ވިއްސާރަވެ، ވައިގަދަވުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް މިއަދު ޖައްސަން އައި ބައެއް މަތިންދާބޯޓުތަކަށް ނުޖެއްސި މަޑުކުރަން ޖެހި ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ވީއައިއޭ ހިމެނޭހެން މެދުރާއްޖެތެރެއަށް މިއަދުގެ 15:00 އަށް ރީނދޫ ސަމާލެއް ވެސް ނެރެފައެވެ. އެ ސަރަހައްދުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ފްލައިޓް ރާޑާއިން ދައްކާ ގޮތުގައި ބޭރުގެ ބޮޑެތި ބޯޓުތައް ވެސް ވަނީ ވީއައިއޭއަށް ނުޖެއްސި މަތީގައި މަޑުކުރަން ޖެހިފައެވެ. އެގޮތުން, ފްލައި ދުބާއީއާއި ސިންގަޕޯ އެއާލައިންސްގެ އިތުރުން މޯލްޑިވިއަންއިން މާވަރުލަށް ދަތުރުކުރި ފްލައިޓަށް ވެސް ވަނީ ޖެއްސޭނެ ގޮތެއްނުވެ, މަޑުކުރަން ޖެހިފައެވެ.
މޫސުން ގޯސްވެ މިއަދު މާމިގިލި އެއާޕޯޓަށް ދަތުރުކުރި ފްލައިމީގެ ބޯޓެއް ވެސް ވަނީ ޖެއްސޭތޯ، އެއް ގަޑިއިރު ހޭދަކުރުމަށް ފަހު އަނބުރާ ވީއައިއޭއަށް ދަތުރުކޮށްފައެވެ.
އޭވިއޭޓާ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި ވައިގެ ބާރުމިން މިހާރު އުޅެނީ 35 ނޮޓިކަލް މޭލުގައެވެ. އަދި ވިޒިބިލިޓީ އުޅެނީ 2000 މީޓަރުގައެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މިއަދުގެ 11:15 އިން ފެށިގެން 15:00 އަށް ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލެއް ވެސް ނެރެފައެވެ. އަދި، 10:30 އިން ފެށިގެން 16:30 އަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް 11:00 އިން ފެށިގެން 16:30 އަށް އެ ސަމާލު ދަންމާލާފައެވެ.