ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ރެއާލްއިން ކާމިޔާބު ކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ރެއާލް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. އަދި މިލަނޑު ޖެހިތާ 10 މިނެޓް ފަހުން ފެޑެރީކޯ ވަލްވާޑޭ ކާމިޔާބު ކޮށްދިން ލަނޑުން ރެއާލްއިން އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.
މި މެޗުގައި ރެއާލްއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. މި މެޗުގައި ސެވިއްޔާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިސާކް ރޮމޭރޯއެވެ. މި މެޗުގައި ރެއާލްގެ ފަހު ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރަހީމް ޑިއާޒްއެވެ. އަދި ސެވިއްޔާގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޯޑީ ލުކެބަކިއޯއެވެ.
މި ކާމިޔާބީއާއެކު ރެއާލް މިހާރު ވަނީ 18 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑާ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ސެވިއްޔާ އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.
މި މުބާރާތުގައި ވިޔަރެއާލް އާއި ލެގާނެސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ފަސް ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވިޔަރެއާލްއެވެ. މި މެޗުގައި ވިޔަރެއާލްގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ތިއެމޯ ބެރީ، ޖެރާޑް މޮރޭނޯ އަދި ޕައު ކަބަނޭސްއެވެ. އަދި ލެގާނެސްގެ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ސޭޑޫބާ ސިސޭ އާއި ޑާނީ ރާބާއެވެ. މި މެޗުގައި ލެގާނެސްގެ އޮސްކާ ރޮދްރިގޭސް އާއި ހޯގޭ ސައެންޒްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މިކާމިޔާބީއާއެކު ވިޔަރެއާލް މިހާރު އުޅެނީ 30 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލެގާނެސް އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.