ޔޫރަޕް ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރުއަތުލުން ބާއްވައިފި

ޔޫރަޕް ސަރަހައްދުގެ ވާލްޑް ކަޕް ކޮލިފައިންގެ ގުރުއަތުލުން ބާއްވައިފި --

2026ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ޔޫރަޕްގެ ޓީމްތައް ހޮވުމަށްޓަކައި ކުރިއަށް ގެންދާ ކޮލިފައިންގެ ގުރުއަތުލުން ބާއްވައިފިއެވެ.

ސްވިޓްޒަލަންޑްގެ ޒިއުރިކްގައި ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ޔުއޭފާގެ މެންބަރު 54 އެސޯސިއޭޝަންވަނީ 12 ގްރޫޕަކަށް ބަހާލައިފައެވެ. މިގޮތުން ހަ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ހަ ގްރޫޕްގައި ފަސް ޓީމު ހިމެނިގެންދިޔައެވެ. ގްރޫޕްތަކަށް ބަލާލާއިރު މާވަރުގަދަ ގްރޫޕެއް ފާހަގަ ވެގެންގޮސްފައެއް ނުވެއެވެ. އަދި ގްރޫޕްތައް ބެހުމުގައި ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަހޯދާފައިވާ ޓީމުތައް ހިމެނިގެންދާ ގްރޫޕްތައް ފުރިހަމަ ވެގެންދާނީ މިއަންނަ އަހަރުގެ މާޗް މަހު ކްއާޓާ ފައިނަލްގެ މެޗުތައް ކުޅެ ނިމުމުންނެވެ.

ގްރޫޕް ތައް ބަހާލާފައިވާގޮތަށް ބަލާލާއިރު:

  • ގްރޫޕް އޭ: ޖަރުމަނުވިލާތް/އިޓަލީވިލާތް (މޮޅުވާ ޓީމު)، ސްލޮވާކިއާ، ނޯދަން އަޔަލަންޑް އަދި ލަގްޒެމްބާގް
  • ގްރޫޕް ބީ: ސްވިޓްޒަލަންޑް، ސްވިޑްން، ސްލޮވީނިއާ އަދި ކޮސޯވޯ
  • ގްރޫޕް ސީ: ޕޯޗުގަލް/ޑެންމާކް (ބަލިވާ ޓީމު)، ގްރީސް، ސްކޮޓްލަންޑް އަދި ބެލަރޫސް
  • ގްރޫޕް ޑީ: ފަރަންސޭސިވިލާތް/ކްރޮއޭޝިއާ (މޮޅުވާ ޓީމު)، ޔޫކްރެއިން، އައިސްލަންޑް އަދި އަޒަރުބައިޖާން
  • ގްރޫޕް އީ: ސްޕެއިން/ނެދަލަންޑްސް (މޮޅުވާ ޓީމު)، ތުރުކީޔޭ، ޖޯޖިއާ އަދި ބަލްގޭރިއާ
  • ގްރޫޕް އެފް: ޕޯޗުގަލް/ޑެންމާކް (މޮޅުވާ ޓީމު)، ހަންގޭރީ، ރިޕަބްލިކް އޮފް އަޔަލަންޑް އަދި އަރްމޭނިއާ
  • ގްރޫޕް ޖީ: ސްޕެއިން/ނެދަލަންޑްސް (ބަލިވާ ޓީމު)، ޕޯލަންޑް، ފިންލަންޑް، ލިތުއޭނިއާ އަދި މޯލްޓާ
  • ގްރޫޕް އެޗް: އޮސްޓްރިއާ، ރުމޭނިއާ، ބޮސްނިއާ-ހާޒެގޮވީނާ، ސައިޕްރަސް އަދި ސެން މަރީނޯ
  • ގްރޫޕް އައި: ޖަރުމަނުވިލާތް/އިޓަލީވިލާތް (ބަލިވާ ޓީމު)، ނޯވޭ، އިސްރާއީލް، އެސްޓޯނިއާ އަދި މޯލްޑޯވާ
  • ގްރޫޕް ޖޭ: ބެލްޖިއަން، ވޭލްސް، ނޯތު މެސެޑޯނިއާ، ކަޒަކިސްތާން އަދި ލީޗެންސްޓައިން
  • ގްރޫޕް ކޭ: އިންގްލަންޑް، ސާބިއާ، އަލްބޭނިއާ، ލެޓްވިއާ އަދި އެންޑޯރާ
  • ގްރޫޕް އެލް: ފަރަންސޭސިވިލާތް/ކްރޮއޭޝިއާ (ބަލިވާ ޓީމު)، ޗެކް ރިޕަބްލިކް، މޮންޓެނޭގްރޯ، ފެރޯ އައިލަންޑްސް އަދި ޖިބްރޯލްޓާ

މަތީގައިވާ ގްރޫޕް ތަކުގެ ތެރެއިން މޮޅުވާ ޓީމާއި ބަލިވާ ޓީމު ފާހަގަ ކުރެވިފައިބައި ނިސްބަތްވަނީ ޔުއޭފާ ނޭޝަންސް ލީގުގެ ކްއާޓާ ފައިނަލަށެވެ. ޔޫރަޕްގެ ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މާރޗް އިން ފެށިގެން ގޮސް ނޮވެމްބަރު މަހާ ދެމެދު ލިބިގެންދާ ފަސް އިންޓަނޭޝަނަލް ބްރޭކަށް ބަހާލައިގެންނެވެ.

މި މެޗުތަކަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަށްދާ 12 ޓީމު އޮޓޮމެޓިކުން ވާލްޑް ކަޕަށް ކޮލިފައިނެވެގެންދާނެއެވެ. އަދި ދެވަނައަށްދާ 12 ޓީމު ޖެހޭނީ ބާކީ އޮތް ހަތަރު ޖާގައަށް ޕްލޭ އޮފް މެޗުތަކެއް ކުޅޭށެވެ. ކުރިއަށް އޮތް ވާލްޑް ކަޕްގައި ޔޫރަޕްގެ 16 ޓީމެއް ވާދަކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު