އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ މެޗްޕިއަން މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބު ކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ސިޓީންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ވިލާގެއެވެ.
މިގޮތުން މެޗުގެ ތިންވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ސިޓީގެ ޑިފެންސްގެ ބަލިކަށިކަން ފާހަގަވިއެވެ. ނަތީޖާ އަކަށްވީ މެޗުގެ 16ވަނަ މިނެޓުގައި ވިލާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިވަގުތު ވަރަށް ފޯމުގައި ކުޅެމުންދާ ޖޯން ޑުރާންއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް މިހާފުގައި ލިބިގެންދިޔައެވެ.
މިމެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ސިޓީން ގިނައިރު ބޯޅަ ގެންގުޅެ ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ އިރު ވިލާއިން ކައުންޓާ އެޓޭކްގައި ސިޓީގެ ޑިފެންސަށް ނުރައްކާ ކުރި މަންޒަރެވެ. މިމެޗުގައި ވިލާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 65ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މޯގަން ރޮޖާސްއެވެ.
މިމެޗުގައި ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. މިމެޗުގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު ސިޓީއަށް ދިމާވެފައިވާ މައްސަލަ ތަކަށް އަވަސް ހައްލެއް އައްނާނެކަމަކަށް ނުބެލެއެވެ.
ސިޓީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މުހިންމު ގިނަ ކުޅުންތެރިންނަށް އަނިޔާވުމުގެ އިތުރުން އަނިޔާއިން އެނބުރި އައިސްފައިވާ ބައެއް ކުޅުންތެރިން އަދި ރަނގަޅަށް ފޯމަކަށް އެޅުމުގެ ފުރުސަތު ނުލިބުމެވެ. އަދި މީގެ މައްޗަށް ގިނަ މެޗު ތަކަކުން ބަލިވަމުން ދިއުމުން ޓީމުގައި ފިޓްކޮށް ތިބި ކުޅުންތެރިންނަށް ވެސް މިހާރުވަނީ އަމިއްލަ ނަފްސަށްް އޮތް އިތުބާރު ކުޑަވެގެން ގޮސްފައެވެ.
ނަތީޖާއަކީ ކިރިއާވެސް މައްސަލައެއް ދިމާވާއިރަށް ޓީމު އަވަހަށް ޕްރެޝަރަށް ވެއްޓުމެވެ. ވިލާއަށް ބަލާއިރު އެޓީމު ވެސް މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމުގައި ނޫންކަމަށް ބުނެވިދާނެއެވެ. މިގޮތުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ތިން މެޗުން ކަމުން މިއީ އެޓީމަށް ވަރަށް މުހިންމު ކާމިޔާބީއެއްގެގޮތުގައި ބެލިދާނެއެވެ.
މިކާމިޔާބީއާއެކު ވިލާ މިހާރު ވަނީ ފަސް ވަނައިގައި ކުރިން އޮތް ސިޓީ ފަހަތަށް ޖައްސާލާ 28 ޕޮއިންޓާއެކު ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސިޓީ މިހާރު އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ވެއްޓިފައެވެ.