މާލެ ސަރަހައްދުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި

ސިވިލް ސާވިސް މުވައްޒަފުންތަކެއް: މާލެ ސަރަހައްދުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މާލެ ސަރަހައްދުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން ފަށައިފިއެވެ.

އެ ސާވޭއާ ގުޅުވައި ސްޓެޓިކްސް އޮފް ބިއުރޯއިން ނެރުނު ސާކިއުލާއެއްގައި ބުނީ، 'ލޭބާ ފޯސް ސާވޭ' ކުރިއަށްދާނީ މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭން ރެންޑަމްކޮށް ހޮވާ ގޭބީސީތަކުން ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ސާވޭ ކުރިއަށް ދާނެ ކަމަށެވެ.

އެ ސާވޭ ކުރަނީ ގިނަ ކަންތައްތަކެއް ހާސިލުކުރަން ކަމަށާއި ސާވޭގައި ނަގާ މައުލޫމާތުތަކަކީ މުހިންމު ނިންމުންތަކަށް ބޭނުންކުރެވޭނެ މައުލޫމާތު ކަމަށް އެ ބިއުރޯއިން ވަނީ ބުނެފައެވެ.

ސާވޭ ކުރާ މަގުސަދުތަކަކީ:

  • އިގުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމަށް
  • ލޭބާ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގެތުމަށް
  • އަލަށް ވަޒީފާ އުފެދޭ ވަރު ދެނެގަތުމަށް
  • އެމްޕްލޯއިމަންޓް އަދި އަންއެމްޕްލޯއިމަންޓް ރޭޓް ދެނެގަތުމަށް
  • ހިޖުރަ ކުރުމުގެ ރޭޓު ހޯދުން
  • އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓު ކުރުމަށް ބޭނުންވާ ޑޭޓާ ހޯދުން
  • ޑީސެންޓް ޖޮބްސް އިންޑީކޭޓާ އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުން
  • ދެމެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ދެނެގަތުމަށް

އެ ބިއުރޯއިން ބުނީ، ސާވޭގައި ނަގާނީ ތައުލީމާއި ހިޖުރަކުރުމާއި މީހުންގެ އާންމު މައުލޫމާތާއި ވަޒީފާއަށް އާމްދަނީ ހޯދަން މަސައްކަތް ކުރާ އާބާދީގެ ތަފްސީލާއި ހިލޭ ސާބާހަށް މަސައްކަތް ކުރާ އާބާދީގެ ތަފްސީލާއި ގޭތެރޭ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރާ ގުޅޭ މައުލޫމާތު ކަމަށެވެ.

މީގެއިތުރުން، މި ސާވޭއަކީ ގޭބީސީތަކުގެ މީހުންގެ އަގުހުރި ވަގުތާއި އެއްބާރުލުން ބޭނުންވާ ސާވޭއަކަށް ވާތީ، ސާވޭއަށް މައުލޫމާތުދޭން ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެވޭ އަގުހުރި ޚިދުމަތެއް ކަމަށް އެ ބިއުރޯއިން ބުނެފައިވެއެވެ.

comment ކޮމެންޓް