"ދަރިފުޅުގެ މަންމަ." އަޒްލަފްގެ އެ ޖަވާބު އަވަހެވެ.
ލުޔޫނާގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އެ ސުވާލުތައް ކުރުން އެއީ އެންމެ އެކަށީގެންވާ ދަނޑިވަޅަށް ނުވާތީ އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. ވަކިން ޚާއްސަކޮށް އެތަނުގައި ޝައުފާ ހުރީތީއާވެސް އެކީގައެވެ. އާއިން ފިޓް ޖެހުނީ ހުން ގަދަވެގެން ގޮސް ކަމަށްވުމާއެކު އެކަމަށް ސަމާލުކަން ދިނުމަށް ލުޔޫނާ ބުންޏެވެ. އަދި މާދަމާ ހެނދުނުން ފަށައިގެން އާއިންއަށް ދޭން އިތުރު ބޭހެއް ލިޔެދޭނެކަމުގައި ބުނެލިއެވެ. ލުޔޫނާ އެހެން ބުނުމުން އަޒްލަފްވެސް ޝައުފާއަށް ބަލާލާފައި ލުޔޫނާއާއެކު ގޮސް އެ ރޫމުން ނުކުތެވެ. އޭނާ ލުޔޫނާއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރީތީއާވެސް އެކުގައެވެ. އަޒްލަފް ނުކުތުމުގެ ކުރިން ޝައުފާއަށް ބަލާލި ގޮތުން ޝައުފާއަށް ތުންފަތުގައި ދަތް އަޅާލަމުން އާއިންއަށް ބަލައިލެވުނެވެ. އެ ނަޒަރުން އެބުނީ އޭނާ ނެތް ގަޑިއެއްގައިވެސް އާއިންއަށް ބަލަން ކަން ޝައުފާއަށް ނަގައިގަނެވުނެވެ.
"އިޓްސް ރިއަލީ ނައިސް ޓު ސީޔޫ. އަހަރެން ހިޔެއް ނުކުރަން މިހާ ދުވަސްފަހުން ލުޔޫ އާ ދިމާވާނެކަމަކަށް. ލުޔޫވެސް މީހަކާ އިނދެގެން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރީވިއްޔަ." މާޒީގެ ހަނދާނެއް އާކުރަމުން އަޒްލަފް ބުނެލިއެވެ.
"އާނ… " ލުޔޫނާ ބުނެލިއެވެ.
"ކޮން އިރަކު މާލެ އައީ؟ އަހަންނަކަށް ނުވެސް އެނގޭ ޖޮއިން ކުރިކަމެއް؟" އަޒްލަފް ހިނިތުންވެލިއެވެ.
"އަދި ވާނީ ހަފްތާއެއް ހާ ދުވަސް. " ލުޔޫނާ އެ ސުވާލަށް ޖަވާބު ދިނުމުން އަޒްލަފް އެހެންހެއްޔޭ ކިޔާފައި ބޯ ޖަހާލިއެވެ.
އަޒްލަފްއާ ލުޔޫނާއާއި ދިމާވީ އެމީހުން އެމްބީބީއެސްއަށް ކިޔަވަމުން ދިޔަ ދުވަސްވަރުގައެވެ. އޭރު އުފެދުނު އެކުވެރިކަން ބަދަހިވެ ކޯސް ނިމެންދެންވެސް އެ ދެމީހުން އުޅުނީ އެއްކޮށެވެ. އޭރު އެމީހުންނާއެކު އިތުރު ދިވެއްސަކު ނުކިޔަވާތީކަމަށްވެސް ވެދާނެއެވެ.
ކޮލެޖުގައި ވެސް ލުޔޫނާއަކީ އޭނާގެ އަންހެންވަންތަ ސިފަތަކުގެ ސަބަބުން މަޝްހޫރު ކުއްޖެކެވެ. އޭނާގެ ބުޅި އިސްތަށިގަނޑާއި މަޑުމުށިކުލައިގެ ކަޅިއަކީ ވަކީން ޚާއްސަކޮށް ފިރިހެން ކުދިން އެންމެ އަޅައިގަންނަ ސިފައެވެ. އެމްބީބީއެސްއަށްފަހު، ލުޔޫނާ ޔޫކޭ ޒުވާނަކާ އިނދެގެން އޭނާގެ ދިރިއުޅުން އެކީ ޔޫކޭއަށް ބަދަލުކުރީއެވެ. އޭގެފަހުން އަޒްލަފްއަށް ލުޔޫނާ ފެނުނީ މީގެ ތިން އަހަރު ދުވަސްކުރިން މެލޭޝިޔާގައި އޮތް ކޮންފަރެންސަކުންނެވެ. އޭރުވެސް ލުޔޫނާ އުޅެނީ ފިރިމީހާއާއެކު ޔޫކޭގައެވެ. ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ ރާއްޖެ އަންނަން ބޭނުންވިޔަސް ފިރިމީހާގެ ވަޒީފާގެ ސަބަބުން ރާއްޖެއަށް ދިރިއުޅުން ބަދަލުކުރެވެން ނެތްކަމުގައެވެ.
"ފިރިމީހާ ކޮބާ؟" އަޒްލަފް ލުޔޫނާއާ ސުވާލުކޮށްލުމުން ލުޔޫނާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އޭނާ އިރުކޮޅަކު އިސްޖަހާލައިގެން ހުއްޓެވެ.
"ނިޔާވެއްޖެ!" ލުޔޫނާގެ އަނގައިން އެބަސްތައް ނުކުތްއިރު، އޭނާގެ އަޑުގައި ވަނީ ހިތާމައިގެ އަސެރެވެ. އަދިވެސް ފިރިމީހާ ނެތުމުގެ ފަޅުކަން އޭނާއަށް އިޙްސސްކުރެވޭކަން އެ އަޑުން އެކަނިވެސް ފާހަގަ ވަމުން ދިޔައެވެ. މޫނުމަތީގެ ކުލަވަރުތަކުން މާޔޫސްވެފައިވާ ވަރުވެސް އަޒްލަފްއަށް ހާމަވެގެން ދިޔައެވެ.
"ހަމަސް ވެއްޖެ." އަޒްލަފް ސުވާލުކުރުމުގެ ކުރިން ލުޔޫނާ އޭނާގެ ހިތުގައިވާ ސުވާލަށް ޖަވާބު ދީފިއެވެ. ލުޔޫނާގެ ފިރިމީހާ ވިވިއަންއަކީ ލުޔޫނާއާ ކައިވެނިކުރި އިރުވެސް ކިޑްނީގެ ބައްޔަކަށް ފަރުވާ ކުރަމުންދިޔަ މީހެއްކަން އަޒްލަފްއަށް އެނގުނެވެ. އެހެންކަމުން އޭނާ ހީކުރީ ވިވިއަން ނިޔާވީ އެ ބަލީގައި ކަމަށެވެ.
"ކިޑްނީ މައްސަލައިގައިތަ؟" އަޒްލަފް ސުވާލުކޮށްލުމުން ލުޔޫނާ ދެފަރާތަށް ބޯ ހޫރާލިއެވެ.
"ނޫން. އޭރު ފެތުރުނު ރޯގާއެއްގައި." ލުޔޫނާ ބުނެލިއެވެ. "ނިއުމޯނިޔާ…"
"އައި އެމް ސޮރީ ޓު ހިޔަރ ދެޓް." ލުޔޫނާއަށް ބަލާލާފައި އަޒްލަފް ބުނެލިއެވެ. އޭނާ އިސްޖަހާލައިގެން ހުރި ލުޔޫނާގެ ކޮނޑުގައި އަތް ޖައްސާލާފައި ހިތްވަރު ދިނެވެ.
"އަޒްލަފް…އަހަރެން ވާހަކައެއް އަހާލަންތަ؟" ލުޔޫނާ އަޒްލަފްއަށް ބަލައިލިއެވެ. އޭނާގެ ހިތުގައިވި ސުވާލުކޮށްލަން ލުޔޫނާވެސް ބޭނުންވީއެވެ.
"ރޫމް ތެރޭގަ އެހުރީ އަޒްލަފް ދަރިފުޅު މަންމައޭ ބުނީމެއްނު. ކޮންފަރެންސުން ދިމާވިއިރު ޔޫ ޓޯލްޑީ ޔޫ އާރ މެރީޑް ވިތް އަ ކިޑް އޭ… " އެ ހިސާބަށް ބުނެފައި ލުޔޫނާ މަޑުޖެހިލި ނަމަވެސް، އޭނާ އަހަން އެ އުޅޭ ވާހަކަ އަޒްލަފްއަށް އެނގުނެވެ.
"ހޫމް… ޝައުފާއެއީ މައި އެކްސް ވައިފް.. ވީ އާ ޑިވޯސްޑް…" އަޒްލަފް ބުނެލިއެވެ.
"އާއިން ހުންނަނީ އަޒްލަފް ކައިރީގަތަ؟" ލުޔޫނާ އިތުރު ސުވާލެއް ކޮށްލިއެވެ.
"ނޫން. ޝައުފާ ކައިރީގައި." އަޒްލަފް ބުނެލިއެވެ.
އެވަގުތު ލުޔޫނާގެ ފޯނު ރިންގުވުމާއެކު އޭނާ ފޯނު ނަގާ ބަލައިލިއެވެ. ފޯނުން ވާހަކަ ދައްކާ ނިންމާލާފައި ލުޔޫނާ އަޒްލަފްއަށް ބަަލައިލިއެވެ.
"އައި ހޭވް ޓު ގޯ. އެމަރޖެންސީ ކޭސްއެއް. ބޭސް ސިޓީ ހަވާލުކޮށްލަން ނަރުސްކުދިން ކައިރީގަ ބުނެލާނަން އިނގޭ." އެހެން ބުނެލާފައި ލުޔޫނާ ދިޔުމުން އަޒްލަފް ވެސް ގޮސް އާއިން އޮތް ރޫމަށް ވަދެލިއެވެ. އޭރު ޝައުފާ އާއިން އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިނެވެ. އަޒްލަފް ފެނުމާއެކު ބޭސް ކޮބައިތޯ ޝައުފާ ސުވާލުކުރިއެވެ.
"އަދި ބޭސް ސިޓީ ނުލިބޭ." އަޒްލަފް ބުނެލިއެވެ. އޭނާ އާއިންގެ ބޮލުގައި ފިރުމާލިއެވެ. އެ މަންޒަރު ބަލަން އިން ޝައުފާއަށް ބެލެނީ އަޒްލަފްއަށެވެ. ލުޔޫނާ ފެނިގެން އަޒްލަފް ހައިރާންވީ ވަރާ އެ ތުންފަތްމަތިން ފެނުނު ހިނިތުންވުމުގެ ސަބަބުން އެއީ ކާކުކަން އެނގުމުގެ ޝައުގުވެރިކަން އެ ގެ ހިތުގައ ވެސް އުފެދިގެން ދިޔައެވެ. މީގެ ކުދިން އަޒްލަފް ދުވަހަކުވެސް ލުޔޫނާއެއްގެ ވާހަކަ އޭނާގެ ގާތުގައި ބުނަފައެއް ނުވެއެވެ. އިނދެގެން އުޅުނުއިރުވެސް ދުވަހަކުވެސް، ލުޔޫނާއެކޭ ކީ އަޑެއް އޭނާ ނާހައެވެ. ޝައުފާ އޭނާއަށް ބަލާކަން އަޒްލަފްއަށް ވެސް ފާހަގަ ކުރެވުނެވެ. އެންމެފަހުން އޭނާ ވެސް ޝައުފާއަށް ބަލާލައިފިއެވެ.
"ކިހިނެއްވީ؟" އަޒްލަފް ސުވާލުކޮށްލިއެވެ.
"އެއީ ކާކު؟" ޝައުފާއަށް ސުވާލުކޮށްލެވުނެވެ. އަޒްލަފް އެއްޗެއް ނުބުނެ އޭނާއާ ދިމާލަށް ބަލަން ފެށި ގޮތުން ޝައުފާ ލަދުގަންނަގޮތްވިއެވެ.
"އެއީ ކާކުކަން ޝައުފާއަށް އެހާ މުހިންމު ވަނީ ކީއްވެ؟" އަޒްލަފް ބުނެލިއެވެ. ޝައުފާގެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމަކީ މުހިންމުކަމެއްކަމުގައި އޭނާ ނުދެކުނެވެ. އަޒްލަފްގެ އެ ޖަވާބުން ޝައުފާގެ ދެބުމަ ގާތް ވެލިއެވެ.
އިތުރު ވާހަކައެއް ނުދައްކާ ދެމީހުން ތިއްބާ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަނީ ރިސާމާއާ ނަޖީބެވެ. ރިސާމާ ވަދެގެން އެ ދިޔަ ގޮތަށް ގޮސް ހުއްޓުނީ އާއިންގެ ކައިރީގައެވެ. ނަޖީބުވެސް ގޮސް އަޒްލަފްގެ ކައިރީގައި މަޑުކޮށްލިއެވެ.
"މިހާރު ކިހިނެއް؟ ހުންގަނޑު މަޑުވެއްޖެތަ؟" އާއިންގެ ނިތުގަޔާއި ކަރުގައި އަތް ޖައްސާލަމުން ރިސާމާ ސުވާލުކޮށްލިއެވެ.
"އާނ. މިހާރު ރަނގަޅު." އަޒްލަފް އެހެން ބުނެލުމުން ރިސާމާއަށް ދެން ބަލައިލެވުނީ ޝައުފާއަށެވެ. އޭރު ޝައުފާވެސް ހުރީ ތެދުވެ ކޮޅަށެވެ. ރިސާމާއަށް ޝައުފާ ފެނުނީ ވަރަށް ދުވަސްފަހުންނެވެ. ކުރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. ރިސާމާގެ މޫނުމަތިން ނުރުހުމުގެ އަސަރުތައް ފެނިގެން ދިޔައެވެ.
"ހުން އައިސްގެން ފިޓު ޖެހޭނީ ވަރަށް ބޮޑުވަރުވީމަ. މިވަރު ވީއިރު ޝައުފާއަށް ނޭނގުނުތަ؟" ރިސާމާއަށް ވެސް ޝައުފާއާ ކުރެވުނީ އަޒްލަފްވެސް ކޮށްލި ސުވާލެވެ. ދޭނެ ޖަވާބެއް ނޭނގި ޝައުފާއަށް ހުރެވުނީއެވެ. އޭނާ އަޒްލަފްއަށް ބަލައިލިއެވެ.
"ކީއްކުރަން އަޒްލަފްއަށް ތިބަލަނީ؟" އަހަރެން ސުވާލުމިކުރީ އަޒްލަފްއަކާ ނޫނެއްނު. ޝައުފާއާއާ ސުވާލުމިކުރަނީ. ޔަޤީން މިކަމުގައިވެސް ޝައުފާގެ އިހުމާލެއް ވާނެ!" ރިސާމާއަށް ބުނެވުނެވެ. އެއާއެކު ޝައުފާގެ މޫނުމަތިން ހާސްކަން ފެނިލިއެވެ. އޭނާ އެ އަސަރުތައް ވަންހަނާ ކުރަން މަސައްކަތްކުރިއެވެ. ރިސާމާ އެހެން ދިމާލަކަށް ބަލައިލުމާއެކު ކަޅި ދެފަރާތަށް ހިންގާލި ގޮތުން އެކަނިވެސް އޭނާ ބޮޑުކަމެއް ސިއްރުކުރަން މަސައްކަތްކުރަނީކަން އެނގެއެވެ.
"މަންމާ… އާއިން ހޭލަފާނެ." އާއިން ކުކުރާލުމުން އަޒްލަފްއަށް ބުނެވުނެވެ. ރިސާމާއަށްވެސް އޭނާއަށް ވާހަކަ ދެއްކުނީ މާ ބާރަށްކަން އިޙްސާސްވެ، މާފަށް އެދުނެވެ.
"ކޮބާ އަފޫ؟" އަޒްލަފް ސުވާލުކޮށްލިއެވެ.
"މަންމަމެން މިއައީ ކާރުގަ. އަފޫ ބުނި ސައިކަލުގެ މި ދަނީ އޭ. މިހާރު އަންނާނެ ކަންނޭނގެ." ރިސާމާ ބުނެލިއެވެ. އޭނާ ނަޖީބު ކައިރީގައި އަފްނާންއަށް ގުޅާފައި ކިހާ ހިސާބަކުތޯ އެހުމަށް އެދުމުން ނަޖީބު އަފްނާންއަށް ގުޅައިލިއެވެ.
"ފޯނެއް ނުނަގާ." އަފްނާން ފޯނު ނުނެގުމުން ނަޖީބު ބުނެލިއެވެ. ފޯނު ތިރިކޮށްލިތާ ގިނަ އިރެއް ނުވެ ނަޖީބުގެ ފޯނު ރިންގްވިއެވެ. ގުޅީ އަފްނާންއެވެ. ފޯނު ނަގާފައި، އާއިން އޮތް ވާރޑާއި ކޮޓަރި ނަންބަރު ބުނެލުމުން އަފްނާން ފޯނު ބޭއްވިއެވެ.
އޭގެ އިރުކޮޅެއްފަހުން އަފްނާންވެސް އައިސް އެ ރޫމަށް ވަނެވެ. އޭނާވެސް އެންމެ ފުރަތަމަ ސުވާލުކުރީ އާއިންއާ ބެހޭގޮތުންނެވެ. އަފްނާންވެސް ޝައުފާއަށް ބަލައިލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔަނަމަވެސް، އެއްޗެއް ނުބުނެއެވެ.
ފަތިސް ނަމާދަށް ގޮވުމުން ނަޖީބާއި އަޒްލަފްއާ ދެމީހުން މިސްކިތަށް ދާން ނުކުތީ އަފްނާންވެސް ގޮވައިގެންނެވެ. ބައްޕައާއި އަޒްލަފްއާ ދެމީހުން ކިޔުމުން ނުގޮސް މަޑުކުރާކަށް އަފްނާންއަކަށް ނުކެރުނެވެ. އެއާއެކު ރިސާމާވެސް އަަވަސްވެގަތީ، ފަތިސްނަމާދުކޮށްލުމަށެވެ. އޭރުވެސް އާއިންއަށް އޮތީ ނިދިފައެވެ.
ހޮސްޕިޓަލުގައި ހުންނަ މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން ނަޖީބުމެން ނުކުތެވެ. ހޮސްޕިޓަލުގެ އާ އިމާރާތާ ހިސާބަށް އަރާފައި، އަފްނާންއަށް އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.
"އެބަ އަންނަން އިނގޭ." އަފްނާން މަޑުޖެހުނެވެ.
"ކޮންތާކަށް؟"އަޒްލަފް ސުވާލުކޮށްލިއެވެ. އެއާއެކު އަފްނާން ބުނީ އޭނާ ކޮފީއެއް ބޭނުންވާކަމުގައެވެ.
"މާލަހެއް ނުވާނަމޭ…" އަފްނާން އެހެން ބުނެލާފައި އަޒްލަފްމެން ލޯ މަތިން ގެއްލެންދެން މަޑުކޮށްލިއެވެ. ދެން އޭނާ އެރީ ލިފްޓުން މައްޗަށެވެ. މައުވާގެ ގާތަށް ދިޔުމުގެ ބޭނުމުގައެވެ.
ލަސް އަފްނާން ވާރޑަށް ގޮސް މައުވާގެ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. ކޮޓަރީގެ ލައިޓްތައް ހުރީ ދިއްލާފައެވެ. އިތުރު މީހަކު އެ ކޮޓަރި ތެރެއަކު ނެތެވެ. މައުވާގެ ކައިރިއަށް ހުއްޓުމަށްފަހު މައުވާގެ ކޯތާފަތުގައި އަފްނާންއަށް އަތް ޖައްސާލެވުނެވެ. މައުވާގެ ކުރީގެ ހިނިތުންވެފައިވާ މޫނު އޭނާގެ ސިކުނޑީގައި ތަސްވީރުވެގެން ދިޔުމާއެކު، އަފްނާންއަށް ދެލޯ މަރާ ފިއްތާލެވުނެވެ. އެއާއެކު ލޮލުގެ ތެރެއިން ކަރުނައިގެ ތިއްކެއް ވެއްޓިއްޖެއެވެ. ދެ އަހަރު ވަންދެން މައުވާ އެހެން އޮތްކަން އެނގުނުފަހުން އަފްނާންއަށް ހަމަ އޭނާގެ ނަފްސު ކުށްވެރި ކުރެވެނީއެވެ. ސީދާ ވީ ކީއްކަން ނޭނގުނު ނަމަވެސް، ދެ އަހަރު ކުރީގެ އެ ހާދިސާއާ މައުވާގެ އެ ޙާލަތާ ގުޅުމެއް ވާނެޔޭ އޭނާގެ ހިތް ބުނަނީއެވެ. އެހާވަރަށް އަމިއްލަ މީހާގެ ނަފްސު ކުށްވެރިކޮށް އެކަމާ ހިތާމަ ކުރެވޭ ސަބަބަކީ އެއީ ހެއްޔެވެ؟ އެއްވެސް ހަރަކާތެއް ނުކޮށް މައުވާ އެ އޮންނަނީ ކީއްވެހެއްޔެވެ؟ އޭނާ އަންނަން ދެން ހެއްޔެވެ؟ އިޙްސާސްތައް އޮއްބާލަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، މިރޭ އަފްނާންގެ ހިތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. މައުވާއަށްޓަކައި އޭނާގެ ހިތް ކަރުނަ އަޅާ ރޮނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެ މަންޒަރު ބަލަން އޭނާއަށް ކެތް ނުކުރެވެނީއެވެ.
"އަހަންނަށް މައު މަތިން ދުވަހަކުވެސް ހަނދާން ނައްތައައް ނުލެވުނު. ވަރަށް މަސައްކަތްކުރިން ތި ހަނދާންތަކާ ދުރަށް ދާން. އެހެންނަމަވެސް އެގޮތަކަށް އެކަމެއް ނުކުރެވުނު. މިހާރު އަދި މާ ބޮޑަށް އަހަންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފަށައިފި. ތި ޙާލުގައި މައު އޮންނަތަން ބަލާކަށް އަހަންނަކަށް ކެެތެއް ނުކުރެވޭނެ. ޕްލީޒް ވޭކް އަޕް. އިޓްސް ބީން ޓޫ އިޔާސް. އަހަރެން ދިޔައިމަތަ މައުއަށް ތިހެން ވީ؟ އަހަރެން ދިޔައިމަތަ ތި ޙާލަތަށް ވެއްޓުނީ. ދެ އަހަރުކުރިން ވީ ކީއްކަން އެކަކުވެސް އަހަރެންގެ ކައިރީގައި ނުބުނި. އަހަރެންގެ ހިތުގައިވާ ބޭޤަރާރުކަން ހީވަނީ އަހަރެން މޮޔަކޮށްފާނެެހެން. މައު އަނެއްކާ ކުރަން ނުޖެހޭ ވަރު ކަމެއް… ކުރީތަ؟ ނޫން. ތީ އެހާ ވީކް މީހެއް ނޫން. ޕްލީޒް ވޭކް އަޕް." މައުވާ ހޭ އެރިކަން އަފްނާންއަށް ނޭނގުނީ މިވަގުތުވެސް މައުވާ އޮތީ ފުން ނިދީގައިކަމަށް ވާތީއެވެ. އެކަމުގެ ސަބަބުން މައުވާގެ އެއްވެސް ހަރަކާތެއްވެސް ނެތީތީއެވެ. އޭނާ ހީކުރީ އަދިވެސް މައުވާ އޮތީ ހަމަ ކުރިން އޮތް ޙާލަތުގައި ކަމަށެވެ. އޭނާ މައުވާގެ އަތުގައި މަޑުމަޑުން ފިރުމާލިއެވެ.
ކީކޭ ބުނާ އަޑު ތަ މައު އަހަން ބޭނުންވަނީ؟ ޓެލްމީ… ޕްލީޒް… ލޯ ހުޅުވާލާފަ އެންމެ ފަހަރަކު ވެސް ބުނެބަ… މައު… ލުކް އެޓް މީ…" އަފްނާންއަށް އާދޭސް ކުރެވެން ފެށިއެވެ. މިހާރު އޭނާގެ ޖަޒުބާތުތައް ވަނީ ބޮއްސުންލާ ހިސާބުގައެވެ. ކެތްކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އަމިއްލަ ހިތުގެ އެދުންތަކުގެ ކުރިމަތީގައި އަފްނާން އިސްޖެހިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް މައުވާއާ މެދު އެހިތުގައިވާ އިޙްސާސްތަކާ ދުރަށް ނުގޮސް އެއާ ކުރިމަތިލާން އަފްނާންއަށް މަޖުބޫރުކުރީ އޭނާގެ ހިތެވެ. އެ ހުރިހާކަމަކަށް ފިލަން އުޅޭތާ ކޮން ދުވަހެެއް ހެއްޔެވެ؟ އެހެންނަމަވެސް މިރޭ ތަފާތެވެ. ބޭނުންވަނީ އަމިއްލަ ނަފްސުގައި އުފެދިފައިވާ ހުރިހާ ޝައްކެތްވެސް ފުހެލާށެވެ. އަމިއްލަ ހިތުގެ އަޑު އަހާށެވެ. މައުވާ އަކީ އޭނާއަށް ކިހާ މުހިންމު މީހެއްކަން ޤަބޫލުކުރާށެވެ.
"އަހަންނަށް އެނގޭ އަހަންނަކީ އެންމެ ރަނގަޅު މީހާ ނޫންކަން. އެނގޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަންވެސް. އައި ވޯޒް ރޯންގް. ވެރީ ރޯންގް. އެމް ސޮރީ…." އަފްނާން ވާހަކަ ދެއްކިއެވެ. މިހާރު އޭނާގެ ދެލޮލުންވެސް ކަރުނަ ފައިބަނީއެވެ. އެ ކަރުނަތައް ހުއްޓުވާކަށްވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. ހީވަނީ ފުރަތަމަ ފަހަތަށް ހިތުގެ ގިލަންވެރިކަން ކަރުނައިގެ ސިފައިގައި ބޭރުކޮށްލަން ބޭނުންވެފައި ހުރިހެންނެވެ. އަދި މިހުރިހާ ދުވަހު ކުރިމަތިލާން ނުކުރުނު ހަޤީގަތެއްކަމަށްވާ އޭނާގެ ކުށް ގަބޫލުކޮށް އަމާން ދިންހެންނެވެ. އެތެރެ ހަށީގައި ހިނގަމުންދާ ހަނގުރާމައަށް ނިމުމެއް ގެންނަން ބޭނުންވެފައިވާ ފަދައެވެ. ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި އޭނާ ވަނީ ހަމަ ހަޤީގަތުގައިވެސް ގޮތް ހުސްވެފައެވެ. މައުވާއާ މެދު އިޙްސާސްތަކެއް ވާކަން މިއަދު އެ ހިތަށް ފަހުމް ވެއްޖެއެވެ.
ޕްލީޒް މައު… އައި އެމް ސޮރީ…" އެ އިން ގޮތަށް އިސްޖަހާލައިގެން އިނދެ އަފްނާން އަނެއްކާވެސް ބުނެލިއެވެ. އެތައް ފަހަރަކު މާފަށް އެދުނު ނަމަވެސް އޭނާއަށް ކުރެވުނު ކުށަކީ މާފު ނުލިބޭނެ ވަރުގެ ކުށެކޭ އޭނާއަށް ހީވަނީއެވެ.
މައުވާގެ މޫނަށް ބަލާލާފައި އަފްނާން އެ ކޯތާފަތުގައި އަަތުގެ ނުފުށުން ފިރުމާލިއެވެ.
"އައި… އައި ލަވް…." އަފްނާންއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ސިހުން ލިބި ހަރަކާތްތައް ހުއްޓުނީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. ކަރުނަ ފުހެންވެސް ހަނދާންވީ ދެނެވެ. އަތުގެ ނުފުށުން ކަރުނަ ފުހެލާފައި ފުންނޭވާއެއް އަފްނާން ލިޔެވެ.
"ކާކު؟"
އިވުނު ސުވާލާއެކު، އަފްނާން ފަހަތް ބަލާލުމާއެކު މުޅި މީހާ ފިނިވިއެވެ.
(ނުނިމޭ)