ގެއަށް އާދެވުމާ އެކު ބޭރުގައި ލައިގެން އުޅޭ ހުރިހާ އެއްޗެއް ބަދަލުކޮށް ގޭތެރޭގެ ހެދުން ލާ ގޮތަށް ގޭތެރެއަށް ރެޑީވުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. މި ރެޑީވުމުގެ ތެރޭގައި ފައިވާނެއް ވެސް ހިމެނެއެވެ. ނަމަވެސް, މިއީ ކިހާ ގިނަ ބަޔަކު ކުރާ ކަމެއް ހެއްޔެވެ؟
ބޭރުގައި ހުސް ފަޔާ އުޅެން އުނދަގޫވާ ފަދައިން ގޭތެރޭގައި ވެސް ހުސް ފަޔާ އުޅެން އުނދަގޫވާ މީހުން މަދެއް ނޫނެވެ. ނަމަވެސް, ކޮންމެ މީހަކީ ގޭތެރޭގައި ފައިވާނަށް އަރައިގެން އުޅޭ މީހުންނެވެ. އެއްބައި މީހުން ގޭތެރެއަށް ޚާއްސަ ފައިވާން ހޯދާފައި ހުންނައިރު އަނެއްބައި މީހުން ގޭގައި އުޅޭއިރު އަރައިން އުޅުމަށް އިސްޓާކީނެއް ވެސް ގެންގުޅެއެވެ.
"ގޭތެރޭގައި އާންމުކޮށް ހުންނަނީ މުށި. ދެން އެއިން ވަރަށް ފަޔަށް ފިނިވޭ. އެހެންވެ އުނދަގޫ ހުސް ފަޔާ އުޅެން. އަހަރެން އާންމުކޮށް އުޅެނީ މަޑު ފައިވާނަކަށް އަރައިގެން،" ޒުވާނަކު ކިޔައިދިނެވެ.
ގޭތެރޭގައި ފައިވާނަށް އެރުމުގެ އާދައަށް ބަލާއިރު މީގެ ސަބަބުން ފައިދާތަކެއް ނުވަތަ ގެއްލުންތަކެއްވޭ ހެއްޔެވެ؟
ކަމާ ގުޅޭ ބައެއް މާހިރުން ބުނާގޮތުގައި ގިނައިރު ހުސް ފަޔާ އުޅުމަކީ ފައިތިލައަށް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. މަސައްކަތަށް ފަހު މީހާގެ އެންމެ ގިނަ ވަގުތު ހޭދަ ކުރަނީ ގޭތެރޭގައެވެ. އެހެންވީމާ ގޭގައި އުޅޭއިރު ހުސް ފަޔާ އުޅޭ ނަމަ ގިނަ ވަގުތެއް ހޭދަވާނީ ހުސް ފަޔާއެވެ.
އިސްޓާކީނަށް އަރައިގެން އުޅޭއިރު ވެސް ފަޔަށް ކޮންމެ ވެސް ވަރަކަށް އޭގެ ސަބަބުން ތަދުވުން އެކަށީގެންވެއެވެ. އެއާއެކު ހަމަ އެކަނި އިސްޓާކީނަށް އަރައިގެން ގޭގައި އުޅުން އެންމެ އެކަށީގެނެއް ނުވެއެވެ. ކޮންމެ ވެސް ކަހަލަ ފައިވާނެއް ގޭގައި އަރައިގެން އުޅެން ރަނގަޅުވާނެއެވެ.
ޔުނިވާސިޓީ އޮފް ވާވިކްއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި ގޭގައި ފައިވާނަށް އަރައިގެން އުޅޭ ނަމަ މީހާއަށް ރޯގާ ޖެހުން ފަދަ ކަންތައްތައްވުމުގެ ފުރުސަތު ހުސް ފަޔާ އުޅޭ މިންވަރަށް ވުރެ ކުޑައެވެ. މިއީ ފަހަރުގައި ފައި ފިނިވާ މިންވަރު މަދު ކޮށްދޭތީ ކަމަށް ދިރާސާއިން އިޝާރާތް ކުރެއެވެ.
ފައިވާނަށް އަރައިގެން އުޅުމަކީ ގޭގައި އުޅޭއިރު ދިމާވާ އެންމެ ބޮޑު އެއް އެކްސިޑެންޓުގެ ޗާންސް ވެސް ކުޑަ ކޮށްލަދޭ ކަމެކެވެ. އެއީ، ފައިގެ ކުޑަވައި އިނގިލި ގޭގެ އެކި ތަންތަނުގެ ކަންތަކުގައި ޖެހުމެވެ. ފައިވާނަށް އަރައިގެން އުޅޭ ނަމަ އެ ތަދު އިހުސާސްކުރަން ޖެހޭ މިންވަރު ކުޑަވާނެއެވެ.
އެހެންވީމާ ގޭގައި ފައިވާނަށް އަރައިގެން ނޫޅޭ ނަމަ އަވަހަށް ފައިވާނެއް ހޯދަންވީއެވެ.