ލެގާނެސް ކައިރިން ބާސެލޯނާއަށް ކުރިހޯދޭ ގޮތެއް ނުވި

ލެގާނެސް ކައިރިން ބާސެލޯނާއަށް ކުރިހޯދޭ ގޮތެއް ނުވި

ސްޕެނިޝް ލަލީގާގައި ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި ލެގާނެސް ބައްދަލުކުރި މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ލެގާނެސް އިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ބޮޑުބައި ބާސާއިން ކޮންޓްރޯލް ކޮށްގެން ކުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައި ވަނީވެސް ބާސާއިންނެވެ.

ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ލެގާނެސް ގެއެވެ. މިގޮތުން މެޗުގެ 4ވަނަ މިނެޓުގައި ލެގާނެސް ވަނީ މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ގޮންގާލޭޒްއެވެ. މިލަނޑާއެކު ބާސާއަށް ސިހުން ލިބިގެންދިޔަ ނަމަވެސް މެޗުގެ ކުރީކޮޅު ކަމުން މިމެޗުން ނަތީޖާއެއް ނެރުމަށް ބާސާއިން ކުރަމުންދިޔަ އުންމީދު ވަރަށް ބޮޑަށް އޮތެވެ.

ނަމަވެސް ލެގާނެސް އިން މިމެޗުގައި ދެއްކި ހިތްވަރު ގަދަ ކުޅުމާއި ވަރުގަދަ ޑިފެންސާއެކު ބާސާއަށް ލަނޑެއް ކާމިޔާބު ކުރުމުގައި މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. މިމެޗުގައި ބާސާއަށް ލަނޑެއް ޖެހުމާ އެންމެ ގާތަށްދިޔައީ ރަފީނިއާއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިކާމިޔާބީއާއެކު ލެގާނެސް މިހާރު ވަނީ 18 ޕޮއިންޓާއެކު ތާވަލްގެ 15ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވުމުން ތާވަލްގެ އެއްވަނައިގައި ބާސާއަށް އޮތް ލީޑު މިވަނީ އެއްކޮށް ނެތިގެން ގޮސްފައެވެ. ބާސާ މިހާރު އުޅެނީ 18 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު އެވެ. އަދި މިއަދަދަށް ވަނީ އެޓްލެޓިކޯ މެޑްރިޑްވެސް ޕޮއިންޓް ހޯދާ އަރާ ހަމަކޮށްފައެވެ.

އެޓްލެޓިކޯ އެއް މެޗު މަދުން ކުޅެފައިވުމުން އެ މެޗާއެކު ބާސާ ފަހަތައް ޖައްސާލުމުގެ ފުރުސަތު ވެސް އެބައޮތެވެ. މީގެއިތުރުން ތާވަލުގެ ތިންވަނައިގައި މިވަގުތު އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލ މެޑްރިޑަށް 17 މެޗުން 37 ޕޮއިންޓް ލިބިފައިވުމުން ރެއާލް އަށްވެސް ބާސާގެ މައްޗަށް ކުރި ހޯދުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވިފައެވެ.

މިމުބާރާތުގައި އެޓްލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަޑުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 69ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ ސޮރިއޮތުއެވެ. މިކާމިޔާބީއާއެކު އެޓްލެޓިކޯއަށް މިވަނީ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު