ރަޔާން އޮފީހަށް ދާން ތައްޔާރުވެގެން ނުކުތްއިރު ގޭތެރެއިން ޔަލްވީ ފެންނާކަށް ނެތެވެ. އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މޭޒުމަތީގައި ސައި ހަދާފައި ހުއްޓެވެ. ރަޔާން އެނބުރި ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ގޯތިތެރެއިން ޔަލްވީގެ ހުނުމުގެ އަޑު އިވުނެވެ. ކޮޓަރިއަށް ވަނުމުގެ ހިޔާލު ދޫކޮށްލާފައި ރަޔާން ގެއިން ބޭރަށް ނުކުތެވެ. އެވަގުތު ފެނުނު މަންޒަރުން ރަޔާނަށް އަވަސް އަވަހަށް ގޭތެރެއަށް ދެމިގަނެވުނެވެ.
********
ޔަލްވީއާއި އަފްސަމް ތިބީ ޖޯލީގައެވެ. އަފްސަމްގެ ފޯނުން ކޮންމެވެސް އެއްޗެއް ބަލާފައި ޔަލްވީ ހެނީއެވެ. ޔަލްވީ އެހާ އެކުވެރިކޮށް އެހެން މީހަކާއި ވާހަކަދެއްކި ތަނެއް ރަޔާން ނުދެކެއެވެ. އެއަށްވުރެ ބޮޑަށް ރަޔާންގެ ހިތަށް އުނދަގޫވީ ޔަލްވީ އޭނާ ނޫން ފިރިހެނެއްގެ ކައިރީގައި އިނުމުންނެވެ.
ފުރުސަތަކަށް ބަލަބަލާ އިން އަފްސަމަށް ރަޔާން އެތެރެއަށް ދެމިގަތް މަންޒަރު ރީތިކޮށް ފެނުނެވެ. އަފްސަމްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
"އަދި ބާރަށް.. ހޭއަޑު މާ މަޑުވީމަ ކަމަކުނުދާނެ.. އޭރަށް އިނގޭނެ ފޭކެއްކަން.." ހަމައެކަނި ޔަލްވީއަށް އިވޭ ވަރަށް އަފްސަމް ސިއްރުން ބުނެލިއެވެ.
ޔަލްވީ ކުރިއަށްވުރެ ބާރަށް ހީގަތެވެ. އަފްސަމް ބުނިހެން ރަޔާންގެ ހިތަށް ތަދުވިއެވެ. ތަބީއަތު ގޯސްވިއެވެ. އަމަލާއި ބަހުން ޔަލްވީ ދުރުކުރިޔަސް، ރަޔާންގެ ހިތް ވަނީ ޔަލްވީއާއި އެކުގައެވެ. އެ އަންހެންކުއްޖާ އޭނާ ނޫން މީހަކާއި ހީ ސަރަކާތްޖަހާކަށް ރަޔާންގެ ހިތެއް ނޭދެއެވެ. ޔަލްވީމެން ތިއްބާ ބޭރަށް ނުކުންނަން ބޭނުން ނުވެގެން ރަޔާން އެނބުރި ވަނީ ކޮޓަރިއަށެވެ. އޮފީހަށް ދާން ފުދޭ ވަރަކަށް ވަގުތު އޮތުމާއިވެސް އެކުގައެވެ.
"އަފްސަމްއަށް ޔަގީންތަ މީތި ވޯކް ކުރާނެކަން؟" ރަޔާން ނުނުކުމެ ގިނައިރުވާން ފެށުމުން، ޔަލްވީ ސުވާލުކުރިއެވެ.
"އެ ކުރީނު" އަފްސަމް ހުރީ އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައެވެ. "އެއްޗެއް ހިތަށް ނާރާނަމަ ބޭރަށް ނުކުތްގޮތަށް ކުއްލިއަކަށް ކީއްވެ ދާންވީ؟ މާނައަކީ އޭނަ ޖޭ ވެގެންނޭ އެދިޔައީ. ބަލަން ހުންނައްޗޭ، އަހަރެން ހުއްޓާނީ ތި ދެމީހުން ގުޅުވާފަ. ފަސްޓް ޕްލޭން ސަކްސަސް..."
ޔަލްވީ ކޮޓަރިއަށް ވަންއިރު ރަޔާން ހުރީ ލޯގަނޑުގެ ކުރިމަތީގައެވެ. އޭނާ ޓައީ ރަނގަޅު ކުރަން ފެށީ ޔަލްވީ އެތެރެއަށް ވަނުމުން، ކޮންމެވެސް ކަމެއް ކުރަން ހުރިކަން ދައްކާށެވެ. ޔަލްވީ ރަޔާނަށް ބެލީ ސިއްރުންނެވެ. ފުރަގަހުން ފެންނައިރުވެސް ރަޔާން ފިރިހެންވަންތައެވެ. ލައިގެން ހުރި މަޑު ދަނބުކުލައިގެ އަތްދިގު އޮފީސް ގަމީސް ރަޔާންގެ ގައިގައި ހިފާލާފައި ހުރިއިރު، މަގާމުގެ ހައިބަތު ދައްކުވައިދެއެވެ. ދަނބުކުލަ ރަޔާންގެ ހަމުގެ ކުލައާއި ނުހަނު ގުޅެއެވެ. ރަސްމީ ހެދުމުގައި ރަޔާން ވަކީން ފިރިހެންވަންތައެވެ. އަންހެން ކުދިން ހިތްކިޔާ ކަހަލަ ކިތަންމެ ސިފައެއް ރަޔާނަށް ލިބިފައިވިއެވެ. ޔަލްވީގެ ހިތަށް އުނދަގޫވީ، ރަޔާން އެ ހެދުމުގައި ގޮސް އުޅޭނީ ލިމްޔާއާއި އެއް އޮފީހެއްގައި ކަން އެނގުމުންނެވެ.
ޔަލްވީ ބަލަހައްޓައިގެން ހުއްޓާ، ރަޔާން އެނބުރުނެވެ. ޔަލްވީ އަވަސް އަވަހަށް އިސްޖަހާލިއެވެ. ރަޔާން ކައިރިވަމުންދިޔަ ވަރަކަށް ޔަލްވީގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. ކިތަންމެ ވަރުގަދަ އަޒުމެއްގައި ހިނގައިގަތަސް، ޔަލްވީއާއި އަރާ ހަމަވެފައި ރަޔާންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ޔަލްވީގެ މޫނުން ފެންނަމުންދިޔަ ވަރުބަލިކަމާއި ނިތްކުރިން ހިއްލާފައިވާ ދާތިކިތައް ރަމްޒުކޮށްދެނީ ރަޔާނަށްޓަކައި އެ އަންހެންކުއްޖާ ވަމުންދިޔަ ގުރުބާނީއެވެ.
ރަޔާނަށް ހިންދިރުވައިލެވުނީ އުނދަގޫގޮތަކަށެވެ. އަމިއްލަ އެދުން އިސްކޮށް، ޔަލްވީ އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލުމަށް ރަޔާންގެ ހިތް އެދުނެވެ. އެކަމަކު ދެން ނުކުމެދާނެ ނަތީޖާއަކާއިމެދު ވިސްނަން ރަޔާނަށް ވަނީ މަޖުބޫރުވެފައެވެ. ރަޔާން މަޑުކުރުމެއްނެތި ކޮޓަރިން ނުކުތެވެ.
ޔަލްވީގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލުނެވެ. މާޔޫސްވިއެވެ. ދެލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އަފްސަމް ބުނިގޮތަށް ކަންތައް ކޮށްގެންވެސް ރަޔާންގެ ހިތް ލަންބުވައި ނުލެވޭނެއޭ އޭނާގެ ހިތް ބުންޏެވެ. ހިތާމަ އާއި އެއްވަރަށް ރުޅިވެރިކަން ޔަލްވީ ވަށާލިއެވެ. ޔަލްވީ ދިޔަ ބާރުމިނުގައި އެނދުގެ ބާލީސްތައް އުކާލިއެވެ. ބެޑްޝީޓް ދަމައިގަތެވެ. ބޮނޑިބޮނޑިކޮށްލުމަށްފަހު، އަތުގެ ކޮޅަށް ހޫރައިލިއެވެ. އެވަރުންވެސް ޔަލްވީގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ކަބަޑުމަތީގައި ހުރި ރަޔާންގެ ފޮތްތައް އުކާލިއެވެ. ފިލާކޮޅެއްގައި އެޅިފައި ޔަލްވީގެ އަތް ކަފައިގެން ދިޔައެވެ. ލޭފެނުމުން، ޔަލްވީއަށް އިތުރަށް ރޮވުނެވެ. ފިނޑިވިއެވެ. ރޮމުން ހުރިތަނަށް ތިރިވިއިރު، ޔަލްވީގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލާފައި ވިއެވެ.
"ރަޔާން ހީކުރަނީ އަހަރެން މިގެއިން ދާނެކަމަށްތަ؟ އޭނ..." ޔަލްވީ ތުންފިއްތައިލަމުން ތެދުވިއެވެ. ކަރުނަ ފޮހެލިއެވެ. އައު އަޒުމަކާއިއެކު، ކުރިއަށްދާން ޔަލްވީއަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ.
ކޮޓަރިތެރެ ހަމައަކަށް އަޅުވާފައި ޔަލްވީ ދިޔައީ ބަދިގެއަށެވެ. ރަޔާން ހުރީ ކޯންފްލޭކްސް ތައްޔާރުކުރާށެވެ. ޔަލްވީ ތައްޔާރުކުރި އެއްޗެހި މޭޒުމަތީގައި ހުއްޓެވެ. ޔަލްވީ ބޭސްފޮށިން މަލަންކޮޅެއް ނަގައިގެން އަތުގައި އެޅިއެވެ. އޭނާ ހީކުރީ ރަޔާނަށް އެމަންޒަރު ފެންނާނެކަމަށެވެ. ރަޔާން ސައިބޮއެ ނިންމާލިއެވެ. ކޭ ތަށިތައް ދޮވެފައި ނުކުމެގެން ދިޔައިރުވެސް ޖެހި ބުދެއްހެން ޔަލްވީއަށް ހުރެވުނީއެވެ.
ނުރޯން ހުއްޓަސް، ޔަލްވީގެ ދެލޯ ކަރުނައިން ފުރުނެވެ. މަޑު ގިސްލުމުގެ އަޑު ބޭރުވުމުން ޔަލްވީއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. އެއަޑު އިވުނަސް ރަޔާންގެ ހިތަށް އަސަރު ނުކުރާނެކަން ޔަލްވީއަށް އެނގެއެވެ. ޔަލްވީ ގަނޑުވެފައި ހުއްޓާ، ފަހަތުން އަފްސަމްގެ އަޑު އިވުނެވެ.
"އަޅާނުލާ!... އެއީ އަދި...." އަފްސަމްއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ޔަލްވީގެ ބަޑި ފަޅައިގެން ދިޔައެވެ.
"ކީއްވެތަ؟ ކީއްވެތަ ރަޔާން އަހަންނަށް އެހެން އެ ހަދަނީ؟ އަހަންނަށް ކުށެއް ކުރެވުނީމަ، އެކަމުގެ ބަދަލުހިފަންތަ؟..." ޔަލްވީއަށް ރޮވޭވަރުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ހިތުގައި އެތައް ޝަކުވާއެއް ވީ ނަމަވެސް ދުލާއި ހަމައަށް އައީ މަދު މިންވަރެކެވެ.
"އެކަމާ ނުވިސްނާ! އަހަރެން ރަޔައްޓެއާ ވާހަކަ ދައްކާނަން" އަފްސަމް މަސައްކަތްކުރީ ޔަލްވީ ހަމައަކަށް އަޅުވާށެވެ.
ރަޔާން ކަންތައްކުރިގޮތުން އަފްސަމްވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ކުރިން އަފްސަމްވެސް ޔަލްވީދެކެ ހިތްހަމަނުޖެހުނެވެ. އެކަމަކު، ރަޔާން އެދިރިއުޅުމައިގެން ކުރިއަށްދާން ބޭނުންވި ހިސާބުން އަފްސަމް އޭނާގެ ހިތް ސާފުކުރީއެވެ. ރަޔާންއާއި ޔަލްވީގެ ދިރިއުޅުމަށް މަގު ކޮށައިދޭން އަފްސަމް ބޭނުންވީ ހަގީގީ އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އެކަމަކު، އަފްސަމަށް ފެންނަނީ ރަޔާން ދުރަށްދާން އުޅޭތަނެވެ. ކައިވެނީގެ މަތީގައި ދެމިހުންނަން ރަޔާން ބޭނުންވާކަން އަފްސަމަށް އެނގެއެވެ. ވީއިރު އަނތްބެއްގެ ޒިންމާ އަދާކުރެވޭތޯ ޔަލްވީ މަސައްކަތް ކުރުމުން، ރަޔާންވެސް ޔަލްވީއަށް ފުރުސަތު ދޭންވާނެއެވެ. ރަޔާން އާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އަފްސަމް ނިންމިއެވެ.
********
ރަޔާންގެ ކެބިންގެ ދޮރުގައި ޓަކިޖަހާލާފައި އަފްސަމް އެތެރެއަށް ވަނެވެ. ރަޔާން އިނީ ލިޔުންތަކެއްގައި ސޮއިކުރާށެވެ. އަފްސަމް ދޮރު ލެއްޕި ތަން ފެނުމުން އަނެއްކާވެސް މަސައްކަތާއިގެން މަސްއޫލުވިއެވެ. ދެމީހުންގެ ދޭތެރޭގައި އެއްވެސް ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ.
"ވަގުތުކޮޅެއް ލިބިދާނެތަ؟ ނުރަސްމީ ވާހަކައެއް ދައްކާލަންވެގެން" ރަޔާން އެއްޗެއް ނުބުނުމުން އިސްނެގީ އަފްސަމެވެ.
ރަޔާން ގަލަން ބޭއްވިއެވެ. އަފްސަމަށް ނަޒަރު ހުއްޓައިލިއެވެ.
"އަހަންނަށް އެނގޭ އަހަންނަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް ކަން... ރަޔައްޓެގެ އެކުވެރިއެއްގެ މަގާމުގަ ހުރެ އަހަރެން އެކަހަލަ ކަމެއް ކޮށްގެން ނުވާނެ" އަފްސަމް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. "ޔަލްވީ ހުރީ ވަރަށް ދެރަވެފަ... އަހަރެންދެކެ ހިތްހަމަނުޖެހުނަސް ޔަލްވީއަށް..."
އަފްސަމްގެ ޖުމުލަ ފުރިހަމަނުވަނީސް ރަޔާން އޭނާގެ ފޯނު ނެގިއެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖުތައް އަފްސަމަށް ދެއްކިއެވެ. އެކި ދުވަސްވަރުމަތިން ޔަލްވީގެ ފޮޓޯތައް ނަގައި، އެމީހަކު ރަޔާންގެ ފޯނަށް ފޮނުވާފައި ހުއްޓެވެ.
"ކަލޭ ލަދެއްނުގަނޭތަ އުފަލުގަ އުޅޭކަށް؟ ތި އުފާވެރިކަން ކަލެއަކަށް ހައްގެއް ނޫން. ކަލޭވެސް، ކަލޭގެ ދިރިއުޅުމުގަ ހުރިހާ ދުވަހަކު ކަލޭގެ އަންހެނުންވެސް. އަދި ކަލޭގެ ލޯބިވެރިޔާވެސް ސަލާމަތެއް ނުވާނެ. ކަލޭގެ ދިރިއުޅުމުން މަންމަ ބޭރުކޮށްލިހެން އެންމެންވެސް ބޭރުކޮށްލާނަން..." އިންޒާރުގެ މެސެޖު އަފްސަމްއަށް ތަކުރާރުކޮށް ކިޔާލެވުނެވެ.
"މި ކިހިނެއް؟..." އަފްސަމްގެ މޫނުން ފެނުނީ ހާސްކަމެވެ. "ރޭގަ ނަގާފަ އިން ފޮޓޮއެއްދޯ މީ؟" އެމީހަކު އެންމެ ފަހުން ފޮނުވާފައި އޮތް ޔަލްވީގެ ތަސްވީރު ދައްކައިލަމުން އަފްސަމް އަހައިލިއެވެ.
"ޔަލްވީއަށް އެންމެ ރައްކާތެރިގޮތަކީ މިރަށުން ދިޔުން. އަހަރެންގެ ކައިރިން ދުރަށް ދިޔުން" ރަޔާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. "އަހަރެން ކައިރީ ހުންނަ އެއްވެސް މީހަކަށް އުފަލެއް ނުލިބޭ... މަންމަވެސް..."
"އެކަމަކު، މިކަމެއް މިކުރަނީ ކާކުތަ؟ ރަށު މީހަކު މިދަރަޖައަށް ވެއްޓިދާނެކަމަށް އަހަންނަށް ހާދަ ގަބޫލުނުކުރެވެޔޭ" ހާސްވީވަރުން އަފްސަމްއަށް ދެކޮޅަށް ހިނގެންފެށުނެވެ. "މިހާވަރަށް ޔަލްވީގެ ފޮޓޯ ނެގޭނީ ވަރަށް ގާތުން ފާރަލާތީ"
"އަހަރެން ވަރަށް ބިރުގަނޭ... ޔަލްވީއަށް ގެއްލުމެއް ލިބިއްޖެއްޔާ އަހަރެން ކިހިނެއް...." ރަޔާންގެ ދެލޯ ފެންކަޅިވާން އުޅުނެވެ. ރަޒީނާ ދުނިޔޭގައި ހުރިނަމައޭ ރަޔާންގެ ހިތަށް އެރިއެވެ. މުޅި ދުނިޔެއިންވެސް މަޔަކަށްވުރެ ބޮޑު ހިމާޔަތެއް ދަރިއަކަށް ދެވޭނެ މީހަކު ނުހުންނާނެއެވެ.
"މިހާރު މިކަންތައް މިދަނީ މާމައްޗަށް....." އަފްސަމް ހިތްހަމަނުޖެހުނެވެ. "ހުރިހާ ސްކްރީންޝޮޓެއް އަހަންނަށް ފޮނުވާ! މިހާރުން މިހާރަށް ތިކަމަށް އެކްޝަން ނަގަންޖެހޭނެ"
އަފްސަމް ދިޔުމުން ރަޔާން އެކަނިވިއެވެ. ޔަލްވީގެ ހަނދާންތަކުން ރަޔާންގެ ހިތަށް އުނދަގޫ ކުރަން ފެށިއެވެ. ހެނދުނު ޔަލްވީ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތް ހަނދާންވުމުން ރަޔާނަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ޔަލްވީ ދެރަވާނެވަރު އިހުސާސްކުރެވުނެވެ. ރަޔާން އެފަދައިން ކަންތައް ކުރަނީ ޔަލްވީދެކެ ލޯބި ނުވާތީކީ ނޫނެވެ. އެކުގައި އުޅެން ބޭނުންނުވާތީކީވެސް ނޫނެވެ. ޔަލްވީއަށް ދެރައެއް ލިބެން ނޭދޭތީއެވެ. ރަޔާނަށް ނޭނގުނީ ޔަލްވީގެ ހިތަށް އެންމެ ބޮޑު ވޭނެއް ލިބެނީ ރަޔާން ކަންތައްކުރާ ގޮތުންކަމެވެ. ދެމީހުންގެ ދިރިއުޅުމަށް ތިންވަނަ މީހަކަށް ވަނުމުގެ ފުރުސަތު ދެވިގެން ނުވާނެކަން ރަޔާނަށް ވިސްނައިނުލެވުނީއެވެ.
********
ލިމްޔާ އޮތީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ނުދަންނަ ނަންބަރަކުން އޭނާއަށް މެސެޖު ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކޮންމެ ދުވަހަކު ރީތި އިބާރާތްކޮޅަކުން ހާލު އަހާލައި ފޮނުވަމުން އަންނަ މެސެޖު އެދުވަހު ނުލިބޭތީ ލިމްޔާ އޮތީ ކަންބޮޑުވެފައެވެ. ޗުއްޓީގައި ހުރުމުން ލިމްޔާއަށް ހީވީ ދުވަސްތައް ވަކީން ދިގުހެންނެވެ. މަރުވަމުންދިޔަ ލިމްޔާގެ ހިތަށް ފިނިކަމެއް ލިބެނީ ފޯނަށް އަންނަ މެސެޖުތަކުންނެވެ.
ލިމްޔާގެ އިންތިޒާރަށް ނިމުން އައީ ފޯނަށް ބަލަހައްޓައިގެން އޮންނަތާ ފަނަރަ ވަރަކަށް މިނެޓު ފާއިތުވެދިޔަ ފަހުންނެވެ. މެސެޖުގައިވާ އެއްޗެއް ކިޔާލާހިތުން ލިމްޔާގެ ހިތް އަވަސްވެގެން ދިޔައެވެ.
"ސޮރީ މާ ލަސްވީމަ... ހާލު ކިހިނެއް؟" ލިމްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ހާއި...." ލިމްޔާގެ އިނގިލިތައް ހަރަކާތްކޮށްލިއެވެ.
ހިމަ ހޯލިކޮޅެއްފަ އިނގިލިތަކުގެ ކޮޅުން ލިޔުނު ދެއަކުރުގެ މެސެޖު ލިމްޔާއަށް ތަކުރާރުކޮށް ކިޔާލެވުނެވެ. ނަމަވެސް ފޮނުވާނެ ހިތްވަރެއް ނުލިބުނެވެ. ފޯނަށް ބަލަހައްޓައިގެން އެތައް އިރަކު އޮތުމަށްފަހު ލިމްޔާ މެސެޖު ފޮނުވާލިއެވެ. އެއާއިއެކު ދެން ވާނެގޮތެއް ނޭނގޭތީ އޭނާގެ ހިތްއަވަސްވެގެން ދިޔައެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އެމީހެއްގެ ދެވަނަ މެސެޖު ލިބުނެވެ. އެމެސުޖުގައިވަނީ "ހާއި" ޖަހާލާފައިވާ ރީތި ސްޓިކަރ އެކެވެ. ލިމްޔާގެ ހިނިތުންވުން ފުންވިއެވެ.
********
އިރު އޮއްސުނުއިރުވެސް ރަތްވިލާގެ އަސަރު އުޑުމަތިން ފެންނާން ހުއްޓެވެ. ހިތްގައިމު ރީތި ދުވަހެކެވެ. މަޑުމަޑުން ޖެހެމުންދިޔަ ފިނި ވައިރޯޅިތައް، ގޭދޮރުކަނީގައި ލައްވެލައިގެން ހުރި ޔަލްވީގެ ގައިގައި ބީހެމުން ދިޔައެވެ. ޔަލްވީގެ ނަޒަރު ހުއްޓިފައިވީ، މަގުމައްޗަށެވެ. ހެނދުނު އޮފީހަށް ދިޔަގޮތަށް ރަޔާން ނާންނާތީ ގޭތެރެ އޮތީ ފަޅުވެފައެވެ. ހީކަރުވައިގަނެގެން ޔަލްވީގެ ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ހުންވައްތަރު ވެފައިހުރުމުން ބޭސްގުޅައެއް ކާލައިގެން ޔަލްވީ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ. އެވަގުތު ޔަލްވީއަށް ހީވީ މުޅިތަން އެނބުރިގެން ދިޔަހެންނެވެ. ޔަލްވީއަށް ދޮރުކަނީގައި ބާރަށް ހިފަހައްޓާލެވުނެވެ.
އަފްސަމްއާއި ރަޔާން ގެއަށް ވަނީ އެކުއެކީގައެވެ. ރަޔާންއަށް ޔަލްވީ ފެނުނީ ދޮރުކަނީގައި ހިފަހައްޓައިގެން ތިރިވަނިކޮށެވެ. ރަޔާނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ޔަލްވީއާއި ހަމައަށް ދެވުނީ ކިރިޔާއެވެ. ޔަލްވީގެ ދެލޯ މެރި، ހަށިގަނޑުގެ ވަރު ދޫވީ، ރަޔާން ހިފަހައްޓާލި ފަހުންނެވެ. ރަޔާން އޭނާގެ ގައިގައި ޔަލްވީ ލައްކޮށްލިއެވެ. މޭގައި މޫނު ފޮރުވާލިއެވެ. ހުންގަދަކަމުން ޔަލްވީގެ މުޅި ގައިން ވަނީ ފިނިދަލެއް ހިއްލާފައެވެ. ރަޔާން އޭނާގެ އަތްދަނޑިމައްޗަށް ޔަލްވީގެ ހަށިގަނޑު އުފުލާލިއެވެ. ލުއި ފަތެއް އުފުއްލައިލާނެހައި ފަސޭހައިންނެވެ. ކުރިއަށްވުރެ ބޮޑަށް ޔަލްވީގެ ހަށިގަނޑު ނިކަމެތިވެފައިވާހެން ރަޔާނަށް ހީވިއެވެ.
އަފްސަމްގެ އެހީއާއިއެކު ރަޔާން ޔަލްވީ ގެންގޮސް އެނދުގައި ބޭއްވިއެވެ.
"އެބަ އަންނަން ކުރުނބަލެއް ލިބޭތޯ ބަލާލާފަ... ހޮޓަލުން ލިބިދާނެހެން ހީވަނީ" އަފްސަމް ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލީ ދެމީހުންނަށް އެކަނިވެލަން ފުރުސަތު ދީފައެވެ.
ލޯމަރާލައިގެން އޮންނައިރު ޔަލްވީ މައުސޫމެވެ. މޫނުގައި ފިރުމައިލަން ރަޔާންގެ ހިތް އެދުނެވެ. ކުއްލިއަކަށް ޔަލްވީ ބަލިވުމުން ރަޔާނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ޔަލްވީ ދެރަ ނުކުރެވުނުނަމައޭ ހިތަށް އެރިއެވެ. ރަޔާން އަތް އުފުލައިލިއެވެ. ޔަލްވީގެ އަތުން ހަލާކުވެފައި އޮތް ތަނުގައި ފިރުމައިލިއެވެ. ޔަލްވީގެ ހަށިގަނޑެކޭ އެއްވަރަށް މޫނުކޮޅުވެސް ކުރިއަށްވުރެ ކުޑަހެން ރަޔާނަށް ހީވިއެވެ. ވަޔާއިއެކު މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށް، ކޯތާފަތުގައި ފިރުމައިލެވުނީ ރަޔާންގެ އިހުތިޔާރުން ބޭރުގައެވެ.
"އަހަންނަށް މާފުކުރޭ!" ރަޔާންގެ ދޫ ހަރަކާތްކުރިއެވެ. އަޑު ނުކުތީ ކިތަންމެ މަޑުން ނަމަވެސް، އެ އަޑު ޔަލްވީގެ ކަންފަތާއި ހަމައަށް ފޯރާނެއެވެ.
ޔަލްވީ ކުއްލިއަކަށް ލޯހުޅުވާލިއެވެ. ރަޔާން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އަތް ދަމައިގަތީ ކުށެއް ކުރަނިކޮށް ފަޅާއެރުމުން އަތް ދަމައިގަންނަފަދަ ގޮތަކަށެވެ. ރަޔާން ތެދުވަން އުޅުމުން، ޔަލްވީ ރަޔާންގެ އަތުގައި ހިފިއެވެ. ރަޔާންގެ އަތްތިލަ ގެންގޮސް ޔަލްވީގެ ކޯތާފަތުގައި ޖައްސާލީ، ދުރަށްނުދާށޭ ބުނާ ފަދައިންނެވެ. ރަޔާންގެ ލޯތްބަށް އެދި ޔަލްވީގެ ހިތް ބޭގަރާރުވެފައިވާވަރު އެ އަމަލުން އެކަނިވެސް ހާމަކޮށްދިނެވެ. ޔަލްވީ ރަޔާނަށް ބަލަން އޮތީ، އަނގައިން ބުނާނެ ހިތްވަރު ހަށިގަނޑުގައި ނެތުމުންނެވެ. ޔަލްވީއާއި ދުރަށްދާކަށް ރަޔާންވެސް ބޭނުމެއް ނުވިއެވެ. ސަލާމަތުން އޮތް އަތުން ޔަލްވީގެ ބޮލުގައި ފިރުމައިލިއެވެ. އެއާއިއެކު ޔަލްވީ ލޯމަރާލިއެވެ.
(ނުނިމޭ)