ޖަރުމަނު ބުންޑެސްލީގާގައި ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔާންމިޔުނިކާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ބަޔާންއިން ކާމިޔާބު ކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ފަސް ލަނޑު އެއް ލަނޑުންނެވެ. ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު އެޓިމުން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި ބަޔާންއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަމާލް މުސިއެލާއެވެ. ނަމަވެސް މިލަނޑު ޖަހާ ބަޔާންއަށް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް ލެއިޕްޒިގްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ މިނެޓުގައި ބެންޖަމިން ސެސްކޯއެވެ. މިމެޗުގައި ބަޔާންއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 25ވަނަ މިނެޓުގައި ކޮންރަޑް ލެއިމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި ޖޮޝުއާ ކިމިޗްވަނީ މެޗުގެ 36ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ބަޔާންއިން މިމެޗުގައި ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު މެޗުގެ 75ވަނަ މިނެޓުގައި ޖަހައިދިނީ ލިރޯއި ސާނޭއެވެ. އަދި ފަހު ލަނޑު އޭގެ ތިން މިނެޓްފަހުން ކާމިޔާބު ކޮށްދިނީ އަލްފަންސޯ ޑޭވިސްއެވެ.
މި ކާމިޔާބީއާއެކު ބަޔާންމިހާރު ތާވަލްގެ އެއްވަނައިގާ އުޅެނީ ކުޅުނު 15 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކުއެވެ. އަދި ލެއިޕްޒިގް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. މިމުބާރާތުގައި ތާވަލުގެ ދެވަނައިގާ އުޅުނު އެއިންޓްރެކްޓް ފްރޭންކްފާޓް އާއި މެއިންޒް ބައްދަލު ކުރި މެޗު ރަށުން ބޭރުގައި ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ މެއިންޒްއެވެ.
މިމެޗުގައި މެއިންޒް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ 15 \ވަނަ މިނެޓުގައި ފްރޭންކްފާޓްގެ ކައުއާ ސަންޓޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑު ކާމިޔާބުކުރިތާ ހަ މިނެޓް ފަހުން މެއިންޒްގެ ނާޑިއެމް އަމިރީއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑުގައި އެޓީމުން ކުލެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
ނަމަވެސް ދެންވެސް ފެނިގެންދިޔައީ މެެއިންޒްއިން އެޓީމުގެ ލީޑު ފުޅާކުރި ތަނެވެ. މިގޮތުން މެޗުގެ 27ވަނަ މިނެޓުގައި ޕައުލް ނެބެލް އެޓީމުގެ ލީޑު ފުޅާކޮށްދިން އިރު އެޓީމުގެ ފަހު ލަނޑު މެޗުގެ 58ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް ނެބެލްއެވެ.
މިމެޗުގައި ފްރޭންކްފާޓްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 75ވަނަ މިނެޓުގައި ރަސްމުސް ކްރިސްޓެންސެންއެވެ. ނަމަވެސް މިއާއެކު ވެސް މިމެޗުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު މެއިންޒް 25 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައިވާއިރު ފްރޭންކްފާޓް މިހާރު އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.