ޗެލްސީއިން ޝެމްރޮކް ރޯވާސް ބަލިކޮށްފި

ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ލީގު ފޭސްގައި ތާވަލްގެ އެއްވަނައިގައި އުޅޭ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީ އާއި ރިޕަބްލިކް އޮފް އަޔަލަންޑްގެ ޝެމްރޮކް ރޯވާސް ބައްދަލުކުރި މެޗު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަސް ލަނޑު އެއް ލަނޑުންނެވެ.

މި މެޗަށް ނިކުންއިރުވެސް ފަހު 16 ޓީމުގެ ބުރުން ޖާގަ ކަށަވަރުވެފައިވާ ޗެލްސީއަށް ވަނީ މި ކާމިޔާބީއާއެކު ތާވަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ފަހު 16 ޓީމުގެ ބުރުން ޖާގަ ލިބިގެން ގޮސްފައެވެ.

މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ފޯވަޑް މާކް ގިއުއެވެ. ނަމަވެސް މި ލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓް ފަހުން ޝެމްރޮކްގެ މާކަސް ޕޫމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މެޗުގައި ޗެލްސީއިން ދެވަނަ ފަހަރަށް މެޗުގެ 34 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނީ ވެސް ގިއު ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކިއެނަން ޑޫސްބަރީ ހޯލްއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑާއެކު ގިއު މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. މި މެޗުގައި ޗެލްސީގެ ފަހު ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކް ކުކުރެޔާއެވެ.

މި ނަތީޖާ އާއެކު މި މުބާރާތުގެ ފަހު 16 އިން ޗެލްސީއަށް ޖާގަ ލިބިގެންދިޔައިރު މި މެޗުން ބަލިވި ޝެމްރޮކް ރޯވާސްއަށް ޖެހިފައިވަނީ ފަހު 16 ޓީމުން ޖާގަ ހޯދުމަށްޓަކައި ޕްލޭ އޮފް ކުޅޭށެވެ. މި މުބާރާތުގެ ޕްލޭ އޮފްގެ ގުރުލުން މިއަދު އޮންނާނެއެވެ.

ކޮންފަރެންސް ލީގުގެ ލީގު ފޭސް ނިމުނުއިރު ދެވަނައަށް ގޮސްފައިވާ ލީގާ ޕޯޗުގަލްގެ ވިކްޓޯރިއާ އެސްސީ އާއި އިޓަލިއަން ސެރީއާގެ ފިއޮރެންޓީނާ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ވީ އެއްވަރެވެ. މި މެޗުގައި ވިކްޓޯރިއާގެ ލަނޑު 33 ވަނަ މިނެޓުގައި ގުސްޓާވޯ ސިލްވާ ކާމިޔާބު ކޮށްދިންއިރު ފިއޮރެންޓީނާއަށް އެއްވަރު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދީފައިވަނީ 87 ވަނަ މިނެޓުގައި ރޮލާންޑޯ މަންޑްރަގޯރާއެވެ. މި މެޗު އެއްވަރުވުމުން ވިކްޓޯރިއާއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. އަދި ފިއޮރެންޓީނާ ލީގު ފޭސް ނިންމާލީ 13 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައި އޮވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު