ރޮށި ފިހުންވީ ޔަލްވީއަށް މަޖާކަމަކަށެވެ. ފުރަތަމަކޮޅު އުނދަގޫވި ނަމަވެސް ޔަލްވީ ނަގައިގަތްލެއް އަވަހެވެ. ޔަލްވީގެ ހިތުގައި ޝައުގުވެރިކަން ވެސް އުފެދުނެވެ. މަސައްކަތް ނިންމާލާފައި ޔަލްވީ ކޮޓަރިއަށް ދިޔައީ ފެންވަރާލާށެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ. ޔަލްވީގެ މަސައްކަތް ރަޔާންއަށް ދައްކާލާ ހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.
********
ޔަލްވީ ގޮސް ކޮޓަރިއަށް ވަތްއިރު ރަޔާން ހުރީ ފަޓުލޫނެއް އިސްތިރިކުރާށެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހެއް އިސްތިރިކޮށް، ކޮނޑުގައި އަޅުވާފައި އިނެވެ. ރަޔާން އުޅެނީ އޮފީހަށް ދާން ބާއޭ ޔަލްވީގެ ހިތަށް އެރިއެވެ. ނަމަވެސް ރަޔާން ހުރި ގޮތުން ޔަލްވީއަށް ސުވާލު ކުރާކަށް ނުކެރުނެވެ. ޔަލްވީ އެތައް އިރަކު ރަޔާންގެ ކުރިމަތީގައި އެނބުރުނުއިރުވެސް ރަޔާން ބަލައެއް ނުލިއެވެ. އިސްތިރިކޮށް ނިންމާފައި ރަޔާން ފެށީ، އަލަމާރިން އެއްޗެއް ހޯދާށެވެ.
ޔަލްވީ ފެންވަރައިގެން ނުކުތްއިރު ރަޔާން ކޮޓަރިއަކު ނެތެވެ. އިސްތިރިކޮށްފައި އިން ގަމީހެއްވެސް ނެތެވެ. ރަޔާން ކުރިން ލައިގެން ހުރި އެއްޗެހި ކޮނޑުގައި އަޅުވާފައި ހުއްޓެވެ. ޔަލްވީ އަވަސްކޮށްލައިގެން ކޮޓަރިން ނުކުތީ ރަޔާންއަށް ސައި ތައްޔާރުކޮށްދިނުމުގެ މަގުސަދުގައެވެ. ކާގެއަށް ވަދެވުމާއިއެކު ފެނުނު މަންޒަރުން ޔަލްވީގެ ފިޔަވަޅުތައް ގަނޑުވިއެވެ. ރަޔާން ސައިބޯން އިނީ ޔަލްވީގެ ކައިރީގައި ބުނެލުމެއްވެސް ނެތިއެވެ. ޔަލްވީގެ ހިތަށް ތަދުވިއެވެ. އަދި އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ޖެހުނީ ރަޔާން ކާން އިން އެއްޗެހި ފެނުމުންނެވެ. ޔަލްވީ ރޮށި ފިހެފައި ހުއްޓާ، ރަޔާން އިނީ ޕާނާއި ގެރިކިރާއި ބިސްގަނޑު ކާށެވެ. ވަކީން އެހެން ތައްޓެއްގައި އިތުރު ބިސްގަނޑެއް އޮތެވެ. ޔަލްވީ ފުރަތަމަ ފަހަރަށް ރޮށި ފިހުމުން، ތައުރީފުކުރުމުގެ ބަދަލުގައި އެތިކޮޅެއް ރަހަ ބަލާލުންވެސް ރަޔާނަށް މުހިއްމު ނުވުމުން، ޔަލްވީއަށް ހިތި ގޮތަކަށް ހިންދިރުވާލެވުނެވެ.
