އޭނާ މައުވާގެ ބޮލުގައި ފިރުމާލާފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތްވަގުތު މައުވާގެ ކަނާއަތުގެ އިނގިއްޔަށް އައި ހަރަކާތެއް ރާމިޒާއަކަށް ނުފެނުނެވެ.
އެ ދުވަހު ހަތަރުދަމު ރާމިޒާ ހޭދަކުރީ ވިސްނުމާ ފިކުރުކުރުމުގައެވެ. އަމިއްލަ ފުރާނައަށްވުރެ ލޯބިވާ ދަރިފުޅު އުމުރު ދުވަހު އެ ވޭނުގައި އޮންނަތަން ބެލުމަކީ އޭނާއަށް ކެތްވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ހިތުގެ އުންމީދުތަކުގައި ދިރުން ވާއިރު، އެ އުންމީދުތައް ކަފުންކޮށް ވަޅުލާނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ހިތަށް ލިބޭ ހަމަ އެކަނި ހަމަޖެހުމަކީ އެ އުންމީދުގެ ކަންޏެވެ.
*****
ގޭގެ ބެލްކަނީގައި މަޑުކޮށްލައިގެން ކޮފީއެއް ހިފައިގެން ހުރި ރައްޔާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ރައިޙާނާ އޭނާއާއި، އަފްނާންގެ ގުޅުމުގެ ވާހަކަ ރިސާމާއާ ދެއްކިފަހުން އޭނާގެ ޙާލަކީ އެއީއެވެ. އެ ތުންފަތް މަތީން ހިނިތުންވުމެއްގެ އަސަރު ނޫނީ ނުފެނެއެވެ. އެ ހިތުގެ އެދުން ހާސިލް ވެދާނެކަމުގެ ފޮނި އުންމީދުތައް އޭނާގެ ހިތުގައި އުފެދިފައިވެއެވެ. ކުޑަ އިރުއްސުރެ އަފްނާންއާ ދޭތެރޭ އޭނާގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް އޭގެ އެންމެ ފުންމިނަށް ވާސިލްވެއްޖެއެވެ. ދުވަހަކު ވެސް އަފްނާން ނޫނީ އެހެން ޒުވާނަކަށް އޭނާ ހިތް ކިޔާފައެއް ނުވެއެވެ. ޒުވާން އުމުރުގައި އެކުގައި އުޅޭ ގިނަ ކުދިން ލޯބިވެރިންނާއެކު އުޅޭތަން ފެނުނު ނަމަވެސް، އަފްނާން ނޫނީ އެހެން ޒުވާނަކާ ގުޅޭކަށްވެސް ރައްޔާ ބޭނުމެއް ނޫނެވެ. އެ ހިތް އޭނާ ހުޅުވާލަން ބޭނުންވަނީ ހަމައެކަނި އަފްނާންގެ ކުރިމަތީގައެވެ. އެ ހިތް ހަދިޔާކުރަން ބޭނުމީ އަފްނާންއަށެވެ. ލޯބީގެ ފޮނި އިޙްސާސް އޭނާއަށް އެންމެ ފުރަތަމަ އިޙްސާސްކޮށްދިނީ އަފްނާންއެވެ. ވުމާއެކު، އެ އިޙްސާސް އަފްނާން ނޫން އެހެން މީހަކާ އެކު ހިއްސާކުރާނީ ކިހިނަކުން ހެއްޔެވެ؟ އަދި އަމުދުން މިހާރެވެ. ކުޑައިރު އެ ހިތުގައި އަފްނާންއަށްޓަކައި ޖަހަމުން ދިޔަ ވިންދު ވަގުތާއެކު ވަނީ ބާރުގަދަވެފައެވެ. އޭނާގެ ޒުވާންކަމާއެކު އެ ވިންދުގެ އަޑުވެސް ދަނީ ދުވަހެއް ދުވަހެއް ގަދަވަމުންނެވެ. ރައިޙާނާ އެތަނަށް އައީވެސް އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔޭގައި ފީނަމުން ދަނިކޮށެވެ. ހަމަހޭވެރިކަންވީވެސް ރައިޙާނާ ގޮވާލުމުންނެވެ.
"ދަރިފުޅާ." ރައިޙާނާ ރައްޔާގެ ކައިރީގައި މަޑުކޮށްލިއެވެ. އޭނާއަށްވެސް ރައްޔާގެ އުފާވެރިކަން ފާހަގަވެއެވެ. އެ ވާހަކަ އަފްނާންގެ އާއިލާއާ ދެއްކީއްސުރެ ރައްޔާގެ ފަރާތުން ފެންނަމުން އެ ދާ އުފާވެރިކަމަކީ އޭނާ އަބަދުމެ އެ ތުންފަތްމަތީން ފެންނަން ބޭނުންވާ ސިފައެކެވެ. އެ ދަރިފުޅުގެ އެ އުފާތަކަށް ހުރަސް އެޅޭކަށް ރައިޙާނާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ރައްޔާގެ އެ އެދުން ފުއްދައިދޭން ރައިޙާނާ ބޭނުންވިއެވެ.
"އަދިވެސް ރިސާމާ އާންޓީ ޖަވާބެއް ނުދޭތަ؟ އަފޫ ކީކޭ ބުނީ؟" ރައިޙާނާއަށް ބަލައިލަމުން ރައްޔާ އަވަސްވެފައިވާ ހިތަކާއެކު ސުވާލުކޮށްލިއެވެ. އޭނާ އުންމީދުކޮށްގެން ހުރީ ރައިޙާނާ އެ ސުވާލުތަކުގެ ޖަވާބު ހިފައިގެން އައިކަމަށެވެ.
"އަފްނާންއާ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދެއްކިކަމަށް ރިސާމާ ބުނި. އޭގެ ފަހުން އަފްނާންވެސް ކުޑަކޮށް ބުރަކޮށް އުޅޭތީ ސީދާ އެ ވާހަކަ ނުދެއްކެޔޭ ބުނީ." ރިސާމާ އޭނާގެ ގާތުގައި ބުނެފައިވާ ގޮތަށް ރައިޙާނާ ރައްޔާއާ ހިއްސާކުރިއެވެ. ރައިޙާނާގެ ވާހަކައާއެކު ރައްޔާގެ މޫނުމަތީގެ ކުލަވަރުތައް ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. އެ އުފާވެރި މޫނު މިލައިގެން ދިޔައެވެ. އެ އަސަރުތަކުން ރައިޙާނާއަށް ޔަޤީންވީ ރައްޔާގެ ހުރިހާ އުފަލެއް ގުޅިފައިވަނީ އަފްނާންއާކަމެވެ. އަދި ރައްޔާއަށް އޭނާގެ ލޯބި ހާސިލްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ.
"އަދި ކަންބޮޑުވެ ހާސްވާކަށް ނުވެއެއްނު ދަރިފުޅާ! މަންމައަށް އެނގޭ ރިސާމާ. އޭނަ ބޭނުމެއް ނުވޭ އަޒްލަފްއަށް ވީ ގޮތް އަފްނާންއަށް ވާކަށް. އޭނަ ބޭނުންވަނީ ގޮތް އެނގޭ ރަނގަޅު ކުއްޖަކު އެ އާއިލާއަ ގުޅެން. އެހެންވީމަ އަފްނާންއާ ދަރިފުޅުގެ ގުޅުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ރިސާމާ ކުރާނެ. މަންމައަށް އިތުބާރުކުރޭ." ރައިޙާނާ ބުނެލިއެވެ.
"ތެންކިއު." ރައްޔާ ބުނެލިއެވެ. އޭނާ ރައިޙާނާގެ ގައިގައި ބައްދައިލިއެވެ. "ތެންކިއު ސޯމަޗް، އެން އައި ލަވް ޔޫ."
"ދެން އެކަމާ މާބޮޑަށް ނުވިސްނާތި. އިނގޭ…" ރައިޙާނާ ރައްޔާގެ ބޮލުގައި ފިރުމާލިއެވެ. ބޯ ޖަހާލި ރައްޔާ ހިނިތުންވެލިއެވެ.
ރައްޔާގެ ކައިރީގައި އިރުކޮޅަކު ހުރުމަށްފަހު، ރައިޙާނާ ތިރިއަށް ގޮސް ރިސާމާއަށް ގުޅިއެވެ.
ފޯނު ރިންގުވިއިރު ރިސާމާ އިނީ ކޮޓަރީގައި ހުރި ސޯފާގައި އިށީނދެގެން ފޯނުން ޚަބަރެއް ކިޔާށެވެ. ރައިޚާނާ ގުޅުމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ރައިޙާނާ ސުވާލުކުރީ މިހާރު އެ ވާހަކަ އަފްނާންއާ ދެއްކިތޯއެވެ. ރައިޙާނާއަށް ދޭނެ ޖަވާބެއް ނޭނގިފައި ރިސާމާއަށް ބަލައިލެވުނީ އެވަގުތު ފާޚާނާއިން ނުކުމެގެން އެ ދިމާލަށް އައި ނަޖީބާ ދިމާލަށެވެ. ރިސާމާގެ މޫނުމަތިން ފެނުނު އަސަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން އެނގި، ނަޖީބު ވެސް އައިސް ސޯފާގައި ރިސާމާގެ އެއްފަރާތުގައި އިށީނދެލިއެވެ. ރިސާމާ ވާހަކަ ދައްކަމުން ދިޔައީ ރައިޙާނާއާކަން ނަޖީބަށް އެނގުމާއެކު އެ ފޯނު ކޯލު ނިމެންދެން އޭނާ އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ.
"ނަޖީބު. އަހަރެން ދެން ކީކޭ ބުނާނީ؟" ރިސާމާ އެންމެފަހުން އުދާސްކަމުގެ ނޭވާއެއް ދޫކޮށްލައިފިއެވެ.
"އަފްނާންއާ ވާހަކަތާ ދެއްކޭނީ. މަޖުބޫރެއް ނުކުރެވޭނެއެއްނު." ނަޖީބު ބުނެލިއެވެ.
"ރަނގަޅުކަންތައް ކުރުމަށް މަޖުބޫރު ކުރެވެން ވާނެ. " ރިސާމާއަށް ބުނެވުނެވެ.
"އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެޔޭ އަހަރެން އަބަދުވެސް ރިސާމާގެ ކައިރީގައި ބުނަމެއްނު. ކައިވެންޏަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫނޭ. އަފްނާން ބޭނުން ނުވާކަމެއް ކިހިނެއް ގަދަކަމުން އަހަރެމެން ކުރުވާނީ. މަޖުބޫރުން ކައިވެނި ކުރުވާފަ، ރައްޔާއަށް އަފްނާންގެ ފަރާތުން ލޯތްބާ އޯގާތެރިކަން ނުލިބުނީމަ އެކަމުގެ ޒިންމާ ރިސާމާ ނަގާނަންތަ؟ އޭރުން ރައްޔާއަށް އެ ލިބޭ ހިތާމަތަކަށް ޒިންމާ ނެގޭނެތަ؟ އަހަންނަށްވެސް އެނގެޔޭ ރިސާމާ ކަންބޮޑުވަނީ ކޮން ކަމަކާކަން. ކީއްވެގެންކަންވެސް. އެކަމަކު ދަރީންނަށް މި ކަހަލަ ބޮޑެތި ކަންތައްތަކުގައި މަޖުބޫރުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ." ނަޖީބު އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ދިރިއުޅުމެއް ބިނާ ވާނީ ލޯތްބާ އޯގާތެރިކަމުގެ މައްޗަށެވެ. ކުލުނާ ޙަމްދަރުދީގެ މައްޗަށެވެ. މި ޖަޒުބާތުތައް ނެތް ގުޅުމެއްގައި ހަމަޖެހުމެއް ނުވާނެއެވެ. މަޖުބޫރުން ކައިވެންޏެއް ކުރުވިދާނެ އެވެ. އެހެންނަމަވެސް އެ ގުޅުމެއްގެ މައިގަނޑު އަސާސްތައް ނެތިއްޖެނަމަ ގުޅުމެއް ދެމި އޮންނާނެހެއްޔެވެ؟ ހަމަޖެހުމެއް ދެމަފިރިންގެ ދެމެދު އޮވެދާނެހެއްޔެވެ؟ ނޫނެކެވެ. ވީއިރު ކައިވެނި ފަދަ މާތް ގުޅުމަކަށް ދަރިންނަށް މަޖުބޫރުކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އެހެންނަމަވެސް، ޙަޔާތަށް އަންނަ ކުއްޖަކީ ގޯސް ކުއްޖެއްނަމަ ދަރީންނަށް ހެޔޮ މަގު ދައްކައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
"އެކަމަކު ވިސްނައިދެވޭނެއެއްނު. އޭނަގެ ވިސްނުން ބަދަލުކުރުމަށް ވާހަކަ ދެއްކޭނެއެއްނު. ހުރިހާ ކަމެއް ދަރިންގެ އަތް މައްޗަށް ދޫކޮށްލުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެއްނު. " ނަޖީބު އެ ދެއްކީ ރަނގަޅު ވާހަކަކަން އެނގުނު ނަމަވެސް، ރިސާމާއަށް އޭނާގެ ހިތުގެ އެދުންތައް ވެސް މުހިންމުވިއެވެ.
"ރިސާމާއަށްޓަކައި އަހަރެން ވާހަކަ ދައްކަފާނަން." ނަޖީބު ބުނެލިއެވެ.
"ވާހަކަ ދައްކަން ވިއްޔެއް ނޫނޭ. ވިސްނައިދޭންވީ. އަފްނާންގެ ކައިވެނި ރައްޔާއާ ކުރަން އޭނަ އެއްބަސްކުރުވަންވީ. ދަރީން ބޭނުންހާ ގޮތަކަށް ކަންތައްކުރަން ފުރުސަތު ދީފަ އަމިއްލަ ދިރިއުޅުން ހަލާކުކޮށްލާތަން ބަލަން ތިބެންވީތަ؟" ރިސާމާއަށް ބުނެވުނެވެ.
"ރިސާމާ… ފިނިހިތަކުން އަހަރެން މި ދައްކާ ވާހަކައާ މެދު ވިސްނައިލަބަލަ. އޭރުން އަހަރެން ބުނަން މިއުޅޭ އެއްޗެއް ރިސާމާއަށްވެސް އެނގޭނެ." ނަޖީބު ރިސާމާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"އިނީމަ ލޯބިވެސް ވެވޭނެ." ރިސާމާ ބުނެލިއެވެ.
"ނަޖީބު. ފޫހިވެފަ ހުރެގެން ކައިވެނިކުރީމަ ލޯބިވެވުމަށްވުރެ ކައިވެނި ރޫޅުމެއް ނޫންތަ ގާތީ؟ އޭރުން އަނެކާ ކުރާ އެއްވެސް ރަނގަޅުކަމެއް ނުފެންނާނެއެއްނު. ފިލްމުތަކުގެ ފެންނަ މަންޒަރާއި އާއްމު ދިރިއުޅުމާ ވަރަށް ތަފާތު." ނަޖީބު ބުނެލިއެވެ. "ރައިޙާނާ ކައިރީގައި ބުނޭ އަފްނާން ވިސްނަން ވަގުތު ބޭނުންވާ ވާހަކަ. އެމީހުން އަނދިރީގައި ބައިތިއްބާކަށް ނުވާނެ."
މުސްތަޤްބަލަށް ވިސްނާފައި ނަޖީބު ވާހަކަ ދެއްކިއެވެ. ނަޖީބުގެ ވާހަކަތަކަށް ރައްދުދޭން ރިސާމާ ބޭނުންވިނަމަވެސް، ފިރިމީހާގެ އެދުމަށް ދެބަސްވެ އަރާރުން ވުމަކީ އޭނާގެ އުސޫލަކަށް ނުވާތީ ހިމޭންވީއެވެ. އެހެންނަމަވެސް އޭނާގެ އެދުމަކަށްވީ ނަޖީބު އެ ވާހަކަ އަފްނާންއާ އަދިވެސް އެއްފަހަރު ދެއްކުމަށެވެ. އަނބިމީހާގެ އެ އެދުން ފުއްދައިދޭނެ ކަމަށް ބުނެ ނަޖީބުވެސް ރިސާމާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ.
*****
ޖެހިގެން އައި ދުވަހު ކޮލެޖަށް ދިޔަ އަފްނާން ގޮސް ލެކްޗަރ އޮތް ކްލާހަށް ވަތްއިރު ޒާޔާގެ އިތުރުން، ޔޫޝައުވެސް ކްލާހުގައި އިނެވެ. އޭނާ އިސްޖަހާލައިގެން ހުރެ ގޮސް އެހެން ހުރިހާ ކުދިންނާ ވަކިން މޭޒެއްގެ ދޮށުގައި އިށީނެވެ. އޭރު އަދި ލެކްޗަރަރ ނާދެއެވެ. އިސްޖަހާލައިގެން އިން އަފްނާން އިނީ ޒާޔާއާއި ޔޫޝައުއާ ދިމާލަށް ނުބަލަން ހިތުލައިގެންފަދައެވެ. އެހެންނަމަވެސް، އެގޮތުގައި އޭނާއަށް ކެތްކޮށްލެވުނީ އިރުކޮޅަކަށެވެ. އޭނާއަށް އެ ދެމީހުންނާ ދިމާލަށް ބަލައިލެވިއްޖެއެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން އަފްނާން ބޭނުނެވެ. ދެރައީ މިއަދު އޭނާ އެ ދެމީހުންގެ ކުރިމަތީގައި ލަދުވެތިކަން އިޙްސާސްކުރެވެމުން ދިޔައީތީއެވެ. ރިފާ އައީ ލެކްޗަރ ފެށިފަހުންނެވެ. ކްލާހަކީ އެހެން ދުވަސްދުވަހު އެމީހުން ތިބޭހާ ބޮޑު ކްލާހެއް ނޫނެވެ. އިތުރު ގޮނޑިއެއް ނެތުމާއެކު ރިފާގޮސް އިށީންނަން ޖެހުނީ އަފްނާންގެ ކައިރީގައެވެ. ލެކްޗަރ ފެށިގެން ކުރިއަށް ދަތީ ރިފާއަށްވެސް އެހެން ކުއްޖަކު ކައިރީގައި ބުނެގެން ގޮނޑި ބަދަލުކުރާކަށް ނުކެރުނެވެ. އޭނާ އަފްނާންއަށް ބަލައިލިއިރު އަފްނާންވެސް އޭނާއަށް އަވަސް ނަޒަރެއް ދިންކަން ރިފާއަށް ދެނެގަނެވުނެވެ. ރިފާއާ ސުވާލުކުރަން އަފްނާންގެ ހިތް އެދި ގޮވި ނަމަވެސް، އެކަން ކުރަން އޭނާ ޖެހިލުންވިއެވެ. އޭނާއަށް ބެލެނީ ޒާޔާއާއި ޔޫޝައު އަށެވެ. އެ ދެމީހުންނަށްވެސް ރިފާ އޭނާގެ ކައިރީގައި އިށީންތަން ފެންނާނެއެވެ.
ދެވަނައަށް އޮތް ލެކްޗަރ ކެންސަލްވުމާ، ތިންވަނަ ގަޑި ފެށެން އަދި ވަރަށް ވަގުތު އޮތުމާއެކު އެއްބަޔަކު ކެންޓީނަށް މިސްރާބުޖެހިއިރު އަނެއްބައި މީހުން ނުކުމެލީ ކެންޕަސް ތެރެއަށެވެ. އެންމެން ނުކުމެ ކްލާސް އެއްކޮށް ހުސްވިއިރުވެސް އަފްނާން އެތަނަކުން ނުކުންނަ ޚިޔާލެއް ނުކުރެއެވެ. އޭނާ އެއިން ގޮތަށް އިނީއެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. މޭޒުގައި ބޯ އަޅައިލެވުނީ ވެސް ގަސްތަކު ނޫނެވެ. އެހެންނަމަވެސް، ސިކުނޑީގައިވި ހާސްކަމުގެ އަސަރުތައް ހަށިގަނޑަށް ފޯރާ ހަށިގަނޑު ބަލިކަށިކުރަމުން ދިޔައީތީ މާ ބޮޑަށް ވަރުބަލިވީ އެވެ. ކިޔެވުމަށް ވެސް ސަމާލުކަމެއް ނުދެވުނެވެ. ސިކުނޑީގައި އަބަދު ރަސްކަން ކުރަމުން ދަނީ މައުވާއެވެ. މައުވާގެ ސޫރައެވެ. މައުވާ އޮތް ގޮތެވެ.
ކްލާހަށް މީހަކު ވަތް އިޙްސާސްއާއެކު އަފްނާން ބޯ ހިއްލާލާ ބަލައިލިއެވެ. އެތަނުގައި ހުރީ ޔޫޝައު ނޫން ދެވަނަ މީހެއް ނޫނެވެ. ޔޫޝައު އޭނާގެ ދަބަސް ތެރެއިން ކޮންމެވެސް އެއްޗެއް ނަގައިގެން ހިނގައިގަތުމުން އަފްނާން ޔުޝައުއަށް ގޮވާލިއެވެ. ޔުޝައު މަޑުޖެހިލުމުން އަފްނާން ގޮނޑިން ތެދުވެލާ މޭޒުގައި ލެނގިލިއެވެ. ޔޫޝައުވެސް އޭނާ ހުރި ދިމާލުގައި ހުރި މޭޒުގައި ލެނގިލީ އަފްނާން ދައްކާ ވާހަކައެއް އަޑު އަހާލުމުގެ ނިޔަތުގައެވެ.
"އައި ވޮނަ ޓޯކް ޓު ޔޫ." ޔޫޝައު މަޑުކުރުމުން ލިބުނުހިތްވަރާއެކު އަފްނާން ބުނެލިއެވެ.
"ކޮން ވާހަކައެއް؟ މައުވާގެ؟" ޔޫޝައު ސުވާލުކޮށްލިއެވެ. ހީވަނީ އަފްނާން ދައްކާނެ ވާހަކަ މާކުރިންވެސް އޭނާއަށް އެނގޭހެންނެވެ.
"ހޫމް…" އަފްނާން ބޯ ޖަހާލިއެވެ.
"މިހާރު ކީއްވެގެން މައުވާއާ މެދު ތިހާ ވަރަށް ތި ވިސްނަނީ؟" ޔޫޝައު އަފްނާންއާ ސުވާލުކޮށްލިއެވެ. ރުންކުރުކަން ފޮރުވަން އުޅުނު ނަމަވެސް، އަދިވެސް، އެ އަޑުގައިވަނީ ނުރުހުމެެވެ.
"މައުވާއަށް އެހެން ވީ ކޮން އިރަކު؟ ކިހިނެއްތަ؟" އަފްނާން ސުވާލުކޮށްލިއެވެ.
"އެނގިގެން އަފްނާންއަށް ލިބޭނެ ގެއްލުމެއްވެސް ފައިދާއެއްވެސް ނެތެއްނު. އާފްޓަރ ރޯލް އަފްނާނެއްނު މައުވާ ދޫކޮށްލީ. ހަނދާންނެތީތަ؟ ނޫނީ އަހަރެން އެ ދުވަސް ހަނދާންކޮށްލަދޭންވީތަ؟" ޔޫޝައު އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.
"އަ… އަހަރެން… އަހަރެންވެސް ކުއްލިއަކަށް…" އަފްނާން ވާހަކަ ދައްކަން އުޅުނު ނަމަވެސް، އޭނާގެ ވާހަކަ ޔޫޝައު ހުއްޓުވިއެވެ.
"އައި. އަހަރެން…ވަޓް. އެއަށްފަހު ވީނުވީއެއް ނޭނގި އަފްނާން ގެއްލިފަ ދެން ތި އައީ ދެ އަހަރު ފަހުން… އައިސް މައުވާ ހޯދުމުގެ ބޭނުމަކީ ކޮބާ؟" ޔޫޝައު ހީވަނީ އަފްނާންއަށް އެ ހިތުގައިވާ އެއްވެސް ސުވާލެއްގެ ޖަވާބު ދޭން ބޭނުން ނުވާހެންނެވެ. އަފްނާންދެކެ ހިތްހަމަނުޖެހިފައިހުރިލެއް ބޮޑުކަމުން ކަމަށް ވެސް ވެދާނެއެވެ.
"އެޓްލީސްޓް ޓެލް މީ… ކިހާ ދުވަހެއް ވެއްޖެ؟" އަފްނާން އިސްޖަހާލިއެވެ.
"ދެ އަހަރު… ދެއަހަރު ވެއްޖެ." ޔުޝައުގެ އެ ޖަވާބާއެކު އަފްނާންއަށް އިސް އުފުލާލާ ޔޫޝައުއަށް ބަލައިލެވުނެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުގެ ސަބަބުން އަފްނާންގެ ހިތަށް މީގެ ކުރިން ނުވާފަދަ ނުބައި ގޮތެއް ވެގެން ހިނގައްޖެއެވެ. އެއާއެކު އޭނާއަށް އިތުރު އެއްޗެއް ބުނާކަށް ހިތްވަރެއް ނުލިބުނެވެ. ހިތުގެ ތެޅުން ބާރު ވުމާއެކު ފުންނޭވާއެއް ދޫކޮށްލާ ނިތުގައި ވެސް ފިރުމާލެވުނެވެ. އެ މަންޒަރު ބަލަން ހުރެފައި ޔޫޝައުވެސް ގޮސް ކްލާސްރޫމުން ނުކުތެވެ. އަފްނާންއަށް އިށީނދެވުނީ ގޮނޑީގައެވެ. އެގޮތުގައި އެތަކެއް އިރަކު އޭނާއަށް އިނދެވުނެވެ.
އެ ދުވަހު ކްލާސް ނިންމާފައި އަފްނާން ގެއަށް ގޮސް ވަތްއިރު، ނަޖީބު ސޯފާގައި ކޮންމެވެސް ފައިލެއް ހިފައްޓައިގެން އެ ކިޔަން އިނެވެ. އޭނާގެ އެއްފަރާތުގައި އޮފީހުގެ ކޮންމެވެސް މުވައްޒަފެއް ވެސް އިނެވެ. ހީވަނީ އޭނާ ގެއަށް އެއައީ ނަޖީބުގެ ސޮއި ހޯދަން ޖެހިގެން ކަމެވެ.
އެ ފައިލުގައި ސޮއި ކޮށްލާފައި ނަޖީބު އެ އަންހެން ކުއްޖާއަށް ފައިލްދިކޮށްލުމުން އަދަބުވެރިކަމާއެކު ޝުކުރު އަދާކުރަމުން އެ ކުއްޖާ ގެއިން ނުކުންނަން ހިނގައިގަތެވެ. ނަޖީބަށް އަފްނާން ފެނުމާއެކު ގޮވައިލިއެވެ. އެއާއެކު އަފްނާން އެ ދިމާލަށް ގޮސް މަޑުކޮށްލިއެވެ.
"އިށީނދެބަލަ." ނަޖީބުގެ އެދުމަށް އަފްނާން ސޯފާގައި އިށީނދެލިއެވެ.
"ދަރިފުޅާ ކުރިން ރޭ ދެއްކި ވާހަކަތަކާ މެދު ވިސްނާލިންތަ؟" ނަޖީބު ސުވާލުކޮށްލުމާއެކު އަފްނާން ނަޖީބާ ނަޒަރު ވަކިކޮށްލަމުން ދުރު ބަލައިލިއެވެ.
"ކިހިނެއްވީ؟ ހިތްހަމަނުޖެހުނީ. އެރޭވެސް ދަރިފުޅު ދިޔައީ ހިތްހަމަނުޖެހިގެންކަން ބައްޕައަށް އެނގޭ. އެހެންވެ ދަރިފުޅަށް ވިސްނަން ވަގުތުކޮޅެއް ދީގެން ބައްޕަ މި ހުރީ. މަންމަގެ އެދުމަކީ ދަރިފުޅު ރައްޔާއާ ކައިވެނިކުރުން. އެކަމަކު ބައްޕަ ދަރިފުޅަކަށް މަޖުބޫރު ކުރާކަށް ބޭނުމެއް ނޫން. ދޮންބެއަށް ދިން މިނިވަންކަން ދަރިފުޅަށްވެސް އޮންނާނެ. " ނަޖީބު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަޅުގަނޑު…" އަފްނާންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
"ދަރިފުޅުގެ ޙަޔާތުގައި އިތުރު ކުއްޖަކު ނެތިއްޔާ ރައްޔާއަކީ ހަމަ ޙަޔާތުގެ ބައިވެރިއަކަށް ގެންނަން ރަނގަޅު ކުއްޖެއް. މަންމަގެވެސް އެދުމެއްވީމަ ހަމަ މިވާހަކަ މި ދެކެވެނީ. އަދިވެސް އެއްފަހަރަކު މި ކަމާ މެދު ވިސްނާލާ…" ނަޖީބު ބުނެލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. މުހިންމު ކޯލަކަށްވުމާއެކު ފަހުން ވާހަކަ ދައްކާނެކަމަށް ބުނެ ނަޖީބު އަފްނާން ދިޔުމުގެ ހުއްދަ ދިނެވެ. އަފްނާންވެސް އިތުރު އެއްޗެއް ނުބުނެ އެތަނުން ދިޔުމަށް މިސްރާބުޖެހިއިރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ.
*****
ޖާވިދު ރާމިޒާއާ މައުވާގެ ކަންތަކާ ގުޅޭގޮތުން ވާހަކަ ދެއްކިތާ ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާ ހުރީ ރާމިޒާއަށް ވަގުތު ދީގެންނަމަވެސް، ޒުލްފާގެ ސަބަބުން އަނެއްކާވެސް ޖާވިދު އެ ވާހަކަ ރާމިޒާއާ ދެއްކިއެވެ. އެ ދުވަހުވެސް ރާމިޒާ ހޮސްޕިޓަލަށް ގޮސް ވަރަށް ރުޔެވެ. އޭނާއަށް ނިދިޖެހުނީވެސް މައުވާގެ ގާތުގައި ހުރި ގޮނޑީގައި މައުވާގެ އަތުގައި ހިފައްޓާލައިގެން އޮއްވައެވެ. ދެބަދޭތެރޭގައި ކަހަލަ ގޮތަކަށް އިން ރާމިޒާއަށް މައުވާގެ އަތުގެ ހަރަކާތެއް އިޙްސާސްވިހެން ހީވިއެވެ. ފުރަތަަމަ ފަހަރަށް އެހާ ބޮޑަށް އަޅާނުލެވުނު ނަމަވެސް، ދެވަނަ ފަހަރަށް އައި ހަރަކާތާއެކު ދެލޯ ރަނގަޅަށް ހުޅުވާލެވުނެވެ. އޭނާ މައުވާއަށް ގޮވާލާފައި މޫނުގައި ފިރުމާލާފައި އެ އަތުގައި ފިރުމަން ފެށިއެވެ. އެހެންނަމަވެސް، މައުވާގެ އަތެއް ހަރަކާތެއް ނުކުރިއެވެ. ނިދިޖެހިފައި އިން ގޮތުން ހީވި ހީވުމެއްބާއޭ ރާމިޒާގެ ހިތަށް އެރިއެވެ. އޭނާ އެތަކެއް އިރަކު މައުވާގެ އެ ހަރަކާތަށް އިންތިޒާރުކުރިނަމަވެސް، އެއްވެސް ހަރަކާތެއް މައުވާ ނުކުރިއެވެ. އެކަމުން މާޔޫސްވެ އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ރާމިޒާ ނިންމިއެވެ.
އެގޮތުގައި ތިން ދުވަސް ފާއިތުވީފަހުން، ޒުލްފާގެ ނުރުހުމުގެ ބަސްތައް ވެސް ރާމިޒާއަށް އަމާޒުވަން ފެށިއެވެ. އެންމެފަހުން ގެއަށް ގޮސް ވަންނަންވެސް ރާމިޒާ ޖެހިލުންވާން ފެށިއެވެ. ދެން ކަންތައް ކުރާނެ ގޮތަކާ މެދު ވިސްނަން ގިނަ ވަގުތު ރާމިޒާއަށް ހޭދަކުރެވެނީ މައުވާގެ ގާތުގައެވެ.
އެއީވެސް އެފަދަ ދުވަހެކެވެ. ސޯފާގައި އިން ރާމިޒާ ފާޚާނާއަށް ވަދެލުމުގެ ބޭނުމުގައި ތެދުވެލިއެވެ. މައުވާއަށް ބަލައިލުމާއެކު އަޅައިގަތް މަންޒަރާއެކު ރާމިޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
(ނުނިމޭ)