ކަލާ ފެނިލުމުން... 20

"މި ބުނީ އެ ޙާލަތުގައި މައުވާ ބާއްވާތާ ދެ އަހަރު ވީއިރު އެއްވެސް އިތުރު ކުރިއެރުމެއް ނުލިބެޔޭ. އެގޮތަށް ބޭއްވުމަކީ މައުވާއަށް ވެސް ވަރަށް ވޭން ލިބޭނެ ކަމެކޭ…"

"އަހަރެން ބޭނުމެއް ނޫން." ރާމިޒާގެ ދޫ ހަރަކާތްކުރީ ލަސްލަހުންނެވެ. އެޖުމްލަ ބުނަން އޭނާއަށް އުނދަގޫވިއެވެ.

"ބޭބެ މި ވާހަކަ މި ބުނަނީ ކޮންމެހެން މައުވާއަށް ދެރަގޮތެއް ހަދާކަށް ނޫން. އެކަމަކު… ރާމިޒާއަށްވެސް ވިސްނައިދިނުމުގެ ބޭނުމުގަ. އެނގޭ މައުވާ އެ ޙާލުގައި އޮންނަތަން ފެނުމުން ރާމިޒާއަށް ކުރާނެ އަސަރު. ބޭބެއަށްވެސް އުނދަގޫވޭ މައުވާ އެ ޙާލުގައި ވާތަން ބަލަން. އެކަމަކު… މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވީ. " ޖާވިދު ވާހަކަ ދެއްކިއެވެ.

"އަހަރެން އުންމީދު ކަނޑައެއް ނުލަން." ރާމިޒާގެ ހިތްވަނީ ބިރުގަތްފައެވެ. އެހެންކަމުން އޭނާއަށް އެހެން ބުނެވުނީ ވެސް ތުރުތުރު އަޅަމުންދިޔަ އަޑަކުންނެވެ.

"އެނގޭ ތިކަން." ޖާވިދު ބުނެލިއެވެ.

"ދެން ކީއްވެ؟" ރާމިޒާއަށް ޝަކުވާގެ ރާގެއްގައި ސުވާލުކޮށްލެވުނުއިރު ޖާވިދަށް އެ އައި ބަދަލުތަކުގެ ފަހަތުގައި ހުރީ ޒުލްފާއޭ އޭނާގެ ހިތަށް އަރަމުންދިޔަ ނަމަވެސް، އެ ސުވާލު ޖާވިދާ ކުރުމުގެ ހިތްވަރެއް ނުލިބުނެވެ. އަމިއްލަ މީހާގެ ނިކަމެތިކަން އިޙްސާސްވެ އިސްޖަހާލެވުނީ އެހެންވެގެންނެވެ. އޭނާ އަކީ އެކަނި ހުރި ނިކަމެއްޗެކެވެ. ފިރިމީހާ ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭނާ ބަލަން ޖެހިފައިވާ ދަރިއަކު ބަލި އެނދުގައި އެބަ އޮތެވެ. އެ ހުރިހާކަމެއް އެނގިހުރެ ޖާވިދު އެގޮތަށް ވާހަކަ ދެއްކުމުން ބަޔާންކުރަން ދަތިވޭނެއް ރާމިޒާގެ ހިތުގައި އުފަންވަމުން ދިޔައިރު އެ ވޭނުގެ ފަހަތުގައި ފޮރުވިފައިވަނީ ހުސް ޝަކުވާއެވެ.

"އެނގޭ ރާމިޒާއަށް އަޅާލާނެ އިތުރު މީހަކު ނެތްކަންވެސް. ވަސީމް ރައްކާކޮށްފައި ހުރި ފައިސާ ކޮންމެވެސް ވަރަކަށް ރާމިޒާ އަތުގެ ހުއްޓަސް، ބޭބެގެވެސް އެހީތެރިކަމާއެކު ކަން ތިއުޅެނީވެސް އެނގޭ. ފަހަރުގައި ބޭބެއަށް ރާމިޒާއަށް މީގެފަހުން ކުރިން ކުރި ގޮތަށް ޚަރަދު ނުކުރެވިދާނެ. " ޖާވިދު އެންމެފަހުން، ބުނެލައިފިއެވެ. އެއާއެކު އިސްޖަހާލައިގެން އިން ރާމިޒާ އިސްއުފުލާލިއިރު އޭނާގެ ލޮލުގެ ތެރެއަށް ބޮޑެތި ކަރުނަތިކިތައް ޖަމާވެފައިވެއެވެ. ޖާވިދު އެ ހުރިހާ ވާހަކައެއް އެ ދެއްކީ އޭނާއަށާއި އޭނާގެ ދަރިފުޅަށް ޚަރަދުކުރަން ބޮޑުކަމަކަށް ވެގެން ހެއްޔެވެ؟

"ރާމިޒާ ތި ހީކުރަނީ ގޯސްކޮށް." ދުލުން ނުބުނި ނަމަވެސް، ރާމިޒާގެ ދެލޮލުން ފެނުނު އަސަރުތަކުގެ މާނަ އެނގޭ ފަދައަކުން ޖާވިދު ނިކަން އަވަސް އަވަހަށް ބުނެލިއެވެ.

"ބޭބެ އެހެން މި ބުނަނީ ކޮންމެހެން ރާމިޒާއަށް ޚަރަދު ކުރަން ޖެހޭތީ އެކަމާ ކަންތައް ބޮޑުވެގެންނެއް ނޫން. އެކަމަކު… މައުވާއަށްވެސް އިތުރު ވޭންތަކެއް ދޭން ބޭނުންނުވާތީ… އަނެއްކޮޅުން ޔުމްނު ކިޔަވަން ދާ ވާހަކަ ދައްކަނީ، ރާއްޖޭން ބޭރަށް. ސްކޮލަރޝިޕްއަކަށްވެސް ލައިގެން އުޅެނީ. އެހެންވިޔަސް ޚަރަދު ހިނގާނެއެއްނު." ޖާވިދުގެ އެއިން އެއްވެސް ވާހަކައަކަށް ރާމިޒާ އެއްޗެއް ނުބުނެއެވެ. ހިތުގައިވި ޝަކުވާތައް ދުލާ ހިސާބަށް ގެންނާނީ ކިިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

"ބެބެގެ ފަރާތުން އެއްވެސް ފައިސާގެ އެހީއެއް އަހަރެން ބޭނުމެއް ނޫން. އެކަމަކު މައުވާ….. އަހަރެން ބޭނުމެއް ނޫން." އެންމެފަހުން ރޮވޭ ޙާލު ރާމިޒާއަށް ބުނެވުނީ އެހެންނެވެ. އިތުރަށް ދައްކާނެ ވާހަކައެއްވެސް އޭނާއަކަށް ނޭނގުނެވެ.

"އަަހަރެން ދަނީ…" ޖާވިދަށް ބަލައިލުމެއްވެސް ނެތި ރާމިޒާ ތެދުވިއެވެ. އޭނާ ގޮސް ދޮރު ހުޅުވާލާފައި ނުކުތްއިރުވެސް ޖާވިދު އެއިން ގޮތަށް އިނީއެވެ. ރާމިޒާ ހުއްޓުވާކަށް ވެސް އޭނާ ނޫޅެ އެވެ. މިވަގުތު ރާމިޒާ އެ ހުރީ ވަރަށް ޖަޒުބާތީ ވެފައިކަން ޖާވިދަށް އެނގެއެވެ. އަދި މިވަގުތު އެހެން ބުނި ނަމަވެސް، އެކަމާ ރާމިޒާ ފިނިހިތަކުން ވިސްނާލާނެކަމަށް އޭނާއަށް ޔަޤީންކުރެވޭތީއާވެސް އެކުގައެވެ. ޖާވިދު ވިސްނުމަކަށް ގެއްލިފައި އިންދާ ޒުލްފާ ނުކުމެއްޖެއެއެވެ. އޭނާ އެ އައި ގޮތަށް އައިސް ޖާވިދަށް ބަލާލާފައި އުނަގަނޑުގައި އަތް ވިއްދާލިއެވެ.

"ކީކޯ ބުނީ؟" ޒުލްފާ އަހައިލިއެވެ.

"އަހަރެން އެވާހަކަ ދައްކައިފިން." ޖާވިދު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އަޖައިބެއް. ތިކަން އެނގެޔޭ. ކީކޭހޭ އޭނަ ބުނީ؟" ތަންކޮޅެއް ރުންކުރުކޮށް ޒުލްފާ ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލިއެވެ.

"އޭނަ ކީކޭ ބުނާނީ؟ ހަމަ ބުނާހާ އިރަށް ވިސްނާލުމެއްނެތި ނިންމޭނެ ނިންމުންތަކެއް ނޫނެއްނު އެއީ. އޭނަގެ ދަރިފުޅޭ އެއީ." ޖާވިދު މަޑުމަޑުން ބުނެލިއެވެ.

"އެއްބަސް ނުވިދޯ. ދެން ޖާވިދު ވީ ހުރިހާ ޚަރަދެއް ކޮށްދޭން. ޔުމްނު ކިޔަވަން ދާން އުޅޭ ވާހަކަ ބުނިންތަ؟" ޒުލްފާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ތިހުރިހާ ވާހަކައެއްވެސް އަހަރެން ދެއްކީމޭ. އޭނައަށް ވިސްނާލަން ވަގުތުކޮޅެއް ދީބަލަ. އޭނައަށް ވިސްނޭނެޔޭ." ޖާވިދު ބުނެލިއެވެ.

"ވިސްނޭވަރު ފެނެއެއްނު އެބަ." ޒުލްފާ ހިތްހަމަނުޖެހުނެވެ. އޭނާގެ އަޑުން އެކަނިވެސް ނުރުހުމާއި ބޮޑާކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

"ޒުލްފާ ކޮންކަމަކާ ތި އެހާ ވަރަށް ރުޅި އަންނަނީ؟ އަހަރެން ބުނެފީމެއްނު ހުރިހާ ވާހަކައެއް ދައްކައިފީމޭ. އިންސާނަކަށް ވީތީ އަނެކާގެ އިޙްސާސްތަކަށް ޤަދަރުކުރުމަކީ ވެސް އޮންނަކަމެކޭ. " ޖާވިދު ދެފަރާތަށް ބޯ ހޫރާލިއެވެ. އެ މަންޒަރު ބަލަން ހުރެފައި ޒުލްފާ އަނެއްކާވެސް ނުރުހުމުގެ ބަހެއް ބުނެލާފައި އެތަނުން ދިޔައެވެ.

ގެއިން ނުކުތްއިރު ރާމިޒާއަށް ރޮވެނީއެވެ. އޭނާއަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރުން ވީ އުނދަގޫކަމަކަށެވެ. މަގުގެ ދެކޮޅު ބަލާލާފައި ކަރުނަ ފުހެލި ރާމިޒާ ހަމަޖެހެން މަސައްކަތްކުރިއެވެ. އެވަގުތު ދިޔަ ހުސްޓެކްސީއެއް ނަގައިގެން އޭނާ ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ.

ގާތްގަނޑަކަށް ހަތްވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ހޮސްޕިޓަލު ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ރާމިޒާ ޓެކްސީއަށް ފައިސާ ދީފައި ފޭބިއެވެ. އަދި ހޮސްޕިޓަލަށް ވަދެގެން ގޮސް ލިފްޓުން މައްޗަށް އެރިއެވެ. މައުވާ އޮތް ކޮޓަރިއަށް ވަނުމާއެކު ދެލޮލުން ކަރުނަތައް ފައިބައިގަތީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. މިހުރިހާ ދުވަހު ކުރި ހިތްވަރުވެސް ހީވީ އެލިގެން ދިޔަހެންނެވެ. ގިސްލެވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް ލޯބިވާ ދަރިފުޅަށް ބަލައިލެވުނެވެ. އެ ދަރިފުޅު ތަޙައްމަލް ކުރަމުން އެ ދާ ވޭން އޭނާއަށް އިޙްސާސްކުރެވެއެވެ. އެހެންނަމަވެސް. ޖާވިދު އެބުނާ ގޮތަށް ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟ އެހިތްވަރެއް އޭނާގެ ނެތެވެ. އެންމެ ބޮޑަށް ހަނދާންވާން ފެށީ ފިރިމީހާ މަތިންނެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ކައިރީގައި ހުރިނަމައެވެ. ތަޤުދީރާ މެދު ޝަކުވާ ކުރެވުނެވެ. އެ އިމްތިޙާނުތަކަށް ކެތްކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. މިއަދު އޭނާ ބަލިކަށިވެއްޖެއެވެ. އޭނާ މަޑުމަޑުން މައުވާގެ ބޮލުގައި ފިރުމާލިއެވެ. އެންމެފަހަރަކު ނަމަވެސް، ލޯ ހުޅުވާލަން އެދި އާދޭސް ކުރެވެން ފެށިއެވެ. މި ނޫނީ ދުވަހަކުވެސް ރާމިޒާ މައުވާގެ ކައިރީގައި އެފަދަ ގޮތަކަށް ރޮއިފައެއް ނުވެއެވެ. އޭނާ މަސައްކަތްކުރީ ހިތްވަރު ގަދަ އަންހެނަކަށް ވާށެވެ. އެހެންނަމަވެސް، މިއަދު ހީވަނީ ހުރިހާ އުންމީދެއް ފުނޑު ފުނޑުވެފައިވާހެންނެވެ.

މައުވާގެ ގާތުގައި އެތަކެއް އިރަކު އިނުމަށްފަހު ރާމިޒާ އެ ރޫމުން ބޭރަށް ނުކުތީ، ހަމައަކަށް އެޅިލުމުންނެވެ. އޭނާ ބޭނުންވަނީ މައުވާގެ ޑޮކްޓަރާ ވާހަކަ ދައްކާށެވެ. އެހެންކަމުން އެ ދިޔަ ގޮތަށް ރާމިޒާ ދިޔައީ ކައުންޓަރަށެވެ. އަދި އެތަނުގައި ހުރި ނަރުސްކުއްޖާގެ ކައިރީގައި އޭނާ ޑޮކްޓަރާ ވާހަކަ ދައްކަން ބޭނުންކަމަށް ރާމިޒާ ބުންޏެވެ. ނަރުސްކުއްޖާ ފޯނުން ކޮންމެވެސް ނަންބަރަކަށް ޑައިލްކޮށްލާފައި ވާހަކަ ދައްކާލާފައި ފޯނު ބޭއްވިއެވެ. އަދި ރާމިޒާއާ ވާހަކަ ދެއްކިއެވެ. އޭނާ ބުނީ ޑޮކްޓަރު ޑިއުޓީއަށް އަންނާނީ ހަތަރެއް ޖަހާއިރުކަމުގައެވެ. އަދި އައިހާ އަވަހަކަށް އޭނާ ރާމިޒާގެ އެ ވާހަކަ ޑޮކްޓަރާ ހިސާބަށް ފޯރުކޮށްދޭނެކަމުގައެވެ. ގަޑިއަށް ބަލާލަމުން ރާމިޒާ އާއެކޭ ބުނެލާފައި އެތަނުން ހިނގައިގަތީ ހަތަރެއްޖަހަންދެން ދެން މާގިނަ އިރެއް ނެތްކަން އެނގުމުންނެވެ. މައުވާގެ ކައިރިއަށް ގޮސްވެސް ރާމިޒާއަށް އިރުކޮޅަކާ ގަޑި ބަލައިލެވެއެވެ. ހަތަރު ގަޑި ބަޔަށް ވުރެ ބޮޑުވީފަހުން، އޭނާ އަނެއްކާވެސް ކައުންޓަރަށް ގޮސް އޮޅުން ފިލުވިއެވެ. އެތަނުގައި އިން ނަރުސްކުއްޖާ ބުނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރު އަންނާނެކަމުގައެވެ. ރާމިޒާއަށް މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ޑޮކްޓަރު އަޒްލަފް އައިސް ވާރޑަށް ވަދެއްޖެއެވެ. އަޒްލަފް ރާމިޒާއަށް ބަލާލާފައި ވީ ގޮތާ ބެހޭގޮތުން ސުވާލުކުރުމުން ރާމިޒާ ޖެހިލުންވެފައި ހުރެ އެތަނުގައި ތިބި ނަރުސްކުދިންނަށް ބަލައިލިއެވެ. ދައްކަން އުޅޭ ވާހަކައިގެ ސަބަބުން ރާމިޒާއަށް ނުތަނަވަސްކަމެއް ލިބިފައިވާކަން އެނގި، އަޒްލަފް ރާމިޒާ ގޮވައިގެން ދިޔައީ އެތަނުގައި ވަކިން ހުންނަ އެކްސްޕްލެނޭޝަން ރޫމަށެވެ.

"އިށީނދޭ…" ސޯފާއަށް އިޝާރާތްކޮށްލާފައި އަޒްލަފް ބުނެއެވެ. ރާމިޒާ ބޯޖަހާލާފައި ޝުކުރު އަދާކޮށްފައި އިށީނދެލުމުން އަޒްލަފްވެސް ރާމިޒާއާ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. އަދި އޭނާ ރާމިޒާއަށް ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދިނެވެ.

"މީ…" ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އުޅޭ މީހެއް ފަދައިން ރާމިޒާ އާނގަންނަން ފެށިއެވެ. އަޒްލަފް ރާމިޒާއަށް ބަލާލާފައި ވާހަކަ ދެއްކީ ދެނެވެ.

"ދައްތަ ކަންބޮޑުވާ ކަމެއް އޮތިއްޔާ އަޅުގަނޑާ ހިއްސާކޮށްލާ." އަޒްލަފް ބުނެލިއެވެ.

"މައުވާ… މައުވާ ރަނގަޅުވާނެތަ؟" ރާމިޒާގެ އަރުތެރެއިން އެބަސްތައް ނުކުތީ އުނދަގުލުންކަމަށް ވުމާއެކު އެ އަޑުވެސް އެހާމެ މަޑެވެ. ބުނި އެއްޗެއް ސާފު ނުވުމުން އަޒްލަފްއަށް ދެވަނަ ފަހަރަށް އެ ޖުމްލަ ތަކުރާރުކޮށްލަން ރާމިޒާގެ ގާތުން އެދެވުނެވެ.

"މައުވާ ރަނގަޅުވާނެތަ؟" އަޒްލަފްގެ އެދުމަށް ރާމިޒާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަޒްލަފްއަށް ހިނދުކޮޅަކަށް ރާމިޒާއަށް ބަލަހައްޓައިގެން އިނދެވުނީ މިއަދު ރާމިޒާގެ ދެލޮލުން އޭނާއަށް އެ ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ފެނިގެންދިޔަ އަސަރެއް ނޫންކަމުންނެވެ. ރާމިޒާ އެވަނީ ކޮންމެވެސް ބޮޑުކަމަކާ ފިކުރުބޮޑުވެފައިކަން އެނގޭ ޙާލު އިތުރު ހާސްކަމެއް ދޭން ބޭނުން ނުވި ނަމަވެސް، ޑޮކްޓަރެއްގެ ހައިސިއްޔަތުން ބަލިމީހާގެ ޙާލަތު އެހީތެރިނަންނަށް އޮޅުން ފިލުވައިދިނުމަކީ އޭނާގެ ޒިންމާއަކަށް ވާތީ އަޒްލަފް ވާހަކަ ދައްކަން ފެށިނަމަވެސް، އޭނާ ރާމިޒާގެ ޙާލަތާ މެދު ވެސް ވިސްނިއެވެ.

"މައުވާގެ ޙާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭ." އަޒްލަފް ގެ އެ ޖަވާބާއެކު ރާމިޒާއަށް ދެލޯ މަރައިލެވުނެވެ. އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ.

"ދުވަހަކުވެސް ނުލިބޭނެތަ؟" އިރުކޮޅެއްފަހުން ރާމިޒާއަށް ސުވާލުކޮށްލެވުނެވެ.

"ވަކި ޖަވާބެއް ދޭން ދަތި. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. ޝިފާ ދެއްވާނީ ﷲ. ކިތަންމެ ދުވަހަކުވެސް ލައިފް ސަޕޯޓް ގައި އޮވެފައި ވެސް މީހުން އެބަ ހުރި ސަލާމަތްވެފަ. އަނެއްބައި ފަހަރު އުންމީދެއް ނެތުމުން ލައިފް ސަޕޯޓުން ނަގާ ފަހަރުވެސް އާދޭ. އަދި އަނެއްބައިފަހަރު އެ ޙާލަތުގައި އޮވެ ދުނިޔެ ދޫކުރާ ފަހަރުވެސް އާދޭ. މިއިން އެއްވެސް ކަމަކީ ޑޮކްޓަރުންގެ އަތްމަތީގައިވާ ކަންތައްތަކެއް ނޫން. ކޯމާގައި މިގޮތަށް އޮންނަ މީހެއް ލައިފް ސަޕޯޓިން ނެގިޔަސް ނަގާނީ އާއިލާއާ ވާހަކަ ދައްކާފަ ހުއްދަ ދިނީމަ." ރާމިޒާ އެނގެން ބޭނުންވާނެހެން ހީވޭ ހުރިހާ ވާހަކައެއް އަޒްލަފް ދެއްކިއެވެ.

"ހޭއަރައިފިއްޔާ ކުރިން އުޅުނު ދިރިއުޅުމަށް ދެވޭނެތަ؟" ރާމިޒާ އިތުރު ސުވާލެއް ކޮށްލިއެވެ.

"ބައެއް މީހުންނަށް އެ ޙާލަތަށް ރުޖޫޢަ ނުވެވޭ. އެހެންނަމަވެސް ބަރާބަރަށް ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ލިބޭނަމަ އާއްމު ދިރިއުޅުމަށް ރުޖޫޢަވާން ފަށޭހަވާނެ. އެކަމަކު އެއީ ވަރަށް ސްލޯ ޕްރޮސެސްއެއް. މައުވާގެ ކޭސްއަށް ބަލާއިރު ބޮލަށްވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައި. އިތުރު އެއްޗެއް ބުނަން އެނގޭނީވެސް ހޭއެރުމަށްފަހު." އަޒްލަފް ބުނެލިއެވެ.

"އިތުރު ތަފްސީލެއް ލިބިދާނެތޯ؟" ރާމިޒާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ހޭލުމަށްފަހުވެސް، މައުވާގެ ހަނދާނުން ހުރިހާ ކަމެއް ފުހެވިފައިވެސް ހުރެދާނެ." އަޒްލަފްގެ އެ ޖަވާބާއެކު ރާމިޒާ ހާސްވިއެވެ.

"ކޯމާގައި ތިބެފައި ހޭއަރާ ވަރަށް ގިނަ މީހުންނަށް ދިމާވާ ޙާލަތެއް މީ. އެކަމަކު، އޭގެ މާނައަކީ އެންމެންނަށް މިހެން ވަނީކީ ނޫން. އެ ހުރިހާކަމަކަށް ވިސްނައިގެން ފަރުވާ ކުރިއަށް ގެންދިޔައިމަ ރަނގަޅުވާނެ. އެހާ ގިނަ ދުވަހު އޮވެފަ ހޭއަރާއިރު ހަރަކާތްކުރަންވެސް ދަތިވާނެ. އެހެންވީމަ ފިޒިއޯތެރަޕީ އެއްޗެހި ދޭން ޖެހެނީ." އަޒްލަފް އޮޅުން ފިލުވައިދިނެވެ.

"އެ ވޭނުގައި އަހަރެންގެ ދަރިފުޅު އޮންނަތާ ދެ އަހަރު ވީއިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ. އެ ތަކުލީފުތަކަކުން ލުޔެއްވެސް ނުލިބޭ." ރާމިޒާއަށް ބުނެވުނެވެ.

"އެންމެ ފުރަތަމަ މައުވާ ބެލި ޑޮކްޓަރު ބުނި ތަންކޮޅެއް ކުރިން ލައިފް ސަޕޯޓުން މައުވާ ނަގަން ވާހަކަ ދެއްކީމޭ. އެކަމަކު އޭރު އެކަކުވެސް އެއްބަސް ނުވި ވާހަކަ. އަދިވެސް މަޑުކޮށްލެވިދާނެ." އަޒްލަފް ބުނެލިއެވެ.

ރާމިޒާ އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއް އަަޒްލަފްއާ ކުރިއެވެ. އަޒްލަފްގެ އެއްވެސް ވާހަކައަކުން އޭނާގެ ހިތުގެ ހާސްކަމަށް ލުޔެއް ނުލިބުނެވެ. އޭނާއަށް އެނގުނުކަމަކީ މައުވާއާ މެދު އުންމީދެއް ނެތްކަމެވެ. ވީއިރު ޖާވިދު އެބުނާ ގޮތަށް ކަންތައްކުރުމަކީ އެންމެ ރަނގަޅު ގޮތްބާއޭ ރާމިޒާގެ ހިތަށްއެރިއެވެ.

އަޒްލަފްއާ ވާހަކަ ދައްކާލާފައި ރާމިޒާ މައުވާ އޮތް ކޮޓަރިއަށް ވަނެވެ. އަދި އިރުކޮޅަކު މައުވާގެ ކައިރީގައި އިނެވެ. ހިތް ނުތަނަވަސްވާން ފެށުމުން މީހާގެ ހަށިގަނޑު ފިނިވާން ފެށިއެވެ. ހިތް ދިރުވާލަން އުނދަގޫވާން ފެށުމުން އެއްފަރާތުގައި ހުރި މޭޒުމަތީގައި ހުރި ކުޑަ ފެންފުޅި ނެގިއެވެ. އޭގައި ހުރީ އެންމެ ކޯވަރެކެވެ. އެހެންކަމުން ރާމިޒާ ގަސްތުކުރީ ފެންފުޅިއެއް ގަނެލުމަށް ކެންޓީނަށް ގޮސްލުމަށެވެ. އޭނާ މައުވާގެ ބޮލުގައި ފިރުމާލާފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތްވަގުތު މައުވާގެ ކަނާއަތުގެ އިނގިއްޔަށް އައި ހަރަކާތެއް ރާމިޒާއަކަށް ނުފެނުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު