"ދެން ދުވަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނާތި!...." ލިމްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން އަފްސަމް ބުނެލިއެވެ. އަދި ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަދިނީ އޯގާތެރިކަމާއި އެކުގައެވެ. ލިމްޔާގެ ހާލު ފެނި އަފްސަމްގެ ހިތް ރޯލިއެވެ. ލިމްޔާ އެކަނިވެރި ނުވާކަން ހާމަކޮށްދޭން ބޭނުންވިއެވެ.
********
ލިމްޔާ ވަގުތުން ދުރަށްޖެހުނެވެ. އަފްސަމް ކަންތައް ކުރިގޮތުން އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ.
"ޑޯންޓް" އަފްސަމް ކުރިއަށް ޖެހިލުމުން ލިމްޔާ ވަގުތުން އެކަން މަނާކުރިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން ހިތް ހަމައަކަށް އެޅުވޭތޯ ލިމްޔާ މަސައްކަތް ކުރިއެވެ.
ލިމްޔާ ވަށައިގެން ހޯދާލީ ހާސްވެފައި ހުރެއެވެ. އަފްސަމްގެ ގާތްކަން ލިމްޔާގެ ސިކުނޑި ހާސްކުރުވިއެވެ. އެމަންޒަރު މީހަކަށް ފެނިއްޖެނަމަ، ރަށުތެރޭގައި ދެން ފެތުރޭ ވާހަކަ މާ ގޯސްވާނެއެވެ. އަފްސަމް އާއި ލިމްޔާ އެކުގައި ތިއްބާ އެއްވެސް މީހަކަށް ފެންނާކަށް ލިމްޔާ ނޭދެއެވެ. ލިމްޔާގެ ސަބަބުން އަފްސަމްގެ ހިތުގައި އިތުރު އިހުސާސެއް އުފެދޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.
އަފްސަމްއަށް ހަމަހޭވެރިކަންވީއިރު މާބޮޑަށްވެސް ވަގުތު ފާއިތުވެއްޖެއެވެ. އަންހެން ކުދިންނާ ވާހަކަ ދައްކާ މަޖާކޮށް ހެދިނަމަވެސް އަފްސަމް ދުވަހަކުވެސް އެއިން ކުއްޖެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލައެވެ. ކުރެވުނީ ކުށެއްކަން އިހުސާސްވެ، އަފްސަމަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ވަކީން ހާއްސަކޮށް ލިމްޔާގެ މޫނުމަތީގެ އަސަރުތައް ބަދަލުވެގެން ދިޔަގޮތް ފެނުމުން އޭނާ ހާސްވިއެވެ. ދެމީހުންގެ މެދުގައި އުފެދުނު އެކުވެރިކަން ގެއްލޭކަށް އަފްސަމް ބޭނުމެއް ނުވެއެވެ. އަފްސަމް އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ކަންތައްވީގޮތުން ލިމްޔާ އާއި ކުރިމަތިލާން އޭނާ ޖެހިލުންވިއެވެ.
"ސޮރީ......" ހިތްވަރުކޮށްފައި އަފްސަމް ބުންޏެވެ.
"ވީކަމެއް ދެން ބަދަލެއް ނުކުރެވޭނެ!" ލިމްޔާގެ އަޑުގައި ގާތްކަމެއް ނެތެވެ.
"ސޮރީ" އަފްސަމް އަނެއްކާވެސް މާފަށް އެދުނެވެ. "ލިމްޔާ ހީކުރާނެ ކަންނޭނގެ އަހަރެން މީ ވަރަށް އެހެންކަހަލަ މީހެކޭ. އެކަމަކު މިނޫނީ ދުވަހަކުވެސް...."
"ވަރަށް ލަސްވެއްޖެ!" އަފްސަމްގެ ވާހަކަ މެދުކަނޑާލަމުން ލިމްޔާ ބުންޏެވެ.
"އޯކޭ، ދަނީ. ލިމްވެސް ދެން ދޭ އެތެރެއަށް. ރޭގަނޑު މިތާ އެކަނި ހުރުން އެހާ ރަނގަޅެއް ނުވާނެ." އަފްސަމް ދާން ހިނގައިގަތެވެ.
އަފްސަމް ހީކުރީ ލިމްޔާ އެއްޗެއް ބުނާނެ ކަމަށެވެ. އެކަމަކު، އަފްސަމް ހިނގައިގަތުމުންވެސް ލިމްޔާގެ އަޑެއް ނީވުނެވެ. ނުވެސް ހުއްޓުވިއެވެ. ކުޑައިރުކޮޅަކުން އިވުނީ ލިމްޔާ ގޭގެ ދޮރު ލައްޕައި ތަޅުލި އަޑެވެ. އަފްސަމްގެ ފިޔަވަޅުތައް ހުއްޓުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ފަސްއެނބުރި ބަލައިލިއެވެ. ލިމްޔާއެއް ނެތެވެ. ގޭގެ ދޮރު ހުރީ ލައްޕާފައެވެ. މަގުބައްތީގެ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނުވާ މަގުމަތިން ފެންނަމުން ދިޔައީ ފަޅުކަމެވެ. އަފްސަމްގެ ހިތް ފަދައިން މުޅި ސަރަހައްދު ވަނީ ހިމޭންވެފައެވެ.
********
ޔަލްވީ އާއި ދިމާއަށް ބަލަހައްޓައިގެން ރަޔާންއަށް ހުރެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. ޔަލްވީ އިސްވެ ރަޔާންގެ ކިބައިން މަޢާފަށް އެދިދާނެކަމަށް އޭނާއަށް ގަބޫލުކުރަން ދަތިވުމުންނެވެ. ހާސްވެގެން ޔަލްވީ އިނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ވެދިޔަ ކަންތަކަށްފަހު، ކުއްލިއަކަށް ކަންތައް ކުރެވުނުގޮތުން ރަޔާން ގޯސް މާނައެއް ނަގާނެކަމަށް ޔަލްވީއަށް ހީކުރެވުނެވެ. ޔަލްވީގެ ހިތް އެގޮތް ބޭނުމެއް ނުވިއެވެ. ރަޔާން ވަކި އެއްޗެއް ނުބުނެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ޔަލްވީގެ މައުސޫމުކަމުގެ ސަބަބުން އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވަން އުނދަގޫވާ ދަރަޖައަށް ރަޔާންގެ ހާލަތު ދިޔުމުން އެތަނުގައި މަޑުކުރަން ރަޔާނަށް އުނދަގޫވީއެވެ. ޔަލްވީ ހީކުރީ ކަންތައް ވީގޮތުން ރަޔާން ހިތްހަމަނުޖެހުނީ ކަމަށެވެ.
"ގަސްދުގައެއް ނޫން" ރަޔާންއަށް އިވޭ ވަރަށް ޔަލްވީ ބުނެލިއެވެ.
ރަޔާން ފަސްއެނބުރި ބަލައިލިއިރު، ޔަލްވީ ހުރީ ކޮޅަށް ތެދުވެއެވެ. ހާސްވެގެން ޔަލްވީގެ މޫނު މިލައިގެން ގޮސްފައިވާ ތަން ފެނި، ރަޔާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތްއެދުނީ ޔަލްވީ ގެންގޮސް އަތުގެ ތެރޭގައި ހައްޔަރުކޮށްލުމަށެވެ. އެކަމަކު، އަމިއްލަ ނަފުސު ހުއްޓުވަން ރަޔާންގެ ސިކުނޑި ގޮވަމުން ދިޔައެވެ. ޔަލްވީއަކީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކެވެ. ކުރެވޭ ކަމަކުން ރަޔާން ފަހުން ހިތާމަކުރަން ޖެހިދާނެއެވެ.
ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރަޔާންގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. ޔަލްވީ ޖެހިތަން ރަތްވެފައިވާ ތަން ފެނުމުން އޭނާގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ. ރަޔާނަށް ތަދުވާނެވަރު އިހުސާސް ކުރެވި، ޔަލްވީގެ ދެލޯ ފެންކަޅިވިއެވެ.
"ތަދުވޭތަ؟" ޔަލްވީގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.
އޭގެ ކުރިން ދުވަހަކުވެސް އެހާ ލޯބިން ވާހަކަ ދައްކާފައިނުވާ ޔަލްވީ އެހާ ލޯބިން ސުވާލުކުރުމުން، ރަޔާންގެ ހިތް ވިރިގެން ދިޔައެވެ. އޭނާއަށް ފެނުނީ މުޅީން އެހެން ޔަލްވީއެކެވެ. ދެލޮލުގައިވީ ތަފާތު އަސަރެކެވެ. އެ ނަޒަރު ތަފާތެވެ. ހަރު ހިލަގަނޑެއްފަދަ ހިތް މަޑު ކަފަކޮޅެއް ފަދައެވެ. އޯގާތެރިކަމެއްނުވާ އަޑުގައިވީ އަޅާލުމާއި، ލޯތްބެވެ. ރުޅި އައިސް ފިއްތާލައިގެން ހުންނަ ދެ ތުންފަތުގައި މަޑު ތުރުތުރުލުމެއްވީ ރަޔާންއަށްޓަކައި އެހިތުގައި އުފެދުނު އައު އިހުސާސެއްގެ ސަބަބުން ހެއްޔެވެ؟ ކުއްލިއަކަށް އިންސާނަކު އެހާ ބަދަލުވެދާނޭ ހެއްޔެވެ؟ ނަފުރަތަކީ ލޯބީގެ ފެށުމޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ރަޔާނަށް އެކަން އެނގެއެވެ. އެކަމަކު، ހަގީގަތާއި ކުރިމަތިލާން ޖެހުމުން ގަބޫލުކުރަން ދަތިވިއެވެ. އޭނާއަށް އެއްޗެއް ނުބުނެ ޔަލްވީއަށް ބަލަން ހުރެވުނީ، ހިތުގައި އުފެދެމުން އައި ސުވާލުތައް ގިނަވުމުންނެވެ. ޔަލްވީގެ ހިތުން ރަޔާނަށް ހާއްސަ މަގާމެއް ދެވުނީ ހެއްޔެވެ؟ ރަޔާންގެ ހިތުގެ ހިނގުން އަވަސްވިއެވެ. އޭނާގެ ނަޒަރު ޔަލްވީގެ މޫނުން ކޮންމެ ގުނަވަނަކަށް ހުއްޓެމުން ދިޔައިރު، ހިތް އެދެމުން ދިޔައީ އެންމެ ކަމަކަށެވެ. ރަޔާން އިސްޖަހައިލީ ގަދަކަމުންނެވެ. އޭނާ އުޅުނީ އަވަސް އަވަހަށް ޔަލްވީގެ ކުރިމަތިން ދުރަށްދާށެވެ.
"ވަރަށް ބޮޑަށް ރަތްވެފަ ކަންނޭނގެ ހުރީ. ސޮރީ... ދައްކަބަލަ!" ޔަލްވީ ރަޔާންގެ އަތުގައި ހިފައި، ހުއްޓުވިއެވެ. އޭނާ މަޑުމަޑުން ރަޔާން އަނބުރުވައިލިއެވެ. އެއަށްފަހު، ރަޔާންގެ ކޯތާފަތުން ރަތްވެފައިވާ ތަނުގައި މަޑުމަޑުން އަތް ހިންގައިލިއެވެ. "ވަރަށް ތަދުވޭތަ؟..."
"އާނ... ވަރަށް ބޮޑަށް..." ރަޔާނަށް އަތް ޖައްސައިލެވުނީ އޭނާގެ މޭގައެވެ. ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވާނެ ހިތްވަރެއް ރަޔާންގެ ކިބައިގައި ނެތެވެ. ޔަލްވީ އެފުރުސަތެއް ނުދިނެވެ.
"އަޅެ!... ބޭސް..." ޔަލްވީ އުޅުނީ ބޭސްފޮށި ހޯދަން ދާށެވެ.
ރަޔާން ޔަލްވީގެ އަތުގައި ހިފެހެއްޓިއެވެ. ގާތަށް ދަމާލިއެވެ. ނުހަނު ކައިރިން ޔަލްވީގެ ދެލޮލަށް ބަލައިލީ އެ ދެލޮލުގެ އިހުސާސްތައް ދެނެގަންނަން އުޅޭ މީހަކު ފަދައިންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ޔަލްވީގެ ހިތުގެ ހިނގުން އަވަސްވިއެވެ. ރަޔާނާއި ދުރަށް ދާކަށް ޔަލްވީ މަސައްކަތެއް ނުކުރެއެވެ.
"ތަދުވަނީ އަހަރެންގެ ހިތަށް...." ރަޔާންގެ އަޑުގައިވީ މަސްތުކަމެވެ. "އަހަރެން ބޭނުންވަނީ އެންމެ ފަރުވާއެއް. އަހަރެންގެ އަނބިމީހާގެ ގައިގަ އަތްލުމުގެ ހައްގު އެބައޮތްތަ؟"
ރަޔާން އެފަދަ ސުވާލެއް ކޮށްފާނެ ކަމަކަށް ޔަލްވީ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ގަތްލަދުން ޔަލްވީގެ ދެކޯތާފަތް ރަތްވިއެވެ. ރަޔާންގެ މޭގައި އަތް އަޅައި ކޮށްޕާލުމުގެ ކުރިން ރަޔާން ޔަލްވީގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. ދެމީހުންގެ ދެމެދުގައިވި ހުސްކަން ނެތިކޮށްލިއެވެ. ވައިރޯޅިއަކަށްވެސް ދެމީހުން ދުރުނުކުރެވޭނެއޭ ބުނާ ފަދައިން ރަޔާން ޔަލްވީގެ ހަށިގަނޑު އޭނާގެ ދެއަތުގެ ތެރޭގައި ގައިދުކޮށްލިއެވެ.
"ހުއްދަ ލިބިއްޖެ" ފުން ނޭވާއެއް ދޫކޮށްލަމުން ރަޔާން ބުނެލިއެވެ.
ރަޔާންގެ ކޮންމެ އަމަލަކަށް ޔަލްވީއަށް މަރުހަބާ ކިޔުނެވެ. އެއީ ޔަލްވީއަށް މުޅީން އައު އިހުސާސްތަކެކެވެ. ކިތަންމެ ޒަމާނީކޮށް އުޅުނު ނަމަވެސް، ރަޔާން ނޫން މީހަކު ޔަލްވީގެ ހަށިގަނޑުގައި ބީހިފައެއް ނުވެއެވެ. އެކަން އެނގުމުން، ރަޔާންގެ ހިތުގައި ޔަލްވީއަށް ހާއްސަ ގަދަރެއް ދެވުނެވެ. ކުރިން ރަޔާން ހީކުރީ، ޔަލްވީއަކީ ވިޔާނުދާ އަންހެންކުއްޖެއް ކަމަށެވެ. ރަޔާނާއި ކައިވެނިކުރީ ކުށެއް ކުރެވުމުން އެކަން ފޮރުވަން ކަމަށެވެ. އެކަމަކު އެއީ ކުށްހީއެކެވެ. ރިވެތި އަހުލާގެއް ލިބިފައި ނެތްނަމަވެސް ޔަލްވީއަކީ އިއްފަތްތެރި އަންހެންކުއްޖެކެވެ.
********
ނިދިފައި އޮތް ޔަލްވީ އާއި ދިމާއަށް ބަލަހައްޓައިގެން ރަޔާނަށް އޮވެވުނެވެ. ކަންތައް ވީ ރަޔާން އުއްމީދުކުރި ގޮތަކަށް ނޫނެވެ. ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވަން ރަޔާން ނުކުޅެދުނީއެވެ. ދެން އޮތީ، ކުރެވުނު ކަންތަކާއި އެކީ ދިރިއުޅުން އެހެން މިސްރާބަކަށް ގެންދިޔުމެވެ. ކައިވެނި ކޮށްގެން އުޅުނު ނަމަވެސް އެފަދަ ގުޅުމަކަށް ޔަލްވީ އަދި ތައްޔާރުނުވާކަން ރަޔާނަށް އެނގެއެވެ. ރަޔާންގެ ހިތަށް އުނދަގޫކުރަނީ ހަމަވިސްނުން ލިބުމުން ޔަލްވީއަށް ވާނެގޮތަކާއިމެދު ވިސްނާފައެވެ. ޔަލްވީއަށް ރަޔާން ކުށްވެރިކުރުމުގެ ފުރުސަތު އެބަ އޮތެވެ. ޔަލްވީ ރަޔާންގެ ގެއަށް ދިޔައީ ދެތިން ދުވަހެއްގެ މެހެމާނެއްގެ ގޮތުގައެވެ. ހުރިހާ ކަމެއް ހިނގައިދިޔައީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަމުން އެ ހުރިހާ ކަމަކާއި ވިސްނާނެ ފުރުސަތު އޭރު ރަޔާނަށް ނުލިބުނީއެވެ. ވިސްނެމުން ދިޔަވަރަކަށް ރަޔާންގެ ސިކުނޑި ސުމަކަށްދާވަރުވިއެވެ.
ރަޔާން މަޑުމަޑުން އަތް އުފުލައިލިއެވެ. ވަޔާއިއެކު ޔަލްވީގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލިއެވެ. ނިދިފައި އޮތްއިރު، ޔަލްވީ ވަކީން މައުސޫމެވެ. ރަޔާނަށް ޔަލްވީގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އިރު އަރަންދެން އެ މޫނަށް ބަލަން އޮންނަން ރަޔާންގެ ހިތް އެދުނެވެ.
"މިހާރު ދެން އަހަރެން ޔަލްވީ ދިޔަދޭނީ ކިހިނެއް؟" ރަޔާން ވާހަކަ ދެއްކީ އަމިއްލަ ނަފުސަށް އިވޭ ވަރަށެވެ.
ޔަލްވީ ރަޔާން އާއި ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް ޔަލްވީއަކީ މިހާރު ރަޔާންގެ ހިތުގެ އެއްބައި ކަމުގައިވެ ނިމިއްޖެއެވެ. ރަޔާން ލޯމަރާލިއެވެ. އެއީ އޭނާއަށް ޔަލްވީ އާއިއެކީ ހޭދަކުރެވޭނެ ފަހުވަގުތުކޮޅަށް ނުވުމަށް އެދި ދުއާ ކުރިއެވެ. މާދަމާ އިރު އަރާނީ ހުރިހާ ކަމެއް ބަދަލުވެގެން ކަން ރަޔާނަށް އެނގެއެވެ. ޔަލްވީ އާއި ނުލައި ދެން ރަޔާންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ.
"އަހަންނަށް އެނގޭ ތީ އަހަރެންގެ ލައިފްގަ ހުރި ވަގުތީ މެހެމާނެއްކަން. ޔަލްވީ އަހަރެންގެ ދިރިއުޅުމަށް އައީ އެ ޝަރުތާ އެކީކަން. ކަންތައް މިވީ އަހަރެންވެސް އުއްމީދުކުރި ގޮތަކަށް ނޫން. ސޮރީ... އަހަރެން މަސައްކަތްކުރާނަން ޔަލްވީ ހިތްއެދޭގޮތަށް ހުރިހާ ކަމެއް ކޮށްދެވޭތޯ" ރަޔާން ހިތިގޮތަކަށް ހިންދިރުވައިލިއެވެ.
********
ޔަލްވީއަށް ހޭލެވުނީ މެންދުރުވާން އުޅެނިކޮށެވެ. ކުޑަކޮށް ލޯ ހުޅުވާލާފައިވެސް ނިދި އައިސްފައިވާލެއް ބޮޑުކަމުން އަނެއްކާވެސް ލޯމަރާލިއެވެ. ހަމައެއާއިއެކު އެއްޗެއް ހަނދާންވާ ފަދައިން ކުއްލިއަކަށް ލޯހުޅުވާލިއެވެ. އޭރު ޔަލްވީގެ ލޮލުގައިވާ ނިދީގެ އަސަރު ވަނީ އެކީހެން ފިލާގޮސްފައެވެ. ޔަލްވީ ދެލޯ ބޮޑުކޮށްލަމުން ކައިރީގައި އޮތް މީހަކަށް ބަލައިލިއެވެ.
ޔަލްވީގެ ކައިރީގައި ރަޔާން އޮތެވެ. ފުން ނިންޖެއްގެ ތެރޭގައި އޮތްއިރު، ރަޔާންގެ އެއް އަތް އޮތީ ޔަލްވީގެ ބަނޑުމަތީގައި ބާއްވާލާފައެވެ. އުނަގަނޑާއި ހަމައަށް ރަޖާގަނޑު އަޅައިގެން އޮތްއިރު، ރަޔާންގެ އުނަގަނޑުން މަތީގައި ފޭރާމެއް ނެތެވެ. ޔަލްވީ އަވަސް އަވަހަށް ރަޖާގަނޑު ދަށުން އަމިއްލަ ހަށިގަނޑަށް ނަޒަރެއް ދިނެވެ. ޔަލްވީގެ ނޭވާވެސް އެތެރެ ހަށީގައި ތާށިވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. މޫނާއިއެކީ މުޅި ހަށިގަނޑު ފޮރުވޭ ވަރަށް ރަޖާގަނޑު އަޅައިލަމުން، ޔަލްވީ ދެލޯ މަރައި، ބާރުކޮށްލިއެވެ. އެވަގުތު ރޭގެ ހާދިސާ ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އޭނާގެ ކުރިމަތިން ސިފަވެގެން ދިޔައެވެ.
(ނުނިމޭ)