އަފްސަމް ކާގެއަށް ވަންއިރުވެސް ޔަލްވީ ހުރި ފިޔަވަޅުމަތީގައި ރަޔާނަށް ބަލަން ހުއްޓެވެ. ޔަލްވީއަށް ހުރިގޮތް ފެނި އަފްސަމްގެ ތަބީއަތުވެސް ބަދަލުވެގެން ދިޔައެވެ. ރޮށިފިހަން ޔަލްވީ ކުރި ބުރަ މަސައްކަތް އެންމެ ކައިރިން ފެނުނު މީހަކީ އަފްސަމެވެ. ޔަލްވީ އެ ހުރިހާ ކަމެއް ކުރީ ރަޔާނަށްޓަކައެވެ. ވީއިރު، ރަޔާންގެ ތައުރީފު ޔަލްވީއަށް ހައްގެވެ. ރަޔާން ކަންތައް ކުރިގޮތުން އަފްސަމްވެސް ހިތްހަމަނުޖެހުނެވެ.
"އަނބިގޮއްޔެ ފިހެފަ ހުރި ރޮށި ހުއްޓާ ކޯއްޗެއް ތިކަނީ؟ މަނަމަ އެހެން އެއްޗަކަށް ބަލާވެސް ނުލާނަން...." ޔަލްވީ ދެރަވެފައި ހުރި ތަން ފެނި އަފްސަމް ބުންޏެވެ.
ރަޔާންގެ ނަޒަރު ރޮށި ތައްޓަށް އަމާޒުވިއެވެ. ހަމައެއާއިއެކު ޔަލްވީއަށްވެސް އެ ނަޒަރު ހުއްޓުނެވެ. އެންމެ ނަޒަރަކުންވެސް ރަޔާން ޔަލްވީއަށް ތައުރީފުކުރިފަދައެވެ. ދެލޮލުން އުއްމީދުގެ އަސަރު ފެނުނެވެ. ޔަލްވީ ބަލަން ހުރިތަން ފެނުމުން ރަޔާން އަވަހަށް އިސްޖަހައިލިއެވެ. ޔަލްވީ ހީކުރީ އަފްސަމް އެހެން ބުނުމުން ރަޔާން އެއްޗެއް ބުނާނެ ކަމަށެވެ. އެކަމަކު، ރަޔާން އެއްވެސް އެއްޗެއް ނުބުނެއެވެ. ހިމޭނުން އިނދެ ޕާންފޮތި ކައި ނިންމާލިއެވެ.
"ކިހިނެއްތަ ތިއުޅެނީ؟" ރަޔާން ކައި ނިންމާލާފައި ބޭރަށް ނުކުތުމުން އަފްސަމްވެސް ރަޔާންގެ ފަހަތުން ބޭރަށް ނުކުތެވެ. "އެއްއިރެއްގަ ބުނާނެ ޔަލްވީ ނޫން މީހެއް ބޭނުމެއް ނޫނޭ. އެހެން އެއްޗެކޭ. އޭނަ އެހާ ވަރުން ލައިފްގެ ކަމެއް ޓްރައި ކުރީމަވެސް ތިހުރީ ރަޔައްޓެ ކަންތައް ކުރިގޮތް"
"ކޮބާ މައްސަލައަކީ؟" ރަޔާންގެ އަޑުގައިވީ ފަރުވާކުޑަކަމެވެ.
"މައްސަލައެއް ނޫން..." އަފްސަމް ދޫކޮށްލީ ފުން ނޭވާއެކެވެ. "އެކަމަކު، ރަޔައްޓެގެ މޫނުން އެބަ ފެނޭ އެއީ މައްސަލައެއް ކަން.... ރަޔައްޓެ ބޭނުންވަނީ ހަމައެކަނި ޔަލްވީ ކަންވެސް ތިމޫނުން އެބަ އެނގޭ"
"ލިބެން ނެތް އެއްޗެއް ގަދަކަމުން ހޯދޭނެތަ؟" ރަޔާން ކުރީ މާނަފުން ސުވާލެކެވެ.
"ތިބުނީ މި ހުރިހާ ކަމަކަށްފަހުވެސް، ޔަލްވީ އަދިވެސް ރަޔައްޓެއާ އެކީ އުޅެން ބޭނުމެއް ނުވެއޭތަ؟" އަފްސަމްގެ މޫނުން ފެނުނީ ހައިރާންކަމެވެ. "އެކަމަކު..."
"އެއީ ކުޑަ ދުވަސްކޮޅަކަށް އަހަރެންގެ ހަޔާތަށް އައިސްހުރި މެހެމާނެއް" ރަޔާން ތަފްސީލް ދިނެވެ.
*********
އަފްސަމް އެތެރެއަށް ވަންއިރު، މޭޒުގައި އަތް އަޅުވާލައިގެން ޔަލްވީ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޔަލްވީ އިންގޮތުން އަފްސަމްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެހީވާން ބޭނުންވިއެވެ.
"ހިނގާ ރިހާކުރު ތައްޓެއް ހަދަމާ.. ވަރަށް މީރުވާނެ ރޮއްޓާއެކީ." އަފްސަމް މަސައްކަތްކުރީ ޔަލްވީގެ ނުތަނަވަސްކަން ދުރުކޮށްދޭށެވެ.
އަނގަޔަށްލީ ފުރަތަމަ ރޮށިކޮޅާއިއެކު ޔަލްވީއަށް އޯކާ ދެމެންފެށުނެވެ. ލޮނުގަދަކަމުން އެންމެ އެތިކޮޅެއްވެސް ޔަލްވީގެ އަރުން އެތެރެވާ ގޮތެއް ނުވިއެވެ. ރޮށިތައް ހަރުކަމުން ހަފަންވެސް އޭނާއަށް އުނދަގޫވިއެވެ. ރަޔާން ރޮށި ނުކޭކަން އެއީ ނަސީބެކޭ ޔަލްވީގެ ހިތަށް އެރިއެވެ.
********
ރޭގަނޑުގެ ކެއުން ހަމަޖެހުނީ ރެސްޓޯރަންޓަކުންނެވެ. ރެސްޓޯރަންޓަށް ދިޔުމަށްޓަކައި ރަޔާން އާއި އަފްސަމްގެ އިތުރުން ޔަލްވީވެސް ގެއިން ނުކުތީ އެއްކޮށެވެ. ކާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ތިންމީހުންވެސް މަޑުކޮށްލައިގެން ތިބީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. ރޭގަނޑުގެ ހިތްގައިމު ވަގުތު އެސަރަހައްދުގައި ދިއްލާލެވިފައިވާ އެކި ކުލަ ކުލައިގެ ބޮކިތަކުގެ އަލިން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވިއެވެ.
ޔަލްވީ އާއި ދިމާއަށް ބަލަހައްޓައިގެން ރަޔާންއަށް އިނދެވުނީ ކަޅިޖަހާވެސް ނުލައެވެ. އެކި ކުލަކުލައިގެ ބޮކިތަކުގެ އަލި އެމޫނަށް އެޅިފައި ހުރުމުން، ޔަލްވީގެ މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ގަދަ ނޫކުލައިގެ ދިގު ހެދުމުގައި ޔަލްވީގެ ރީތިކަން އެރޭ އެތައް ގުނައެއް އިތުރުވެފައިވާހެން ރަޔާނަށް ހީވިއެވެ. ޔަލްވީގެ ތުންފަތުގައި ޖައްސާފައިވަނީ މަޑު ފިޔާތޮށިކުލައެވެ. އިތުރު މޭކަޕެއް ބޭނުންކޮށްފައި ނެތެވެ. ރަޔާންގެ ހިތް އެދުނީ ޔަލްވީގެ ކޯތާފަތުގައި ފިރުމާލުމަށެވެ. ދުވަހަކު ވަކިވާން ބޭނުން ނުވާ ވާހަކަ ބުނާށެވެ. ނަމަވެސް ރަޔާންގެ ދުލުގައި އޮތީ ކަސްތޮޅު އަޅުވާފައެވެ. ކިތަންމެ ބޭނުންވިޔަސް، ހިތް އެދޭ ކޮންމެ ކަމެއް ހާސިލުނުވާނެކަން ރަޔާން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
ރަޔާންގެ ހަރަކާތްތަކަށް ބަލަން އިން އަފްސަމްއަށް އެއްޗެއް ވިސްނުނެވެ. ވަރަށް އަވަހަށް އެބަ އަންނަން ކަމުގައި ބުނެ އެތަނުން ދިޔައެވެ. ހަގީގަތުގައި އަފްސަމް އެކަން ކުރީ ރަޔާން އާއި ޔަލްވީއަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކާއެއްޗެހި އައި އިރުވެސް ދެމީހުން ތިބީ އެމީހެއްގެ އަމިއްލަ ދުނިޔޭގައެވެ. އަފްސަމް ދިޔައީ ކީއްވެކަން ދެމީހުންނަށްވެސް އެނގުނީ އަފްސަމް އޯޑަރުކުރި އެއްޗެހި ނައުމުންނެވެ. އެކި އެކި ކޫސަނި ވާހަކައިގެ ތެރެއިން ޔަލްވީ އޭނާ ރޮށި ފިހުނު ވާހަކަ ފަށަން އުޅުނެވެ.
"މިއަދު ކީއްވެ ރޮށި ނުކެއީ؟" ޔަލްވީ އުޅުނީ ޝަކުވާކުރާށެވެ.
"އޭނ؟" ޔަލްވީ ކުއްލިއަކަށް އެފަދަ ސުވާލެއް ކުރުމުން ރަޔާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ނުބައިވީމަތަ ނުކެއީ؟" ޔަލްވީ ސުވާލުކުރިއެވެ. "ނޫނީ އަހަރެން ހެދީމަތަ؟"
"މާދަމާ އަހަރެން އެކަނިވާ ދުވަހުން ކާކު އަހަންނަށް ރޮށި ފިހެދޭނީ؟" ރަޔާން ބަލައިލީ ސީދާ ޔަލްވީގެ ދެލޮލަށެވެ. "ޔަލްވީ އުމުރު ދުވަހު އަހަރެން ކައިރީ ހުންނާނަންތަ؟"
ވީގޮތް އެނގުމުން ޔަލްވީއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ރަޔާން ބިރުގަންނަނީ ޔަލްވީއަށް އާދަވެވިދާނެތީއެވެ. އެފުރުސަތު ދޭ ކަހަލަ ކަމެއް ކުރަންވެސް ރަޔާން ބޭނުން ނުވަނީ އެހެންވެކަން އެނގުމުން ޔަލްވީގެ ހިތް ނަށާލިއެވެ. ހަމަ އެހާ އަވަހަށް އެހިތަށް ނުތަނަވަސްކަން ވެރިވިއެވެ.
********
ޔަލްވީ އޮތީ ލޯ މަރާލައިގެންނެވެ. އޭނާއަށް އެކަނިވެރިކަން އިހުސާސްކުރެވެނީ މާބޮޑަށެވެ. މާހައުލުގެ ފިނިކަމުން ޔަލްވީއަށް އޭނާގެ ހަށިގަނޑުގައި ދެއަތް ހުރަސްކޮށްލެވުނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ރޭގެ ހާދިސާ ޔަލްވީގެ ކުރިމަތީގައި ސިފަވަމުންދިޔައެވެ.
"ޔަލްވީ...." ރަޔާން ގޮވާލީ މަޑުމަޑުންނެވެ. އެއަޑު ޔަލްވީގެ ކަންފަތާއި ހަމައަށް ފޯރިކަން އެނގުނީ ޔަލްވީ ބަލާލުމުންނެވެ.
އަހަރެން މިއުޅެނީ މާދަމާ އޮފީހަށް ނުކުންނަން..... މިހެން އަބަދު ނޯޕޭ ނަގައިގެން ނުހުރެވޭނެ އެއްނު.... ދިރިއުޅުމަށް ކޮންމެވެސް ކަމެއް ކުރަންޖެހޭނެ...... ޔަލްވީ ބިރުގަނޭތަ އެކަނި ގޭގަ ހުންނަން؟.." ފޯނަށް ނަޒަރު ހުއްޓާލައިގެން އޮވެ ރަޔާން ސުވާލުކުރިއެވެ.
ޔަލްވީއަށް ދިމާވި ހާދިސާއަށްފަހު އެކަނި ގޭގައި ބަހައްޓާފައި ދާން ރަޔާން މާބޮޑަށް ޖެހިލުންވަނީއެވެ.
"ބިރެއް ނުގަނޭ... ." ޔަލްވީ އަވަސް އަވަހަށް ބުނެލިއެވެ.
"ޔަލްވީ ބޭނުމިއްޔާ މާލެދިޔަސް އެންމެ ރަނގަޅު......" ރަޔާން އެހެން ބުނީ ހިތާއި ދެކޮޅަށެވެ. ޔަލްވީގެ ވިސްނުންހުރި ގޮތެއް ބަލަން އޭނާ ކޮންމެހެންވެސް ބޭނުންވާތީއެވެ.
"އަހަރެން މާލެ ނުގޮސްގެންތަ ތިއުޅެނީ؟" ޔަލްވީގެ ކެތްތެރިކަން ކޮޅުންލުމުން ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
"ނޫން އެކަމަކު..." ރަޔާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ކީއްވެތަ އެންމެން އަހަރެން ފޮނުވާލަން ބޭނުންވަނީ؟. އަހަންނަށް އެއްވެސް ކަމެއް ކުރަން ނޭނގޭތީތަ..... އަހަރެންގެ ސަބަބުން އުނދަގޫވާތީތަ؟" މޫނުގައި ދެއަތް އަޅަމުން ޔަލްވީ ޝަކުވާކޮށްލީ ހިތަށް ކުރި އަސަރަކުންނެވެ. އަމިއްލަ މައިންބަފައިނަށްވެސް އޭނާގެ ސަބަބުން އުނދަގުލަކަށްވީއިރު ރަޔާންއަށް ނުވާންވީ ސަބަބެއްވެސް ނެތެއް ނޫން ހެއްޔެވެ؟
"އަހަރެން ބޭނުމެއް ނޫން ޔަލްވީ ދާކަށް.... ދުވަހަކުވެސް ދާކަށް..... އެކަމަކު..... ޔަލްވީ ހުއްޓުވުމުގެ ހައްގު އަހަންނަށް އެބައޮތްތަ؟..." އެހާ ފޮރުވައިގެން އުޅުމުންވެސް އެ ޖުމުލަތައް ރަޔާންގެ ދުލުން ބޭރުވިއެވެ. ރަޔާންގެ ހިތުގެ ހާލު ޔަލްވީގެ ކުރިމަތީގައި ބޭޒާރުވިއެވެ.
********
ދުވަމުންދިޔަ ލިމްޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ވަރުބަލިވެގެން ގޮސް މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދިޔައެވެ. ހާސްވެފައި ހުރެ ލިމްޔާއަށް ވަށައިގެން ހޯދާލެވުނީ ދާންވީ މިސްރާބު އޮޅުމުންނެވެ. ތަންކޮޅެއް ދުރުން ފެންނަމުންދިޔަ އަލިކޮޅު ލިމްޔާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ލިމްޔާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އާ ހިތްވަރެއްލަމުން އެދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ލމްޔާއަށް ދެވުނީ ތަންކޮޅަކަށެވެ. ފަހަތުން އައިސް ކޮންމެވެސް މީހަކު އޭނަގެ ގައިގައި ހިފެހެއްޓީ ގުޑިވެސް ނުލެވޭހާ ބާރަށެވެ. އެމީހެއްގެ އަތުގެ ތެރޭގައި ލިމްޔާގެ ހަށިގަނޑު ހައްޔަރުވެ ނިމުނެވެ. ލިމްޔާއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ދެވަނަ ފަހަރު ހަޅޭއްލަވައިގަތުމުގެ ކުރިން އެމީހަކު އޭނާގެ އަނގަމަތީގައި އަތްއަޅައި ހުއްޓުވިއެވެ.
"ދަރިފުޅާ...." އަމީރާ އިނީ ހާސްވެފައެވެ.
ނިދީގައި ލިމްޔާ ހަޅޭއްލަވަމުންދާގޮތުން ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. ލިމްޔާ ތެޅިފޮޅޭތީ އަމީރާ އިނީ، ލިމްޔާގެ ގައިގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އަމީރާއަށް ރޮވުނެވެ. ދަރިފުޅުގެ ހާލު ފެނި މައިލަނގޮނޑިއަކަށް ކެތެއް ނުވިއެވެ. އަމީރާ އެތައް ފަހަރަކު ގޮވުމުންވެސް ލިމްޔާއަށް ހޭލެވޭ ގޮތެއް ނުވިއެވެ.
{ނުނިމޭ}