އިޓާލިއަން ސެރީއާގައި ނަޕޯލީ އާއި ޖެނޯއާ ބައްދަލުކުރި މެޗު ނަޕޯލީއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޖެނޯއާގެ ދަނޑުގައި ކުޅުނު މިމެޗު ނަޕޯލީއިން ކާމިޔާބު ކޮށްފައިވަނީ ދެލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާޓުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ.
ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގިނައީ ޖެނޯއާގެއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ ނަޕޯލީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންޑްރޭ ފްރޭންކް ޒަމްބޯ އެންގުއޭސާއެވެ. އަދި މިލަނޑު ކާމިޔާބުކުރިތާ އަށްމިނެޓް ފަހުން އަމީރު ރަހްމާނީ ކާމިޔާބު ކޮށްދިން ލަނޑުން ނަޕޯލީން އެޓީމުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި ޖެނޯއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 51ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަންޑްރިއާ ޕިނަމޮންޓީއެވެ. މިމެޗުގައި އިތުރު ލަނޑެއް ޖެހޭތޯ ޖެނޯއާއިން މަސައްކަތް ކުރި ނަމަވެސް ނަޕޯލީގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ނަޕޯލީއަށް ތާވަލްގެ އެއްވަނަ ލިބިގެންދަނީ ކުޅުނު 17 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކުއެވެ. ނަމަވެސް އެޓަލާންޓާ މިހަފްތާގައި ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ އެޓީމަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެޓަަލާންޓާ އުޅެނީ 37 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޖެނޯއާ އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 14ވަނައިގައެވެ. މިމުބާރާތުގައި އޭސީ މިލާން އާއި ހެލަސް ވެރޮނާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާންއެވެ. ވެރޯނާގެ ދަނޑުގައި ކުޅުނު މިމެޗު މިލާން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 56ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޓިޖާނީ ރެއިންޑާސްއެވެ. މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ. އަދި ވެރޯނާ އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 17ވަނައިގައެވެ.
މީގެއިތުރުން ބޮލޯނިއާ އާއި ޓޮރީނޯ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބޮލޯނިއާއެވެ. މިކާމިޔާބީއާއެކު ބޮލޯނިއާވެސް މިހާރުވަނީ 28 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ޓޮރީނޯ އުޅެނީ 19 ޕޮއިންތާއެކު ތާވަލްގެ 11 ވަނައިގައެވެ.