މާލެ އަތޮޅު ގުޅިއަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކ. ގުޅިއަށް ޒިޔާރަތް ކުރައްވައި އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށުގެ ރައްޔިތުންނާއި އެ މަނިކުފާނު ބައްދަލު ކުރެއްވިއެވެ. އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން އެ މަނިކުފާނު ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ފާހަގަ ކުރައްވައި، އެ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މި ދަތުރުފުޅަކީ، 2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި އަހަރު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.