އިންޑިއާގައި ހާޓް އެޓޭކެއް ޖެހުނު ޕަންޑޫރަންގް އުލްޕޭ ނަމަކަށް ކިޔާ މީހަކު މަރުވި ކަމަށް ނިންމައިގެން އެމްބިއުލާންސްގައި ގެންދަނިކޮށް، ސްޕީޑް ބްރޭކަރުގައި ޖެހުނު ވަގުތު އެ މީހާ މަރުނުވާކަން އެނގިއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ހުޅަނގު މަހާރަޝްތުރާގެ ކޮލަހާޕޫރުގެ ކަސަބާ-ވަޑާއަށް ނިސްބަތްވާ އުލްޕޭއަށް ހާޓް އެޓޭކެއްޖެހި ފަރުވާދީފައިވަނީ ވެސް އެ ސަރަހައްދުގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އުލްޕޭ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ އޭރު ނިންމާފައެވެ. އޭނާ މަރުނުވާކަން އެމްބިއެލާންސްގައި ތިބި މީހުންނަށް އެނގުނީ އޭގެ ސްޕީޑް ބްރޭކަރު ޖެހުނު ފަހުން އުލްޕޭގެ އިނގިލިތައް ހަރަކާތްކުރާ މަންޒަރު ފެނުމުންނެވެ.
އުލްޕޭ މަރުނުވާކަން އެނގުމާ އެކު އޭނާ އެހެން ހޮސްޕިޓަލަކަށް ގެންގޮސް އެ ތަނުގައި 15 ދުވަސް ވަންދެން ވަނީ އިތުރު ފަރުވާދީފައެވެ. އެ މުއްދަތުގެ ތެރޭ އުލްޕޭގެ އެންޖިއޯޕްލާސްޓީ ހަދާފައިވާ ކަމަށާއި އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް އާއިލާގެ މެންބަރަކާ ހަވާލާދީ އެންޑީޓީވީގައި ވަނީ ބުނެފައެވެ.
އުލްޕޭ މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށާއި އެމްބިއުލާންސްގެ ސްޕީޑު ބްރޭކަރުގައި ނުޖެހުނު ނަމަ އޭނާ ދިރިއޮތްކަން ނޭނގުނީސް ކަމަށާއި ނަމަވެސް އެންމެ ފަހުން ސަހަރާގެ ބަދަލުގައި އުލްޕޭ ގެންދެވުނީ ގެއަށް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އުމުރުން 65 އަހަރުގެ އުލްޕޭ މަރުނުވާކަން އެނގުނީ އެމްބިއުލާންސްގައި އޭނާގެ އަވަށަށް ގެންދިޔަ މަގުމަތީގައެވެ. އުލްޕޭގެ މަރުގެ ޚަބަރާ އެކު އޭނާގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުން އަދި އަވައްޓެރިން އެއްވެ އޭނާގެ ޖަނާޒާގެ ކަންތައް ކުރުމަށް ވެސް ދިޔައީ ތައްޔާރުވަމުންނެވެ.
އުލްޕޭ ހޮސްޕިޓަލަށް ގެންދެވުނީ ބޮލުގައި ރިއްސުމާ އެކު ނޭވާ ހިއްލާކަމުގެ އިހުސާސްކުރެވެން ފެށުމުންނެވެ. އޭނާ މަރުވި ކަމަށް ނިންމި ހޮސްޕިޓަލުން އުލްޕޭ މަރުނުވާކަން އެނގުނު ޚަބަރާ ގުޅިގެން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.