ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންވާ ދިރިއުޅުމެއް އުޅުމަކީ ކޮންމެ އިންސާނެއްގެ ވެސް އެދުމެކެވެ. އުފާވެރިކަން އާލާކުރުމުގެ މައިގަނޑު ބިންގަލަކީ އިންސާނުންގެ މެދުގައި އޮންނަ ހިތުގެ ލޯތްބާއި، ދުޅަހެޔޮ ގުޅުންތަކާއި، ވަފާތެރިކަމާއި އިޖާބީ ވިސްނުމެވެ. މީގެ އިތުރުން، އެކަކު އަނެކަކަށް ލޯބިކުރުމާއި، ނަމޫނާ ދެއްކުމާއި، ހިތުގެ އަޑިން އަޅާލުން ފަދަ މުހިންމު ސިފަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
"ސަން ޕޮޑްކާސްޓިންގ" އިން 2024 ނޮވެމްބަރު 16 ވަނަ ދުވަހު ގެނެސްދިން "ސްމައިލް ޝިހާބް" ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑު "ހިތުން" ގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ނަމޫނާ ބޮލޮގް ލިޔުންތެރިޔާ އަދި ދިގަލި ރިސޯޓުގެ މެނޭޖަރު އަލްފާޟިލް ޙަސަން ސަޢީދެވެ.
ސަޢީދު ހާމަކުރެއްވި ގޮތުގައި ރިސޯޓު ވަޒީފާގެ ކޮންމެ ދުވަހަކީ އައު ތަޖުރިބާތަކެއް ލިބިގަންނަ ދުވަހެކެވެ. ޚާއްޞަކޮށް ފަތުރުވެރިންނާއި ގުޅުންހުރި ކަންކަމުގައި ދެ ދުވަހެއް އެއްގޮތަކަށް ނުދާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ކޮންމެ ދުވަހަކީވެސް ހިތްހަމަޖެހޭ، އުފާވެރި ދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ހިތްހަމަޖެހުން ހޯދުމުގެ މުހިންމުކަމާ ބެހޭގޮތުން ޙަސަން ވިދާޅުވެފައިވަނީ، ރިސޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަކީ އިޖްތިމާޢީ އަދި ޢާއިލީ މާޙައުލުން ދުރުގައި، ދިގު މުއްދަތަކަށް ރިސޯޓުތަކުގައި ދިރިއުޅުއްވާ ބޭފުޅުންކަމަށެވެ. ރިސޯޓު ވަޒީފާއަކީ އޭގެ ޒާތުގައި ޤުރުބާނީތަކެއް ވާންޖެހޭ ދާއިރާއަކަށްވުމާއެކު، މަސައްކަތުގެ މާޙައުލުގައި ދުޅަހެޔޮކަމާއި، އުފާވެރިކަމާއި، ހިތްހަމަޖެހުން އޮތުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
އިޖްތިމާޢީ ޙަރަކާތްތަކަކީ ހިތްހަމަޖެހުން ގެނެސްދޭ ކަންކަން ކަމުގައި ޙަސަން ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކު އެއްވެ، ވާހަކަދައްކައި، ހީސަމާސާކުރުމަކީ ސިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ލިބިދޭ، ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެއް އިމާރާތެއްގައި ނުވަތަ އެއް ސަރަޙައްދެއްގައި ދިރިއުޅޭ އަވައްޓެރިން ނުވަތަ އެއް ރަށެއްގެ ޖަމާޢަތެއް އެކުގައި ކުރާނެ ޙަރަކާތްތަކެއް ރޭވިފައި އޮތުމަކީ، ގުޅުންތައް އިތުރުވެ ބަދަހިވެ، އުފަލާއި ހިތްހަމަޖެހުން އެ ބަޔަކަށް ގެނެސްދޭނެ ކަމެއްކަމުގައި ޙަސަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، ގުޅުމުގެ ފުންމާނަ ދޭހަވެ، ކުރިއަށް ކަންކަން ކުރުމުގެ ރޫޙު އާލާވެ، ކަންކަން ރާވައި ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވިގެންދާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.
އިނގިރޭސި މުހާވަރާއެއްގައި ބުނެފައިވާފަދައިން "ހެޕިނަސް ޔޫ ކެޓް ބައި އެންޓިސިޕޭޓިން ސަމްތިން." "އުފާވެރިކަމަކީ އަހަރެމެންނަށް ކުރިމަގުގައި ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަކުން ވެސް ލިބޭ އެއްޗެކެވެ." މި ޙަޤީގަތް އިތުރަށް ތަފްސީލްކޮއްދެއްވަމުން ޙަސަން ވިދާޅުވީ ކަންތައްތަކެއް ކުރުމަށް ރާވާފައި އެކަން ކުރުމަށް ހަމަޖެހިފައިވާ ދުވަސް އަންނަންދެން އެކުރެވޭ އިންތިޒާރަކީ އެމުއްދަތުގެ ތެރޭގައިވެސް އުފާވެރިކަންމަތީ ތިބެވޭ ވަގުތުތަކެއްކަން ކަމަށެވެ. މިސާލެއްގެ ގޮތުން ދެމަފިރިން އެކުގައި ޗުއްޓީއަކަށްދާން ރާވާފައި އެދުވަސްތަކަށް ކުރެވޭ އިންތިޒާރުގެ ފޮނިކަން ދަތުރު ދިޔުމަށް ވުރެ ހަސަންގެ ނަޒަރުގައި މާ ފޮނިކަން ފާހަގަ ކުރެއްވިއެވެ.
ޙަސަންގެ އުފާވެރި އަދި ހިތްގައިމު މިޒާޖަކީ ބައްޕަގެ ކިބައިން ލިބިވަޑައިގެންނެވި ސިފައެއްކަމުގައި ދެކެވަޑައިގަންނަވައެވެ. ހަނދާނެއްގެ ގޮތުން، ކުޑައިރު ކޮއްކޮމެންނާއި ބައްޕައާއެކު ހޭދަކުރެއްވި މަޖާ އަދި އުފާވެރި ވަގުތުތަކެއްގެ ވާހަކަ ހިއްސާކުރެއްވިއެވެ. ޙަސަންގެ ބައްޕައަކީ ބަނޑޭރިކަން ކުރެއްވި ބޭކަލަކަށްވުމުގެ އިތުރުން، ގޭތެރޭގައި ވަރަށް މުހިންމު އަދި ތަފާތު މަސައްކަތްތަކެއް ކުރެއްވި، ހުނަރުވެރި، ޙިކުމަތްތެރި އަދި މަޖާ އުފާވެރި ބޭކަލެއްކަމުގައި ވިދާޅުވިއެވެ. ސްކޫލް ދައުރުގައި އުރުދޫ ބަހުން ހެއްދެވި ޖުމްލައެއްކަމަށްވާ "އުސްތާޒުކާ ތޭލާ މޭލާހޭ" ގެ މާނަ ޕޮޑްކާސްޓްގެ އަޑުއެހުންތެރިންނަށް ތަފްސީލުކޮށްދެއްވިއެވެ.
ޙަސަންގެ ޢާއިލާގެ ވާހަކަ ހިއްސާކުރައްވަމުން ވިދާޅުވީ، 5 ފިރިހެން ކުދިންނާއި 6 އަންހެން ކުދިންގެ މައްޗަށް އެކުލެވޭ، ޖުމްލަ 11 ދަރިންގެ ޢާއިލާއެއްކަމަށެވެ. ޙަސަންއަކީ 3 ވަނަ ދަރިފުޅު ކަމަށާއި، ދިރިއުޅުއްވީ ބޮޑުދައިތަގެ ދެކަނބަލުންނާއި، މަންމައާއި ބައްޕައާއެކު އާދައިގެ ކުޑަ ގެއެއްގައި ކަމަށެވެ. ނަމަވެސް، ބޮޑެތިވަމުން އައީ ކާފައާއި މާމަ އަދި ދެފަރާތުގެ ބޮޑު ޢާއިލާގެ ފުރިހަމަ ލޯބި ލިބިގެން، އުފާވެރިކަމާއެކުގައެވެ.
ޙަސަންގެ މަންމަގެ ފަރާތުން ލިބުނު އުފާވެރި ހަނދާންތަކުގެ ތެރެއިން، މަންމަގެ ވަރަށް މީރު ކެއްކުންތެރިކަން ފާހަގަކުރެއްވިއެވެ. މަންމައާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި، މަންމަގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މަންމަ 2017 ވަނަ އަހަރު ޙަސަންމެންނާ ވަކިވެވަޑައިގެންފައި ވީނަމަވެސް، މަންމަގެ އުފާވެރި ހަނދާންތައް ޢާއިލާއާއެކު ދެމިއޮތްކަން ފާހަގަ ކުރެއްވިއެވެ.
ޙަސަން، އޭނާގެ ދަރިންނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ރިސޯޓުގައި މަސައްކަތްކުރައްވާތީ، ކޮންމެ ދުވަހަކު ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ދަތިވާކަމަށެވެ. ނަމަވެސް، ދަރިންނާއެކު ހޭދަކުރެވޭ ވަގުތުތަކުގައި ގިނަގުނަ ވާހަކަތައް ދެކެވޭކަމަށް ފާހަގަކުރެއްވިއެވެ. ދަރިންގެ ކިބައިން ލިބުނު ފިލާވަޅެއްގެ ގޮތުގައި، އެއްދުވަހަކު ތަންކޮޅެއް އަވަހަށް ރުޅިއައިސްފައިވާކަން ދަރިފުޅު ފާހަގަކޮށްދިންކަމަށް ވިދާޅުވިއެވެ.
ސްކޫލް ދައުރުގެ ހަނދާންތައް އާކުރައްވަމުން، ޙަސަން ވިދާޅުދާޅުވީ އޭނާ ތަޢުލީމު ޙާޞިލުކުރެއްވީ ފުވަށްމުލަކު ސްކޫލުންކަމަށާއި، 7 ވަނަ ގްރޭޑުން ސްކޫލުން ވަކިކުރެވުނު ކަމަށެވެ. މިއީ ޖޭ.އެސް.ސީ އިމްތިޙާނުގައި ހިސާބު މާއްދާއިން ފާސްނުވުމުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސްކޫލް ދައުރުގައި ހެޑްމާސްޓަރ އިބްރާހީމް ވަޙީދުގެ ހިތްވަރުދެއްވުމާއެކު، މަޖައްލާ ނެރުމާއި އެކިއެކި ލިޔުންތައް ލިޔުއްވިކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ތަމްސީލު ކުޅުމާއި ނޫސް ނެރުންފަދަ ޙަރަކާތްތަކަކީ އުފާވެރި ހަނދާންތަކެއްކަމުގައި ފާހަގަކުރެއްވިއެވެ.
ހޮޓެލް ސްކޫލުގައި ކިޔެވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، ޙަސަން ވިދާޅުވީ ހައުސްކީޕިންގ ޕްރެކްޓިކަލްގައި ކުރެވުނު މަސައްކަތްތައް ޚާއްޞަގޮތެއްގައި ހަނދާންހުރިކަމަށެވެ. 1989 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިންޑިއާ ސިފައިންނަށް ދެއްވި ޖާފަތެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަން ފާހަގަކުރެއްވިއެވެ. އެ ދުވަހު ރައީސް ވަޑައިގެން ސަފަކަށް ތިއްބެވި ހޮޓެލް ސްކޫލުގެ ދަރިވަރުންނާ ސަލާމްކުރައްވަމުން، ޙަސަންގެ އަރިހުން "މިއީ ހުސް ދިވެހި ކުދިންތޯ" ސުވާލުކުރެއްވިކަމަށާއި، "މިއީ ހައްތަހާވެސް ދިވެހި ކުދިން" ކަމަށް ދެންނެވުމުން ރައީސް ވަރަށް އުފާފުޅުވިކަމަށް ވިދާޅުވިއެވެ. ހޮޓެލް ސްކޫލުން "ބެސްޓް އޯލްރައުންޑަރ" ގެ މަޤާމު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ
ޙަސަންގެ އުފާވެރި އަދި މަޖާ މިޒާޖު އުފެދުމުގައި ބައްޕަގެ ދައުރު ބޮޑުކަމަށް ވިދާޅުވިއެވެ. ނަމަވެސް، ނަފްސާނީ އުފާވެރިކަން ދެމެހެއްޓުމަށްޓަކައި، އުފާވެރިކަން ގެނެސްދޭ މިޒާޖުގެ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރައްވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޙަސަން ގެންގުޅުއްވާ ފޮތްތެރިކަންވެސް ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. ފޮތް ކިޔުމުގެ އާދަ ދަސްވެވަޑައިގަތް ގޮތް ޙިއްސާކުރައްވަމުން ވިދާޅުވީ، ފުރަތަމަ ފޮތް ކިޔަން ފެށުނީ ގޭތެރޭގައި ބައްޕަ ފޮތް ކިޔުއްވާ މަންޒަރު ފެނިވަޑައިގަތުމުން ކަމަށެވެ
ފޮތްކިޔުމުގެ އާދަ ވަގުތީގޮތުން މެދުކެނޑުމަށްފަހު، ދެވަނަ ފަހަރަށް އެ އާދަ އާލާކުރުމުގެ ފުރުޞަތު ލިބުނީ ނަމޫނާ ޑައިވިންގ އިންސްޓްރަކްޓަރެއް ކަމުގައިވާ ޔޫސުފް ޙަސަންއާ ރޫމްމޭޓެއްގެ ގޮތުގައި ބައްދަލުވުމުންނެވެ. އޭނާ ތަޢާރަފުކޮށްދިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގިނަ ފޮތްތަކުގެ ތެރެއިން ޢިލްމީ ފޮތްތަކަށް ޚާއްޞަ ޝައުޤުވެރިކަމެއް ލިބިގެންދިޔަކަން ފާހަގަކުރެވުނެވެ.
މުޖުތަމަޢުގެ އިޖުތިމާޢީ ގުޅުންތައް ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި އާއިލާއިން ފެށިގެން މަސައްކަތްކުރަން ޖެހޭކަމަށް ޙަސަން ދެކެވަޑައިގަންނަވައެވެ. އަވަށްޓެރިންނާއި މުޖުތަމަޢުގެ އެހެނިހެން މެންބަރުންނާއެކު ހެޔޮ ގުޅުމެއް ޤާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރައްވައެވެ. ކުރީގައި މި ގުޅުންތައް ވަރަށް ބަދަހިކޮށް އޮތްނަމަވެސް، ގޯތިގެދޮރުގެ ސަރަޙައްދުތައް ވަކިކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މި ގުޅުންތަކަށް އުނިކަން އައިސްފައިވާކަން ޙަސަން ފާހަގަކުރައްވައެވެ. އެހެންކަމުން، އަލުން އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވެއެވެ.
މި ގުޅުންތައް ކުރިއެރުވުމަށްޓަކައި، ރަށްރަށުގައި އަވަށު ފެންވަރުގައި އިޖުތިމާޢީ ރޫޙު އާލާކުރާނެ ޙަރަކާތްތަކެއް ރާވައި ހިންގުމުގައި ކައުންސިލްތަކުން އިސްނެގުމުގެ މުހިންމުކަން ޙަސަން ފާހަގަކުރެއްވިއެވެ. މާލީ ވަސީލަތްތަކަށް ބަރޯސާނުވެ، އުފާވެރި ޙަރަކާތްތަކެއް ރޭވުމަށް އިސްކަންދޭންޖެހޭކަމަށާއި، އެކަކު އަނެކަކަށް އެހީތެރިވެދީގެން އުފާވެރި މުޖުތަމަޢެއް ބިނާކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކު ރައްޔިތުންގެ ހިތްހެޔޮކަމުގެ އަސްލާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން، ޙަސަން ވިދާޅުވީ އެއީ ވަކިން އޮންނަ ރަށަކަށްވެފައި، ޚާއްޞަކޮށް ކުރީޒަމާނުގައި ދަތުރުފަތުރުގެ ފަސޭހަކަން ނެތުމުގެ ސަބަބުން "އަފުން" މި ބަހުގެ ފުން މާނައިގައި އެކުވެރިކަމާއެކު ދިރިއުޅެމުން އައި ބަޔަކަށް ފުވައްމުލަކު މީހުން ވެގެންދިޔަކަމަށެވެ.
ރިސޯޓު މުވައްޒަފުންގެ އެކަނިވެރިކަން ފިލުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޙަސަން ހިއްސާކުރެއްވީ، "އެކިއުރޭޓް" ނުވަތަ މަސައްކަތުގެ ހަމަހަމަކަން އެއްބަޔަކު އަނެއް ބަޔަކަށް އޮޅުންފިލުވައިދިނުމުގެ މުހިންމުކަމެވެ. މަސައްކަތުގެ މާޙައުލުގައި ކޮންމެ މުވައްޒަފަކީވެސް މުހިންމު ދައުރެއް އަދާކުރާ ފަރާތެއްކަން އެންމެންނަށް އެނގި، އެކަން ޤަބޫލުކުރެވިފައި އޮތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންގެ މެދުގައި އެކުވެރިކަން ދެމެހެއްޓޭނެ ގޮތަށް މަސައްކަތުގެ މާޙައުލު ބައްޓަންކުރެވިފައިވާކަން މެނޭޖްމަންޓުން ކަށަވަރުކުރަންވާނެ ކަމަށްވެސް ޙަސަން އިތުރަށް ފާހަގަކުރެއްވިއެވެ.
ޙަސަންގެ ބަހުރުވައިގެ ހުނަރުވެރިކަން ފާހަގަކުރެވެއެވެ. އޭނާއަށް ޖަރުމަނު، އިޓަލީ، ޢަރަބި އަދި ހިންދީ ބަސް ދަންނަކަމީ އުފާވެރި ކަމެއްކަމުގައި އޭނާ ދެކެއެވެ. ޝިހާބު ޙަސަން ސިފަކުރައްވަނީ ފަސްމީރު ކުރި ރުކެއްގެ ގޮތުގައެވެ. ނަމަވެސް، ޙަސަން އަމިއްލައަށް ދެކެނީ އޭނާއަކީ ފުޅިމަދު އުނގުރިއެއްގެ ގޮތުގައެވެ.
ރިސޯޓު ދާއިރާގައި ޙަސަންގެ ތަޖުރިބާއަކީ ފުޅާ އަދި ފުރިހަމަ ތަޖުރިބާއެކެވެ. އޭނާގެ މެންޓަރ އަބުޖީގެ އިރުޝާދުގެ ދަށުން، ރިސޯޓެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގެ ޢަމަލީ ތަޖުރިބާ ހޯއްދަވާފައިވެއެވެ. މިކަމުގެ ސަބަބުން، ރިސޯޓެއްގެ ކޮންމެ ދާއިރާއަކަށްވެސް އޭނާއަށް ފަސޭހައިން ފެތޭނެކަމަށް ޙަސަން ޤަބޫލުކުރައްވައެވެ.
ޙަސަންގެ އުފާވެރި ވާހަކަތަކުގެ ތެރޭގައި، އޭނާގެ ބްލޮގް ލިޔުންތަކާއި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރައްވާފައިވާ ވާހަކަތަކުގެ ތަފްސީލު ހިމެނެއެވެ. މީގެ ތެރެއިން، ދިވެހިރާއްޖޭގެ މަޝްހޫރު ކާނާއެއް ކަމުގައިވާ "ކަލިޔާ ބިރިންޖީ" އާ ގުޅޭ ވާހަކައެއް ތަފްސީލުކޮށް ބަޔާންކުރެއްވިއެވެ.
ޕޮޑްކާސްޓް ނިންމާލުމުގެ ގޮތުން، ޙަސަން އަލިއަޅުވާލެއްވީ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށްޓަކައި އަނެކުންނާމެދު ވިސްނުމުގެ މުހިންމުކަމަށެވެ. އަދި ތިމާއަށް އެދޭ ހެޔޮކަން އެހެން މީހުންނަށްވެސް އެދުމާއި، އެހެން މީހުންގެ ޙާލަތު ދެނެގަނެ އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.