ނުރައްކާތައް ރާއްޖެއިން ފެންނަން ފެށީ ރީތި ގޮތް ދަސްކޮށްދެވޭ ފަދަ ތައުލީމް ނެތް ބަޔަކު ތިބުމުން: މައުމޫން

ރާއްޖެއިން މިހާރު ފެންނަމުންދާ ނުރައްކާތެރި ހަދިސާތަކާއި ބޮޑެތި މައްސަލަތަކަކީ ހަރުދަނާ ރީތި އުސޫލުތަކެއް ޅަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އަށަގެންނުވޭ ފަދަ ތައުލީމެއް ލިބިފައިނުވާ ބަޔަކު ރާއްޖޭގައި ތިބުމުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫނު ފައުންޑޭޝަނުގެ ދެވަނަ އަހަރީ އާއްމު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެ ފައުންޑޭޝަނުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދޭ މައިގަނޑު ސަބަބަކީ ދިގު މުއްދަތެއްގައި ގައުމަށް ފައިދާކުރާނެ ހަރުދަނާ އުސޫލުތަކެއް ޅަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އަށަގަންނަ ފަދަ ތައުލީމެއް ހާސިލް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން ހޯދައިފައިވާ ކުރިއެރުން ތަކާއި ކާމިޔަބީތައް ހޯދައިފައިވަނީ އެފަދަ ތައުލީމެއް ރައްޔިތުންގެ ތެރެއިން ބަޔަކަށް ލިބިފައިވުމުން ކަމަށެވެ.

"މިހާރު ރާއްޖެއިން ފެންނަމުންދާ ނުރައްކާތެރި އެކި އެކި ހަދިސާ ތަކާއި ބޮޑެތި މައްސަލަ ތައް ހިންގަމުން ދަނީ ހަރުދަނާ ރީތި އުސޫލުތަކެއް ޅަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އަށަގެންނުވޭނެ ފަދަ ތައުލީމެއް ލިބިފައި ނުވާ ބަޔަކު ރާއްޖޭގައި ތިބުމުގެ ސަބަބުން،" މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަނގަޅު ތައުލީމުގެ ސަބަބުން މުޖުތަމައުގައި އަށަގަންނަން ޖެހޭ އެންމެ މުހިންމު ސިފައަކީ އެކަކު އަނެކަކަށް އިހުތިރާމު ކުރުން ކަމަށެވެ.

"އެހެން ވީމަ އަޅުގަނޑުމެންގެ ވާޖިބަކަށް ވާންވަނީ މިދެންނެވިފަދަ ތައުލީމެއް ލިބިފައިވާ. އެ ތައުލީމަކީ ރީތި އޫސޫލުތައް އަޅުގަނޑުމެންނަށް ދަސްކޮށްދެވޭ ތައުލީމަކަށް ވުން. މިކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ވަރަށް ބޮޑަށް ބާރު އަލުއްވާފައިވާ ކަމެއް. ރަނގަޅު ތައުލީމެއްގެ ސަބަބުން މުޖުތަމައުގައި އަށަގެންނަން ޖެހޭ އެންމެ މުހިންމު ސިފައަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން. އެކަކު އަނެކަކަށް ހެޔޮ އެދުން އެކަކު އަނެކަކަށް އަޅާލުން ތިމާގެ މަސްލަހަތަށް ވުރެ ގައުމާއި މުޖުތަމައުގެ މަސްލަހަތު އިސްކުރުން،" މައުމޫނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ފުރުސަތުތައް ހުޅުވާލައި ދިވެހިންގެ ހިތްތަކުގައި ދީނީ ލޯތްބައި އިސްލާމީ އުސޫލުތައް އަށަގެންނެވުމުގެ މަސައްކަތް ކުރުމަކީ އެ ފައުންޑޭޝަންގެ ވަރަށް މުހިންމު މަގުސަދެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު