ޔަލްވީގެ ކައިރީގައި ރަޔާން އޮތެވެ. ފުން ނިންޖެއްގެ ތެރޭގައި އޮތްއިރު، ރަޔާންގެ އެއް އަތް އޮތީ ޔަލްވީގެ ބަނޑުމަތީގައި ބާއްވާލާފައެވެ. އުނަގަނޑާއި ހަމައަށް ރަޖާގަނޑު އަޅައިގެން އޮތްއިރު، ރަޔާންގެ އުނަގަނޑުން މަތީގައި ފޭރާމެއް ނެތެވެ. ޔަލްވީ އަވަސް އަވަހަށް ރަޖާގަނޑު ދަށުން އަމިއްލަ ހަށިގަނޑަށް ނަޒަރެއް ދިނެވެ. ޔަލްވީގެ ނޭވާވެސް އެތެރެ ހަށީގައި ތާށިވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. މޫނާއިއެކީ މުޅި ހަށިގަނޑު ފޮރުވޭ ވަރަށް ރަޖާގަނޑު އަޅައިލަމުން، ޔަލްވީ ދެލޯ މަރައި، ބާރުކޮށްލިއެވެ. އެވަގުތު ރޭގެ ހާދިސާ ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އޭނާގެ ކުރިމަތިން ސިފަވެގެން ދިޔައެވެ.
********
މާގަނޑުން އޮހެމުންދިޔައީ ފިނި ފެނެވެ. ދެލޯ މަރާލައިގެން ހުރި ޔަލްވީ މާގަނޑުދަށުން ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް ވިސްނުނީ ރޭގެ ހާދިސާއާއި މެދުގައެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޔަލްވީގެ ދިރިއުޅުމުން ރަޔާންއަށް ޖާގައެއް ލިބުނީ ހެއްޔެވެ؟ އެކަމަކު، ޔަލްވީހެ ހިތް އަދިވެސް އެގޮތާއި އެއްބަހެއް ނުވެއެވެ. އުއްމީދެއް ނެތް ގުޅުމަކަށް މަރުޚަބާ ކިޔުނީތީ ޔަލްވީއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.
ފެންވަރާލައިގެން ނުކުތްއިރު ޔަލްވީގެ މޫޑުވަނީ އެއްކޮށް ބަދަލުވެފައެވެ. ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވީއިރު، މޫނުން ފެންނަމުން ދިޔައީ ލަދުވެތިކަމެވެ. ޔަލްވީއަށް ފުރަތަމަވެސް ބަލާލެވުނީ ރަޔާންއާއި ދިމާއަށެވެ. އޭރު ރަޔާން އޮތީ އަނެއް ފަރާތަށް އެނބުރިގެންނެވެ. ދެލޯ މަރައިގެން އޮތުމުން ޔަލްވީ ހީކުރީ ރަޔާން އަދިވެސް އޮތީ ނިދާފައި ކަމަށެވެ. ޔަލްވީ ފުރަތަމަ ފަހަރަށް ރަޔާންގެ ހަށިގަނޑަށް ވަރަށް ފުންކޮށް ބަލާލިއެވެ. އެވަގުތު ރަޔާން ފުރޮޅިލިތަން ފެނި، ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. ރަޔާންއަށް ފެނުމުގެ ކުރިން އޭނާ އަވަސް އަވަހަށް ރީތިވާމޭޒުގެ ކައިރިއަށް ދިޔައެވެ.
ރަޔާންއަށް ޔަލްވީ ފެނުނީ ފުރަގަހުންނެވެ. ޔަލްވީގެ ރީތި ސޫރައަށް ބަލަހައްޓައިގެން އޭނާއަށް އޮވެވުނެވެ. ހިތްއެދުނީ މުޅި އުމުރަށް ޔަލްވީ އޭނާގެ މީހަކަށް ހެދުމަށެވެ.
********
ޔަލްވީ ބޭރަށް ނުކުތްއިރު، ބަދިގެތެރޭގައި މީހަކު އުޅޭ އަޑު އިވެއެވެ. ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. ޔަލްވީގެ ހިތަށް ބިރުވެރިކަން ވަނެވެ. ކުރީ ދުވަހުގެ ހާދިސާގެ ތާޒާ ހަނދާންތައް އަދިވެސް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. ޔަލްވީ ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް ފިހިގަނޑު ނެގިއެވެ. ބަދިގެ ދޮރާއި ހަމައަށް ގޮސް ހުއްޓިފައި އެތެރެއަށް ވަނެވެ. އެތެރޭގައި ފިރިހެނަކު ހުއްޓެވެ. އެމީހަކު ހުރީ މޭޒު ކައިރީގައި ފުރަގަސްދީގެންނެވެ. ކާކުތޯ ބަލައިލުމެއްވެސް ނެތި ޔަލްވީ އޭނާގެ އަތުގައި އޮތް ފިހިގަނޑުން އެތެރޭގައި ހުރި މީހެއްގެ ބޮލުގައި ޖެހިއެވެ.
"އައްދިއް...." އަފްސަމްއަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޔަލްވީ އޭނާގެ ބޮލުގައި ދެވަނަ ފަހަރަށް ފިހިގަނޑުން ޖެހިއެވެ.
އަފްސަމް ފަހަތަށް އެނބުރުނު ވަގުތު ދެވަނަ ފަހަރަށް ޔަލްވީ ދިން ހަމަލާ އަމާޒުވީ އޭނާގެ ނިތްކުރިއަށެވެ. ތަދުވީވަރުން އަފްސަމްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ވަގުތުން ޔަލްވީގެ އަތުން ފިހިގަނޑު ދަމައިގަތެވެ. ކުރިމަތީގައި ހުރީ އަފްސަމްކަން އެނގުމުން ޔަލްވީގެ ކައިރިއަށް ހިނިއައީ އަމިއްލަ މޮޔަކަން ވިސްނިފައެވެ.
"މަ މަރާލަންތަ ތިއުޅެނީ؟" ނިތްކުރީގައި ފިރުމަމުން އަފްސަމް ބުނެލިއެވެ.
އަފްސަމް އުޅުނީ ތައްޓަކަށް ފުށް އަޅައިގެންނެވެ. ރޮށި ފިހަން ފުށްގަނޑު މޮޑޭ އެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ. ޔަލްވީދެކެ އައި ރުޅިން އަފްސަމް ފުށްތަށި ނަގާ ޔަލްވީގެ އަތަށް ލިއެވެ.
"އަހަރެން މިއުޅުނީ ތި ދެމީހުންނަށް ރޮށި ފިހެދޭން. ދެން ނުފިހެދޭނަން" އަފްސަމް ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ.
"އަހަރެމެން ނޫޅެމޭ ކޮންމެހެން ތި ރޮށި ކާކަށް" ޔަލްވީ ފުށްތަށި އަނބުރާ އަފްސަމްގެ އަތަށް ދިނެވެ.
"އޯކޭ. ޔަލްވީ ނުކުރިޔަސް ލައިލާ ކުރާނެ. ރަޔާންއަށް އެންމެ މީރުވާނީ ރޮށި. ލައިލާ ވަރަށް މޮޅުވާނެ ރޮށިފިހަން" ޔަލްވީ ހިނގައިގަތުމުން އަފްސަމް ބުނެލިއެވެ.
ޔަލްވީގެ ފިޔަވަޅުތައް ހުއްޓުނެވެ.
"އަސްލު އަހަރެން ބޭނުމެއް ނުވޭ ރަޔާން ދެއަނބިން ގެންގުޅޭކަށް. އެހެންވެ ޔަލްވީއަށް އެހީވާން މިއުޅެނީ" ޔަލްވީ ހުއްޓުނު ތަން ފެނުމުން އަފްސަމްއަށް އިތުރު ހިތްވަރެއް ލިބުނެވެ. "ޔަލްވީ ބޭނުމިއްޔާ، އަހަރެން ދަސްކޮށްދީފާނަން ރޮށި ފިހަން. ވަރަށް ފަސޭހަވާނެ"
ޔަލްވީގެ ހިޔާލު ބަދަލުވިއެވެ. ވަގުތުން އެނބުރި ގޮސް އަފްސަމްގެ އަތުން ފުށްތަށި އަތުލިއެވެ.
"ކިހިނެއް ހަދަންޖެހޭނީ؟" ޔަލްވީ ވަރަށް ނޫންކަމަށް ހަދައިލަމުން ސުވާލުކުރިއެވެ.
ފުއްގަނޑު މޮޑޭނެ ގޮތް ކިޔައިދިނުމަށްފަހު އަފްސަމް ބޭރަށް ދިޔައީ ފޯނެއް އައިސްގެންނެވެ. ޔަލްވީ ހުރީ ހާސްވެފައެވެ. ފުށްތަށި ތެރެއަށް ތެޔޮ އެޅުމަށްފަހު ހަދާލެވުނު ގޮތަކުން އެއިން އެއްބައި ބަންޑުންވީ ޔަލްވީގެ ގަޔަށެވެ. އައި ރުޅިން ތަށީގައި ބާކީ ހުރި ބައި ހޫރައިލަން ޔަލްވީގެ ހިތަށް އެރިއެވެ.
"އަހަންނަށް މިކަން ވާނެ. ލައިލާއަށާ ލިމްޔާއަށް ވަންޏާ، އަހަންނަށްވެސް ވާނެ" ޔަލްވީ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ތަޅުންމައްޗަށް ވެރިފައިވާ ފުއްތަށް ސާފުކޮށްފައި އަލުން ފުށްމޮޑެން ތައްޔާރުވިއެވެ.
ހޫނުފެންފޮދެއް ފުށްއެތީގެ ތެރެއަށް އަޅާފައި ޔަލްވީއަށް ފުރަތަމަވެސްލެވުނީ އަތެވެ. އެއާއިއެކު ޔަލްވީއަށް ކުއްލިއަކަށް އަތްމަގައިގަނެވުނެވެ. ޔަލްވީ ހީކުރީ އަތް ފިހުނީ ކަމަށެވެ. އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ދެއަތުން މޫނު ފޮރުވާލުމާއިއެކު ޔަލްވީގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.
"އަހަންނަކީ ބޭކާރު މީހެއްތަ؟" ޔަލްވީއަށް އަމިއްލަ ހިތާއި އެ ސުވާލު ކުރެވުނެވެ.
ޔަލްވީގެ ހަނދާނަށް އަންނަން ފެށީ ލިމްޔާ ކީ އެއްޗެއްސެވެ. ރަޔާންއަށް ކަމުދާނީ ކިޔަމަންތެރި، ދީންވެރި އަދި ގެވެހި ކުދިން ކަމަށް ބުނި ބުނުމެވެ. ގޭތެރޭގެ ކުޑަވެސް ކަމެއް ކުރާކަށް ޔަލްވީއަކަށް ނޭނގެއެވެ. ދަސްކުރުން މުހިއްމު ކަމަކަށް ނުވީއެވެ. އެފަދަ ދުވަހެއް އައިސްދާނެ ކަމަށް ކުރިން ޔަލްވީއަށް ވިސްނާލެވިފައި ނެތީމައެވެ. ޔަލްވީއަށް ހިންދިރުވާލެވުނެވެ. އެވަގުތު ގޭތެރޭގެ މަސައްކަތް ދަސްކުރުމަށް ނިމާލު ދެއްކި ވާހަކައިގެމަތިން ހަނދާންވިއެވެ. އެދުވަހު ނިމާލުގެ ވާހަކަ ގަބޫލުނުކުރެވުނީ ޔަލްވީ އަށެވެ. އެކަމުގެ ހިތިކަން މިއަދު ޔަލްވީގެ އަރުތެރޭގައި ހަމަ ރަނގަޅަށްވެސް ލައްވާލައިފިއެވެ.
މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވުމުން ޔަލްވީ އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. ފުށްގަނޑު މޮޑެން ފެށިއެވެ. ޔަލްވީ ހީކުރީ އަފްސަމް އައީ ކަމަށެވެ. އޭނާ ރޯތަން އަފްސަމަށް ދައްކާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.
ބަދިގެއަށް ވަނީ ރަޔާންއެވެ. ޔަލްވީ ހުރި ގޮތް ފެނުމުން ރަޔާންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ހަމައެއާއި އެއްވަރަށް ރަޔާންގެ މޫނުން ހާސްކަމާއި އުފާވެރިކަންވެސް ފެނުނެވެ. ޔަލްވީ އިސްވެ، ގޭތެރޭގެ މަސައްކަތެއްގައި އުޅޭތަން ފެނުމުންނެވެ. ރަޔާންގެ ތުންފަތުގައިވި ހިނިތުންވުން ދެމިގެންދިޔައީ ހިނދުކޮޅަކަށެވެ. ޔަލްވީއަކީ އޭނާގެ ހަޔާތަށް އައި ވަގުތީ މެހެމާނެކެވެ. ޔަލްވީ ދާ ދުވަހަކުން ރަޔާންގެ ހިތް ފަޅައިގެން ދާނެއެވެ. ދިޔުމުގެ ފުރުސަތުވެސް ނުދެވިދާނެއެވެ. ރަޔާން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ދެން އޭނާ އުޅޭނީ ވިސްނައިގެންނެވެ. ޔަލްވީ އަމިއްލައަށް އެދޭ ދުވަހަކުން ނޫނީ އެހަށިގަނޑުގައި އިނގިލި ކުރިވެސް ޖައްސާނުލުމަށް ރަޔާން އަޒުމު ކަނޑައެޅިއެވެ. ޔަލްވީ އާއި ދިމާއަށް ބަލާލުމެއްވެސް ނެތި ރަޔާން ގޮސް ކޮފީ ގިރަން ފެށިއެވެ.
އަފްސަމްގެ އަޑެއް ނީވުމުން ޔަލްވީ ބަލައިލިއެވެ. ކުރިމަތީގައި ހުރި ރަޔާން ފެނުމުން ޔަލްވީއަށް ތެޅިގަނެވުނެވެ. އޭނާއަށް ހަދާލެވުނު ގޮތަކުން ފެންހޫނުކުރާ ޖަގުގައި އަތުން ޖެހިފައި ވެއްޓެން އުޅުނެވެ. ރަޔާން ހުށިޔާރުކަމާއިއެކު ޖަގުގައި ހިފެހެއްޓިއެވެ.
ސިއްރުން ރަޔާންގެ ހަރަކާތްތަކަށް ބަލަން ޔަލްވީއަށް އިނދެވުނެވެ. އެންމެ ފަހަރަކުވެސް ރަޔާން ޔަލްވީއާއި ދިމާއަށް ބަލާނުލުމުން ޔަލްވީގެ ހިތަށް ތަދުވިއެވެ. ޔަލްވީ ކުރަނީ ކީއްތޯވެސް ރަޔާން އަހާނުލިއެވެ. ޔަލްވީގެ ހިތުގައި ޝަކުވާ އުފެދުނެވެ. ރޭގެ ހާދިސާއަށްފަހު ދެމީހުންގެ ގުޅުން މުހިއްމުވީ ހަމައެކަނި ޔަލްވީއަށް ހެއްޔެވެ؟ ރަޔާން ޔަލްވީދެކެ ފޫހިވީ ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން ޔަލްވީގެ ދެލޯ ފެންކަޅިވިއެވެ. އަފްސަމް ބުނިހެން ރަޔާން ހޭލުމުގެ ކުރިން ކޮފީއެއް ގިރައިދޭންވެސް ޔަލްވީ ބޭނުންވިއެވެ. ނަމަވެސް ކަންތައް ވީގޮތުން އެފުރުސަތުވެސް އޭނާއަށް ގެއްލުނީއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ޔަލްވީއަށް ފަސްޖެހެވުނެވެ.
ރަޔާން ކޮފީތަށި ގިރައިގެން ގޮސް ބިސްގަނޑެއް އަޅަން ފެށިއެވެ. ތުންފިއްތާލައިގެން ޔަލްވީ އިންއިރު، ލިބުނު ދެރައާއި އައިސްފައިވާ ރުޅިން، ފުށްގަނޑު މޮޑެވުނުއިރުވެސް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހުއްޓިފައިވީ ރަޔާން ކުރަމުންދިޔަ ކަންތަކަށެވެ.
"ފޮނި އިންސާނެއް..... ނުވެސް އުޅެން ވާހަކަ ދައްކާކަށް..... ނުވެސް އުޅެން ބަލާކަށްވެސް..." ޔަލްވީ އިނީ ތުން ދަމާލައިގެންނެވެ.
ރަޔާން އެގޮތަށް އޭނަ ދުރުކޮށްލުމުން ޔަލްވީއަށް ކުރެވިގެން ދިޔައީ ތަފާތު އިޙުސާސެކެވެ. އެކަނި އިނދެ ވާހަކަ ދައްކަމުންދިޔައިރު އަފްސަމް އައިސް ކައިރީގައި ހުއްޓުނު އިރުވެސް ޔަލްވީއަށް ރޭކާނުލިއެވެ.
"ސުބުހާނަﷲ.... ކޮބާތަ މިތަނުން ފުށްގަނޑަކީ؟...." އެއްފަހަރު ޔަލްވީއަށް އަދި އަނެއްފަހަރު ޔަލްވީ މޮޑެން އިން ފުށްގަނޑާއި ދިމާއަށް ބަލާލަމުން އަފްސަމް ސުވާލުކޮށްލިއެވެ.
އަފްސަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޔަލްވީ އިންގޮތުން ކޮންމެ މީހެއްގެ ކައިރިއަށްވެސް ހިނިއަންނާނެކަން އޭނާއަށް އެނގުނެވެ. އަފްސަމް ފުރަތަމަވެސް ނެގީ ޔަލްވީގެ ފޮޓޯއެކެވެ.
"މީ ކޯއްޗެއް؟ ޑަންލޮޕުގަނޑެއްތަ؟ ނޫނީ ތެރަސްގަނޑެއްތަ؟" ޔަލްވީ މޮޑުނު ފުށްއެތިން އެތިކޮޅެއް ނަގަމުން އަފްސަމް އަހައިލިއެވެ.
ރުޅި އައިސްގެން ގޮސް ޔަލްވީ އިނީ ފަޅައިގެންދާން ކައިރިވެފައެވެ. އަވަސްއަވަހަށް ނޭވާލަމުންދިޔައިރު ދެއަތް މުށްކަވާލައިގެން އިންގޮތުން ހީވަނީ ދެންމެ ދެންމެ އަފްސަމްއަށް ހަމަލާއެއް ދީފާނެ ހެންނެވެ. ދޭތެރެއަކުން ރަޔާން އާއި ދިމާއަށް ބަލާލަނީ އަފްސަމްގެ ދިމާކުރުންތަކަށް ރައްދެއް ނުދޭތީ ޝަކުވާކުރާ ހާލުގައެވެ. ޔަލްވީ ބަލަހައްޓައިގެން އިންދާ ކޮފީ ތަށި ހިފައިގެން ރަޔާން ނުކުތީ ބޭރަށެވެ. ހިތަށް ކުރި އަސަރަކުން ދެބުމަ ގޮށްޖަހާލަމުން ޔަލްވީ އަފްސަމް އާއި ދިމާއަށް ބަލާލިއެވެ. ޔަލްވީ އާއި ރަޔާންގެ މެދުގައި ކަމެއް ގޯސްވެއްޖެކަން އަފްސަމްއަށް އެނގުނީ ރަޔާންގެ އަމަލުތައް ހުރ ގޮތުންނެވެ. ޔަލްވީ ރަޔާންއަށް ބެލީ އާދައިގެ ގޮތަކަށް ނޫނެވެ. އަފްސަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
********
އަފްސަމްގެ އެހީތެރިކަމާއިއެކު ފުރަތަމަ ފަހަރަށް ޔަލްވީ ރޮށި ފިހުނެވެ. އެއީ ޔަލްވީގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބުނު ވަގުތުކޮޅެކެވެ.
"މިފަހަރު ވާނެ ދުނިޔޭގެ ހުރިހާ ޗާޓެއް ހަދާލަން" އަފްސަމް ދިމާކުރުމުންވެސް ޔަލްވީގެ ކައިރިއަކަށް ރުޅިއެއް ނައެވެ.
ރޮށި ފިހުންވީ ޔަލްވީއަށް މަޖާކަމަކަށެވެ. ފުރަތަމަކޮޅު އުނދަގޫވި ނަމަވެސް ޔަލްވީ ނަގައިގަތްލެއް އަވަހެވެ. ޔަލްވީގެ ހިތުގައި ޝައުގުވެރިކަން ވެސް އުފެދުނެވެ. މަސައްކަތް ނިންމާލާފައި ޔަލްވީ ކޮޓަރިއަށް ދިޔައީ ފެންވަރާލާށެވެ. އޭރު އޭނަގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ. ޔަލްވީގެ މަސައްކަތް ރަޔާންއަށް ދައްކާލާ ހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.
(ނުނިމޭ)