އެއީވެސް އެފަދަ ދުވަހެކެވެ. ސޯފާގައި އިން ރާމިޒާ ފާޚާނާއަށް ވަދެލުމުގެ ބޭނުމުގައި ތެދުވެލިއެވެ. މައުވާއަށް ބަލައިލުމާއެކު އަޅައިގަތް މަންޒަރާއެކު ރާމިޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
މައުވާގެ އަތުގެ އިނގިލިތަކުގެ ހަރަކާތްތައް ފެނުމާއެކު އޭނާއަށް ދުވެފައި ކަހަލަ ގޮތަކަށް މައުވާގެ ގާތަށް ދެވުނެވެ.
"ދަރިފުޅާ… ދަރިފުޅާ…" ހިތް އަވަސްވެފައިވާ ޙާލު ރާމިޒާއަށް މައުވާއަށް ގޮވަން ފެށުނެވެ. އެސްފިޔަތައް ކުޑަކޮށް ތަޅުވާލިހެން ހީވުމާއެކު، ޖަޒުބާތުގައި ޖެހިފައިހުރި ރާމިޒާގެ ދެލޮލުން ކަރުނަތައްވެސް އޮހޮރިގެން ހިނގައްޖެއެވެެ. ދެން އޭނާ އަވަސްވެގަތީ އެތަނުގައި ތިބޭ ނަރުހުންނަށް އެންގުމަށެވެ. އޭނާ އެމަރޖެންސީ ބެލް އަޅަން ފެށުމުން ނަރުސްކުދިން އައިސް އަވަސްވެގަތީ ޑޮކްޓަރަށް ޚަބަރު ދިނުމަށެވެ. ލަސްތަކެއް ނުވެ ޑޮކްޓަރުވެސް އަަތުވެއްޖެއެވެ. ނަސީބަކުން އެވަގުތު ޑިއުޓީގައި ހުރީވެސް އަޒްލަފްއެވެ. އަޒްލަފް މައުވާގެ ކައިރިއަށް ހުއްޓިފައި މައުވާ އެގްޒަމިން ކުރުމަށް ފަހު އެނބުރި ރާމިޒާއަށް ބަލައިލުމާއެކު ފެންކަޅިވެފައި ހުރި ރާމިޒާ އުންމީދާއެކު އަޒްލަފްއަށް ބަލައިލިއެވެ. އެ ދެލޮލުގައި ވި ވިދުމުން އެކަނިވެސް އޭނާ ބޭނުންވަނީ އުންމީދުގެ ކަންޏެކޭ ބުނާ ފަދައެވެ. މިއަދު އެ ހިތް މާޔޫސްވެއްޖެނަމަ އަބަދުގެ އަބަދަށް އޭނާގެ އޭނާގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅު ނިވިދާނެއެވެ.
"މައުވާ ކިހިނެއް؟" ތުރުތުރު އަޅަމުން ދިޔަ އަޑަކުން ރާމިޒާއަށް ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ. އޭނާ ބޭނުމީ ކުޑަ ކުޑަ އުންމީދެކެވެ.
"އަލްޙަމްދުލިއްލާހި. ޕެއިންއަށް ރެސްޕޮންޑް ކުރޭ އެބަ. މިއީ ލިބުނު ކުރި އެރުމެއް." އަޒްލަފް ރާމިޒާއަށް ބަލާލާފައި ބުނެލުމާއެކު، ރާމިޒާއަށް ޙަމްދު ކުރެވުނީ ހެއްދެވި ފަރާތަށެވެ. ޖުމްލަ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"ހޭއަރާނީ ކޮން އިރަކުންތޯ؟" ރާމިޒާއަށް ދެވަނަ ސުވާލެއް އަޒްލަފްއާ ކޮށްލެވުނެވެ.
"ވަކި އެއްޗެއް މި ވަގުތަށް ބުނާކަށް ނޭނގެ. އިތުރަށް ބަލަމުން ދާން ޖެހޭނީ." އަޒްލަފް އޮޅުން ފިލުވައިދިނެވެ. ކުޑަކޮށް މާޔޫސްވިނަމަވެސް، އެ ހިތަށް ވެރިވި އުންމީދުގެ ހުޅުކޮޅާއެކު އައު ދިރުމެއް ވަނީ އެ ހިތަށް ލިބިގެން ގޮސްފައެވެ. ދެން ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ޑޮކްޓަރުންނަށް ދިނުމަށްފަހު އަޒްލަފް އެތަނުން ދިޔުމުން، ރާމިޒާ އެންމެ ފުރަތަމަވެސް ފާޚާނާއަށްވަދެ ވުޟޫ ކޮށްލައިގެން ދެ ރަކުޢަތުގެ ނަމާދެއްކޮށްލިއެވެ. އެތަކެއް ދުވަހަކަށްފަހު އެ ހިތަށް ހަމަޖެހުމެއް ލިބުމުން ﷲއަށް ޝުކުރުވެރިވިއެވެ. އެކަލާނގެ ހުރިހާކަަމަކަށް ވެސް ކުޅަދުން ވަންތައެވެ. ދުޢާ އަކީ މުއުމިނު އަޅުތަކުންގެ އަތުގައިވާ އެންމެ ބާރުގަދަ ހަތިޔާރަށް ވީ ހިނދު ނުވާނެހެން ހީވާ ކިތަންމެ ކަމެއް ދުޢާގެ ބާރުގައި ވެފައިވެއެވެ. ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި ޝުކުރުވެރިވާ ބަޔަކަށް ވަނީނަމަ ކޮންމެ ޙާލެއްގައިވެސް ހިތްތައް ވާނީ ހަމަޖެހުމުގައެވެ. ﷲ އަށް އިތުބާރުކުރާ ޙާލު އެއީ އިމްތިޙާނެއްކަން ގަބޫލުކުރާނަމަ، ހިތުގެ ގިލަންވެރިކަންވެސް ބަލިކަށިވެގެންދާނެއެވެ.
ނަމާދުކޮށް ނިމިގެން ރާމިޒާ މުސައްލަ މަތީގައި އެތަކެއް އިރަކު އިނެވެ. އެއަށްފަހު އޭނާ ތެދުވެގެން ގޮސް މައުވާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ސިހުން ލިބުނީ ދޮރު ހުޅުވާލާފައި ވަތް ޖާވިދު ފެނުމުންނެވެ.
"ބޭބެ.." ރާމިޒާއަށް ބުނެވުނެވެ.
"ރާމިޒާ…. " ޖާވިދުވެސް ރާމިޒާއަށް ގޮވާލާފައި އައިސް މައުވާގެ ގާތަށް ހުއްޓުނެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު މައުވާއަށް ބަލައިލިއެވެ. މައުވާގެ ފަރާތުން އެއްވެސް ކުރިއެރުމެއް ނުފެނުނެވެ. އަދިވެސް ހަމަ އޮތީ އެ ޙާލުގައެވެ. ޒުލްފާގެ ވާހަކަތަކާ މެދު ޖާވިދަށް ވިސްނައިލެވުނީ އެހެންވެގެންނެވެ.
"ކިހިނެއް ރާމިޒާ؟" ޖާވިދު ސުވާލުކޮށްލިއެވެ.
"ރަނގަޅު! ބޭބެ ކިހިނެއް؟" ރާމިޒާ ވެސް ސުވާލުކޮށްލިއެވެ. އެހެންނަމަވެސް، އޭނާ ޖާވިދާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ.
"ރަނގަޅު! މިހާރު ރާމިޒާ ވަރަށް ގެއިން ނުފެނޭ. ގެއަށް ނުދަނީތަ؟ ކާންވެސް ގޮސް އުޅޭތަން ހަމަ އެއްގޮތަކަށްވެސް ނުފެނޭ." ޖާވިދު ވާހަކަ ދެއްކުމުން ރާމިޒާ އެއްޗެއް ނުބުނެ އިންނަން ފެށީ އެއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.
"ބޭބެ ދެކެ ހިތްހަމަނުޖެހުނީ ދޯ. އެނގޭ އެ ވާހަކަ ދެއްކިފަހުންކަން ރާމިޒާއަށް ބަދަލު އަންނަން ފެށީ. އެކަމަކު އެއީ ހަމަ ރާމިޒާއަށް ރަނގަޅަކަށް ދެއްކި ވާހަކައެއް." ޖާވިދު ބުންޏެވެ. ދެންވެސް ރާމިޒާ އެއްޗެއް ނުބުންޏެވެ.
"ކައިފިންތަ؟" ފުންނޭވާއެއްލަމުން ޖާވިދު ސުވާލުކޮށްލުމުން ރާމިޒާ ބޯ ޖަހައިލި ނަމަވެސް، ހަޤީގަތުގައި އޭނާ ހެދީ ދޮގެވެ. ޖާވިދު ވާހަކަ ދެއްކި ނަމަވެސް، އަނގައިން ބުނާ ޚިޔާލެއް ރާމިޒާ ނުކުރެއެވެ. ހަޤީގަތުގައި އޭނާ ހުރީ ޖާވިދު ދެކެ ރުޅި އައިސްފައެއް ނޫނެވެ. އެހެންނަމަވެސް، ދެރަވީލެއް ބޮޑުކަމުން އެއްޗެއް ބުނަން ނުކުޅެދުނީއެވެ. އެހެންނަމަވެސް، ރާމިޒާގެ އެ ހިމޭންކަމުގެ މާނަ ޖާވިދު ނެގީ މުޅިން އެހެން ގޮތަކަށެވެ. އޭނާ ހިތްހަމަނުޖެހުނީ އެހެންވެގެންނެވެ.
"ރާމިޒާ ކޮން ކަމަކާ ރުޅި އައިސްފަ ތި ހުންނަނީ؟ އަހަރެން އެހެން ބުނީމަ؟…" ޖާވިދު ގާތަށް ރުޅިއައިސްފައި ހުރުމުން އަތުރާލި ޖުމްލަތައް ހަރުކަށިވެފައިވެފައި އެ އަޑުވެސް ބާރެވެ.
"އުންމީދު އެބައޮތް." ރާމިޒާ ވާހަކަ ދެއްކީ ދެނެވެ. އޭނާ އެހެން ބުނެލީ މަޑުމަޑުން ނަމަވެސް، އެ ބުނި އެއްޗެއް ޖާވިދަށްވެސް ސާފުވިއެވެ. ރާމިޒާ ޖާވިދާ ހަތަރު ކަޅި ހަމަކޮށްލީ ދެނެވެ.
"އާ. އުންމީދު އެބައޮތް. ޑޮކްޓަރުން އެ އުންމީދު އަހަންނަށް ދީފި." ރާމިޒާ ބުނެލިއެވެ.
"ކިހިނެއްވީ؟ އަހަންނަށް މި ބުނެވުނީ ބުނެގެން ނުވާނެ ފަދަ އެއްޗެއްތަ؟" ޖާވިދު ހިމޭންވުމުން ރާމިޒާ ވާހަކަ ދެއްކިއެވެ.
"ޑޮކްޓަރު އެއްޗެއް ބުނީތަ؟" ޖާވިދު އެނގެން ބޭނުން ވިއެވެ.
"މިއަދު ފުރަތަމަ ފަހަރަށް މައުވާ ހަރަކާތްކުރި." ރާމިޒާ އެހެން ބުނެލާފައި ޑޮކްޓަރ އަޒްލަފް ދެއްކި ވާހަކަތައް ޖާވިދަށް ކިޔައިދިނެވެ. އެ ހުރިހާ ވާހަކައެއް އަޑު އަހަން ޖާވިދު ހުރީ އެއްޗެއް ނުބުނެއެވެ. ރާމިޒާ ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ.
"އަހަރެން ބޭބެމެން ގެއަށް ދިޔައީ ބޭބެ ގެންދިޔައިމަ. އެ ދުވަހު ބޭބެ އަހަންނަށް އެހީ ނުވިނަމަވެސް އިރާދުކުރެއްވިއްޔާ ކޮންމެވެސް ގޮތެއް އަހަންނަށްވެސް އޮންނާނެ. ފަހަރެއްގައި ވެސް ބޭބެއަށް ލިބޭ ފައިސާތައް ބޭނުންކުރުމުގެ ނިޔަތުގައެއް ނޫން. ތިގެއަށް ދިޔަފަހުން އެއްފަހަރުވެސް، އަހަރެން ފައިސާއަށް އެދުނިންތަ؟ ބޭބެ ހެޔޮ ހިތުން ދިން އެއްޗެއް އަހަރެން ބޭނުންކުރަނީ. އަހަންނަށް އެނގޭ ބޭބެގެ ދަރިންވެސް ކިޔަވަން ދާން ބޭނުންވާކަން. ކާ އެއްޗެހި ގަންނަން ޚަރަދު ދާކަންވެސް. ފެނާ ކަރަންޓާއެއީ ވެސް ހަރަދުކަން. ގެއަށް ގޮސް ވަންނައިރަށް އަހަންނާ ދިމާލަށް ފަތިވަރު އަމުނާލާ އިރު ހީވަނީ އަހަރެންހެން ބޭބެއަށް ލިބޭ ހުރިހާ ފައިސާއެއް ހަރަދުކުރަނީ؟ ބޭބެގެ އަންހެނުންގެ ފަރާތުން އަހަންނަށް އަމާޒުވާ ބަސްތަކުގެ ސަބަބުން ތިގެއަށް ވަންނަން އަހަރެން ޖެހިލުންވޭ." ރާމިޒާ ޖާވިދާ ދިމާލަށް ބުނަން ބޭނުންވާ އެތަކެއް ބައިވަރު ވާހަކަތަކެއް ހުރިނަމަވެސް، އެހުރިހާ ވާހަކަތައް ދުލާ ހިސާބަށް ގެނައުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ. މާދަންވެސް މައުވާ ހޭއަރައިފިނަމަވެސް ގޮސް ވަންނަން ހުރީ ހަމަ އެތަނެވެ. އެހީތެރިވިޔަސް ވާނީ ހަމަ ޖާވިދެވެ. ހިމޭންކަމުގައި ހުރެވުނީ އެހެންވެގެންނެވެ. އެ ޙާލަތު ވަނީ އޭނާ ވަަރަށް ބޮޑަށް ބަލިކަށިކޮށްލާފައެވެ. ޖާވިދާ ޒުވާބުކޮށް އަނެއްކާ ވެސް އިތުރު ހާސްކަމެއްގެ ތެރެއަށް އޭނާ ވަންނާކަށް ބޭނުމެއް ނޫނެވެ.
ޖާވިދު ދެވަނަ ފަހަރަށް ސުވާލުކުރިއެވެ.
"އަހަރެން ބޭނުންވަނީ މައުވާއާ އެކީގައި ގިނަވަގުތު ހޭދަކުރަން." ރާމިޒާ ޖާވިދާ ނަޒަރު ވަކިކޮށްލިއެވެ. ރާމިޒާ ގެއަށް ނުދަނީ ޒުލްފާގެ ފަރާތުން އޭނާއަށް ފެންނަ އަމަލުތަކުގެ ސަބަބުންކަން ޖާވިދަށް އެނގުނު ނަމަވެސް، އޭނާ އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. މައުވާއަށް ބަލާލާފައި އޭނާ ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ރާމިޒާ ގާތު ބުނެލިއެވެ.
ޖާވިދު އެތަނުން ދިޔުމުން ރާމިޒާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ މައުވާގެ އަތަށްބާރު ކޮށްލިއެވެ. ލިބުނު އުންމީދުވެފައިވަނީ މިއަދު އޭނާއަށް ލިބިފައިވާ ހިތްވަރަކަށެވެ. އެ ދަރިފުޅު އަލުން މަންމާއޭ ކިޔާލާފައި ގޮވާލާނެ އަޑު އަހާ ހިތުން އޭނާވަނީ ކެތްމަދުވެފައެވެ.
އެރޭ ޒާޔާއާއި ޔޫޝައުއާ ދެމީހުން ހޮސްޕިޓަކަށް ދިޔުމާއެކު، ރާމިޒާ އެ އުފާވެރި ޚަބަރު އެ ދެމީހުންނަށްވެސް ދިނެވެ. އެއާއެކު އެ ދެމީހުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ. އެތަކެއް ދުވަހަކަށްފަހު އެ ދެމީހުންގެ އެކުވެރިޔާ އެނބުރި އަތުވެދާނެކަމުގެ އުންމީދު ހިތުގައި އާވިއެވެ.
*****
އެގޮތުގައި ހަފްތާއެއްހާ ދުވަސް ހޭދަވެގެން ދިޔައެވެ. ރާމިޒާ ސޯފާގައި އޮށޯވެލައިގެން އޮއްވާ އޭނާއަށް ސިހުމެއް ލިބި ފުންމައިގެން ތެދުވެވުނީ، މެޝިންތަކުގެ ބީޕްގެ އަޑު ގަދަވުމާއެކުގައެވެ. އޭނާއަށް ބާރު ބާރަށް މައުވާއާ ދިމާލަށް ހިނގައިގަނެވުނީ ލޯ ހުޅުވާލައިގެން އޮތް މައުވާ ފެނިފައެވެ. ހިނގައިގަތްލެއް ބާރުކަމުން ފައި އަރި އަޅާލާ ގޮތްވެ ނުވެއްޓުނީވެސް ކިރިޔާއެވެ. މައުވާއަށް ބަލާލާފައި އޭނާ ބެލްއަޅާލި ވަގުތު ނަރުހުން ވެސް އައިސް ވަދެއްޖެއެވެ. އެމީހުން ނާރުގެ ޑިޕާރޓްމެންޓުގައި އެވަގުތު ޑިއުޓީ ކުރަމުން ދިޔަ ޑޮކްޓަރަށްވެސް ގުޅައިގެން ގެނެއެވެ. އެހެންނަމަވެސް، އެއީ އަޒްލަފްގެ ކޭސްއަކަށް ވާތީ އެ ޑޮކްޓަރު އަޒްލަފްއަށް ޚަބަރު ދިނެވެ.
އެ ޚަބަރު ލިބުނު އިރު އަޒްލަފް އިނީ ގޭގެ ޓެރެސްގައެވެ. އޭރު އެތަނުގައި ނަޖީބުގެ އިތުރުން ރިސާމާއާއި އަފްނާންވެސް ތިއްބެވެ. އޭނާ އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އޭރު ރޭގަނޑު ގަޑިން އަށެއްޖަހަނީއެވެ.
"ދާން ޖެހުނީ؟" ރިސާމާ އަޒްލަފްއަށް ބަލާލާފައި ސުވާލުކޮށްލިއެވެ. "ބޮޑުކަމެއް ދިމާވީ ދޯ."
" ކޯމާގައި އޮތް ޕޭޝެންޓެއް ހޭލީހެން ހީވަނީ ވާހަކަތަކުން. ދިޔައިމަ ދެން އިނގޭނީ. އެކްސިޑެންޓެއްގަ ބޮލަށް ލިބުނު އިންޖަރީއަކަށްފަހު ވަރަށް ދުވަސްވެއްޖެ އެގޮތަށް އޮންނަތާ." އަޒްލަފްގެ ވާހަކައިން އަފްނާންއަށް އަސަރުކުރިކަން ދޭހަވީ އޭނާގެ މޫނުމައްޗަށް ވެރިވި އަސަރުތަކުންނެވެ. އޭނާ ހަނދާންވީ މައުވާގެ މަތިންނެވެ.
އެހެން ބުނެލާފައި އަޒްލަފް ހޮސްޕިޓަލަށް ދިޔުމަށް ނުކުތެވެ. އެހެންޏާ ދުއްވާ ވަރަށް ވުރެ ބާރު ސްޕީޑުގައި އޭނާ ދުއްވަމުން ދިޔައީވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމުގައެވެ. ހޮސްޕިޓަލާ ހިސާބަށް އާދެވުމުން މުވައްޒަފުން ކާރު ޕާކުކުރާ ތަނުގައި ޕާކުކޮށްލާފައި ގޮސް ހޮސްޕިޓަލަށް ވަދެ މައުވާ ކައިރިއަށް އޭނަ ދިޔައެވެ. އޭރު އިތުރު ޑޮކްޓަރުންވެސް އެތަނުގައި ތިއްބެވެ. ލޯ ހުޅުވާލައިގެން މައުވާ އޮތްނަމަވެސް، ހީވަނީ ހުއްޓުން އަރާފައި އޮތް ހެންނެވެ. ލަސްލަހުން އެސްފިޔަތައް ހުޅުވާލާފައި ލައްޕާލާކަން އެކަންޏެވެ. އަތަށް ފިތާލާފައި ތަދުކޮށްލުމުން، އިނގިލިތައް ހަރަކާތްވެސް ކުރެއެވެ. އެ ނޫނީ އިތުރު ހަރަކާތެއް އޭނާއަކަށް ނުގެނެވެއެވެ.
ޑޮކްޓަރުން މައުވާ ބަލަން ވަގުތު ދީގެން ހުރި ރާމިޒާ ދެލޮލުން އައި ކަރުނަތައް ފުހެލިއެވެ. އެންމެ ފަހުން މައުވާ ހޭލައިފިއެވެ. އޭނާގެ ދުޢާތައް އިޖާބަކުރައްވައިފިއެވެ. ޑޮކްޓަރުން މައުވާގެ ކައިރީގައި ހަރަކާތްތެރިވެފައި ދިޔައިރު މައުވާއަށް އޮތީ ނިދިޖެހިފައެވެ. މައުވާ ހޭއެރުމުން ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް، އޭނާއަށް ފަޅުކަން އިޙްސާސްވީ ފިރިމީހާ ވަސީމް ނެތުމުންނެވެ. މައުވާ އެ ޙާލުގައި އޮށްވާ އެކަން އެނގުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޑޮކްޓަރުން ބުނެފައިވަނީ އަދި މައުވާއަށް ހާސްކަން ލިބޭ އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. މައުވާގެ ޙާލަތު ވަރަށް ގާތުން ބަަލަން ޖެހޭ ކަމަށާއި ކަންތައްތައް ހަނދާން ހުރި މިންވަރު، އެނގޭނީވެސް ރަނގަޅަށް ހޭއަރާ ހަމައަކަށް އެޅެމުން ދާ ވަރަކަށްކަމުގައެވެ.
އެ ޚަބަރު ރާމިޒާ ޖާވިދަށް ދިނުމުން އޭނާ އައީ ޒުލްފާވެސް ގޮވައިގެންނެވެ. ޒުލްފާ ހީވަނީ އަދިވެސް ނުރުހިފައި ހުރިހެންނެވެ. އޭނާ ރާމިޒާއަށް ބަލާލާފައި މައުވާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ޒުލްފާ އެއްޗެއް ނުބުނި ނަމަވެސް އޭނާ ހީވަނީ ކަމަކާ ވިސްނާހެންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މައުވާ ހޭ އެރުމުން ދެން ކުރަން ޖެހޭ ޚަރަދުތައްވެސް ކުރަން ޖެހޭނީ ޖާވިދަށެވެ. ކުރަން ޖެހޭ ޚަރަދުތައް އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. އެކަކަށް ވެސް ނުފެންނާނެހެން ތުން އަނބުރާލެވުނީ ވެސް އެހެން ހިތަށް އެރުމުންނެވެ. ޖާވިދުމެން ދިޔައީ ވަރަށް ގިނައިރު، އެތަނުގައި ތިބެފައެވެ. އެއާއެކު ރާމިޒާ ވެސް މައުވާގެ ކައިރީގައި އިށީނދެލިއެވެ.
އަޒްލަފް ގެއަށް ދާންވެގެން ނުކުމެ ނުކުމެ ހުއްޓާ، ލިބުނު ފޯނު ކޯލަކާއެކު އޭނާ އެނބުރި ހިނގައިގަތީ ހޮސްޕިޓަލު ތެރެއަށެވެ. އޭރު އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް ފެންނަން ފަށައިފިއެވެ. ބާރު ފިޔަވަޅުތަކެއްގައި ގޮސް އަޒްލަފް ވަނީ ކުޑަކުދިންގެ އެމަރޖެންސީ ބަޔަށެވެ. އެމަރޖެންސީބައިގެ ތެރޭގައި ހަދާފައިހުރި ކުޑަކުދިން އެމަރޖެންސީކޮށް އެޑްމިޓްކޮށްގެން ފަރުވާ ދޭ ވޯރޑަށް ވަނުމަށްފަހު، އޭނާ ވަށައިގެން ހޯދާލިއެވެ. ހަވަނަ ނަންބަރު އެނދު ކައިރީގައި ހުއްޓި ހުރި ޝައުފާއާއި އެނދުގައި އޮތް އޭނާގެ ދަރިފުޅު އާއިން ފެނުމާއެކު އެދިމާލަށް ދެވުނު ގޮތްވެސް އަޒްލަފްއަށް ނޭނގުނެވެ. އޭރު ޑޮކްޓަރުން އާއިންގެ ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ.
"އާއިންއަށް ކިހިނެއްވީ؟" އަޒްލަފް ސުވާލުކޮށްލީ ޝައުފާއާއެވެ.
"ހުން އައީ…" ޝައުފާއަށް ބުނެވުނީ އެވަރަށެވެ. އަޒްލަފް އާއިން ކައިރިއަށް ޖެހިލުމާއެކު އާއިންއަށް ފިޓް ޖެހުނީކަން އޭނާއަށް ދެނެގަނެވުނެވެ. އޭރު އާއިން އޮތީ ހުމާ ފިހިފައެވެ.
"މިވަރު ވިއިރު ނޭނގުނު؟" އަޒްލަފްއަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ. ބުނެވުނީވެސް ތަންކޮޅެއް ބާރަށްކަމުން އެހެން މީހުންގެ ނަޒަރުވެސް އެ ދިމާލަށް ހުއްޓުނެވެ. ޝައުފާ އެއްޗެއް ނުބުނެ ހުރި ނަމަވެސް، ވަށައިގެން އޭނާއަށް ވެސް ބަލައިލެވުނެވެ.
އެމަރޖެންސީގައި ދެވުނު ފަރުވާއަށްފަހު އާއިން ގެ ހުންގަނޑު މަޑުވިނަމަވެސް، ހަށިގަނޑު ބަލިކަށިކަމުން އައިވީ ގުޅާފައި އޮބްޒަރވޭޝަންގައި ބޭއްވުމުން އަޒްލަފް ޕްރައިވެޓް ރޫމަކަށް އާއިން ބަދަލުކުރިއެވެ. އަދި ރިސާމާމެންނަށް ގުޅާފައި އެ ވާހަކަ ބުންޏެވެ. އޭރު އެގާރަ ގަޑި ބައިވެއްޖެއެވެ. އެ ހުރިހާއިރު ވެސް ޝައުފާ ހުރީ ޖެހިލުންވެފައެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އަޒްލަފްގެ ހިތްހަމަނުޖެހުން އަމާޒުވާނެކަން އޭނާއަށް އެނގެއެވެ. އަދި މިފަހަރު އަޒްލަފް މަޑަކުން ނުހުންނާނެ ކަންވެސް އޭނާއަށް އެނގެއެވެެ.
ޕްރައިވެޓް ރޫމަށް ބަދަލުކުރެވުނު ފަހުން ވެސް އާއިން ބަަލަން ޑޮކްޓަރަކު އައެވެ. ދޮރު ހުޅުވާާލާފައި އެތެރެއަށް ވަނުމާއެކު އަޒްލަފްއަށް ވެސް ހައިރާންކަން ލިބުނެވެ. އޭނާ އާއިންގެ ކައިރީގައި އިނދެފައި ތެދުވެސް ވެއްޖެއެވެ. ދަންނަ މީހެއްނަމަވެސް، އައިސްފައި ހުރި ބަދަލުން އޭނާ ހައިރާންވިއެވެ.
ކުރިމަތީގައި ހުރީ ޒުވާން ރީތި އަންހެން ކުއްޖެކެވެ. ބުރުގާ އަޅައިގެން ހުރި ނަމަވެސް، އެ ރީތިކަން ފަނޑެއް ނުވެއެވެ. ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން ވަކީން ފުރިހަމަކަމަށް ދައްކައެވެ. ލާފައި ހުރީ ކަކުލުން ތިރިއަށް އަންނަ ވަރުގެ ގަޔަށް ދޫ ހެދުމަކާއި ފުޅާ ހަރުވާޅެކެވެ. ލާފައިވާ ޑޮކްޓަރު ކޯޓާ ކަރުގައި އަޅުވާލާފައިވާ ސްޓެތޮސްކޯޕްގެ ސަބަބުން ފެންނަނީ ވަރަށް ވެސް ރަސްމީކޮށެވެ.
"އަޒްލަފް" އެ އަންހެން ކުއްޖާ ވެސް އަޒްލަފް ފެނުމުން ހައިރާންވިކަން ރަމްޒުކޮށްދެމުން ދިޔައީ އެ މޫނުމަތިން ފެނުނު އަސަރުތަކާއި އަޒްލަފްއަށް ގޮވާލި ގޮތުންނެވެ.
"ލުޔޫ." އަޒްލަފްއަށް ގޮވާލެވުނެވެ.
"ކިހިނެއް؟" އެންމެ ފުރަތަމަ ސަލާމަށް އަތް ދިއްކޮށްލީ ލުޔޫއެވެ. ފުރިހަމަ ނަމަކީ ލުޔޫނާ ނަމަވެސް އާއްމުކޮށް އެންމެންވެސް އޭނާއަށް ކިޔާ އުޅެނީ ލުޔޫ އެވެ.
"އަހަރެން ރަނގަޅު! ހައު އާރ ޔޫ؟" އަޒްލަފް ސުވާލުކޮށްލިއެވެ.
"އަހަރެންވެސް ރަނގަޅު. މީ އަޒްލަފްގެ ދަރިފުޅުތަ؟ އާއިން އަޒްލަފް ކީމަ ވެސް އަދި ހިތަކަށް ނާރާ އަޒްލަފްގެ ދަރިފުޅަށް ވެދާނެޔޭ." ލުޔޫނާއާއި އަޒްލަފްއާ ވާހަކަ ދައްކަމުން ދިޔަލެއް ގާތްކަމުން އެ މަންޒަރު ބަލަހައްޓައިގެން ޝައުފާއަށް އިނދެވުނެވެ.
"މީ އަންހެނުންތަ؟" ލުޔޫނާ ޝައުފާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
"ދަރިފުޅުގެ މަންމަ." އަޒްލަފްގެ އެ ޖަވާބު އަވަހެވެ.
(ނުނިމޭ)