މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ޕާލޭ މޯލްޑިވްސްއާ ގުޅިގެން "ރީތި ރާއްޖެ" ކެމްޕޭންގެ ބައެއްގެ ގޮތުގައި ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތް ނިންމާލައިފިއެވެ.
ލ. އަތޮޅު ކައުންސިލް، ގަން ކައުންސިލް އަދި ހަމަދު ސްކޫލުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ކެމްޕޭނުގެ މަގުސަދަކީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ސަގާފަތް ދިރުވައި އާލާކުރުންކަން ރީތި ރާއްޖޭގެ ޓީމުން ފާހަގަކުރިއެވެ.

ރީތި ރާއްޖޭގެ ޓީމުއިން "ރީތި ރާއްޖެ" ކެމްޕެއިންގެ ބައެއް ލ އަތޮޅުގައި ކުރިއަށް ގެންގޮސްފި --- ފޮޓޯ/ ރީތި ރާއްޖޭގެ ޓީމު
ރީތި ރާއްޖޭގެ ޓީމުން ބުނީ މައިގަނޑު ހަރަކާތް ބޭއްވީ މިދިޔަ އާދީތަ ދުވަހު ހަމަދު ސްކޫލުގައި ކަމަށެވެ. މިއީ ޕާލޭ މޯލްޑިވްސްއާ ގުޅިގެން ބޭއްވި ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ގަމާއި ފޮނަދޫ ސަރަހައްދުގެ ދަރިވަރުން ބައިވެރިވެފައި ވާކަން ރީތި ރާއްޖޭގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
އަދި ޔުނިސެފް މޯލްޑިވްސްގެ ކްލައިމެޓް ގާޑިއަންސް އިން މި ހަރަކާތްތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފިޔަވަޅުތަކެއް އެޅުމަށް ޒުވާން ޖީލަށް ހިތްވަރުދިން ކަން ވެސް ރީތި ރާއްޖޭގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ރީތި ރާއްޖޭގެ ޓީމުން ވަނީ ރީތި ރާއްޖެ ކެމްޕޭނުގެ ތެރެއިން ޔުނިސެފާއި ކްލައިމެޓް ގާޑިއަންސްއާ ގުޅިގެން އަތޮޅުގެ އެންމެ ދިގު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި 170 ކިލޯގްރާމަށްވުރެ ގިނަ ކުނި ނަގައިފައި ވެއެވެ.

ރީތި ރާއްޖޭގެ ޓީމުއިން "ރީތި ރާއްޖެ" ކެމްޕެއިންގެ ބައެއް ލ އަތޮޅުގައި ކުރިއަށް ގެންގޮސްފި --- ފޮޓޯ/ ރީތި ރާއްޖޭގެ ޓީމު
ކެމްޕޭނުގެ ޑޮކިއުމެންޓަރީ މަސައްކަތުގެ ބައެއްގެ ގޮތުގައި ޓީމުން ގަމުގެ ބޮޑުފެންގަނޑު އަދި ފޮނަދޫ އިސްދޫ ކަލައިދޫ އަދި މާބައިދޫގެ މިސްކިތްތައް ހިމެނޭ ގޮތަށް މުހިންމު ސަގާފީ އަދި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށްފައި ވެއެވެ.
މި މަސައްކަތްތަކުގެ މަޤުސަދަކީ ރާއްޖޭގެ ތަރިކަ ރެކޯޑުކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރީތި ރާއްޖޭގެ ޓީމުން ވަނީ ބުނެފައެވެ.