އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ޗެލްސީ ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގާ އުޅޭ ލިވަޕޫލާ ގާތަށް ޖެހިލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.
މި ސީޒަންގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންދާ މިދެޓީމުގެ ކުރިމަތިލުމުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މާކް ކުކުރެޔާއެވެ. މިހާފުގައި ދެޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެވެ.
މިގޮތުން ޗެލްސީން ހަމަލާއަށް އިސްކަން ދީގެން ކުޅުނު އިރު ބްރެންޓްފަޑް އިން ވަނީ ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. މިމެޗުގައި ޗެލްސީއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 80ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ޖެކްސަންއެވެ. މިމެޗުގައި ބްރެންޓްފަޑް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 90ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ.
މިލަނޑާއެކު ބްރެންޓްފަޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ ވަގުތު ހަމަވިފަހުން ކުކުރެޔާ ބްރެންޓްފަޑްގެ ކެވިން ޝާޑް ކޮށްޕާލުމާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއެވެ.
މިކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ 16 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ ތާވަލުގެ އެއްވަނައިގާ އުޅޭ ލިވަޕޫލަށް ވުރެ ދެ ޕޮއިންޓް ފަހަތުންނެވެ.
ނަމަވެސް ލިވަޕޫލް އެއްމެޗު މަދުން ކުޅެފައިވުމުން އެމެޗާއިއެކު މި ފަރަގު ފަސް ޕޮއިންޓަށް އިތުރު ވެގެންދިއުމަކީ ވެސް ގާތްކަމެކެވެ. މިމެޗުން ބަލިވުމުން ބްރެންޓްފަޑް އުޅެނީ 23 ޕޮއިންްޓާއެކު ތާވަލްގެ 11ވަނައިގައެވެ.