އިވުނު ސުވާލާއެކު، އަފްނާން ފަހަތް ބަލާލުމާއެކު މުޅި މީހާ ފިނިވިއެވެ.

ކޮޓަރި ތެރޭގައި ހުރީ މައުވާގެ މަންމަ ރާމިޒާ ނޫން ދެވަނަ މީހެއް ނޫނެވެ. ބުނާނެ އެއްޗެއް، ކުރާނެ ކަމެއް ނޭނގިފައި ހުއްޓާ ރާމިޒާ އޭނާއާ ދިމާލަށް ހިނގައިގަތެވެ.

"އަފްނާން…" ރާމިޒާގެ އަޑުގައިވަނީ ހައިރާންކަމެވެ. އެހާ ދުވަސްފަހުން އަފްނާން ފެނުމުން ކަމަށްވެސް ވެދާނެއެވެ. އަފްނާންގެ ގާތަށް އައިސް ހުއްޓި އޭނާ ވަރަށް ފުންކޮށް އަފްނާންއަށް ބަލައިލިއެވެ.

އަފްނާންގެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރާއެކު ރާމިޒާއަށް ހައިރާންކަމެއް ލިބުނެވެ.

"އަފްނާން މިތަނުގައި ކީއްކުރަނީ؟" ރާމިޒާއަށް އެހެން ބުނެވުނީ އަފްނާން އެތަނުގައި ހުންނަން ޖެހޭ ސަބަބެއް ނުވިސްނޭތީއެވެ. މީގެ ދެ އަހަރުކުރިން އަފްނާން އޭނާގެ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރިކަން ރާމިޒާއަށް އޮތީ ޒާޔާމެންގެ ފަރާތުން އެނގިފައެވެ. އަދި، މައުވާއާ އަފްނާންގެ ގުޅުން ނިމުނުކަންވެސް މެއެވެ. އަފްނާންއާ މައުވާއާ ދެމެދު ވީ ކީއްކަން ސީދާ ނޭނގުނު ނަމަވެސް، އަފްނާންގެ ފަރާތުން މައުވާއަށް ތަކުލީފުތަކެއް ލިބުނުކަން ރާމިޒާއަށް އެނގެއެވެ. މައުވާގެ އެ ޙާލަތުގެ ޒިންމާ ނަގަން ޖެހޭނީ، ވެސް، އަފްނާންއޭ އޭނާގެ ހިތް ބުނަނީ އެހެންވެގެންނެވެ.

"މީ…" އަފްނާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސްޖަހާލުމާއެކު އޭނާގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދުނު ނަމަވެސް، ދުލަކުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ ރާމިޒާގެ ކުރިމަތީގައި އަފްނާންއަށް ހުރެވުނީ ކުށްވެރިއެއް ފަދައިންނެވެ.

"ކިހިނެއް އެނގުނީ މައުވާ މިތަނުގައި އޮތްކަމެއް؟" މައުވާއަށް ބަލާލާފައި ރާމިޒާ އޭނާގެ ދެވަނަ ސުވާލެއްވެސް އަފްނާންއާ އަމާޒުކޮށްލިއެވެ. ރާމިޒާގެ އެ ސުވާލުގެ ޖަވާބަކަށްވެސް އަފްނާންއަށް ދެވުނީ ހިމޭންމަކެވެ. ހަޤީގަތުގައި ރާމިޒާއާ ކުރިމަތިލާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އަމިއްލަ ނަފްސުގެ ކުރިމަތީގައި އޭނާގެ އެއްވެސް އަގެއް ނެތްފަދަ އިޙްސާސްއެއް އަފްނާންއަށް ކުރެވުނެވެ.

"މީގެ ދެ އަހަރުކުރިން އަފްނާންއާ މައުވާގެ ގުޅުން ވަނީ ނިމިފަ. ވީއިރު މިއަދު އަފްނާން މައުވާގެ ކައިރިއަށް އަންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. މައުވާ އެއް ނޫން އަފްނާން ދޫކޮށްލީ. އަފްނާން މައުވާ ދޫކޮށްލާފަ ދިޔައީ." ރާމިޒާގެ އެ ޖުމްލަތައް ރުވާފައި ދޫކޮށްލި ތީރެއްހެން ގޮސް ހެރުނީ އަފްނާގެ ހިތަށެވެ. އެއާއެކު އެ ހިތުން ވަގުތުން ލޭ އޮހޮރިގެން ހިނގައްޖެއެވެ. ލޯ މަރާލެވުނީ ރާމިޒާ އެބުނީ ތެދެއްކަމުގައި ވާތީއެވެ. ހުރިހާ ވެސް މައްސަލައަކީ އޭނާއެވެ. ހުރިހާ ވެސް ދެރައެއް މައުވާއަށް ދިން މީހަކީ އޭނާއެވެ. މައުވާގެ ލޯބީގައި ކޮޅުފައިން ޖެހި މީހަކީވެސް އޭނާއެވެ. ވީއިރު މިއަދު، އެ ހުރިހާ ބަހެއްވެސް އޭނާއަށް ހައްޤެވެ. އަފްނާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާއަކީ ކޮން ކަހަލަ ނުބައި މީހެއް ހެއްޔެވެ؟ އޭނާއަށްޓަކައި ޖާނާ ފުރާނައިން ޤުރުބާންވާވަރަށް ލޯބިވި އަންހެން ކުއްޖާއަށް އޭނާގެ ފަރާތުން ވޭނާ ތަކުލީފާ ނޫނީ ލިބުނީ ކޮން އެއްޗެއްހެޔެވެ؟ މައުވާގެ ކުށެއްނެތި އެ މައުސޫމް އަންހެން ކުއްޖާގެ ދިރިއުޅުން ހަލާކުކޮށްލި މީހަކީވެސް އެއީއެވެ.

"އެރޭ… އެރޭ ވީ ކިހިނެއް؟" ރާމިޒާ ދެން ކޮށްލި ސުވާލާއެކު އަފްނާންއަށް ބަލައިލެވުނީ ރާމިޒާއަށެވެ.

"އެރޭ؟" އެ ލަފުޒު އަފްނާންއަށް ތަކުރާރުކޮށްލެވުމާއެކު އަނެއްކާވެސް ރާމިޒާއާ ނަޒަރު ވަކިކޮށްލެވުނެވެ. ރާމިޒާ އެ ދައްކަނީ ކޮން ރެއެއްގެ ވާހަކަކަން އަފްނާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އެރޭގެ ހާދިސާ އޭނާ ރާމިޒާއަށް ހާމަކުރާނީ ކިހިނަކުން ހެއްޔެވެ؟

"އާނ. އެރޭ. މައުވާ ގެއިން ނުކުތީ ވަރަށް އުފަލުން ހުރެ. އަހަންނަށް އެނގޭ އޭނަ ދިޔައީ އަފްނާންއާ ބައްދަލުކުރަންކަން. އަދި އެރޭ އަފްނާންއާ ބައްދަލުވިކަންވެސް އަހަންނަށް އެނގޭ!. މައުވާއަށް އެހެންވީ، އޭގެފަހުންކަންވެސް ޒާޔާގެ ވާހަަކަތަކުން އެނގުނު. އަފްނާންއަށް އެނގޭތަ؟ މައުވާހޮސްޕިޓަލަށް ގެނައިފަހުން އަހަރެން ވެސް އަފްނާންއަށް ގުޅަން މަސައްކަތްކުރިން، އެކަމަކު ފޯނެއް ނުނަގާ. ޒާޔާގެ ފަރާތުން ދެން އެނގުނީ އަފްނާން ރާއްޖޭން ބޭރަށް ދިޔަކަން. އަދި އަފްނާން މައުވާއާ އޮތް ގުޅުން ވެސް އެކީ ނިންމާލިކަން. އެހެންވީމަ މި އަހަނީ؟ އެރޭ ތި ދެެމެދުގައި ހިނގީ ކޮންކަމެއް؟ އަފްނާން ކީކޭ ބުނީ؟" ރާމިޒާއަށް އަފްނާންއާ ސުވާލުކުރެވެނީއެވެ. ހިތުގައި ވިއްޔާ ވީހާ ޝަކުވާއެއް ބޭރުކުރެވެނީއެވެ. މައުވާ އަފްނާން ދެކެ ލޯބިވީ މިންވަރު އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. އަފްނާން ނޫނީ އެހެން އެއްވެސް ޒުވާނަކަށް މައުވާގެ ޙަޔާތުން ޖާގައެއް ދުވަހަކު ނުދޭކަން އޭނާއަށް އެނގެއެވެ.

"މައުވާއަށް… ވީ... ކިހިނެއް؟" އަފްނާންއަށް އެންމެ ފަހުން އެ ސުވާލުކޮށްލަން މަޖުބޫރުވިއެވެ. ރާމިޒާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަތުގައި ނެތްނަމަވެސް، މައުވާއަށް ވީ ކީއްކަން އެނގެން އޭނާ ބޭނުންވިއެވެ. އަނެއްކާ މައުވާ އަމިއްލަ ނަފްސަށް ގެއްލުން ދިނީ ބާވައެވެ. އެގޮތަށް ރާމިޒާ އެ ވާހަކަ ދައްކާ ސަބަބަކީ ކޮބައިހެއްޔެވެ؟

"ކީއްކުރަން؟ ވާނެ ފައިދާއެއް އެބަ އޮތްތަ؟ މައުވާ އޮތް ޙާލު އަފްނާންއަށް ފެނެއެއްނު އެބަ." ރާމިޒާއަށް ބުނެވުނެވެ. އެވަގުތު މައުވާ އަތް ހަރަކާތްކޮށްލިތަން ރާމިޒާއަށް ފެނުމާއެކު، އޭނާ އަފްނާން އަށް އަވަސް ނަޒަރެއް ދިނެވެ. އެ މަންޒަރު އަފްނާންގެ ލޮލުގައިވެސް އަޅައިގަތެވެ.

"ޝީޒް މޫވިން. ޝީޒް މޫވިން…" އަފްނާންގެ އަޑުވެސް ބާރުވެލިއެވެ.

"މައުވާ… ދަރިފުޅާ…" މައުވާއާ ގާތަށް ޖެހިލާފައި ރާމިޒާ މައުވާއަށް ބަލައިލިއެވެ.

"މައުވާ ހޭ އެރީތަ؟" އަފްނާންއަށް އެ ސުވާލުކޮށްލެވުނީ އޭނާގެ ނަފްސާއެވެ. އެހެންނަމަވެސް އެ އަޑު ރާމިޒާއަށް ވެސް އިވުނެވެ.

"އަފްނާން މިތަނުން ދޭ." ރާމިޒާ އެހެން ބުނުމުންވެސް މައުވާއަށް ބަލަހައްޓައިގެން އަފްނާންއަށް ހުރެވުނީއެވެ. ސުވާލުތަކުން ސިކުނޑި ފުނިޖެހުނު ނަމަވެސް، އޭނާއަށް އެވަގުތު ބުނާނެ އެއްޗެއް ނޭނގުނެވެ. މައުވާ ލޮލުގެ އެސްފިޔަތައް ތަޅުވާލިތަންވެސް އަފްނާންއަށް ފެނުނެވެ. ހިތަށް ކުޑަ ފިނިކަމެއް ލިބުނީ މައުވާގެ އެ ހަރަކާތުންނެވެ. އެތަނުގައި ހުންނަން ބޭނުންވި ނަމަވެސް، ރާމިޒާ އޭނާގެ ގާތުގައި ދާށޭ އަނެއްކާވެސް ބުނެލުމުން އިތުރަށް ހުންނާކަށް ނުކެރުނެވެ. މައުވާއަށް ބަލަމުން ބަލަމުން ގޮސް އަފްނާން އެ ކޮޓަރިން ނުކުތެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ވާރޑުން ނުކުތެވެ. ލިފްޓް ކައިރީގައި ފާރުގައި ލެނގިލައިގެން އަފްނާންއަށް ހުރެވުނެވެ.

"މައު.. އައެމް ސޮރީ…" އަފްނާންއަށް ހިތާހިތުން ކިޔެމުން ދިޔައެވެ. މައުވާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯބީގެ ބާރުގައި އަފްނާން ވަނީ ބަލިކަށިވެފައެވެ. އެ ހިތުގެ އެންމެ ހިމަ ނާރުތަކެއްގައިވެސް ވަނީ މައުވާގެ ނަންކަން އޭނާއަށް މިއަދު ޔަޤީން ވެއްޖެއެވެ.

ލިފްޓު އަައުމުން ލިފްޓަށް އަރައިގެން ތިރިއަށް ދިޔުމަށްފަހު، އަފްނާން ދިޔައީ، އާއިން އޮތް ވާރޑަށެވެ. ރޫމަށް ވަނުމަށްފަހު، ސޯފާގައި އިށީނދެފައިވެސް އޭނާއަށް އިނދެވުނީ ގަބުވެފައި ކަހަލަ ގޮތަކަށެވެ. އެކަން ފާހަގަވެގެން ރިސާމާވެސް އަފްނާންއާ ސުވާލުކުރިއެވެ. އަފްނާން ބުނީ، ކުޑަކޮށް ވަރުބަލީކަމަށެވެ. ރިސާމާ ގެއަށް ދާން ބުނުމުންވެސް އޭނާ ދާނީ އާއިން ހޭލީމައިކަމަށް ބުނެ އަފްނާން މަޑުކުރީއެވެ. އޭނާ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ.

ހެނދުނު ހަތްގަޑި ބައި ވާން އުޅެނިކޮށް އާއިން ހޭލައިފިއެވެ. ހޭލިގޮތަށް ރޯން ފެށުމުން، ޝައުފާ ކަންބޮޑުވިއެވެ. އޭނާ އާއިންއާ ދިމާލަށް ދާން ފެށުމުން އަޒްލަފް ޝައުފާ ކައިރީގައި މަޑުކުރަން ބުނެފައި، އާއިން މަސަލަސް ކުރަން އުޅުނެވެ. އާއިން ރޮމުން ރޮމުން ވާހަކަ ދައްކަން ފެށިނަމަވެސް، ރޯވަރުން އަޒްލަފްއަށް ކިޔާ އެއްޗެއް ނޭނގުނެވެ.

"ކީކޭ ދަރިފުޅު… ޑެޑީ މިހުރީނު. " އަޒްލަފް ބުނެލިއެވެ. އޭރު އައިވީ ނައްޓާލާފައި ވިޔަސް، އަތަށް އަދިވެސް އޮތީ ކެނިއުލާ ގުޅާފައެވެ. އެހެންކަމުން އަޒްލަފް އާއިން އުރާލިއެވެ.

"ޑެޑީ…" އަޒްލަފްއަށް ބަލާލާފައި އާއިން އޭނާގެ ގައިގައި އަނެއްކާވެސް ބައްދައިގަތެވެ. އެ ހުރިހާ މަންޒަރެއް ބަލަން ޝައުފާ ހުރިއިރު އޭނާ ހުރީ ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. ހީވަނީ ބުނަން ނުވާވަރުގެ އެއްޗެއް އާއިންގެ ދުލުން ބުނެފާނެތީ އުޅޭހެންނެވެ. އާއިން ހަމައަކަށް އެޅުވުނީ ވަރަށް އިރުންނެވެ.

އެ ދުވަހަކީ ޑިއުޓީ ދުވަހަކަށް ވިނަމަވެސް، އަޒްލަފްވެސް ޗުއްޓީއެއް ނެގިއެވެ.

ޝައުފާ އާއިން އުރާލަން އުޅުމުންވެސް ޝައުފާގެ ކައިރިއަކަށް އާއިން ނުދިޔައެވެ. އެއާއެކު ޝައުފާއަށް ބަލައިލެވުނީ އަޒްލަފްއަށެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު، ރިސާމާ ގޮސް އާއިން އުރާލިއެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ރިސާމާގެ ކައިރިއަށް އާއިން ދިޔައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަޒްލަފްއަށް ޔަޤީން ކުރެވުނީ ދެނެވެ.

އާއިން ފެންވަރުވަން ވެގެން ހެދުމެއް ގެނެސްދޭން ރިސާމާ އަޒްލަފް ކައިރީގައި ބުންޏެވެ. އަޒްލަފް ޝައުފާއަށް ބަލާލާފައި ހިނގާށޭ ބުނެލީ އޭނާ ޝައުފާއާ ވަކީން ވާހަކަ ދައްކަން ބޭނުންވެފައި ހުރުމުންނެވެ.

"އަހަރެން އެކަނި ގޮޮސްލަފާނަން." ޝައުފާ ދެކޮޅު ހެދިއެވެ. އޭނާ އަޒްލަފްއަށް ބަލާލާފައި، ހިނގައިގަންނަން އުޅުމުން އަޒްލަފް ވާހަކަ ދެއްކިއެވެ.

"ޓެކްސީއެއް ހޯދަން އުނދަގޫވާނެ. އަހަންނާ އެކީ ހިނގާ." އަޒްލަފް އަމުރުވެރި ރާގަކަށް ބުނެލުމުން ޝައުފާއަށް ދެކޮޅު ހަދަން ނުކެރުނީ އެތަނުގައި އެންމެން ތިބުމުންނެވެ. ރޫމުން ނުކުމެފައި އޭނާ އަނެއްކާވެސް ދެކޮޅު ހެދިއެވެ.

"އަޒްލަފް ނެތީމަ އާއިން ރޯން ފަށާފާނެ. އަހަރެން އެކަނި ގޮސްފަ މި އަންނަނީ އޭ." ޝައުފާ ބުނެލިއެވެ. ޝައުފާގެ ވާހަަކަތަކުން އޭނާ އަޒްލަފް އެގެއަށް ގެންދަން ބޭނުންނުވާކަން އަޒްލަފްއަށް ވެސް ފަހުމްވިއެވެ. އެއާއެކު އެކަންތައް ގުޅިފައިވަނީ ވެސް އާއިން އާއިކަން އަޒްލަފްގެ ސިކުނޑިއަށް ނަގައިގަނެވިއްޖެއެވެ.

އަޒްލަފަ ދޫ ނުދިނުމުން ހަތިޔާރު ބަހައްޓަން ޝައުފާއަށް މަޖުބޫރުވިއެވެ. އަޒްލަފްއާއެކު ގޮސް ކާރަށް އަރާ ގެއާ ހިސާބަށް ދެވެންދެންވެސް އޭނާއަށް އިނދެވުނީ ވިސްނުމަކަށް ގެއްލިފައެވެ. އަޒްލަފް އޭނާއަށް އިރުއިރުކޮޅަކާ ބަލާވެސް ލައެވެ.

ކޮންމެވެސް ނުބައެއް އުޅޭކަން އަޒްލަފްއަށް ޔަޤީން ކުރެވުނެވެ. ގެއާ ހިސާބަށް ދެވުމުންވެސް އޭނާއަށް ޖެހުނީ ޝައުފާއަށް ދެފަހަރަކު ގޮވާލާށެވެ. އެހެންޏާ އޭނާއާ އަބަދު ޒުވާބުކުރަން ކަމެއް ނުފެނިފައި ހުންނަ ޝައުފާ ނެގިމަޑުވެފައި ހުރި ހުރުން އަޒްލަފްއަށް ވަރަށް ގިނަ ކަންތައްތަކެއް ދޭހަކޮށްދީފިއެވެ.

"އަހަރެން އެބަ އަންނަން އެއްޗެހި ހިފައިގެން." ޝައުފާ ބުނެލިއެވެ.

"އަހަރެންވެސް ދާނަން." އަޒްލަފް ބުންޏެވެ.

"އަޒްލަފް ނަޔަސް ރަނގަޅުވާނެ. މި އަންނަނީ އޭ. މާ ގިނަ އިރެއް ނުވާނެ." އަޒްލަފްއަށް ބަލާލުމެއްނެތި ޝައުފާ ބުންނެވެ. އަޒްލަފް އެއްޗެއް ނުބުނުމުން އެ ބުނީ އާއެކޭ ކަމަށް ބަލާފައި ޝައުފާ ގޮސް ގެއަށް ވަނެވެ. އަޒްލަފް ކާރުން ފޭބީ ދެނެވެ. އޭނާ ވެސް ގޮސް ގެއަށް ވަނެވެ. ލިފްޓަށް އެރުމަށްފަހު، މައްޗަށް ގޮސް ޝައުފާ އުޅޭ އެޕާރޓްމެންޓްގެ ދޮރުގައި ފިންގަރ ޕްރިންޓް ޖަހާލުމާއެކު ބީޕް އަޑަކާއެކު ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކުވެސް އަޒްލަފްއަށް ދެބުމަ ގާތްކޮށްލެވުނެވެ. އެޕާރޓްމެންޓަށް ވަށައިގެން ބަލާލުމާއެކު ލިބުނީ ސިހުމެކެވެ. އެ ގޭތެރެއަށް ހީވަނީ ރޯޅިއެއް އަރާފައިވާހެންނެވެ. މުޅި ގޭގެ ހުރިހާ އެއްޗެއް ވަނީ އެތަން މިތަނަށް އުކާލެވިފައެވެ. ބަދިގޭގެ ބައެއް ސާމާނުތައްވެސް، ސިޓިން ރޫމުތެރެއަށް އުކާފައި ހުއްޓެވެ. ބަހައްޓާފައި ހުރި ޓީވީވެސް ވަނީ އެއްޗަކުން ޖަހާ ތަޅާލާފައެވެ. އާއިންގެ ކުޅޭ އެއްޗެހިތައްވެސް ވަނީ އެތަން މިތަނުގައެވެ. ދަމާފައިވާ ދޮރު ފޮތިތައް ވީދާލާފައިވާއިރު، ސޯފާގެ ކުށަންތައްވެސް ހުރީ އެކި ތަންތަނަށް އުުކާލެވިފައެވެ.

"ޝައުފާ…" އަޒްލަފްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އާއިން ބިރުގަތްފައިވަނީ ކީއްވެގެންކަން އަޒްލަފްއަށް އަންދާޒާކޮށްލެވުނީ ދެނެވެ. އެގޭތެރޭގައި ހިނގީ އާދައިގެ ކަމެއް ނޫންކަން އޭނާއަށް ޔަޤީންވި ހިސާބުން ރުޅިވެރިކަންވެސް ވަނީ އޭނާގެ ނަފްސު ހިޞާރުކޮށްފައެވެ.

"ޝައުފާ…" ދެވަނަ ފަހަރަށް އަޒްލަފްގެ އަޑު އިހުނަށްވުރެ ބާރުވިއެވެ. ކޮޓަރީގައި އުޅުނު ޝައުފާ ނުކުތްއިރު، އޭނާ ވެސް ހުރީ ޖެހިލުންވެފައެވެ. އަޒްލަފްއަށް ސިއްރުކުރަން އުޅުނުކަންތައް ފަޅާއެރިކަން އެނގުމާއެކު ޝައުފާއަށް އަޒްލަފްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"މީ ކިހިނެއް ވެފަ އޮތްކަމެއް؟ މީހަކު ވަނީތަ؟ ކާކު މިވަރުގެ ގެއްލުމެއް ދިނީ.. ޝައުފާއާއޭ އަހަރެން މި ވާހަކަ ދައްކަނީ… އަޑު އިވޭތަ؟ ކާކު މިތަނަށް ވެއްދީ؟ ހަމްދާންތަ؟ ހަމަ މިހާރު ޖަވާބު ދީ." އަޒްލަފްގެ ރުޅިގަނޑު ދަނީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ޝައުފާ ހިމޭނުން ހުންނަން ފެށުން ވެގެން ދިޔައީ އޭނާގެ ރުޅިގަނޑު އިތުރަށް ހިލުނު ކަމަކަށެވެ.

"ކާކުހޭ މިތަނަށް ވެއްދީ؟ އަޑެއް ނީވޭތަ؟ މީ މަ އާއިންއަށްޓަކައި ހިފާދީފަ ހުރިތަނެއް. ބުނެފަ އޮންނާނީ އިތުރު މީހަކު މިތަނަށް ނުވައްދަން. " އަޒްލަފް ހަޅޭއްލަވައިގަތެވެ.

"ޝައުފާ… އޭތް…" އަޒްލަފްގެ ހަޅޭކާއެކު ޝައުފާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މިފަހަރު އަޒްލަފް މަޑުން ނުހުންނާނެކަން އޭނާއަށް އެނގެއެވެ.

"މީ ކާކުގެ ކަމެއްހޭ؟" އަޒްލަފް ޝައުފާއާ ދިމާލަށް އައިގޮތުން ޝައުފާއަށް ލޯ މަރާލެވުނެވެ. އޭނާ ހީކުރީ އަޒްލަފް އޭނާއަށް އަތް އިސްކުރާނެކަމަށެެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. އަޒްލަފްވަނީ ކޮޓަރިއަށެވެ.

"އަންހެނަކަށް އަތް އިސްކުރުމަކީ އަހަރެންގެ ތަބީއަތުގައި ހުރިކަމެއް ނޫން." އަޒްލަފް ގެ އަޑު އިވުނެވެ. ޝައުފާ ބަލައިލިއިރު އަޒްލަފް ހުރީ އާއިންގެ އަލަމާރި ކައިރީގައެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ދިޔަކަން އަޒްލަފްގެ މޫނުމައްޗަށް ބަލާލުމުން އެކަނިވެސް އެނގެއެވެ. އޭނާގެ ގާތަށް ރުޅި އައީ އެކަމުގެ ސަބަބުން އާއިން ބަލިވީތީއެވެ. މަންމައެއްގެ ލޯބި ހޯދަދޭށޭ ކިޔާފައި، ޝައުފާގެ ކައިރީގައި އާއިން ބެހެއްޓުމަކީ ރަނގަޅުކަމެއް ބާއޭ އަޒްލަފްގެ ސިކުނޑި ސުވާލުއުފައްދަން ފަށައިފިއެވެ. އޭނާ އާއިންގެ ބައެއް އެއްޗެހި ކޮތަޅަކަށް އަޅަމުން ނުކުންނަން ހިނގައގަތުމުން ޝައުފާވެސް އޭނާގެ ފަހަތުން ނުކުންނަން އުޅުނެވެ.

"އަހަރެން މިދަނީ. މިވަގުތު ދެން ރަނގަޅީ ޝައުފާ އާއިންގެ ކައިރިއަށް ނައިއްޔާ. އާއިން އެ ހުރީ ވަރަށް ބިރުގަތްފަ." އަޒްލަފް ބުނެލިއެވެ.

"އެކަމަކު…" ޝައުފާ ދެކޮޅު ހަދަން އުޅުނެވެ.

"އެއްވެސް އެކަމަކުއެއް ކިޔާނެ ކަމެއް ނެތް. މިގޭތެރޭގަ ޙާލަތާ، އާއިންއަށް ވީ ގޮތުން ޖެންޑަރއަށް ގުޅިޔަސް ޝައުފާގެ އަތުން ދަރިފުޅު އަތުލާފަ އަހަންނާ ހަވާލުކުރާނެ. އެެހެންވީމަ އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ." އަޒްލަފްގެ އަޑުން އޭނާ މިވަގުތު އިތުރު އެއްވެސްކަމަަށް ފަރުވާ ނުބަހައްޓާނެކަން ޝައުފާއަށް އެނގޭތީ އޭނާ ހިމޭންވިއެވެ.

"އަހަރެން އަދި މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން އަންނާނަން." އަޒްލަފް އެހެން ބުނެލާފައި އެގެއިން ނުކުތީ ލަސްވެފައި ހުރީތީއާވެސް އެކުގައެވެ. އޭނާ ހުރީ މިފަހަރު އެހާ ފަސޭހައިން ދޫދޭ ގޮތަކަށް ނޫނެވެ. އެކަން އެނގި ޝައުފާއަށް ވެސް ހުރިތަނުގައި ޖެހި ބުދެއްހެން ހުރެވުނީއެވެ. އަޒްލަފް ފަހަތުން ދާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

އަޒްލަފް ހޮސްޕިޓަލަށް ދިޔައިރު، އާއިން އެނދުގައި އޮށޯވެލައިގެން އޮތްއިރު، އަފްނާން ދިޔައީ އާއިން ހެއްވާލެވޭތޯ މަސައްކަތްކުރަމުންނެވެ. އޭރުވެސް އެ މޫނުމަތިން ފެންނަނީ ކަމަކާ ބިރުގަތްފައިވާ ފަދަ އަސަރުތަކެކެވެ.

"ޝައުފާ ނާދޭތަ؟" އަޒްލަފް ފެނުމާއެކު ރިސާމާ ސުވާލުކޮށްލިއިރު، އެ އަޑުގައިވަނީ ހަރުކަށިކަމެވެ.

"ނާދެ." އަޒްލަފް ދިނީ ކުރު ޖަވާބެކެވެ. އޭނާ ދެން ބަލައިލީ ނަޖީބަށެވެ. އޭރު ނަޖީބުވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިންވެސް ނުރުހުންތެރިކަން ފެންނަމުން ދިޔައެވެ.

"އާއިން އެ ދައްކަނީ ކާކު އެގެއަށް ގޮސް އެއްޗެހިތައް ހަލާކުކުރި ވާހަަކަތަ؟" އޭނާއާ އެ ސުވާލު އެންމެ ފުރަތަމަ ކޮށްލީ ނަޖީބެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު