ޔުނައިޓެޑަށް އިތުރު ހާސްކަން

އިންގްލިޝް ޕްރިމިއާ ލީގުގައި ބޯންމޯތާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ބޯންމޯތުން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ބޯންމޯތުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ.

ބޯންމޯތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިއާއެކުވެސް ޔުނައިޓެޑަށް ބޯންމޯތުގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މި މެޗުގައި ބޯންމޯތުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދނީ ޑީން ހުއިސެންއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގައި ބޯންމޯތުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 61 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން އެ ޓީމު ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖަސްޓިން ކްލައިވާޓްއެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން އެންޓޮއިން ސެމެންޔޯ ވަނީ ބޯންމޯތުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މި ސީޒަންގައި ބޯންމޯތުން ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކަށް ބޯންމޯތު ކައިރީ މައްސަލަތަކާ ކުރިމަތި ވެގެންދެއެވެ. އަދި ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލަތައް އަދިވެސް ފެންނަނީ ގިނަ ކޮށެވެ.

މި މެޗުގައި ވެސް ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމް ވަނީ މާކަސް ރަޝްފަޑް އޭނާގެ ޓީމުން ބާކީކޮށްފައެވެ. މީގެ އިތުރުން ޓީމުގެ ކުޅުން ރަނގަޅު ވަމުން އަންނަ ތަނެއް ފެނިގެނެއް ނުދެއެވެ. މިގޮތުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އަދި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން މޮޅުވި ނަމަވެސް އެ މެޗުގެވެސް ބޮޑުބައިގައި ޔުނައިޓެޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ބޯންމޯތު މިހާރު ވަނީ 28 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޔުނައިޓެޑް އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.

މި މުބާރާތުގައި ތާވަލްގެ ދެވަނައިގައި އުޅޭ ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗުގައި އެވަޓަންއިން ވަނީ ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓާލައިފައެވެ. މި މެޗު އެއްވަރު ވުމުން ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ކުޑަ ކުރުމަށް ޗެލްސީއަށް ލިބިގެންދިޔަ ފުރުސަތު މި ވަނީ ނަގާލާފައެވެ. މިމެޗު އެއްވަރު ވުމުން ޗެލްސީ މިހާރު އުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ. އަދި އެ ވަޓަން އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.

މީގެ އިތުރުން ލެސްޓާ ސިޓީ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވުލްވްސްއެވެ. މި މެޗުގައި ވުލްވްސްއިން ކާމިޔާބުކުރި ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގިންކާލޯ ގުއެޑޭސް އާއި ރޮޑްރިގޯ ގޯމޭސް އަދި މެތިއަސް ކޫންޔާއެވެ. މި ކާމިޔާބީއާއެކު ވުލްވްސްއިން މިހާރު އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. އަދި ލެސްޓާ އުޅެނީ 14 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު