މައުވާއަށް ބަލައިލާ ކޮންމެ ފަހަރަކު އޭނާގެ ހިތް ހީވަނީ ފިތެމުން ދާހެންނެވެ. އެ ހިތުގެ ވިންދުތައްވެސް ހީވަނީ މަޑުޖެހިލާހެންނެވެ.

އެންމެފަހުން އަފްނާން އެތަނުން ނުކުތެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު، ބާލީހުން މޫނު ފޮރުވާލި އަފްނާންގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ބޮލުގައި ވެސް ރިއްސަން ފެށީ އެހެންމިހެންނަކުން ނޫނެވެ. އެންމެ ފަހުން ޕެނެޑޯލް ގުޅައެއް ކާލައިގެން އޭނާ ނިދޭތޯ އުޅުނު ނަމަވެސް، މާޒީގެ ހިތި ހަނދާންތައް އޭނާއަށް އެ ފުރުސަތު ދޭން ބޭނުންނުވާފަފައެވެ. އެކަމަކާހުރެ ޖެހިގެން އައި ދުވަހު އޮތް ކްލާހަކަށްވެސް އޭނާއަކަށް ނުދެވުނެވެ. މެންދުރުވީ އިރުވެސް އަފްނާން ކޮޓަރިއަކުން ނުނިކުމެއެވެ. ރިސާމާއާ ނަޖީބާ ހީކުރީ އެމީހުން ދެއްކި ވާހަަކައިގެ ސަބަބުން އަފްނާން މާ ބޮޑަށް ހިތްހަަމަނުޖެހުނީ ކަމަށެވެ. އެހެންކަމުން އެންމެފަހުން މެންދުރުގެ ކެއުމަށް އޭނާ ބަލާ ރިސާމާ އައެވެ.

"ދަރިފުޅާ… ދަރިފުޅާ އަފްނާން." ރިސާމާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ގޮވަން ފެށިއެވެ.

"ވަދޭ." އެތެރެއިން އަފްނާން ޖަވާބު ދިން އަޑު އިވި ރިސާމާ ކޮޓަރިއަށް ވަދެލިއެވެ. އޭރުވެސް އަފްނާން އޮތީ މޫނުމަތީގައި ބާލީސް އަޅާލައިގެންނެވެ. އެ މަންޒަރު ފެނުމާއެކު، އަފްނާންގެ އެ އަމަލުތަކުގެ އަސްލަކީ އެމީހުން ދެއްކި ވާހަކަތައް ކަން ރިސާމާއަށް ޔަޤީންކުރެވުނެވެ.

"ދަރިފުޅާ. ނުވެސް ކަނީތަ؟ މިއަދު ކޮލެޖަކަށްވެސް ނުދޭ. ހެނދުނު ކާކަށްވެސް ނުނިކުމޭ…" އެހެން ބުނެލާފައި ރިސާމާ މަޑުކޮށްލިއެވެ. މޫނުމަތިން ބާލީސް ދުރުކޮށްލަމުން އަފްނާން ތެދުވެ އެނދުމަތީގައި އިށީނެވެ.

"މަންމަމެން ދެކެ ހިތްހަމަނުޖެހިފަތަ ދަރިފުޅު ތި އިންނަނީ؟" ރިސާމާ ސުވާލުކޮށްލީ އަފްނާން އިތުރު އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުންނެވެ. ރިސާމާ އެ ދެއްކި ވާހަކައެއް އަފްނާންއަށް ފަހުމްވީ އިރުކޮޅެއްފަހުންނެވެ. ސިކުނޑިއަށް އެ ވާހަކަތައް ވެރިވުމާއެކު އޭނާ ރިސާމާއަށް ބަލާލާފައި އެއްޗެއް ބުނަން އުޅެފައިވެސް މަޑުޖެހުނެވެ.

"ކިހިނެއްވީ؟… މަންމައަށް އެނގޭ ކުއްލިއަކަށް އެކަހަލަ ވާހަކައެއް ދެއްކީމަ ދަރިފުޅު ވިސްނަން ވަގުތު ކޮޅެއް ބޭނުންވީކަން. އެކަމަކު… ވިސްނާލަބަަލަ. ރައްޔާއަކީ ކިހާ ރަނގަޅު ކުއްޖެއް. ކިޔަވައިގެން ހުރި އަޚްލާޤު ރަނގަޅު ކުދިން މިޒަމާނުގައި މަދުވާނެ. މަންމަމެން ބޭނުމެއް ނުވޭ ދަރިފުޅަށް ދެރަގޮތެއް ވާކަށް... އެހެންވީމަ އެ ވާހަކަ ދެއްކީ… ފަހަރެއްގައިވެސް ދަރިފުޅު ރުޅިއަރުވާކަށް ނޫން. އަދި ތިހާ ބޮޑު ހާސްކަމެއްގެ ތެރެއަށްވެސް ދަރިފުޅު ވައްޓާލާކަށް ނޫން." ރިސާމާ ބުނެލިއެވެ. އޭނާ އަފްނާންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"މަންމާ… އަހަރެން ބޭނުމެއް ނޫން." އަފްނާން އިސްޖަހާލިއެވެ. އޭނާއަށް ސިފަވީ މައުވާގެ ސޫރައެވެ.

"އެ ކީއްވެ ބޭނުންނުވާންވީ؟ އަފޫއެއްނު ބުނީ އަފޫގެ ޙަޔާތުގަ އިތުރު ކުއްޖަކު ނެތޭ. ވީއިރު، ރައްޔާ ފަދަ ރަނގަޅު ކުއްޖަކަށް ފުރުސަތު ދިނުމަކުން ކޮބާ މައްސަލައަކީ؟" ރިސާމާ ބޭނުންވަނީ އޭނާގެ އެ އެދުން އަފްނާން ފުރިހަމަ ކޮށްދިނުމަށެވެ. އޭނާގެ ޅީދަރިއެއްގެ މަޤާމަށް ރައްޔާ ގެނައުމަށެވެ. އަދި ޚާއްސަކޮށް ރައްޔާ އަފްނާންއާ ދޭތެރޭ ދެކޭ ގޮތް އެނގުމަށްފަހު، އެހިތުގައި އުންމީދުތަކެއް އުފަންވެފައިވެއެވެ. އެ އުންމީދުތައް ގުޅިފައިވަނީ އަފްނާންގެ އުފާތަކާއެވެ. ރައްޔާފަދަ ކުއްޖަކު އަފްނާންގެ ޙަޔާތަށް އަތުވެއްޖެނަމަ އަފްނާންގެ ޙަޔާތް އުފާވެެރިކަމުން ފުރިދާނެއެވެ. އަޒްލަފްއަށް ވީ ގޮތް ފަހަރެއްގައިވެސް އަފްނާންއަށް ވާކަށް އޭނާ ނޭދެއެވެ. އެވާހަކަ އެހާވަރަށް ދެކެވެނީ އެހެންވެގެންނެވެ. އޭނާއަށް އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް މުހިންމީ ދަރީންގެ އުފާތަކެވެ. ދަރީންގެ މުސްތަޤްބަލެވެ. މިއަދު އޭނާގެ ދަރީން ކިތަންމެ ބޮޑުވެފައި ތިބި ނަމަވެސް، މަންމަޔަކަށްވީތީ އެ ދަރީންނާ މެދު އުފެދިފައިވާ ކަންބޮޑުވުން ހުއްޓޭނީވެސް ކިހިނަކުން ހެއްޔެވެ؟ މައެއްގެ ހިތަށް އެންމެ ބޮޑަށް ހަމަޖެހުމެއް ލިބޭނީ، ދަރީން އުފަލުގައި އުޅޭތަން ފެނުމުންނެވެ.

އަޒްލަފްގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ އޭނާގެ ލޮލުގެ ކުރިމަތީގައެވެ. ޝައުފާއަށްޓަކައި އަޒްލަފް އުޅުނު ޙާލު އޭނާއަށް ފެނުނެވެ. މިއަދު ކިތަންމެ ހިތްވަރު ގަދަކަމަށް ދައްކައިގެން އުޅުނު ނަމަވެސް، އެހިތުގައި އަދިވެސް ރިހުން ވާކަން ރިސާމާއަށް އެނގެއެވެ. އޭނާއަށް ވެގެން ވާނަމަ ދުވަހަކު އަޒްލަފް ޝައުފާގެ ކުރިމައްޗަށް އެރިޔަކަ ނުދޭނެއެވެ. އެހެންނަމަވެސް، މިއަދު އެއީ ވާނެކަމެއް ނޫނެވެ. ކޮންމެވެސް ކަމަކު އަޒްލަފް ޝަައުފާގެ ކުރިމައްޗަށް އަރަން ޖެހެއެވެ. އެއީ އާއިންގެ ހައްޤުގައިކަންވެސް ރިސާމާއަށް އެނގެއެވެ. ޝައުފާގެ ކުރިމައްޗަށް އަރަން ޖެހޭހާ ހިނދަކު އަޒްލަފްއަށް މާޒީން އަތް ދޫކޮށްލަން އުނދަގޫވާނެކަންވެސް އޭނާއަށް އެނގެއެވެ. އެ ފަދަ ޙާލެއްގައި އަޒްލަފް އުޅޭތަން ބަލަން އޭނާއަށް ހާދަ އުނދަގުލެވެ. މިހާރު އޭނާގެ ހިތުގައި އަފްނާންއަށްޓަކައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސްލު ސަބަބަކީ އެ ހާދިސާއެވެ. ދެވަނަ ފަހަރަށް މާޒީ ތަކުރާރު ވާން ބޭނުން ނުވާތީއެވެ. ރައްޔާއާއެކީ އަފްނާންއަށް އުފާވެރި ޙަޔާތެއް ލިބޭނެކަމަށް އޭނާއަށް ޤަބޫލުކުރެވޭތީއެވެ.

"މަންމާ… މަންމާ…" ރިސާމާ ފުން ވިސްނުމަކަށް ގެއްލިފައި އިންނަތަން ފެނުމާއެކު އަފްނާން އޭނާއަށް ދެފަހަރަކު ގޮވާލިއެވެ.

"ދަރިފުޅު މިވަގުތުން ވަގުތަށް ޖަވާބެއް ނުދިނަސް އެންމެ ރަނގަޅޭ… ވިސްނާލާފަ ޖަވާބެއް ދީ." ރިސާމާ ބުނެލިއެވެ. އެއަށްފަހު އޭނާ ލުއި ހިނިތުންވުމެއް އަފްނާންއަށް ހަދިޔާކޮށްލިއެވެ. އަފްނާންވެސް ލަސްލަހުން ބޯ ޖަހާލިއެވެ.

"ފާޚާނާއަށް ވަދެލާފަ މިދަނީ ތިރިއަށް. " އަފްނާން އެހެން ބުނެލުމުން، ރިސާމާ ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އަފްނާންވެސް ފާޚާނާއަށް ވަދެ ތާޒާވެލައިގެން ނުކުމެ ތައްޔާރުވެގެން ތިރިއަށް ދިޔައެވެ. އޭރު، އަޒްލަފްގެ އިތުރުން، ނަޖީބު ވެސް ކާ ކޮޓަރީގައި ތިއްބެވެ.

ކެއުމުގެ ވަގުތުގައިވެސް އަފްނާން އިނީ ހިމޭންވެފައެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ އޭނާ ނުބުނެއެވެ. ސިކުނޑީގެ އެއް ފަޅި ބަރުވެފައިވަނީ މައުވާގެ ޚިޔާލުތަކުން ކަމަށް ވާއިރު އަނެއް ފަޅީފައި ވަނީ މަންމައާއި ބައްޕަ ދެއްކި ވާހަކަތަކާއި ރައްޔާއެވެ. މަންމަމެންނަށް އޭނާ އެ ހުރިހާ ވާހަކައެއް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ އަފްނާންއަށް ވެފައި އިން ގޮތް އެނގުނު އަޒްލަފް އެވަގުތު އެއްޗެއް ނުބުނީ މަންމަމެން އެތަނުގައި ތިބުމުންނެވެ. އަފްނާން އައުމުގެ ކުރިން ނަޖީބާއި ރިސާމާ ވަނީ އެ ދެމީހުން އަފްނާންއާ ދެއްކި ވާހަކަތައް އަޒްލަފްއާ ހިއްސާކޮށްފައެވެ. އޭނާއަށްވެސް އެ ދެމީހުންގެ ވާހަކަތަކާ މެދު އެއްބަސްވެވުނެވެ.

ކައި ނިިމިގެން އަފްނާން ކޮޓަރިއަށް ދާން މިސްރާބުޖެހުމުން އަޒްލަފްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭނާ އަފްނާންއާ އަރާހަމަކޮށްލާފައި ގޮވާލުމުން އަފްނާން މަޑުޖެހުނެވެ. އަޒްލަފް އަފްނާންގެ ކޮނޑަށް އަތް ވައްޓާލަމުން ވީ ގޮތާ ބެހޭގޮތުން ސުވާލުކުރިއެވެ.

"ދޮންބެއަށް ވެސް ހެލްޕެއް ވެވޭނީ ބުނީމައެއްނު. އެނގެޔޭ ކީއްވެގެންކަން ތިހާ ސްޓްރެސްވެފަ ތިހުރީ." އަޒްލަފް އެހެން ބުނުމުން އަފްނާންއަށް ހައިރާންކަމާއެކު އަޒްލަފްއަށް ބަލައިލެވުނެވެ. އަނެއްކާ އަޒްލަފްއަށް ރައްޔާގެ ވާހަކަ އެނގޭބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ކިހިނެއްވީ؟ ރައްޔާގެ ވާހަކަ މަންމަމެން ދެއްކީމަ އެކަމާ މޫޑް އޮފްވެފައެއްނު ތި ހުންނަނީ. " އަޒްލަފް ބުންޏެވެ.

"ބުނެބަ މަންމަމެން ކައިރީ އަހަރެން ބޭނުމެއް ނޫނޭ." އަފްނާން އަނގަަޔަށް ފޫހި ވައްތަރެއް ޖައްސާލިއެވެ.

"އެއީ. އެހެން ކުއްޖެއް ހުރީ؟" އަޒްލަފް އެނގެން ބޭނުންވިއެވެ. އިރުކޮޅަކަށް އަފްނާން މަޑުޖެހިލި ނަމަވެސް، އޭނާ ހާސްކަމާއި ހިތާމައިގެ އަސަރުތައް ފޮރުވަލަމުން އަޒްލަފްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"ނޫން." ހިތުގައިވި އިޙްސާސްތައް ފޮރުވާލަން އަފްނާން މަސައްކަތްކުރި ނަމަވެސް، އޭނާ އެ ހުރީ ކޮންމެވެސް ކަމަކާ ޖެހިލުންވެފައިކަން އަޒްލަފްއަށްވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ އިތުރަށް އަފްނާންއާ ސުވާލުކުރިއެވެ.

"ނެތިއްޔާ ކީއްވެ ތިހާ ހާސް ވާންވީ؟ އަސްލު އެބަ ހުރިދޯ. ކަމޯން. މިތާ އިތުރު މީހަކު ނެތޭ…" އަޒްލަފް ބުނެލިއެވެ.

"ނޫން. އެކަހަލަ ކަމެއް ނޫނޭ ދޮންބޭ. އަހަރެން ހަމަ ރައްޔާއާ ކައިވެނި ކުރަން ބޭނުން ނުވާތީ ކުޑަކޮށް ހާސްވީ." އަފްނާން ދޮގު ހެދިއެވެ. އެއްވެސް މީހެއްގެ ކައިރީގައި ހަޤީގަތް ހާމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

"އެ ކީއްވެ؟ ބައްޕަ އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނެ. މަންމަމެން އެ ހާމަކުރީ މަންމަމެންގެ ހިތުގެ އެދުން. މަންމަމެން އެ ބުނާހެން ރައްޔާއާ ދޭތެރޭ ވިސްނާލުން ރަނގަޅުވާނެ، އޯކޭ.." އެހެން ބުނެލާފައި އަފްނާންގެ ކޮނޑުގައި ޖަހާލާފައި އަޒްލަފް ދިޔައީއެވެ. އެއާއެކު އަފްނާންއަށް ބޮލުގެ އިސްތށިަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ވިސްނުންތަކުން އޭނާގެ ސިކުނޑި ފުނިޖެހިގެން ދިޔައެވެ.

"މައުވާއަކީ އަހަރެންގެ ކާކު؟" އަފްނާންއަށް ހިތާ ހިތާ ސުވާލުކޮށްލެވުނެވެ. އޭނާގެ ޙަޔާތުގައި އަންހެން ކުއްޖަކު ވާނަމަ އެ ކުއްޖަކީ މައުވާއޭ ހިތުން ބުނަމުން ދިޔައެވެ. އެހެންނަމަވެސް އަފްނާން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. މައުވާއާ އޭނާގެ ގުޅުން ނިމުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް، އަދިވެސް މައުވާއާ މެދު ވިސްނެނީ ކީއްވެހެއްޔެވެ؟ އަބަދާ އަބަދު އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ކީއްވެހެއްޔެވެ؟ މައުވާގެ އެ ސޫރަ ހިތުން ނެރެ އެއްލާ ނުލެވެނީ ކީއްވެގެން ހެއްޔެވެ؟ އެ ހަނދާންތައް އޭނާގެ ސިކުނޑިއާ ވަކި ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ މައުވާ އެ ޙާލުގައި އޮންނަތަން ފެނުމުން ހިތަށް އެހާ ތަދުވަނީ ކީއްވެހެއްޔެވެ؟ މާޒީ އަދިވެސް ހީވަނީ އޭނާގެ ފަސްބައިގައި ހިފާ ދަމާހެންނެވެ.

*****

ހެނދުނު އަށެއް ޖެހިއިރު، މައުވާގެ ކައިރިއަށް ދިޔަ ރާމިޒާ، ގެއަށް ދިޔައީ އަޞްރު ނަމާދަށް ގޮވަން ކައިރިވެފައި ހުއްޓައެވެ. އޭނާގެ މަޤްސަދަކަށްވީ އަޞްރު ނަމާދުކޮށްލައިގެން އަނެއްކާވެސް މައުވާގެ ގާތަށް ހޮސްޕިޓަލަށް ދިޔުމަށެވެ. ގެއަށް ގޮސް ވަތްއިރު ގޭގައި އުޅެނީ ޒުލްފާ އެކަންޏެވެ. އޭނާ އިނީ ޓީވީން ހިންދީ ފިލްމެއް ބަލާށެވެ. ރާމިޒާ ފެނުމާއެކު ޒުލްފާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ހީވަނީ ސާދަވިލޭރޭގެ ހަނދު ވިލާތަކަކުން ފޮރުވާލިހެންނެވެ. އެ މޫނުމަތިން ފެންނަނީ ނުުރުހުމުގެ އަސަރެވެ. އެހެންނަމަވެސް މިފަހަރަކު އޭނާ ރާމިޒާއާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ރާމިޒާވެސް، އިތުރު އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ.

ޖާވިދު އައިސް ވަނީ ޒުލްފާ އެތަނުގައި އިންދައެވެ. އޭނާ ޒުލްފާގެ ކައިރީގައި އިށީނދެލިއެވެ.

"ރާމިޒާ އެބަ އުޅޭދޯ." ބޭރުގައި ރާމިޒާގެ ފައިވާން ހުރުމުން، ޖާވިދު ސުވާލުކޮށްލުމުން ޒުލްފާ ބޯ ޖަހައިލިއެވެ. އޭނާ ޓީވީގެ އަޑު މަޑުކޮށްލަމުން ޖާވިދަށް ބަލައިލިއެވެ.

"އަހަރެން ބުނި ކަންތަކާ މެދު ވިސްނައިފިންތަ؟" ޒުލްފާ ސުވާލުކޮށްލިއެވެ.

"ކޮން ކަމަކާ؟" ޖާވިދު ފޯނާ ކުޅެމުން މާ ބޮޑު ޝައުޤުވެރިކަމެއް ނެތި އަހާލިއެވެ.

"ޖާވިދު… އަހަރެން މި ދައްކާ ވާހަކަ އަޑު އިވޭތަ އެބަ. ޒުލްފާ ހިތްހަމަ ނުޖެހުމުން ޖާވިދު ފޯނު ބާއްވަމުން ޒުލްފާއަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނެވެ.

"ދެން ކިޔާބަލަ. ކޮންކަމެއްތަ؟" ޖާވިދު ބުނެލިއެވެ.

"އަހަރެން އެ ވާހަކަ ދައްކާތާ މިހާރު ހަފްތާއެއް ވެއްޖެ. މައުވާ ގެ ކަންތައް." ޒުލްފާ ބުނެލިއެވެ.

" ތިކަމާ އަހަރެންވެސް އެބަ ވިސްނަމޭ. ތި ވާހަކަ ރާމިޒާއާ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ބާއޭ މިހިތަށް އަރަނީ؟" ޖާވިދު ހީވަނީ ޒުލްފާ އެ ބުނާ ވާހަކަ ދައްކަން ބޭނުންނުވެފައި އިން ހެންނެވެ. ނޫނީ އަދިވެސް އޭނާގެ ސިކުނޑި އެކަމަށް އެއްބަސްނުވަނީއެވެ.

"ވިސްނިޔަކަސް ނުވާނެ އެއްނު. ބުނީމަ ވާނީ. އަޅެ ޖާވިދު ބުނެބަލަ. އަހަރެން މި ބުނީ ވަކި ގޯސް ވާހަކައެއްތަ؟ އެގޮތަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭއިރު މައުވާ ބޭއްވުމަކީ މައުވާއަށް ވެސް ދެވޭ އިތުރު ތަކުލީފެކޭ. ރާމިޒާއަށް ވިސްނައިދޭން ހުރީ ޖާވިދު ނޫން އެހެން ކާކު؟ އެތަނުގައި އޮވެގެން ހާދަ ހަރަދެކޭ މިދަނީވެސް." ޒުލްފާ އެހެން ބުނުމާއެކު ޖާވިދު ޒުލްފާއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ ހާދަ ގޮތަކަށް ތި ބަލައިލީ. އަހަރެން އެހެން ބުނީމަ ކަމުނުދިޔައީ؟" ޒުލްފާ އެހެން ބުނެލީ ޖާވިދު ގޮތަކަށް އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިނުމުންނެވެ.

" އަހަރެން މި ދައްކަނީ ހަމަ ތެދު ވާހަކައޭ. މައުވާ އެ ވޭނުގައި އޮންނަތާ ދެ އަހަރު ވީ. ކޮންމެވެސް ގޮތެއް ނިންމަން ވެއްޖެއެއްނު މިހާރު. ދެ އަހަރުގެތެރޭގައި ޑޮކްޓަރުންނަށް ކުޑަވެސް އުންމީދެއް ނުދެވުނު."

ޖާވިދު އެއްޗެއް ނުބުނި ނަމަވެސް، ޒުލްފާ އެ ބުނި ބަސްތަކާ މެދު އޭނާ ފުންކޮށް ވިސްނަމުން ދިޔައެވެ. ރާމިޒާ ނުކުތީވެސް އެ ދެމީހުން އެފަދަ ވާހަކަތަކެއްގައި ތިއްބައެވެ. ރާމިޒާ ނުކުތުމުން ޒުލްފާ އެތަނުން ދިޔައީ އެ ވާހަކަ ރާމިޒާއާ ދައްކަން ޖާވިދަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

"އަނެއްކާވެސް ދަނީތަ؟" ރާމިޒާ ގެއިން ނުކުންނަން ދާން ފެށުމުން ޖާވިދު ސުވާލުކޮށްލިއެވެ. ޖާވިދަށް ބަލާލާފައި ބޯ ޖަހާލަމުން ރާމިޒާ އާއެކޭ ބުނެލިއެވެ.

"އިހަށް އާދެބެލަ މިތާ އިށީންނަން. ބޭބެ އެބައޮތް ރާމިޒާ ކައިރީގައި ވާހަކައެއް ދައްކާލަން ވެފަ." ޖާވިދު އެހެން ބުނެލުމުން ރާމިޒާއަށް ހިނދުކޮޅަކަށް މަޑުޖެހިލެވުނެވެ. އޭނާއާ ޖާވިދު ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ލަފާކޮށްލާކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް، ޖާވިދަށް އިތުބާރުކުރާ ޙާލު އޭނާ އައިސް ސޯފާގައި އިށީނެވެ. ޖާވިދު ވަރަށް ފުން ނަޒަރަކުން ރާމިޒާއަށް ބަލައިލިއެވެ. އޭނާ ވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނިއެވެ. އެ ވާހަކަ ރާމިޒާއާ ދައްކާނީ ކިހިނެއްހެއްޔެވެ؟ ރާމިޒާ އޭނާއާ ދޭތެރޭ ހީކުރާނީ ކިހިނަކުން ހެއްޔެވެ؟ ޒުލްފާ އެއްގޮތަކަށްވެސް ރާމިޒާ އެގޭގައި ހުރުމާ އޭނާ އެ ދެމީހުންނަށް ހަރަދުކުރަން ނުރުހޭކަން ޖާވިދަށް އެނގުނުނަމަވެސް، މިފަހަރު ޒުލްފާ އެބުނީ ތެދެއްކަމުގައި ޚުދު އޭނާއަށްވެސް ޤަބޫލުކުރެވެއެވެ. އެވާހަކަ އެވަރަކުން ރާމިޒާއާ ދައްކަން ނިންމީ އެހެންވެގެންނެވެ. މިހުރިހާ ދުވަހު ރާމިޒާއާއި ވަސީމްއާ ދެމީހުން މައުވާ، ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނީ އުންމީދުތަކެއް އެ ދެމަފިރިންނަށްވެސް ކުރެވުނީތީއެވެ. އަދިވެސް އެއްފަހަރު މައުވާ އެ ދެމަފިރިންނާ އެކު އުފާވެރި ދިރިއުޅުމެއް އުޅޭނެކަމުގެ އުންމީދާއެކުގައެވެ. މިހާރު ވަސީމެއްވެސް ނެތެވެ. ހުރީ ރާމިޒާ އެކަންޏެވެ.

"އެއްޗެއް ކައިފިންތަ؟" ސީދާ މައުޟޫއަށް ވާހަކަ ފެށުމަކީ އޭނާއަށް އުނދަގޫކަމެއްކަމުން ޖާވިދު އެންމެ ފުރަތަަމަ އަހައިލީ އެހެންނެވެ.

"ނޫން. ގޮސްފަ ކާނީ." ރާމިޒާ ޖަވާބު ދިނެވެ. ޖާވިދު ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭކަން ރާމިޒާއަށް އެނގުނެވެ. އެހެންކަމުން އޭނާ އިންތިޒާރުކުރަމުން ދިޔައީ ޖާވިދު އެ ދައްކަން އުޅޭ ވާހަކައަކަށެެވެ.

"ޑޮކްޓަރުން ކީކޭ ބުނަނީ؟" ޖާވިދު އިތުރު ސުވާލެއް ކޮށްލިއެވެ. ރާމިޒާ ދެފަރާތަށް ބޯ ހޫރާލުމުން އޭގެ މާނަ ޖާވިދަށްވެސް ފަހުމްވިއެވެ. އޭނާ ރާމިޒާއަށް ބަލައިލިއިރު ރާމިޒާ މިހާރު އިނީ އިސްޖަހާލައިގެންނެވެ. ޖާވިދު ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަ ފެށިއެވެ.

"މައުވާގެ ޙާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭނަމަ ވެސް، ރާމިޒާ ގަސްތުކުރަނީ މައުވާގެ ފަރުވާ އެގޮތަށް ކުރިޔަށް ގެންދަންތަ؟" ޖާވިދު އެންމެފަހުން ވާހަކަ ފެށިއެވެ.

"ކީކޭ… ކީކޭ ތިބުނީ. " ރާމިޒާއަށް ލިބުނީ ޝޮކެކެވެ.

"މި ބުނީ އެ ޙާލަތުގައި މައުވާ ބާއްވާތާ ދެ އަހަރު ވީއިރު އެއްވެސް އިތުރު ކުރިއެރުމެއް ނުލިބެޔޭ. އެގޮތަށް ބޭއްވުމަކީ މައުވާއަށް ވެސް ވަރަށް ވޭން ލިބޭނެ ކަމެކޭ…"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު