"ބައްޕަ ބޭނުން އަފްނާންގެ އާއިލާއާ ބައްދަލުކުރަން."
އެ ދެމީހުންނަށް އަނެއްކާވެސް ސިހުން ލިބުނީ ވަސީމް ދެން ބުނެލި ވާހަކައިންނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި އަފްނާންއަށް ހުރެވުނުއިރު، މައުވާގެ ދުލުގައިވެސް ހީވަނީ ތަޅެއްލެވިފައި ވާހެންނެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި އޭނާއަށްވެސް ހުރެވުނީއެވެ. ވަސީމްގެ ވާހަކައަށް ދޭނީ ކޮން ޖަވާބެއްކަން ނޭނގުމާއެކު އަފްނާން ބުނާނެ އެއްޗަކަށް މައުވާއަށް އިންތިޒާރުކުރެވެން ފެށިއެވެ. މައުވާ އެންމެ ކަންބޮޑުވީ އަފްނާން އޭނާގެ ބައްޕަ ހިތް ނޭދޭ ޖަވާބެއް ދީފާނެތީއެވެ.
"ބުނާނަން." މައުވާއަށް އަވަސް ނަޒަރެއް ދީފައި އަފްނާން ވަސީމްއަށް ބަލައިލިއެވެ. ވަސީމްމެން އޭނާގެ އާއިލާއާ ބައްދަލުކުރުމަކީ ފަހަރެއްގައިވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންނަމަވެސް، މިވަގުތު އެކަމަށް ދެކޮޅު ހަދާނެ ހިތްވަރު އަފްނާންއަށް ނުލިބުނީއެވެ. ހިތުގެ ޖަޒުބާތުތަކުގެ ކުރިމަތީގައި ގޮތް ހުސްވެ އޭނާ އެވަނީ މައުވާގެ އާއިލާއާވެސް ބައްދަލުކޮށްފައެވެ. އެއީ އޭނާއަށް މައުވާގެ ހިތާމަތައް ބަލަން ކެތް ނުކުރެވުމުން ކުރެވުނު ކަމެއް ނަމަވެސް، އެއީ ނުވާކަމަކަށް ނެހެދޭނެތާއެވެ. ފަަހަތަށް ޖެހެން ބޭނުންވި ނަމަވެސް، އެކަމަށް އަފްނާންއަށް ފުރުސަތު ނުދިނީ ވަގުތާ ޙާލަތެވެ.
"ބައްޕަމެންނާ ތި ވާހަކަ ހިއްސާކުރާނަން." ވަސީމް އޭނާއަށް ބަލަން ފެށުމުން ހިނިތުންވާން މަސައްކަތްކުރަމުން އަފްނާން އޭނާގެ މޫނުމަތީގައިވި ހާސްކަމުގެ އަސަރުތައް ފޮރުވާލަން މަސައްކަތްކުރިއެވެ. އެ މަންޒަރު ބަަލަން ހުރި މައުވާއަށް, އަފްނާން އާބަސް ދިނީ ބޭނުންނުވެ ހުރެކަން އެނގުނު ނަމަވެސް، އެވަގުތު އިތުރު އެއްޗެއް އޭނާ ނުބުންޏެވެ. ހިނިތުންވެލައިގެން އޭނާ ހުރީ ވަސީމްއަށް އިތުރު ހިތްދަތިކަމަކާއި ހާސްކަމެއް ދޭން ބޭނުންނުވާތީއެވެ.
"ބައްޕަ ވަރަށް އުފާވެއްޖެ. މައުވާގެ ކައިވެނި އަފްނާންއާ ކުރެވުމުން ނޫނީ ބައްޕައަށް ހިތްހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ." ކަންތައް ހިނގާނެ ގޮތުގެ ކުޑަވެސް ހިލަމެއް އެނގުމެއްނެތި ވަސީމް ވާހަކަ ދައްކަމުން ދިޔައިރު އޭނާވަނީ އިންތިހާއަށް އުފާވެފައެވެ. މައުވާއަށްޓަކައި އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފިނިކަމެއް ލިބިފައިވެއެވެ. އެ މަންޒަރު ފެނި ރާމިޒާއަށްވެސް ހިނިތުންވެވުނެވެ. އޭނާގެ ދެލޮލަށް އެވަގުތު ޖަމާވީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާގެ ދަރިފުޅު ބޮޑުވެއްޖެއެވެ. އެ ދަރިފުޅު އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ހިސާބަށް މިހާރު އެހުރީ އައިސްފައެވެ. އޭނާ ގޮސް މައުވާގެ ގައިގައި ބައްދާލިއެވެ. އެ މަންޒަރު ބަލަން އަފްނާން ހުރީ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. އަފްނާންގެ އެ ހިނިތުންވުމަކީ ދެއްކުންތެރި ހިނިތުންވުމެއްކަން ޔަޤީންވާ ޙާލު މައުވާއަށް އިސްޖަހާލެވުނެވެ. އޭނާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. އަފްނާން އޭނާއާ ކައިވެނިކުރަން ބޭނުންނުވަނީ ކީއްވެގެންކަމެއް މައުވާއަކަށް ނޭނގުނެވެ. އަފްނާންއަށް އޭނާގެ ހިތާމަތައް ބަލަން ކެތްނުކުރެވޭ ކަމަކީ އަފްނާންގެ ހިތުގައި އޭނާއާ މެދު ލޯބިވާކަމުގެ ހެއްކެކެވެ. އެހެންނަމަވެސް، އޭނާ ދެކެ އެހާ ލޯބި ވާ ޙާލުވެސް އަފްނާން އޭނާއާ ގުޅެން ބޭނުން ނުވާ ސަބަބެއް ވިސްނާ ވިސްނާވެސް މައުވާއަކަށް ނޭނގުނެވެ.
މައުވާ އެރޭ އަނެއްކާވެސް އަފްނާންއާ ކުރިމަތިލީ، ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކުގައި ތިބެފައެވެ.
"އަފޫ ވެއްޖެއެއްނު މިހާރު އަހަރެން ކައިރީގައި ތެދަށް ބުނަން. ކީއްވެގެންތަ އަހަންނާ އިންނަން ބޭނުން ނުވަނީ؟ އަހަރެން ދެކެ ލޯބިވޭ. އެކުގައި އުޅެން ބޭނުންވޭ. ދެން ކީއްވެ މިގުޅުން ކައިވެންޏާ ހިސާބަށް ގެންދަން ބޭނުން ނުވަނީ؟" ޝަކުވާގެ ރާގެއްގައި ބުނެވުނު ނަމަވެސް، އެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ. ޖަވާބު ނުލިބުނު ސުވާލުތަކުން އޭނާގެ ސިކުނޑީގެ ތެރެ ވަނީ ހަލަބޮލިވެފައެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ސަބަބު ހޯދަން އޭނާގެ ހިތްވަނީ ބޭޤަރާރުވެފައެވެ.
"އައި ޖަސްޓް… އައި ޑޯންޓް ނޯ…. މައު މައުގެ ބައްޕައަށް ވިސްނަދީބަ." އަފްނާންއަށް ބުނެވުނެވެ. އޭނާ މައުވާއަށް ފުރަގަސްދިނެވެ.
"އަހަރެން ކީކޭ ބުނަންވީ؟ އަފޫ ޕްލީޒް. ތިހެން އަހަރެން ނުތަޅުވަބަލަ. އައި ރިއަލީ ލަވް ޔޫ އޭ…ޕްލީޒް އަފޫ… ޕްލީޒް." މައުވާގެ ދެލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ.
"އައެމް ސޮރީ މައު. އެކަމަކު އައި ނީޑް ޓައިމް." އަފްނާން އެހުރިގޮތަށް ހުރެ ބުނެލިއެވެ. މައުވާއާ ހަތަރު ކަޅިހަމަކުރުމަކީ އޭނާއަށް އުނދަގޫކަމެއްހެން ހީވާ ފަދައެވެ.
"ކިހާ ވަރަކަށް އަހަރެން ޓައިމް ދޭން ވީ. އަފްނާން ބޭނުންނުވަންޏާ ވައި ޑިޑް ޔޫ މީޓް މައި ފެމިލީ… ބުނެބަ. އަހަންނަށް ބަލާފަ ޖަވާބު ދީބަލަ." މައުވާ އަފްނާންގެ އަތުގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ. ހިތްހަމަނުޖެހިފައި ވެސް އެއްޗެއް ބުނަން އުޅެފައި އަފްނާންއަށް މަޑުޖެހެވުނެވެ. މައުވާގެ ދެލޮލުން ފެންނަމުން ދިޔަ އިންތިހާ ދަރަޖައިގެ ވޭން އޭނާގެ ދޫ ހިމޭންކުރުވައިފިއެވެ. އޭނާގެ ހަށިގަނޑުގައި ފިނިކަމެއް ދައުރުކޮށްލައިފިއެވެ. އެ ދެލޮލުން ވިދަމުން އެދާ ކަރުނައިގެ މުތީތައް ރަމްޒުކޮށްދެމުން ދިޔައީ މައުވާ އޭނާ ދެކެ ވާ ތެދުވެރި ލޯތްބެވެ. އެ ލޯތްބަށް ފުރަގަސްދީފައި މައުވާ އެކަނިކޮށްލާފައި ދާނެހާ ހިތްވަރެއް އަފްނާންއަކަށް ނުލިބުނެވެ.
"ޔޫ އާރ ހާޓިން މީ…" އިސްޖަހާލަމުން މައުވާ އެބުނި ޖުމްލަތައް، ރުވާފައި ދޫކޮށްލި ތީރެއްހެން ގޮސް އަފްނާންގެ ހިތަށް ހެރުނުހެން ހީވުމާއެކު ދިލަތަދެއްގެ އަސަރުވެސް މެއަށް ވެރިވެއްޖެއެވެ.
"ސޮރީ…" އަފްނާން މަޑުމަޑުން މައުވާގެ އަތުގައި ހިފައްޓާލާފައި މާފަށް އެދުނެވެ.
"އައި ޖަސްޓް ނީޑް ސަމް ޓައިމް…. ވަން މަންތް ވަރު؟ އޯކޭ؟" އަފްނާން މައުވާގެ އިސް އުފުލުވާލިއެވެ. އޭނާ މައުވާގެ ކަރުނަތައް ފުހެދިނީ ލޯތްބާއެކުގައެވެ.
"ޕްލީޒް… ޕްލީޒް…" އަފްނާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަފްނާންގެ ދެލޮލުން ފެނުނު ތެދުވެރި އަސަރުތަކެއްގެ ސަބަބުން މައުވާ މިފަހަރުވެސް، އާބަސް ދިނެވެ. އަފްނާން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް، އޭނާގެ ލޯބިވެތި އެންމެ ބަހަކުންވެސް އޭނާގެ ހިތް ވިރިގެންދެއެވެ. ރުޅިވެރިކަން ފިލައިގެން ދެއެވެ. ހީވާކަހަލައެވެ. އޭނާގެ ހިތުގެ ފުރިހަމަ ބާރު އޮތީ އަފްނާންގެ އަތުގައެވެ. އޭނާ ހިނިތުންވެލަމުން އަފްނާންއަށް ފުރިހަމައަށް އިތުބާރުކުރިއެވެ. އެހެންނަމަވެސް، އޭރު މައުވާއަށް ނޭނގުނުކަމަކީ އެއީވެސް އަފްނާން އޭނާގެ ހިތްހަމަ ޖައްސާލަދިނުމަށް ބުނެލި ބަހެއްކަމުގައެވެ.
