03 ޖުލައި 2012 އާ ގުޅޭ

ޒަރާނާ ބުނި އެއްޗެއް އަޑުއިވުމާއިއެކު އައްޔަދުއަށް ޒަރާނާ އާއި އާފާގުއަށް ބަލާލެވުނީ ހައިރާން ކަމާއިއެކުއެވެ. އެވަގުތު ފައުޒީގެ މަލާމަތް އެކުލެވިގެންވި ބަސްތައް އޭނަގެ ކަންފަތުގައި ގުގުމައިގެންދިޔަ ކަހަލައެވެ. އަވަސް އަވަހަށް އިސްޖަހާލެވުނީ މޫނުމައްޗަށް ވެރިވެގެންދިޔަ ހާސްކަން އޭނަގެ މަންމަ އާއި ބައްޕައަށް ފޮރުވުމަށްޓަކައެވެ. އައްޔަދުގެ މިހަރަކާތުން ޒަރާނާ ކަންބޮޑުވުމާއިއެކު އާފާގުއަށް ބަލާލެވުނެވެ. އެހިނދު އާފާގު ދެލޯމަރާލަމުން ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަގޮތަކަށެވެ.
"ދަރިފުޅު، އައްޔަދު... މިކަން ދަރިފުޅަށް ސިއްރު ކުރަންވެގެންނެއްނޫން މިހާ ދުވަސްވަންދެން މިކަމާބެހޭ އެއްވެސް ވާހަކައެއް ނުދައްކާ ބައްޕަމެންތިބީ، ފަހަރެއްގަ މިއަށްވުރެ އަވަހަށް ކިޔައި ދިންނަމަ ދަރިފުޅުގެ ޅަކަމާއިއެކު މިކަން ވިސްނައިގަތުން ފަސޭހަ ކަމަކަށް ނުވާނެ ކަންނޭގެ، އަނެއްކާ ދަރިފުޅު އުމުރުގެ ގިނަ ދުވަސްތަކެއް ވޭތުކޮށްފައިވަނީ ރާއްޖޭން ބޭރުގައި، އެހެންވެ މިފަދަ ދުވަހަކާ ކުރިމަތިލުމަކީ ދުރުކަމެއްކަން ވިސްނޭތީވެ އެ ވާހަކަތައް މިހާތަނަށް ވެސް ފަސްކޮއްލެވުނީ، އެކަމަކު ހާލަތު ނިޔާކުރި ގޮތުން މިވާހަކަތައް ދަރިފުޅަށް ކިޔާދޭން އެބަޖެހޭ..." އާފާގު ޒަރާނާގެ އަތްތިލައިގެ މަތީ އޭނަގެ އަތްތިލަ ބާއްވާލައިގެން އިނދެ ވާހަކަދައްކަމުންދިޔައެވެ.

އައްޔަދު އެއްވެސް އެއްޗެއް ނުބުނެއިނދެ ތައްޓަށް ފުނޑުވާފައިވާ ރޮށިތަކުގެ މައްޗަށް ރިހައިގެ ސަމްސަލަކަށްފަހު ސަމްސަލެއް އަޅަމުންދިޔަ އެވެ. ހުއްޓުމެއްނެތި އެވެ. ކުއްލިއަކަށް އާފާގު އައްޔަދުގެ އަތުގައި ހިފެހެއްޓުމުން ސިހިފައި އޭނަ އާފާގުއަށް ބަލާލި އެވެ. އޭނައަށް އާފާގުގެ އަޑުއިވުނީ ދެނެވެ. އޭގެކުރިން އޭނަ ވަށާލާފައިވަނީ ފައުޒީގެ އަޑުންނެވެ.
"ދަރިފުޅާ..." ޒަރާނާ އައްޔަދުއަށް ގޮވާލީ ރޮވިފައި ކަހަލަގޮތަކަށެވެ. ހަމައެވަގުތު އައްޔަދު ޒަރާނާ އާއި ސުވާލުކުރި އެވެ.
"ޒައުލް އަކީ ކާކު؟" އައްޔަދު ޒަރާނާއަށް ބަލާލަމުން ސުވާލުކުރި އެވެ. އެސުވާލުން ޒަރާނާއަށް ސިހުން ގެނުވި އެވެ. އައްޔަދުއަށް އޭނަ ކިޔައިދޭން އެއުޅެނީ އެވާހަކަ އެވެ. އެކަމަކު ޒައުލްގެ ނަންނުގަނެވެނިސް އައްޔަދުއަށް އެކަން އެނގުނީ ކިހިނެއްބާއޭ ޒަރާނާގެ ހިތަށްއެރި އެވެ. އާފާގުއަށް އެއްފަހަރު ޒަރާނާއަށް އަނެއްފަހަރު އައްޔަދުއަށް ބަލާލެވުނެވެ.
"ޒައުލް... އެއީ... އެއީ ދަރިފުޅުގެ ބޭބެ" ޒަރާނާ ނޭވާ ހިފަހައްޓައިލައިގެން އިންފަދަ ގޮތަކަށް ބުނެލި އެވެ. އެހިނދު އޭނައަށް ބަލަހައްޓައިގެން ޖަވާބެއްގެ އިންތިޒާރުގައި އިން އައްޔަދުގެ މޫނު ހުދުވެގެންދިޔަތަން ފެނުނެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އަނެއްކާވެސް އައްޔަދު އޭނަގެ ސުވާލު ތަކުރާރުކޮއްލި އެވެ. ޒަރާނާގެ ޖަވާބު އަދިއެއްފަހަރު އަޑުއަހާލަން ނޫނީ އޭނަ އަށް އަޑުއިވުނީ ރަނގަޅަށްތޯ ޔަގީންކުރަން ބޭނުންވީއެވެ.
"ޒައުލް އެއީ ދަރިފުޅުގެ ބޭބެ، ހަމައެގޮތަށް ދަރިފުޅުގެ ދެ ދައްތަވެސް ހުންނާނެ، އެ ތިން ކުދިންނަކީ ވެސް ދަރިފުޅާ އެއްބަނޑުކުދިން، މަންސޫރަށް ބައްޕަކިޔާ ތިންކުދިން..." އާފާގުގެ ވާހަކަ ނުނިމެނިސް އައްޔަދު ގޮނޑި ފަހަތަށް ދަމާލި އަޑުއިވުނެވެ. އާފާގު އައްޔަދުގެ އަތުގައި އަތްޖައްސާލަން އުޅުމުން ވެސް ގަޔާދުރަށް ދެ އަތް ފުޅާކޮއްލަމުން ދެއަތްތިލައިން އެވަގުތު އޭނަގެ ގައިގާ އަތްނުލުމަށް ބުނާފަދަ ގޮތަކަށް އަތުން އިޝާރާތްކޮއްލި އެވެ. އަދި އަވަސް އަވަހަށް އެތަނުން ނުކުމެގެން އައްޔަދު ހިނގައްޖެއެވެ.

"އާފާގު..." ޒަރާނާއަށް ބުނެލެވުނެވެ.
"އޭނައަށް ވަގުތު ބޭނުންވާނެ" އާފާގު ޒަރާނާގެ ދެއަތްތިލާގައި ހިފާ މަޑުމަޑުން ބާރުކޮއްލަމުން ބުނެލިއެވެ. އަވަސް އަވަހަށް ޒަރާނާ ބޯޖަހާލިއެވެ.
"އެކަމަކު އެދިޔައީ ނުވެސް ކައި، ހަވީރު ސައި ބުއި ކަމެއް ވެސް ނޭނގެ" ޒަރާނާ ކަންބޮޑުވެފައި ބުނެލިއެވެ.
"ތަންކޮޅެއް ފަހުން އައްޔަދު ހަމަޖެހޭހާ އިރުން އަހަރެން ދާނަން އޭނަ އާއި ވާހަކަ ދައްކާލަން، އޭރުން ހަމައަކަށް އެޅިގެން ކާންވެސް އަތުވެދާނެ" އާފާގު ޒަރާނާއަށް ލިބެމުންދިޔަ ހާސްކަމާއި ކަންބޮޑުވުން ކުޑަކުރެވޭތޯ މަސައްކަތްކުރިއެވެ.

ރިންގުވަމުންދިޔަ ފޯނަށް ޔޫހާ ބަލާލިއެވެ. ނަމަވެސް ރިންގު ކަނޑާލުމަށްފަހު އަތުގެތެރޭ ފޯނު ތަޅުވާލަ ތަޅުވާލަ އިނީ ދެ ހިޔާލެއްގ ައެވެ. އެފޯނު ކޯލު ނަގާނީ ބާއޭ ނުނީ ނުނަގާނީބާއޭ ހިތަށް އަރާފަ އެވެ. ޝަފަގުގެ ފޯން ކޯލުތަކަށް ސަމާލުކަމެއް ނުދިނުމަށް އޭނަ މަސައްކަތްކުރާތާ ދެތިން ދުވަސްވެއްޖެ އެވެ. ކައިވެނި ކުރަން އުޅޭ ވާހަކަ އާއިލާއަށް ލިބުމުން ދެންވާނެ ގޮތަކާއިމެދު އެކިހިޔާލުތައް ޔޫހާއަށް ކުރެވެނީ އެވެ. ރަނގަޅު އެއްގޮތް ވެސް އޭނައަށް ނުވިސްނެއެވެ. އެކަމާ ގުޅިގެން ޝާއިންގެ ހިޔާލެއް ހޯދުމަށްވެސް އޭނަ ބޭނުމެއްނުވެއެވެ. ޔޫހާގެ އާއިލާގެ ވާހަކަ ޒައުލް އާއި ޙިއްޞާ ކުރުމަށްވެސް އޭނަ ބޭނުމެއްނުވެއެވެ. އެނދުގައި އިށީނދެލައިގެން އިން ޔޫހާއަށް ކިޔާން ނިދުމުން ކުރާނެއިތުރުކަމެއް ނެތުމާއިއެކު އޭނަގެ ފިކުރުތަކުގެތެރެއަށް ގެބެމުންދިޔައެވެ. އަމިއްލަ ޒަމީރާއެކު ނިންމުންތައް ނިންމުމާއިއެކު އަމިއްލަ ޒަމީރާ ދެބަސްވަމުން ދިޔައީ ހިމޭންކަމާއިއެކުއެވެ. ހިތުގެ ދުލުންނެވެ. ކޮޓަރިއަށް ވަދެގެން އައި އަފްލީން ފެނުނީވެސް އޭނަ އައިސް ޔޫހާގެ ކޮނޑުގައި ޖަހާލިފަހުންނެވެ.

"ކޮންކަމަކަށް ގެއްލިފަތިއިނީ، ގޮވާލިމަ އަޑުވެސް ނީވުނު" އަފްލީނަށް އެގަޑީގައި ކިޔާން އޮންނާނީ ނިދާފައިކަން އެނގޭތީވެ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އަދި ޔޫހާގެ ކައިރީ އެނދުގައި އީށީނީވެސް އަޑެއް ކިޔާފާނެތީ ވަރަށް ބަލައިގެންނެެވެ.
"ކިހިނެއްވީ ކުއްލިއަކަށް މިގަޑީގަ ތިއައީ، މީ އާމުކޮށް އަފޫ ފޭސްބުކްގަ އުޅޭގަޑިއެއްނު" ޔޫހާ ސުވާލުގެ ނަޒަރަކުން އަފްލީނަށް ބަލާލިއެވެ.
"ދޮންބެގެ ގާލްފްރެންޑް ގޮވައިގެން އައިސް އެބައިން ސިޓިން ރޫމުގަ، އަހަރެން ވެސް ކޮޓަރީގަ އޮއްވަ ދޮންބެ ގޮވާފަ ބުނީ ކުޑަވަގުތުކޮޅަކަށް ސިޓުން ރޫމަށް ނުކުމެދިނުމަށް... ރީތި ކުއްޖެއް، އެކަމަކު ޔޫހާ އޭނަ އާއި ވާހަކ ަދައްކަންޖެހޭނީ އިސް ނަގައިގެން ހުރެ، ވަރަށް ދިގު، އަހަންނަށް ހީވަނީ ދޮންބެއަށްވުރެ ވެސް ކުޑަތަންކޮޅެއް އޭނަ ދިގުހެން، ބަލާބެލުމަށް ފޮނިގޮތެއް ހުއްޓަސް ވާހަކަދައްކާއިރު އެގޮތެއް ނުހުރޭ، މުއްސަނދި ގެއެއްގެ ކުއްޖެއްހެން ހީވަނީ..." އަފްލީންގެ ވާހަކަ ނުނިމެނިސް ޔޫހާ ވާހަކަ ދެއްކި އެވެ.
"ދެން އެހެނޭ ކިޔާފަ އަހަރެން ކޮއްދެންވީ ކޮންކަމެއް، އަފޫއެއްނު އޭނައަށް ވެލްކަމް ކިޔާނީ" މިހެން ބުނެ ޔޫހާ ކުޑަކޮށް އަފްލީނާ ދިމާލަށް އެނބުރިލަމުން ހިނިތުންވެލި އެވެ.
"އޯ ކަމޯން ޔޫހާ، ތީވެސް މިއާއިލާގެ މީހެއްނު، އެނގޭތަ، ދޮންބެ އަމިއްލައަށޭ ބުނީ ޔޫހާއަށް ގޮވުމަށް، ހިނގާބަލަ ކޮޓަރިން ބޭރަށް" އަފްލީން ތެދުވެ ޔޫހާގެ އަތުގައި ހިފާ ދަމާލި އެވެ. ޔޫހާ ހީނލާފައި ތެދުވެގެން އަފްލީނާއިއެކު ކޮޓަރިން ނުކުތެވެ. ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން އިން ހިމަތޮޅި އަންހެން ކުއްޖާފެނުމުން ޔޫހާއަށް އަފްލީން ބުނީތެދެއްކަން އެނގުނެވެ. ޝާއިން ހިނިއައިސްފައި ސޯފާއިން ތެދުވުމާއިއެކު އެއަންހެން ކުއްޖާވެސް ތެދުވެ ޔޫހާއަށް ހިނިތުންވެލިއެވެ.
"ޔޫހާ، މީ ރޮޒޭން... ރޮޒޭން މީ ޔޫހާ" ޝާއިން ޔޫހާ އާއި ރޮޒޭން ތައާރަފް ކޮށްދިނެވެ. އެއާއިއެކު ދެމީހުންވެސް އެކަކު އަނެކަކާ ހިނިތުންވުމެއް ބަދަލުކޮއްލި އެވެ. ޔޫހާއަށްވެސް ފުރަތަމަ ފެނުލުމުން ބުނާނެ އެއްޗެއް ނޭނގުނީއެވެ. އޭނަގެ ގާތުގައި އަފްލީން ހިނިއައިސްފައި ރޮޒޭންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެންވެ ކަންނޭގެއެވެ. ރޮޒޭންގެ މޫނުމަތިން ފެންނަނީ ލަދުވެތިކަމެވެ.
"މި ނިމުނީ އަހަރެންގެ ފެމެލީ، ދެން ނޫޅޭނެ އިތުރު މީހަކު... ނޫނޭ އަދި އުޅޭނެ އެކަކު، މިވަގުތު އޮތީ ނިދާފަ، ވަރަށް ރައްޓެހިވާނެ މީހުންނާ ހަމައެހާމެ ހަލަނިވެސް ވާނެ، ހޭލާ ހުރިނަމަ މިގެ މިހާ ހަމަހިމޭންކޮށެއް ނޯންނާނެ" ޝާއިން ކުޑަކޮށް ހީނލިއެވެ. ރޮޒޭން ސުވާލުން ފުރިގެންވި ނަޒަރަކުން ޝާއިންއަށް ބަލާލި އެވެ.
"އެދައްކަނީ އަހަރެންގެ ދަރިފުޅުގެ ވާހަކަ" ޔޫހާވެސް ޝާއިން އާއިއެކު ހީނލާފައި ރޮޒޭނަށް ބަލާލަމުން ބުނެލިއެވެ. އެހިނދު ރޮޒޭންގެ ތުންފަތަށް ވެސް ހިނިތުންވުން ވެރިވެގެންދިޔައެވެ.
"ކުރިން ފެނިފަ ހުރިހެން ހާދަ ހީވެޔޭ، ބައްދަލުވިތަ އެއްވެސްތާކުން..." ރޮޒޭން ޔޫހާއަށް ބަލާލަމުން ޔަގީންނުވާފަދަ ގޮތަކަށް އަހާލިއެވެ. ޔޫހާ ވިސްނާލުމާއިއެކު ދެފަރާތަށް ބޯހޫރުވާލިއެވެ.
"މިގެއަށް އައި ފުރަތަމަ ފަހަރު ދާންވާނީ ކޮންމެވެސް އެއްޗެއް ބޯލައިގެން، ކޮފީ ހަދައިދެން، ނޫނީ ސޮފްޓް ޑްރިންކެއްވެސް ގެނެވިދާނެ..." ޔޫހާގެ އަޑުގައި ހުރި ގާތްކަން ރޮޒޭނަށް އިޙްސާސްކުރެވިގެންދިޔަ އެވެ.
"ރެޑްބުލް އެންޑް ސްނެކްސް ދޯ" ޔޫހާގެ ކޮނޑުގައި އެލެމުން ކަހަލަގޮތަކަށް އަފްލީން ރޮޒޭނަށް ބުނެލި އެވެ.
"ނޫނޭ، ކޮފީއެއް އޯކޭވާނެ" ރޮޒޭންވެސް މާހައުލަށް ހޭނެން މަސައްކަތްކުރަމުން ބުނެލިއެވެ. އަދިވެސް އޭނަގެ ސިކުނޑި ބުނަމުންދިޔައީ ޔޫހާ އާއި މީގެ ކުރިންވެސް ބައްދަލުވެފައިވާކަމަށެވެ. ޔޫހާ ބަދިގެފަރާތަށް ދިއުމާއިއެކު އޭނަގެ ފަހަތުން އަފްލީންވެސް ދިޔައެވެ.

ސިޓިން ރޫމުގައި ހުރި ސޯފާގޮނޑިތަކުގައި އެންމެން އިށީނދެ ކޮފީ ބޮމުންދިޔައިރު މެދުގައި ހުރި ކުޑަމޭޒުމަތީ ތަފާތު ވައްތަރުގެ ބިސްކޯދު އަޅާފައި ހުރި ތައްޓެއްހުއްޓެވެ. ދޭތެރެއަކުން އެތަށީން ބިސްކޯދެއް ކޮންމެ މީހަކު ނަގައެވެ. ރޮޒޭންއަށް ޝާއިންގެ އާއިލާ ވަރަށް ކަމުދިޔައެވެ. ހީކުރިވަރަށްވުރެ ކުޑަވިޔަސް އުފާވެރިކަމާއި ހިތްހެޔޮ ރަޙުމަތްތެރިކަން އޭނައަށް ފެނިގެންދިޔައެވެ. އަފްލީނާއި ޔޫހާގެ ގާތްކަން ފެނިފައި އޭނަ އެގެއަށް އަންނަ ހިތްވިއެވެ.
ކުއްލިއަކަށް އެންމެންގެ ނަޒަރުގޮސް ހުއްޓުނީ ސިޓިން ރޫމު ދޮރުމަތީ މަޑުކޮއްލި ޒުވާނާއަށެވެ. ރޮޒޭނަށް ހިފަހައްޓައިގެން އިން ކޮފީ މަގުގައި ދެއަތުން ހިފާ ބާރުކޮއްލެވުނެވެ. ވަކިން އިން ގޮނޑީގައި އިށީނދެ އިން ޔޫހާ ވަގުތުން ތެދުވިއެވެ. ދޮރުމަތީ ހުރީ ޒައުލްއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ޝާއިންގެ ގާތުގައި އިން ރޮޒޭންއަށެވެ. އޭނަގެ ކޮއްކޮ އީލާކްގެ ރަޙުމަތްތެރިއެއްކަން ޒައުލްއަށް އެނގުނެވެ.
"ޝާއިން..." ޔޫހާ ޝާއިންއަށް ބަލާލުމާއިއެކުހެން އޭނަ ބުނަންއުޅުނު އެއްޗެއް ޝާއިންއަށް ވިސްނުނު ކަހަލައެވެ. ޔޫހާ އޭނަގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތަވެ. ސިޓިން ރޫމު ދޮރުމަތީހުރި ޒައުލް ވެސް ހަލުވިކަމާއިއެކު އައިސް ޔޫހާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.
"ހަނދާންވެއްޖެ... ޔޫހާ ފެނުނީ ކޮންތާކުންކަން، ވަރަށް ތަފާތު އެފަހަރު ފެނުނުއިރު، އެހެންވެ ނޭނގުނީ، ޒައުލް އާއިއެކު އޭނަގެ ދައްތަގެ ވެޑިން ޕާޓީއަށް ޔޫހާ ދިޔަދޯ، ޝާއިން ވެސް ދިޔައީމެންނު އަހަންނާއިއެކު" ޒައުލް އާއި ޔޫހާ ކޮޓަރިއަށްވަނުމާއިއެކު ރޮޒޭން ޝާއިންއަށް ބުނެލި އެވެ.

ކޮޓަރީގައި ހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮއްލައިގެން ސީލިންގާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އައްޔަދު އިނެވެ. ދޭތެރެއަކުން ނިތުގައި މުއްކަވާލާފައިވާ އަތުން ޖަހާލައެވެ. ދޮރުގައި ޓަކިދިން އަޑާއިއެކު ޒަރާނާ ގޮވާލިއަޑުއިވުނެވެ. ނަމަވެސް އައްޔަދުއަށް އެއަޑުއިވުނު ހެނެއްހިޔެއްނުވެއެވެ.
"އައްޔަދު ދޮރުހުޅުވަބަލަ، މަންމަ އާއި ވާހަކަދައްކަބަލަ، ތިހެން ދޮރުތަޅުލައިގެން އެކަނިއޮތުމަކުން ދަރިފުޅު އަހަންބޭނުންވާ ސުވާލުތަކުގެ ޖަވާބެއް ނުލިބޭނެ، މަންމައަށް އެނގޭ ދަރިފުޅު ވަރަށް ގިނަ ސުވާލު ކުރަން ބޭނުންވާނެކަން، މަންމަ މިހިރީ ދަރިފުޅުގެ ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދޭގޮތަށް، އައްޔަދު، އާދޭސްކޮށްފަ މިބުނަނީ، މި ދޮރު ހުޅުވަބަލަ، ދަރިފުޅަކީ ތިހެން އުޅޭ ކުއްޖެއް ނޫނެއްނު، މަންމަދެކެ އެހާ ގިނައިރު ރުޅިއައިސްފަ ނުހުންނަމެއްނު..." ޒަރާނާއަށް ރޮވިއްޖެ އެވެ. ފުންނޭވާއެއް ބޭރުކޮއްލި އައްޔަދު ގޮނޑިން ތެދުވެގެން އައިސް ކޮޓަރީގެ ދޮރުހުޅުވި އެވެ. މަންމަގެ ރުއިމުގެ އަޑުއިވުނުހެން ހީވުމާއިއެކު އެނޫންގޮތެއް ނެތިގެން ކަހަލަ ގޮތަކަށެެވެ.
"އަޅުގަނޑު މަންމަދެކެ ރުޅިއެއްނާންނަން، އެކަމަކު ކުރިން އެނގުނު ނަމައޭ ހިތަށް އަރާ... މަންމަ ނުރޮއެ ހުއްޓާލާ، އަޅުގަނޑު ދޮރުވެސް މިހުޅުވީނު" ދޮރުމަތީ ރޯންހުރި ޒަރާނާގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން އައްޔަދު ބުންޏެވެ. އަދި ޒަރާނާ ގޮވައިގެން އޭނަގެ ކޮޓަރިއަށްވަދެ އެނދުގައި ބޭންދިއެވެ. ފުރޮޅުލާފައި ހުރި ގޮނޑީގައި ހިފާ ދަމާލަމުން އައްޔަދު ޒަރާނާ އާއި ކުރިމަތިވާގޮތަށް ގޮނޑީގައި އިށީނދެ ޒަރާނާގެ ދެއަތްތިލާގައި ހިފާލިއެވެ.
"މަންމައަށް މާފުކޮއްދީ" ކަރުނުން ފުރިފައިވާ ދެލޮލާއިއެކު އައްޔަދުއަށް ބަލާލަމުން ޒަރާނާ ބުންޏެވެ.
"މަންމަ މާފަށްއެދޭވަރުގެ ކަމެއް ނުކުރަމެއްނު، މަންމާ... ޒައުލްއަށް އެނގޭތަ އަޅުގަނޑުމީ އޭނަގެ ކޮއްކޮކަން" އައްޔަދު އެއްއަތުން ޒަރާނާގެ ތެމެމުންދިޔަ ކޯތާފަތް ފޮހެލަދެމުން އަހާލިއެވެ. ޒަރާނާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ.
"ކީއްވެ، އެމީހުންނަށް ވެސް އެނގެން ޖެހޭނެއެއްނު" އައްޔަދު ބުންޏެވެ.
"އެނގެންޖެހޭނެ، އެކަމަކު އަންގާނީ ކާކު، ހުދު މަންމަ އާއިވެސް އެމީހުންނާ ގުޅުމެއްނޯވޭ، އެކުދިން..." ޒަރާނާ އޭނަގެ ދެލޯ ފޮހެލާފައި ފުން ނޭވާއެއްލުމާއިއެކު މަންސޫރު އާއި އޭނަގެ ދިރިއުޅުމުގެ ވާހަކަތައް އައްޔަދުއަށް ކިޔާދިނެވެ.
"ޔޫހާ އާއި ކައިވެނިކުރަން ޒައުލް އުޅޭކަން މަންމައަށް އެނގޭތަ، ނޫނީ އެދުވަހު ޒައުލް ބުނީމަތަ މަންމައަށް އެނގުނީ، އެކަމަކު ޒައުލް ޔޫހާ އާއި ކައިވެނި ކުރަނީ ކީއްވެކަމެއް އަޅުގަނޑަކަށް ނުވިސްނުނު، ޔޫހާ އަކީ އޭނަ ކަހަލަ ފައިސާވެރިއެއް ވެސް ނޫން..." އައްޔަދު ސުވާލުގެ ނަޒަރަކުން ޒަރާނާއަށް ބަލާލިއެވެ.
"ޔޫހާ ކައިވެނި ކުރަން ރަންކިޔައިފިކަން އެނގުނީ އެދުވަހު މަގުމަތީގަ ހުރެފަ ޒައުލް އެހެން ބުނުމުން، އޭގެކުރިން އެކުދިންގެ އެއްވެސް ޚަބަރެއް މަންމައަކަށް ނުލިބޭ، ދަރިފުޅުމެންގެ ތެރެއިން އެންމެ ދޮށީ ދައްތަގެ ކައިވެނި ކުރެވުނުކަމުގެ ޚަބަރުވެސް ލިބުނީ އާމުމީހުންނަށް ލިބުނުފަދައިން، ނޫސްތަކުންނާއި މީސްމީހުންގެ ދޫތަކުން އެވާހަކަ ދައްކަމުން ގޮސް މަންމަގެ ކަންފަތާ ހަމަޔަށްވެސް ފޯރީ... ޒައުލް ޔޫހާ އާއި ކައިވެނި ކުރަން އެއުޅެނީ ކޮންބޭނުމަކު ކަމެއް ނޭނގެ، އެކަމަކު ޔަގީންވާ އެއްކަމެއް އެބައޮތް، ޒައުލްގެ މާމަ ޔޫހާ ފަދަ އަންހެން ކުއްޖަކާ ޒައުލް ކައިވެނިކުރާކަށް ގަބޫލެއްނުވާނެ، މަންމަ ދަރިފުޅުގެ ބައްޕަ އާއި ގުޅެން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް އެއީ، މަންމަގެ ކުދިންނާ ވަކިވާން ޖެހުނީވެސް އޭނަ އާއި ހެދި....އަހަންނަށް ވީފަދަ ގޮތެއް ޔޫހާއަށް ވާކަށް ނޭދެން، އައްޔަދު، މަންމަ އެދުވަހުއްސުރެ ދަރިފުޅާ ކުރަން ބޭނުންވި ސުވާލެއް މީ.....އަނެއްކާ ދަރިފުޅަށް އެނގޭތަ ޔޫހާ އާއި ޒައުލްގެ ގުޅުމެއް އޮތްކަން، އެހެންވެ އެދެމެދަށް ވަންނަންތަ ދަރިފުޅު މަސައްކަތް ކުރީ" ޒަރާނާ ކުޑަކޮށް އައްޔަދުގެ އަތުގައި ހިފައިގެން އިނދެ ތަޅުވާލަމުން އެންމެ ފަހުން ކުރި ސުވާލު ފުރިހަމަކޮއްލިއެވެ.
"ކޮންމެވެސް ވަރަކަށް އެނގޭ، ޔަގީނެއްނޫން އެދެމީހުން ގުޅުނުކަމެއް....އެދެމީހުންގެ ވާހަކަތައް ކޮންމެވެސްވަރަކަށް ފައުޒީގެ ފަރާތުން އަޑުއިވިފަ ވަނީ، މަންމާ، އަޅުގަނޑުވެސް ބޭނުމެއްނޫން ޔޫހާއަށް ޒައުލް ދެރައެއްދޭކަށް" އައްޔަދު ބުނެލިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު