ނިދީގައި ލިމްޔާ ހަޅޭއްލަވަމުންދާގޮތުން ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. ލިމްޔާ ތެޅިފޮޅޭތީ އަމީރާ އިނީ، ލިމްޔާގެ ގައިގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އަމީރާއަށް ރޮވުނެވެ. ދަރިފުޅުގެ ހާލު ފެނި މައިލަނގޮނޑިއަކަށް ކެތެއް ނުވިއެވެ. އަމީރާ އެތައް ފަހަރަކު ގޮވުމުންވެސް ލިމްޔާއަށް ހޭލެވޭ ގޮތެއް ނުވިއެވެ.

********

"ދަރިފުޅާ ލިމްޔާ!.... މަންމަ އެބަ އިނީމޭ ދަރިފުޅު ކައިރީ" ލިމްޔާގެ ދެކޮނޑުގައި ހިފައި ތަޅުވަމުންދިޔައިރު، ހުއްޓުމެއްނެތި އަމީރާގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.

ފަހަކަށް އައިސް ލިމްޔާގެ މޫނުން އުފާވެރިކަމުގެ ކުޑަވެސް އަސަރެއް އަމީރާއަކަށް ނުފެނެއެވެ. އަބަދު ހިނިތުންވެލައިގެން ހުންނަ ދަރިފުޅުގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައީ އަމީރާގެ ލޯކުރިމަތީގައެވެ. ދަރިފުޅަށް އެހީވާން އަމީރާ ކުރި އެއްވެސް ކަމަކުން ވީ ފައިދާއެއް ނެތެވެ.

"މަންމާ...." ސިއްސައިގެން ގޮސްފައި ލިމްޔާ ލޯ ހުޅުވައިލީ އަމީރާގެ އަތް ފޮޅުވައިލާފައެވެ.

"ދަރިފުޅު..." އަމީރާ އަވަސް އަވަހަށް ލިމްޔާގެ މޫނުގައި ފިރުމައިލިއެވެ.

ލިމްޔާ އަށް ހޭލެވުނުއިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަމީރާ ފެނުމުން ލިމްޔާގެ މޫނުން ހަމަޖެހުމުގެ އަސަރު ފެނުނު ނަމަވެސް، ހާސްކަން މުޅިން ފިލައިގެން ނުދެއެވެ.

"ހުވަފެނެއް ފެނުނީ" އަމީރާ ހާސްވެފައި އިނުމުން ލިމްޔާ ގަދަކަމުން ހިނިތުންވެލިއެވެ.

"މަންމަ އަބަދުވެސް ބުނަމެއްނު ދެނަމާދު ދޭތެރޭ ނުނިދާށޭ...." އަމީރާ ޝަކުވާކުރިއެވެ. "ދޭއަވަހަށް ގޮސް ނަމާދުކޮށްގެން ކާން އާދޭ.... ބައްޕަވެސް އެ ދައްކަނީ ދަރިފުޅު ކޮޓަރިން ނުނުކުންނަ ވާހަކަ"

އަމީރާ ދިޔުމުން ލިމްޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފެނުނީ ބިރުވެރި ހުވަފެނެކެވެ. އެކަމަކު އެއީ ހުވަފެނެއްކަން އެނގުނު ނަމަވެސް، ލިމްޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭގެ ކުރިން އެފަދަ ހުވަފެނެއް ފެންނަ ކޮންމެ ފަހަރަކު ލިމްޔާއަށް ވަނީ ހިތާމަވެރި ހަބަރެއް ލިބިފައެވެ. ރަޔާންގެ އެކްސިޑެންޓާއި ރަޒީނާގެ މަރުގެ އެއް ދުވަސް ކުރިންވެސް ލިމްޔާއަށް ވަނީ އެފަދަ ހުވަފެނެއް ފެނިފައެވެ.

"ހުވަފެނަކީ ބިލާހެއް.. އެއީ ހަގީގަތެއް ނޫން" އަމިއްލަ ހިތަށް ވިސްނައިދެމުން ލިމްޔާ އަވަސްވެގަތީ ނަމާދުކުރާށެވެ.

********

"ކީއްވެތަ އަހަރެން ފޮނުވާލަން ބޭނުންވަނީ؟ އަހަރެންގެ ބޭނުން ފުދުނީމަތަ؟" ޔަލްވީއަށް ގިސްލެވެން ފެށުނެވެ.

ރަޔާން ޔަލްވީދެކެ ފޫހިވީ ހެއްޔެވެ؟ ޔަލްވީގެ ކިބައިގައި ރަޔާން ހިތްހަމަޖެހޭ އެއްވެސް ސިފައެއް ނެތީ ހެއްޔެވެ؟ ހިތުގައި އުފެދެމުންދިޔަ ޝަކުވާތައް ކަރުނައިގެ ސިފައިގައި ޔަލްވީގެ ދެލޮލުން ބޭރުވަމުން ދިޔައެވެ.

"އަހަރެން ޔަލްވީދެކެ ފޫއްސެއް ނުވޭ" ރަޔާންއަށް ޔަލްވީގެ ހިތް ފެނުނު ކަހަލައެވެ.

"އަހަންނާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާނަމަ އަހަރެން ކައިރީ ދާކަށް ނުބުނާނެ.. އަހަންނަށް އެނގޭ އަހަރެން ހަދާ އެއްޗެހި ނުބައިވީމަ....." ޔަލްވީ ބޭނުންވީ ޝަކުވާ ކުރާށެވެ. އެކަމަކު، ޖުމުލަ ފުރިހަމަކުރާނެ ހިތްވަރެއް ނުލިބުނެވެ. ހުދު ޔަލްވީއަށްވެސް އޭނާ އަމިއްލައަށް ތައްޔާރުކުރި ކާއެއްޗެހި ނުކެވުނެވެ.

"ޔަލްވީ....." ރަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

ޔަލްވީއަށް ވިސްނައިދިނުމަކީ ކުރަން އުނދަގޫކަމެއްކަން ރަޔާނަށް އެނގެއެވެ. އެހެނަސް، ރީތިކޮށް ޔަލްވީއާއި ވާހަކަ ދައްކަން ރަޔާން މަސައްކަތް ކުރިއެވެ. އެކަމަކު، ޔަލްވީ އެ ފުރުސަތެއް ނުދިނެވެ. ރަޔާން އިތުރު އެއްޗެއް ބުނުމުގެ ކުރިން ޔަލްވީ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން ބޭނުމެއް ނޫން އެކައްޗެއްވެސް އަޑުއަހާކަށް.. ތިއުޅެނީ ހަމަ އަހަރެންގެ ކައިރިން ސަލާމަތް ނުވެވިގެން. ބޭކާރު ވާހަކަ ދައްކާ މީހުންދެކެ ވަރަށް ފޫހިވޭ! ރަޔާންދެކެ ވަރަށް ފޫހިވޭ! މިގޭގަ އުޅޭކަށްވެސް ބޭނުމެއް ނޫން...." ޔަލްވީގެ ކެތްތެރިކަން ކޮޅުންލިއެވެ.

ދުވަހަކުވެސް ނުކުރަން އަޒުމު ކަނޑައަޅައިގެން ހުރި ކިތަންމެ ކަމެއް ޔަލްވީ ރަޔާނަށްޓަކައި ކުރިއެވެ. ރަޔާން ގަޔާވާ ކަންކަން ދަސްކުރަން މަސައްކަތް ކުރުމުންވެސް، ރަޔާންގެ ރުހުމެއް ނުލިބުނެވެ. ތަފާތު ނަޒަރަކުން ޔަލްވީއަށް ނުބެލި ތަނުގައި ތައުރީފުގެ ބަހެއްވެސް ބުނެ ނުލިއެވެ. އެ ހުރިހާ ކަމަކާއި ޔަލްވީގެ ހިތް ޒަހަމުވެފައި ވަނީ ދުވަހަކުވެސް ނުވާ ވަރަށެވެ.

ރަޔާން ތެދުވިއެވެ. ޔަލްވީއަށް ފުރަގަސް ދިނެވެ. ބުނެވުނު އެއްޗަކާއިމެދު ޔަލްވީއަށް ވިސްނާލެވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ބުނެވުނީ ޔަލްވީގެ ހިތުގައި އޮތް އެއްޗެއް ނޫނެވެ. އެކަން ދޭހަކޮށްދެނީ ޔަލްވީގެ މޫނުން ފެންނަމުންދިޔަ ހާސްކަމެވެ. ރަޔާން އެންމެ ފަހަރަކުވެސް ޔަލްވީގެ މޫނަށް ބަލައިލިނަމަ، އެކަން އެނގޭނެއެވެ. މާބޮޑަށް ހިތުގައި ޖެހުމުން، ޔަލްވީއަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގުނީއެވެ.

"ޔަލްވީގެ މައްސަލައަކީ ތީ" ރަޔާންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރުވިއެވެ. އެހެނަސް، އޭނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. "ރީތިކޮށް ވާހަކައެއް ދައްކަން ބޭނުންވިޔަސް، ކިހިނެއް ދައްކާނީ؟"

ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލިގޮތަށް ރަޔާން އިނީ އިސްޖަހައިގެންނެވެ. ޔަލްވީއަށް އިނދެވުނީ ރަޔާނަށް ބަލާށެވެ. އަމިއްލަ ނަފުސު ކުށްވެރިކުރާފަދަ ނަޒަރަކުންނެވެ.

"ކޮންމެ ކަމެއްގަވެސް ޔަލްވީ ވިސްނަނީ އެންމެ ގޯސްކޮށް....." ރަޔާންގެ އަޑު ޔަލްވީއާއި ހަމައަށް ފޯރީ ކިރިޔާއެވެ. ޔަލްވީގެ ސަބަބުން ރަޔާންގެ ހިތުގައި ކޫރުމެއް އެޅުނެވެ.

ރަޔާން ހިނގައިގަތެވެ. ވަކި މިސްރާބެއް ނެތިއެވެ. އޭނާ ބޭނުންވީ އެކަނި ވެލާށެވެ. ހިތާމަތައް ހިއްސާކުރާނެ އެކުވެރިޔަކު މިއަދު ނެތެވެ. އެކީ އުޅުނު ރަހުމަތްތެރިން ދުރުވެއްޖެކަމުގެ އިހުސާސް ރަޔާނަށް އެވަގުތު ކުރެވުނެވެ. ރަޔާން ކޮޓަރިން ނުކުންނަންދެންވެސް ޔަލްވީއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ރަޔާން ހުއްޓުވަން ޔަލްވީގެ ހިތް ގޮވިއެވެ. އެކަމަކު ޔަލްވީއަށް ހިތްވަރެއް ނުލިބުނެވެ.

ހިނގަމުންދިޔަ ރަޔާންގެ ފިޔަވަޅުތައް މަޑުޖެހުނީ އަފްސަމް ގޮވާލި އަޑު އިވުމުންނެވެ. ނަމަވެސް އަފްސަމް އާއި ދިމާއަށް ބަލާލުމެއްވެސް ނެތި ރަޔާން އެތަނުން ދިޔައީއެވެ.

ޔަލްވީ އެނދަށް ވެއްޓިގަތެވެ. ބުނެވުނު ބަސްތައް އަނބުރާ ގެނެވޭނެނަމަ، އޭނާ އެކަން ކުރީހެވެ. ވިސްނުނު ވަރަކަށް ޔަލްވީގެ ހާސްކަން އިތުރުވިއެވެ. ރަޔާން ބުނި އެއްޗެއްގެ މާނަ ޔަލްވީއަށް ވިސްނުނީ މާ ފަހުންނެވެ. ޔަލްވީގެ ދެލޯ ކަރުނުން ފުރުނެވެ. ރަޔާން އަބަދުވެސް ބުނަމުންދިޔައީ އެ ހަޔާތުން ޔަލްވީ ބޭރުކޮށްނުލާނެކަމުގައެވެ. ޔަލްވީ ބޭނުންވާހާ ދުވަހަކު އެ ދިރިއުޅުމުގައި ހުރެވޭނެކަމުގައެވެ. އެއާއި ހިލާފަށް ޔަލްވީ ރަޔާންގެ ދިރިއުޅުމަށް ދިޔައީ ވަގުތީ މެހެމާނެއްގެ ގޮތުގައި އެތައް ޝަރުތަކާއި އެކުގައެވެ. ރަޔާން އެންމެ ފަހަރަކުވެސް އޭނާ ބޭނުންވާގޮތް ހާމަނުކުރީ ޔަލްވީއާއި ދޭތެރޭގައި ވިސްނާފައެވެ. އެވަރު ވިސްނާނުލާ ހިތުހުރި އެއްޗެއް ރަޔާނާއި ދިމާއަށް ކީ ޔަލްވީއެވެ.

"އެންމެ ފަހަރަކުވެސް ބުނެބަލަ، ނުދާށޭ" ޔަލްވީއަށް ހިތާއިހިތުން ބުނެވުނެވެ.

ޔަލްވީގެ ދެލޮލަށް ގިނަވި ކަރުނަތަކުން މަންޒަރު ފުސްވިއެވެ. ރަޔާނާއި ބައްދަލުވީ ހިސާބުން ފެށިގެން ކައިވެންޏާއި ހަމައަށްވެސް ޔަލްވީގެ ސަބަބުން ރަޔާނަށް އެތައް ހިތާމައެއް ލިބުނެވެ. ރަޔާން ނުކުރާ ބޮޑު ކުށެއްގެ ބަދުނާމު އެޅުވިއެވެ. އެ ހުރިހާ ކަމަކަށްފަހުގައިވެސް ރަޔާން ޔަލްވީއަށް އިހުތިރާމުކުރިއެވެ. އެހެން މީހުންގެ ކުރިމަތީގައި ޔަލްވީ ބަދުނާމުކުރާކަށް ރަޔާން މަސައްކަތެއް ނުކުރެއެވެ. ދެރައީ އެއިން އެއްވެސް ކަމަކާއިމެދު ޔަލްވީއަށް ކުރިން ވިސްނާނުލެވުނީމައެވެ. އޭރު ޔަލްވީ ބޭނުންވީ އޭނާގެ ހިތުގައި ރޯކުރި ނަފުރަތުގެ އަލިފާންގަނޑުގައި ރަޔާން އަންދައިލާށެވެ.

********

ޔަލްވީއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިޖަހާ އަޑު އިވުމުންނެވެ. ޔަލްވީ ގަދަކަމުން ދެލޯ ހުޅުވިއެވެ. ގަޑިއަށް ބަލައިލިއެވެ.

"އަދި ފަހެއްވެސް ނުޖަހާ!" ޔަލްވީ އާފުރެމުން ދެލޯ މަރައިލިއެވެ.

ދެވަނަ ފަހަރަށް އެމީހަކު ޓަކިޖެހީ ކުރިން ޖެހިވަރަށްވުރެ ބާރަށެވެ. ޔަލްވީ ދޮރު ހުޅުވިއިރު، ދޮރުމަތީގައި އަފްސަމް ހުއްޓެވެ.

"ބަންގި ގޮވައިފި" އަފްސަމް ދައްކައިލީ އޭނާގެ އަތުކުރީގައި އޮތް ގަޑިއެވެ. "އަހަރެން މިސްކިތުން އަންނަންވާއިރަށް ނަމާދުކޮށްގެން ނުކުންނާތި!"

"ރަޔާން ކޮބާ؟ މިސްކިތަށް ދިޔައީތަ؟" ރަޔާން ފެންނަން ނެތުމުން ޔަލްވީއަށް އަހައިލެވުނެވެ.

"ގުގުރީގަ ވައިޖަހައިގެން ތިބޭ މީހުންނަކަށް ނޭނގޭނެ އެހެންމީހުން ދާ ތަންތަނެއް" އަފްސަމް ހެމުން ގެއިން ނުކުތެވެ.

********

ރަޔާން ކޮޓަރިއަށް ވަންއިރު ޔަލްވީ ފެންނާކަށް ނެތެވެ. ރަޔާން ހީކުރީ ޔަލްވީ އުޅެނީ ފާހާނާގައި ކަމަށެވެ. ޔަލްވީ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އޮއްވާ ރަޔާންއަށް ނިދުނެވެ.

"ނުވާނެ މިކަމެއް.." ޔަލްވީ އަފްސަމްއާއި ދިމާއަށް އިލޮށިފަތި ހޫރައިލިއެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ.

"ކުނިތަ ތިކެހީ؟ މުޅި ސަރަހައްދުގަ ހުރި ވެއްޔެއްނު ތިއެއްކުރީ" އަފްސަމް ދެފަރާތަށް ބޯ ހޫރައިލިއެވެ. "މަގުތައް ލެވެލް ކުރަން ހައިމާކެއް ނުގެނަޔަސް ވާނެ. ހަފްތާއެއްވީއިރުވެސް ދަހެއްނުވި..."

"ހާދަ ހިރަފުހެއްވެސް އެބަ އޮތޭ. މިހާ ވަރަށް ހަށިގަނޑުގެ ތެރެއަށް ހިރަފުސް ދާންވެއްޖެއްޔާ ވަރަށް އަވަހަށް މަރުވާނެ.... މިރަށު މީހުން އެހާ އަވަހަށް ބަލިވަނީ އެހެންވެޔޭ.... މާސްކު އަޅައިގެން އައީމަވެސް ނޭފަތުގަ ހިރަފުސް ޖެހިއްޖެ...." ގުދަށް އޮވެ ކުނިކެހުމުން ޔަލްވީގެ އުނަގަނޑު ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ.

"ތިހެން އުޅެގެންވިޔަސް ރަޔާންގެ ލޯބި ހާސިލްވެއްޖެއްޔާ މާ ރަގަޅެއްނު...." އަފްސަމް އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. ކިތަންމެ ވަރަކަށް ދިމާކުރިޔަސް ކުރިޔާއި ޚިލާފަށް ޔަލްވީ ރުޅި ނާންނާތީ އޭނާއަށް މަޖާވިއެވެ.

"އަހަރެން ނޫޅެން ރަޔާންއާ ހެދި މޮޔަވެގެންނެއް" ޔަލްވީ އަވަސް އަވަހަށް ބުންޏެވެ. "މިގޭގަ ހުންނަން ބޭނުންވާތީއޭ މިހެން މިއުޅެނީ....."

********

ނިދިފައި އޮތް ރަޔާންއަށް ހޭލެވުނީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ނިދީގައި އޮވެ ފޯނު ހުޅުވާލި ނަމަވެސް ފެނުނު މަންޒަރުން ރަޔާންގެ ނިދި ފިލައިގެން ދިޔައެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ތަސްވީރަށް ބަލަން ރަޔާނަށް އެތައް އިރަކު އޮވެވުނެވެ. އެމީހެއްގެ ދެވަނަ ތަސްވީރާއިއެކު ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ. އެއާއިއެކު ފުންމައިގެން ތެދުވިއެވެ.

ރަޔާން އޮފީހަށް ދާން ތައްޔާރުވެގެން ނުކުތްއިރު ގޭތެރެއިން ޔަލްވީ ފެންނާކަށް ނެތެވެ. އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މޭޒުމަތީގައި ސައި ހަދާފައި ހުއްޓެވެ. ރަޔާން އެނބުރި ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ގޯތިތެރެއިން ޔަލްވީގެ ހުނުމުގެ އަޑު އިވުނެވެ. ކޮޓަރިއަށް ވަނުމުގެ ހިޔާލު ދޫކޮށްލާފައި ރަޔާން ގެއިން ބޭރަށް ނުކުތެވެ. އެވަގުތު ފެނުނު މަންޒަރުން ރަޔާނަށް އަވަސް އަވަހަށް ގޭތެރެއަށް ދެމިގަނެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު