ގއ. ވިލިނގިލީގެ ރަށްވެހީންގެ ތެރޭގައި ނުހިމެނޭ ފަރާތްތަކަށް ވެސް އެ ރަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިއިރު، އެ ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ވެސް މާކްސްދޭގޮތަށް ނިންމައި އުސޫލު އާންމުކޮށްފިއެވެ.
ދެ ކެޓަގަރީއަކުން ވިލިނގިލިން ބަންޑާރަ ގޯތި ދޫކުރަން ހުޅުވައިލީ އިއްޔެއެވެ. އެއީ އެ ރަށުގެ ރަށްވެހީންނަށް ދޫކުރާ 115 ގޯއްޗާއި، އެ ރަށަށް ރަށްވެހިކަން ބަދަލުކުރުމަށް އެދޭ ފަރާތްތަކަށް ޚާއްސަކޮށްފައިވާ 25 ގޯއްޗެވެ. މި ބަންޑާރަ ގޯތިތަކުގެ ތެރޭގައި ހިމެނެނީ 2،000 އަކަފޫޓާއި 3،000 އަކަފޫޓާ ދެމެދުގެ ގޯތިތަކެވެ.
މީގެ ތެރެއިން ވިލިނގިލީގައި ރަށްވެހިކަން ނެތް ފަރާތްތަކަށް ޕޮއިންޓުދިނުމުގައި މައިގަނޑު ހަ ކަމަކަށް ބަލައެވެ.
މީގެ ތެރޭގައި ތައުލީމީ ދާއިރާއިން އެންމެ މަތިން ހާސިލްކޮށްފައިވާ ސަނަދުގެ ބައިން ޕޮއިންޓުދޭނީ:
- މާސްޓާސް ޑީގްރީއަށް - 10 ޕޮއިންޓް
- ބެޗްލާސް ޑިގްރީއަށް - 8 ޕޮއިންޓު
- ޑިޕްލޮމާ އަދި އޯލެވެލް ފުރިހަމަކޮށްފައިވާނަމަ - 5 ޕޮއިންޓު
މި ކެޓަގަރީން މާކްސްދޭއިރު، ވިލިނގިލީގައި ނުވަތަ އެ ރަށާ ކައިރި ރިޒޯޓެއްގައި ނުވަތަ ކޫއްޑޫ އަދި ކޫއްޑޫ އެއާޕޯޓުގައި ވަޒީފާ އަދާކުރަމުންދާ ކޮންމެ އަހަރަކަށް ތިން ޕޮއިންޓު ލިބޭނެއެވެ. ކައިވެނިކޮށްގެން އުޅޭ ފަރާތެއް ނަމަ، 20 ޕޮއިންޓު، އަދި ލިބިފައިވާ ނުވަތަ ހަވާލުވެގެން ހުންނަ 18 އަހަރުން ދަށުގެ ކޮންމެ ދަރިއަކަށް ވެސް ތިން ޕޮއިންޓު ލިބޭނެއެވެ.
މި ކެޓަގަރީން ޕޮއިންޓުދޭ އުސޫލުގައިވާ ގޮތުން، ވިލިނގިލީގެ ރަށްވެއްސަކަށް ނުވާނަމަ، 20 ޕޮއިންޓު ލިބޭނެއެވެ. އަދި އުމުރުން 30 އަހަރު ނުވަތަ އެއަށްވުރެ އުމުރުން ދޮށީނަމަ، 16 ޕޮއިންޓު ލިބޭނެއެވެ.
ވިލިނގިލީ ކައުންސިލުން ކުރި އިއުލާނުގައިވަނީ މިދިޔަ ޑިސެންބަރު 31އިން ފެށިގެން މި ފެށުނު ޖެނުއަރީ 30ގެ ނިޔަލަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ ގޮތުން ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު 13:00އަށް، ވިލިނގިލީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ފޯމު ދޫކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.
އަދި އީމެއިލް ޒަރީއްޔާއިން ފޯމް ހުށަހަޅާނަމަ އެ އިދާރާއަށް މެއިލްކޮށް، ރަސްމީގަޑީގައި އިދާރާގެ ނަންބަރު 6820027 އަށް ގުޅައި، ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.