އިންގްލިޝް ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ފޮރެސްޓް އިން ކާމިޔާބު ކޮށްފިއެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗު ފޮރެސްޓް އިން ކާމިޔާބު ކޮށްފައިވަނީ ދެލަނޑު ސުން ލަނޑުންނެވެ. ބްރެންޓްފަޑް އިން ގިނައިރު ބޯޅަ ގެންގުޅުނު މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ފޮރެސްޓް އިންނެވެ. މިމެޗުގެ ކުރީކޮޅުގައި ބްރެންޓްފަޑް އިން ފޮރެސްޓްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓީމަށް ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ފޮރެސްޓް އިން ވަނީ ވަރުގަދައަށް ޑިފެންސް ކުޅުރުމުގެ އިތުރުން ލިބޭ ފުރުސަތު ތަކުގައި ބްރެންޓްފަޑްގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. މިގޮތުން މެޗުގެ 38ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ފޮރެސްޓް އިންވަނީ އެޓީމުން މިމެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮލާ އައިނާއެވެ.
މިމެޗުގައި ފޮރެސްޓް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 51ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެންތަނީ އެލަންގާއެވެ. މިމެޗަށް ބްރެންޓްފަޑްއިން ވަރަށް ބޮޑު އުންމީދަކާއެކު ނިކުން ނަމަވެސް މިމެޗު ވެގެންދިޔައީ މިސީޒަންގައި އަމިއްލަ ދަނޑުގައި ލީގުގައި ކުޅެ ބަލިވި ފުރަތަމަ މެޗަށެވެ. މިމެޗުގައި ބްރެންޓްފަޑް އިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބުވާގޮތެއް ނުވިއެވެ.
މިނަތީޖާ އާއެކު ފޮރެސްޓްވަނީ ވަގުތީ ގޮތުން 31 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް އާސެނަލް ކުޅޭ މެޗު އެޓީމު ކާމިޔާބު ކޮށްފިނަމަ އެޓީމަށް އަލުން ތާވަލްގެ ތިންވަނަ ލިބިގެންދާނެއެވެ. އަދި ބްރެންޓްފަޑް އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 12ވަނައިގައެވެ.
މިމުބާރާތުގައި ނިއުކާސްލް ޔުނައިޓެޑާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ރަށުން ބޭރުގައި ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނިއުކަސްލް އިންނެވެ. މިމެޗުގައި ނިއުކާސްލް އިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކޮށްދީ އެލެގްޒެންޑަ އިސާކްވަނީ ޕްރެމިއާ ލީގުގައި އޭނާގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ.
އަދި އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޖޭކޮބް މާފީއެވެ. މިމެޗުގައި އިޕްސްވިޗްއަށް މާއެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު ނިއުކާސްލް މިހާރު އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އިޕްސްވިޗް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.