ވަސީމްގެއަށް ދޫކޮށްލަންދެން އެގޮތަށް މައުވާމެންނަށް އެހީވުމަށް އަފްނާން އުޅުނެވެ. އެކަމުން އުފާވެފައިހުރި މައުވާގެ ހިތުގައި މިހާރު އެއްވެސް ޝަކުވާއެއް ވެސް ނެތެވެ. ވަސީމްގެ ޙާލަތު ރަނގަޅުވަމުން ގޮސް އެކީ ހަމައަކަށް އެޅުމުން މައުވާ އަނެއްކާވެސް އަފްނާންއާ އެ ވާހަކަ ދެއްކިއެވެ. ވަސީމްގެ އިތުރުން އޭނާވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް އަފްނާންއާ ކައިވެނިކުރަންކަމުގައި މައުވާ އަފްނާން ގާތު ތަކުރާރުކޮށް ކިޔަން ފެށިއެވެ. އެއިން ކޮންމެ ފަހަރަކު އަފްނާން ވާހަކަ އޮޅުވާލަނީއެވެ.
އެއީ ވެސް ރޭގަނޑެއްގެ ވަގުތެވެ. މައުވާއާ އަފްނާންއާ ދެމީހުން ސައިކަލުގައި ގޮސް މަޑުކޮށްލީ އުސްފަސްގަނޑުގައެވެ. އަނެއްކާވެސް ދެ އާއިލާ ބައްދަލުކުރުވާ ވާހަކަ މައުވާ ދެއްކީ އެރެއެވެ. އޭނާގެ ބައްޕަ އެ ސުވާލު ތަކުރާރުކޮށް އޭނާއާ ކުރާތީ މައުވާ ހުންނަނީ ކަންތައްބޮޑުވެފައެވެ.
"އަފޫ ބުނެބަ. ކީއްވެގެންތަ ފަސްޖެހެނީ؟" މައުވާ ސުވާލުކޮށްލިއެވެ.
ކޮންކަމަކަށް؟" އަފްނާން ދުރުބަލާލިއެވެ.
"ކީއްވެ ނޭނގޭ ކަމަށް ހަދަނީ؟ އަަހަރެން މެރީ ކުރަން ބޭނުމޭ. ފެމެލީ ބައްދަލުކުރުވަން ބޭނުމޭ. ބައްޕަ ތަކުރާރުކޮށް އަހަންނާ ސުވާލުކުރާއިރު، ޖަވާބެއް ނުދީ ހުންނަން އަހަންނަށްވެސް ދަތިވެޔޭ." މައުވާ ޝަކުވާގެ ރާގެއްގައި ބުންޏެވެ.
"މައު. އަހަރެންގެ ފެމެލީ މިވަގުތު ވީ ރާއްޖޭން ބޭރުގަ. އަހަރެން ބުނީމެއްނު ކުޑަކަމަކު އެންމެން ދިޔަ ވާހަކަ. ގޮސްފަ އައިމަ ތި ވާހަކަ ދައްކާނަން." އެންމެފަހުން ގޮތް ހުސްވެފައިވާ ޙާލު، އަފްނާން ދޮގު ހެދިއެވެ. މައުވާ އެ ވާހަކަވެސް ގަބޫލުކުރީ އަފްނާންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
"ކޮން އިރަކުން އެމީހުން އަންނާނީ؟" މައުވާ ސުވާލުކޮށްލިއެވެ.
"ހީވަނީ ދެމަސްވަރު ވާނެހެން. ބޮޑުކަމެއް ޖެހިގެން ދިޔައީ…" އަފްނާން އެ ސުވާލަށް ޖަވާބު ދިނެވެ. "ޑޯންޓް ވޮރީ. އައިހާ އަވަހަކަށް އަހަރެން ބުނާނަމޭ"
"އޯކޭ…" މައުވާ ހިނިތުންވެލި ނަމަވެސް، ނުތަނަވަސްކަމެއް އޭނާގެ ހިތުގައި އުފެދެމުން ދިޔައީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
އެރޭ އޭނާ ގޮސް ގެއަށް ވަތްއިރު، ވަސީމްއާއި ރާމިޒާއާ ދެމީހުން ސޯފާގައި ތިއްބެވެ. މައުވާ ފެނުމާއެކު، ވަސީމް މައުވާއަށް ގޮވާލިއެވެ.
"ދަރިފުޅާ… އާދެބެލަ. މިތާ އިށީނދެބަލަ" ސޯފާ ދައްކާލާފައި ވަސީމް ބުނެލިއެވެ. މައުވާ ވެސް ކިޔަމަންތެރިކަމާއެކު ބޯ ޖަހާލަމުން ގޮސް ސޯފާގައި އިށީނދެލިއެވެ.
"އަފްނާން އާ އެވާހަކަ ދައްކައިފިންތަ؟" ވަސީމްގެ ސުވާލާއެކު ދޭނެ ޖަވާބެއް މައުވާއަކަށް ނޭނގުނެވެ. އޭނާއަށް ބަލައިލެވުނީ ރާމިޒާއަށެވެ. ވަސީމްގެ އަޑުން ހިތްހަމަނުޖެހުން މައުވާއަށް ފާހަގަވިއެވެ.
ދަރިފުޅާ." މައުވާ އެއްޗެއް ނުބުނުމުން، ވަސީމް މައުވާއަށް ގޮވާލިއެވެ.
"ބައްޕާ… މީ.... އަފްނާންގެ ފެމިލީ ރާއްޖޭން ބޭރުގަ ވީ. އައިމަ ވާހަކަ ދައްކާނަމޭ އަފްނާން ބުނީ."މައުވާ އޭނާއަށް އެނގޭ ގޮތަށް ވަސީމްއަށް އޮޅުން ފިލުވައިދިނެވެ.
"ކިހާ ދުވަހަކުން އެމީހުން އަންނަނީ؟" ވަސީމް ސުވާލުކޮށްލިއެވެ.
"ދެ މަސް ވަރު ވާނެހެންނޯ ހީވަނީ އަފްނާން ބުނީ." މައުވާ ބުނެލިއެވެ.
*****
އެގޮތުގައި ދެމަސް ދުވަސްވެސް ފާއިތުވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް، މިވީ ދެމަސް ދުވަހުގެ ތެރޭގައި މައުވާއަށް އަފްނާންއަށް އަންނަމުން ދިޔަ ބަދަލުތައް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް އަފްނާން އޭނާއާ ވަރަށް ބޮޑަށް ދުރުވެއްޖެއެވެ. ގުޅުމުން ފޯނު ނަގަނީވެސް ހާލަކުން ފަހަރަކުއެވެ. ކޮލެޖަށް އައިސްވެސް އޭނާއަށް ފިލައިގެން އުޅޭހެން މައުވާއަށް ހީވާން ފެށުމުން އެކަމާ އޭނާ އަފްނާންއާ ސުވާލުކުރުމުން ބުނީ އާއިލާތެރޭގެ ކަމަކާ ކުޑަކޮށް ހާސްކަމުގައި އުޅެން ޖެހޭތީ ވާކަމެއް ކަމުގައެވެ. އަދި އޭނާގެ އާއިލާ އަދިވެސް ރާއްޖެ ނާންނަކަމުގައެވެ.
މައުވާ ކޮލެޖުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ވިސްނުމަކަށް ގެއްލިފައި އިނެވެ. އޭނާ ސިހުނީ ޒާޔާ އައިސް ވާހަކަ ދެއްކުމުންނެވެ.
"މައު. ކިހިނެއްވެފަ ތީނީ؟" ޒާޔާ ބެންޗުގައި އިށީނދެލީ މައުވާއަށް ކުރިމަތިލައިގެންނެވެ.
"ނޫން. ނުވޭ ކަމެއް." މައުވާ އުޅުނީ އޮޅުވާލަން ނަމަވެސް، އެ މޫނުމަތީގައިވި އަސަރުތަކުން އެއްވެސް ކަމެއް ޒާޔާއަކަށް ސިއްރެއް ނުވިއެވެ. އޭނާ މައުވާއަށް ބަލާލާފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަހަންނަށް އެނގޭ ކަމެއް ނުވެ މައު ތިހެން ނީންނާނެކަން. ބުނެބަ. އަހަރެން އެއްވެސް މީހެއް ކައިރީ ނުބުނާނަމޭ." ޒާޔާ މައުވާ ގާތުން ސުވާލުކޮށްލިއެވެ. އެއާއެކު މައުވާ ޒާޔާއަށް ވެގެން އުޅޭ ގޮތް ތަފްސީލްކޮށްލަދިނެވެ. އަފްނާންގެ މިޒާޖަށް އައިސްފައިވާ ބަދަލު އޭނާ މާނަ ކުރާނީ ކިހިނެއްކަން ނޭނގޭކަމުގައި މައުވާ ޒާޔާ ގާތު ބުނެލިއެވެ.
"އަހަންނަށް ހީވެސްވިޔޭ އަފޫއާ ދޭތެރޭއޭ މައު ތި ވިސްނަނީ. އޭނައަށް ޗޭންޖަސްތަކެއް އަތުވެއްޖެ. އަހަންނަށްވެސް ހީވަނީ، ފެމިލީ މައްސަލައެއް ޖެހުނީހެން. ޖަސްޓް ގިވް ހިމް ސަމްޓައިމް. ހީ ރިއަލީ ލަވްސް ޔޫ…" ޒާޔާގެ އެ ބަސްތަކުން މައުވާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ހިނިތުންވެލާފައި ޒާޔާއަށް ޝުކުރު އަދާކުރިއެވެ. އަފްނާންއާ މެދު ޝައްކުކުރާކަށް މައުވާ ބޭނުމެއް ނޫނެވެ. އަފްނާން އޭނާ ގާތު ދައްކާފައިހުރި ވާހަކަތަކާއި، އަފްނާންގެ މިޒާޖަށް އައިސްގެން އެ އުޅޭ ބަދަލުތައް ގުޅިފައިވަނީ އޭނާގެ އަމިއްލަ ކަންތައްތަކަކާކަމުގައި މައުވާ ހުރީ ގަބޫލުކޮށްގެންނެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ އަފްނާން އޭނާއާ ގަސްތުގައި ދުރުވަމުން ދިޔަކަމެވެ.
* * * * *
އަފްނާންއަށް ޚިޔާލުތަކުން ނުކުމެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ހަމަހޭވެރިކަންވުމާއެކު ކޯތާފަތުގައި އަތް ޖައްސާލެވުނީ ތެތްކަމެއް އޭނާއަށް އިޙްސާސްކުރެވެމުން ދިޔައީތީއެވެ.
"ސޮރީ…" އަފްނާގް ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތް އެ ލަފުޒާއެކު އޭނާއަށް މައުވާގެ އަތަށް ބާރުކޮށްލެވުނެވެ. އެ ޙާލުގައި މައުވާ އެ އޮތީ ކިހިނެއްވެގެން ހެއްޔެވެ؟ މައުވާއާ ކުރިމަތިވި ހާދިސާއަކީ ކޮބައިހެއްޔެވެ؟ ގޮނޑިން ތެދުވުމަށްފަހު މައުވާ އޮތް އެނދާ ދުރަށް ދެ ފިޔަވަޅު އަފްނާންއަށް އެޅުނެވެ. ފިނިވެފައިވާ ދެއަތް ތިލަ އުނގުޅަމުން އޭނާ ފުންނޭވާތަކެއް ލަމުން ދިޔައެވެ. ހިތުގެ ޖަޒުބާތުތައް ބޮއްސުންލަމުން ދިޔަ އަފްނާންއަށް މާޒީގެ ޚިޔާލުތަކުން ގޯނާ ކުރަމުން ދިޔަލެއް ބޮޑުކަމުން އޭނާގެ ނޭވާއަށްވެސް އުނދަގޫވާހެން ހީވާން ފެށިއެވެ. މައުވާއަށް ބަލައިލާ ކޮންމެ ފަހަރަކު އޭނާގެ ހިތް ހީވަނީ ފިތެމުން ދާހެންނެވެ. އެހިތުގެ ވިންދުތައްވެސް ހީވަނީ މަޑުޖެހިލާހެންނެވެ.
(ނުނިމޭ)