިލުމެއް ވެސް ނެތިއެވެ. ޝައުފާގެ އެ ކުށަށް އޭނާ ދުވަހަކު މާފެއް ނުކުރާނެއެވެ. އާއިންއަކީ އޭނާގެ ފުރާނައެވެ. އެ ހިތުގެ ދިރުމެވެ. ވީއިރު އާއިންއަށް ކަމެއް ވީނަމަ އޭނާގެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހުނީހެވެ. އަޒްލަފް ނުކުތުމާއެކު ޝައުފާއަށް އޭނާގެ ހެދުމުގެ އަތްކުރި ހިއްލާލެވުނެވެ. އަދި ހަމްދާން ހިފައްޓާފައި ހުރި ތަންތަނަށް ބަލައިލެވުނެވެ.

"އެންމެން އަހަރެން ހެނެއްނުވާނެ. " އަޒްލަފްގެ އެ ޖުމްލަ ޝައުފާގެ ކަންފަތުގައި ގުގުމަން ފެށިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު