މާ ބޮޑު ފައިދާތަކެއްނުވި ކަމުގައިވީ ނަމަވެސް ވިސްނުން ބައްޓަންކުރަންވީ ގައުމީ އެއާލައިންގެ ސަބަބުން ގައުމަށް ލިބޭ އިގްތިޞާދީ މަންފާތަކާއި އެހެނިހެން ގޮތްގޮތުން ގައުމަށް ކުރާނޭ ފައިދާއަށް ކަމަށް ދަތުރުފަރުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވިއަނުން މުޅީން އަލަށް ވައިޑްބޮޑީ އެއާކްރާފްޓު އޮޕަރޭޝަން ފެށުމަށް ޓަކައި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ގައުމުތަކުގެ އެއާލައިންތައް ކުރިއަރާ ގޮތަށް ބަލާއިރު، އެ އެއާލައިންތައް ކުރިއަރަނީ ސަރުކާރުތަކުގެ ފުރިހަމަ އެހީތެރިކަން ލިބިގެން ކަމަށެވެ. އަދި ރާއްޖޭގައި ވެސް މި ވިސްނުން ގެންގުޅެންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވަނީ އެއާލައިނަކީ ހިރާސް ބޮޑު އަދި ޚަރަދު ވެސް ބޮޑު އޮޕަރޭޝަނަކަށްވާއިރު އެއާލައިނަށް ބޮޑު ފައިދާތަކެއް ނުވި ކަމުގައިވީ ނަމަވެސް ވިސްނުން ބައްޓަންކުރަންވީ އެއާލައިންގެ ސަބަބުން ގައުމަށް ލިބޭ އިގްތިޞާދީ މަންފާއާއި އެހެނިހެން ގޮތްގޮތުން ގައުމަށް ކުރާނޭ ފައިދާއާއި ގައުމުގެ ރައްކާތެރިކަމަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ އައިލެންޑް އޭވިއޭޝަންއަކީ 2000 ވަނަ އަހަރު ހަތަރު މިލިއަން ރުފިޔާގެ ޕެއިޑް އަޕް ކެޕިޓަލަކުން އުފެއްދި ދައުލަތުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމަށެވެ. 2018 ވަނަ އަހަރު އެ ކުންފުނީގެ އެސެޓް ވެލިއު އަކީ 2.5 ބިލިއަން ރުފިޔާ ކަމަށާއި ދެ ބިލިއަން ރުފިޔާގެ ރެވެނިއު އާއި 89 މިލިއަން ރުފިޔާގެ ނެޓް ޕްރޮފިޓް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
"ކުންފުނި އުފެދުނީއްސުރެ ދައުލަތަށް ޑިވިޑެންޓް ދައްކަމުން 23 މަތިންދާ ބޯޓު ހޯދައި، 2018 ވަނަ އަހަރު ނިމުމާ ހަމައަށް ކުންފުނި ކުރިއަރާފައި ވަނީ ރަނގަޅު މިސްރާބަށް ކަމުގައި އަޅުގަނޑު ދަންނަވަން. ނަމަވެސް ހަގީގަތަކީ 2023 ނިމުނުއިރު އެންމެ ފަސް އަހަރުގެ ތެރޭގައި ކުންފުނި އޮތީ ދެ ބިލިއަނަށްތުރެ ބޮޑު ދަރަނީގައި. މީ ހަގީގަތް،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަނުން އޮޕަރޭޓްކުރަމުންގެންދިޔަ މާލެ-ޗެންނާއި، މާލެ-ޑާކާ އަދި ޗެންނާއި-ޑާކާ-މާލެ ދަތުރުތައް އޮތީ ހުއްޓިފައި ކަމަށެވެ.
"ރަނގަޅު މިސްރާބުގައި ކުރިއަރަމުންއައި އައިލެންޑް އޭވިއޭޝަން، މޭނޭޖް ނުކުރެވޭ ބައެއްގެ އަތްދަށަށް ދިއުމުގެ ނަތީޖާއަކީ ކުންފުނީގެ އެސެޓްތައް ނުބެލެހެއޓުމާއި ކުންފުނީގެ މުހިންމު ވިޔަފާރިތަކެއް ގެއްލުމާއި އަދި އޭގެ އިތުރުން އެތައް ބިލިއަން ރުފިޔާއަކުން ކުންފުނި ދަރާފައި އޮތް އޮތުން.،" އަމީން ފާހަގަކުރެއްވިއެވެ.
އެއާއެކު މި ސަރުކާރުން އެ ކުންފުނި ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
މިއަދު މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.
ވައިޑްބޮޑީ މަތިންދާބޯޓު ގެނެސް، ދުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ބޯޓުތައް ރާއްޖެއައުމުން، އެ ބޯޓުތަކުގެ އޮޕަރޭޝަން ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ވެސް ރައީސް މުއިއްޒެވެ.