ޔަލްވީ ލައިގެން އޮތް ޓީޝާޓު މައްޗައް ހިއްލިފައިވާތީ އުނަގަނޑުން ބައެއް އޮތީ ހާމައަށް ފެންނާށެވެ. ނުބަލަން މަސައްކަތްކުރި ނަމަވެސް ރަޔާންގެ ނަޒަރު ޔަލްވީގެ ހަށިގަނޑަށް ހުއްޓެމުން ދިޔައެވެ. ކޮޓަރީގައި ދިއްލާފައިވާ ނިދާބޮކިން ތަނަށް ވެރިވެފައިވަނީ މަސްތުކުރުވާފަދަ ފަނޑު އަލިކަމެކެވެ. ޔަލްވީގެ ބަސްތައް ރަޔާންގެ ކަންފަތް ކައިރީގައި ގުގުމަން ފެށިއެވެ. އެއީ ދެމީހުންގެ ދެމެދަށް ވެރިވެފައިވި ހުސްކަން ގިރާކުރުމަށް ހުޅުވާލެވުނު ދޮރެކެވެ.

********

ރަޔާން މަޑުމަޑުން އަތް އުފުލައިލިއެވެ. އޭނާގެ ޒަމީރު އެދެމުންދިޔައީ، ހިތުގެ އެދުމަށް އިޖާބަދޭށެވެ. އެކަމަކު، ރަޔާންއަކީ އަމިއްލަ އެދުން އިސްކުރާނެ މީހެއް ނޫނެވެ. ރަޔާން އޭނާގެ ހިތުގެ އިހުސާސްތައް އެއްފަރާތްކުރުމަށްފަހު، ޔަލްވީ ލައިގެން އޮތް ޓީޝާޓު ރަނގަޅުކޮށްލަދިނެވެ. އެވަގުތު ޔަލްވީ ފުންމައިގެން ތެދުވިގޮތުން ރަޔާން ދިޔައީ ސިއްސައިގެންނެވެ. އެނދުގައި ދެފައި ވަށްކޮށްލައިގެން ޔަލްވީ އިނީ ކުޑަކުއްޖަކު ފަދައިން ތުންފިއްތާލައިގެންނެވެ. ރަޔާން ހީކުރީ، އޭނާ އަތްލުމުން ޔަލްވީ ހިތްހަމަނުޖެހުނީ ކަމަށެވެ.

"އެންމެންނަށް ގޯސްވާނީ އަހަރެން. އެންމެން ރުޅި އަންނާނީވެސް އަހަރެންދެކެ. އެންމެން އެއްޗެހި ކިޔާނީވެސް އަހަންނަށް..." ޔަލްވީ އެހެން ކަމަކާއި ޝަކުވާކުރަން ފެށުމުން، ރަޔާނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރަޔާން ހިނިތުންވެލި ތަން ފެނުމުން ޔަލްވީ ވަކީން ރުޅިގަދަވިއެވެ.

"އަހަރެން ނުދަމޭ ލިމްޔާ އުޅޭ ގެއަކަށް އޭނަޔަށް އުނދަގޫ ކުރާކަށް.. ލިމްޔާވެސް ނުޖެހޭނެ މިގެއަށް އައިސް އަހަންނަށް އެޓޭކް ކުރާކަށް. ދުވަހަކުވެސް އަހަރެންގެ އަތް މިހާ ބޮޑަކަށް ހަލާކެއް ނުވޭ. މިޔަރެއް ކާލިޔަސް މިހާ ތަދެއް ނުވާނެ" ޔަލްވީ ބޭނުންވީ ލިމްޔާގެ ސަބަބުން އޭނާއަށް އަނިޔާވިކަން ރަޔާނަށް އަންގާށެވެ.

ރަޔާން އިނީ ޔަލްވީ ދެއްކި ވާހަކަ ކަނުލައި އަޑުއަހާށެވެ. ޔަލްވީ އަތް ހަލާކުވި ވާހަކަ ބުނުމުން ރަޔާންގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.

"ދައްކަބަލަ އަތް" ރަޔާން ޔަލްވީގެ އަތުގައި ހިފައިލިއެވެ.

ޔަލްވީ އަތްދަމައިގަންނަން އުޅެފައިވެސް، ހިމޭންވިއެވެ. ލިމްޔާއަކީ ގޯސް މީހެއްކަން ރަޔާނަށް ވިސްނޭނީ އޭނާގެ އަތުގައިވި ޒަހަމު ފެނިގެންނެވެ. ޔަލްވީގެ އަތުގައި މާބޮޑު ޒަހަމެއް ނެތަސް، ޕިން ހެރިފައިވާ ތަންތަނުން އޭރުވެސް ވަނީ ލޭހިލިފައެވެ. ރަޔާން ބޭސްފޮށި ހިފައިގެން އައިސް ޔަލްވީގެ އަތުގައި ހަލާކުވެފައިވާ ތަން ސާފުކުރިއެވެ. ޔަލްވީ ދެކޮޅެއް ނުހަދައެވެ. ރަޔާން ކުރާ ކަންތައް ބަލަން މަޑުން އިނީއެވެ.

"މީގެފަހުން އަމިއްލަ ނަފުސަށް އަނިޔާވާގޮތަށް އެއްވެސް ކަމެއް ކޮށްގެންނުވާނެ!" ރަޔާން އަމުރުކުރީ އޯގާތެރި ރާގަކަށެވެ. "އެކަހަލަ މީހަކާ ޗެލެންޖްވެސް ނުކުރާތި!"

"އެ ލިމްޔާ..." ޔަލްވީ އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު، އޭނާއަށް ރޮވުނީއެވެ. އެފަހަރު ރޮވުނީ ކީއްވެކަމެއް ހުދު ޔަލްވީއަށްވެސް ނޭނގުނެވެ.

ޔަލްވީގެ ރަތްވެފައިވާ ދެލޯ ފެނުމުން ރަޔާންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އެހާވަރަށް ރުއިމުގެ ސަބަބުން ޔަލްވީގެ ދޮން މޫނުވެސް ވަނީ ރަތްވެފައެވެ. ޔަލްވީ ރޯތަން ފެނުމުން ރަޔާން ދެރަވިއެވެ. ޔަލްވީ ގެނެސް މޭގައި ބޮނޑިކޮށްލެވުނީ ހިތަށް ކުރި އަސަރަކުންނެވެ.

"ރަޔާންއަށްވެސް މުހިއްމުވަނީ ހަމައެކަނި ލިމްޔާ. ލިމްޔާ ކޮންމެ ކަމެއް ކުރިޔަސް ގޯސް ކަމަކަށް ނުވާނެ" ޔަލްވީ މަސައްކަތްކުރީ ރަޔާންގެ އަތްދަށުން ނުކުންނާށެވެ.

"ޔަލްވީ ތީ އަހަރެންގެ އަނބިމީހާ. އަހަރެންގެ އަނބިމީހާއަށްވުރެ މުހިއްމު އެހެން އަންހެނެއް މިހާރު މިދުނިޔެއަކު ނެތް" ރަޔާން މަސައްކަތްކުރީ ޔަލްވީއަށް ވިސްނައިދޭށެވެ. "ލިމްޔާ ކުރީ ވަރަށް ގޯސްކަމެއް. އަހަރެން މިހުރީ ލިމްޔާދެކެ ހިތްހަމަނުޖެހިފަ. އަހަރެން ލިމްޔާ ރަނގަޅެއްވެސް ނުކުރަން. އަހަރެން ބޭނުންވަނީ ގެއަށް އަންނަ ހުރިހާ މެހެމާނުން އަހަރެންގެ އަނބިމީހާއަށް އިހުތިރާމް ކުރަން"

ރަޔާންގެ ބަސްތަކުން ޔަލްވީގެ ހިތަށް ފިނިކަން ލިބުނެވެ. ރަޔާނަށް ލިމްޔާ މުހިއްމު ނޫންކަން އެނގުމުން، ޔަލްވީގެ ހިތަށް ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ.

"ލިމްޔާ ދެން މިގެއަކަށް ނާންނާނެ" ރަޔާން އަވަސް އަވަހަށް ބުނެލިއެވެ. "ލިމްޔާއަށް ދެން މިގެއަކަށް ނުވަދެވޭނެ"

"އެއީ ކީއްވެ؟" ޔަލްވީ ބޭނުންވީ ރަޔާންގެ އަނގައިން ސަބަބު ބުނުވާށެވެ.

"މިކުއްޖާއަށް އަނިޔާވާގޮތަށް ކަންކަން ވާތީ" ރަޔާން ވަގުތުން ޖަވާބުދިނެވެ. "އަހަރެންގެ އަނބިމީހާއަށް އަނިޔާކުރާ މީހަކަށް މިގެއަކަށް ނުވަދެވޭނެ"

ޔަލްވީގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބުނީ ކީއްވެ ކަމެއް ނޭނގުނެވެ. އޭގެ އިރުކޮޅެއް ކުރިން ހިތުގައި އުފެދުނު ޝަކުވާތަކުގެ މަތިން ހަނދާންނެތުނެވެ. ރަޔާންއަށް ހިތް ސާފުވިއެވެ.

ހިނގާ ކާންދާން" ރަޔާން އެދުނެވެ. "ބީޗް ކެފޭ އޯކޭތަ؟"

ޔަލްވީ ރެސްޓޯރެންޓަށް ދިޔައީ ވަރުގެކޮޅަށް ނަލަހެދިލައިގެންނެވެ. ޔަލްވީ އިނީ އޭގެ ކުރިން ކަމެއް ހިނގާފައިވާކަމުގެ އެއްވެސް ކުލައެއް ޔަލްވީގެ މޫނުން ނުފެންނަ ވަރަށް މޭކަޕުކޮށްލައިގެންނެވެ. ކާއެއްޗެއްސަށް އޯޑަރު ދީފައި ޔަލްވީ އަނެއްކާވެސް ލިމްޔާގެ ވާހަކަ ފެށިއެވެ.

"ކީއްވެ ލިމްޔާއަށް ކައިވެނި ކުރަން އުޅުނީ؟" ޔަލްވީ ސުވާލުކުރިއެވެ. "އެއީ ތެދު ވާހަކައެއްތަ؟"

"އާނ!... އެކަމަކު......" ރަޔާނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ޔަލްވީ މާ އަވަހަށް ރުޅި އަންނާތީ ވާހަކައެއް ދެއްކުމުގެ ކުރިން ވިސްނާލަން ރަޔާނަށް މަޖުބޫރުވެއެވެ.

"އަހަންނަކީ ބޭކާރު މީހެއްވީމަތަ؟" ޔަލްވީގެ މޫނު ބަނަވިއެވެ.

"ޔަލްވީ!..." ރަޔާން އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ. "ޔަލްވީ ހިތްހަމަ ނުޖެހޭގޮތަށް އެހެންމީހުންވެސް ހިތްހަމަ ނުޖެހެނީ ކަންނޭނގެ ލިމް މިގެއަށް އަންނަން. ރަށުތެރޭގަ ފާޑުފާޑުގެ ވާހަކަ ދައްކާ މީހުން އުޅޭނެ. ކޮންމެ މީހަކީ ހަގީގަތް ރަގަޅަށް އެނގިގެން ވާހަކަ ދައްކާ މީހުންނެއްނޫން. އެގޮތަށް އަހަންނަށް އަޑުއިވުނު ވާހަކައަކަށް ރިއެކްޓް ކުރެވުނީ. ވިސްނާނުލާ ކުރެވުނު ކަމެއް އެއީ. ސޮރީ..."

ޔަލްވީ ސިއްރުސިއްރުން ހިނިތުންވެލިއެވެ. ރަޔާން މާފަށް އެދިދާނެ ކަމަކަށް ޔަލްވީ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

"ދެން އަހަރެން ސުވާލެއް ކޮށްލަންތަ؟" ކައިގެން ގެއަށް އައިގޮތަށް ކޮޓަރިއަށް ވަދެފައި ރަޔާން ސުވާލުކުރިއެވެ. "ލިމްޔާ ކައިރީ ޔަލްވީ ބުނި އެއްޗެއްވެސް އަހަންނަށް ރަނގަޅަކަށް އަޑެއް ނީވުނު...... އަހަރެންމީ ކާކުކަން އަދި އެއްފަހަރު ބުނެދީބަލަ..." ރަޔާން ހުރީ ލާނެތް ގޮތަކަށް ހިނިތުންވެލައިގެންނެވެ.

ޔަލްވީގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. އޭނާ ދެއްކި ވާހަކަ ރަޔާނަށް އަޑު އިވިއްޖެކަން އެނގުމުން، ކިޔުނު އެއްޗެއްސާއިމެދު ވިސްނަން ޖެހުނެވެ. ޔަލްވީ މަސައްކަތްކުރީ އެންމެ އަވަހަށް ރަޔާންގެ ކުރިމަތިން ދުރަށްދާށެވެ. ރަޔާން ވަގުތުން ޔަލްވީގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ.

"އަދި އެއްފަހަރު ބުނެބަލަ" ހަމައެކަނި ޔަލްވީއަށް އިވޭވަރަށް ރަޔާން ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު އަމާޒުވެފައިވަނީ ޔަލްވީގެ ފިޔާތޮށި ކުލައިގެ ތުންފަތަށެވެ.

ޔަލްވީގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. އެހާ ކައިރިން ރަޔާންގެ ފިރެހެންވަންތަ ސޫރަ ފެނުމުން ބުނެދޭން ނޭނގޭ ގޮތްތަކެއް ވާންފެށިއެވެ.

"ބުނެފަ ދާންވީ" ރަޔާން ބުނެލިއެވެ.

"ތީ ފިރިމީހާ" ޔަލްވީ ވަރަށް ނޫންކަމަށް ހެދިފައި ބުނެލިއެވެ.

"ކީކޭ ތިބުނީ؟ މާ މަޑު، އަޑެއް ނީވެ" ރަޔާން ބޭނުންވީ ޔަލްވީގެ ލަދު ކަނޑުވާށެވެ.

"ފިރިމީހާ" ޔަލްވީ ބުނެލިއެވެ.

ރަޔާން ކުއްލިއަކަށް ޔަލްވީގެ މޫނާއި ކައިރިވެލިއެވެ. ހުރިހާ ކަމެއް ހިނގައިގެން ދިޔައީ ނުހަނު އަވަހަށެވެ. ރަޔާންގެ ދައުވަތަށް ފުރަގަސްދޭނެ ހިތްވަރެއް ޔަލްވީއަކަށް ނުލިބުނެވެ. ހުދު ޔަލްވީއަށްވެސް ރަޔާންގެ ހަރަކާތުގައި ބައިވެރިވެވުނެވެ. ފާއިތުވެގެން ދިޔައީ އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. އެވަގުތުކޮޅު ނިމިދާން ދެމީހުންކުރެ އެކަކުވެސް ބޭނުންނުވާ ކަހަލައެވެ. ކުއްލިއަކަށް ޔަލްވީއަށް ތެޅިގަނެވުނެވެ. އެވަގުތު ހަދާލެވުނުގޮތަކުން އޭނަގެ އަތް ގޮސް ޖެހުނީ ރަޔާންގެ ކޯތާފަތުގައެވެ. ޖެހުނުލެއް ބާރުކަމުން، ރަޔާންގެ ދެލޮލުން ފެން އައެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާއި ދުރަށްޖެހިލެވުނީ އެކުއެކީގައެވެ. ދެލޯ ބޮޑުކޮށްލަމުން ޔަލްވީއަށް ރަޔާން އާއި ދިމާއަށް ބަލާލެވުނެވެ.

"ސޮރީ" ނޭނގުމެއްގެ ތެރޭގައި ވީ ކަމަކުން ޔަލްވީ ދެރަވިއެވެ.

ދެމީހުންގެ ދޭތެރޭ ހޭދަވި އުފާވެރި ވަގުތުކޮޅު ނިމިގެން ދިޔައީ ޔަލްވީއަށް ކުރެވުނު މޮޔަ ކަމަކުންނެވެ. ފުރަތަމަ ފަހަރަށް މީހެއްގެ ކިބައިން މަޢާފަށް އެދެވުނު އިރުވެސް ޔަލްވީއަކަށް ނޭނގުނެވެ. އެއައްވުރެ ބޮޑަށް ރަޔާންއަށް ވީގޮތުން ޔަލްވީ ހުރީ ކަންބޮޑުވެފައެވެ.

********

"އަހަރެންގެ މަގުސަދަށް ހުރަސްއަޅާ އެންމެން ނައްތާލާނަން....." ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަ ދައްކަމުންދިޔަ މީހާގެ ނަޒަރު ހުއްޓިފައިވަނީ ރަޔާންގެ ގެއަށެވެ. އައިސްފައިވާ ރުޅިން ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެން ހުރިއިރު އެމީހާގެ ދަތްތައްވެސް ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ.

"ކަލެއަކަށް ނުވިއެއްނު ތިކަމެއް. އަހަރެން ތިރަށުގަ ހުރިނަމަ ތިކަން ނިންމާކަށް ނުނަގާނެ ފަޅި ސިކުންތެއްވެސް...." ފޯނުގެ އަނެއްކޮޅުން އިވިގެންދިޔައީ ބަރު ފިރެހެނެއްގެ އަޑެވެ.

"ދެ ދުވަސް ދީ..... ދެ ދުވަސްތެރޭ އެކަން ނިންމާނަން...." އެމީހާ ޔަގީންކަން ދިނެވެ.

ވަކިއެއްޗެއް ބުނުމެއް ނެތި ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ފޯނު ކަނޑާލިއެވެ.

********

"ބޭނުން ކޮންމެ އެއްޗެއް ހާސިލެއް ނުވާނެ. އެކަމާ ހިތާމަކުރާނީ މޮޔައިން. އަހަރެންގެ ހިތެއް ނުބުނޭ ލިމްޔާ އަކީ މޮޔަ ކުއްޖެކޭ......" އަފްސަމް ވާހަކަ ދައްކަމުންދިޔައީ ލިމްޔާ އަށެވެ.

ލިމްޔާ ގެއަށް ވަނުމުގެ ކުރިން ހިތްވަރު ދިނުމުގެ ގޮތުން އެއްޗެއް ބުނެލަން އަފްސަމް ބޭނުންވީއެވެ. ލިމްޔާ ކުޑަކޮށް ހަމައަކަށް އެޅުމުން ގެއަށް ލައިދޭން އަފްސަމް ދިޔައީ ރޭގަނޑުގެ ވަގުތު ލިމްޔާ އެކަނި ފޮނުވާލަން ބޭނުންނުވާތީއެވެ. ދޮރާށި ކައިރީގައި ލިމްޔާ ހުރީ އިސްޖަހާލައިގެންނެވެ. ލިމްޔާގެ މޫނު ނުފެނުނު ނަމަވެސް އަދިވެސް ރޮނީކަން އަފްސަމް އަށް އެނގުނެވެ. ދޭތެރެއަކުން އިވިގެންދާ މަޑު ގިސްލުމުގެ އަޑުން އަފްސަމްގެ ހިތްވެސް ތޮރުފަމުން ދިޔައެވެ.

"އަހަރެން.... އަހަރެން ބޭނުންވަނީ ވަރަށް ދުރަށް ދާން..... ދުވަހަކު ޚަބަރެއްވެސް ނުވާހާ ދުރަށް...." ލިމްޔާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އެއަޑުގައިވި އަސަރަކުން އަފްސަމްއަށް ދުރުގައި ހުންނަން އުނދަގޫވިއެވެ.

"ދެން ދުވަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނާތި!...." ލިމްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން އަފްސަމް ބުނެލިއެވެ. އަދި ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަދިނީ އޯގާތެރިކަމާއި އެކުގައެވެ. ލިމްޔާގެ ހާލު ފެނި އަފްސަމްގެ ހިތް ރޯލިއެވެ. ލިމްޔާ އެކަނިވެރި ނުވާކަން ހާމަކޮށްދޭން ބޭނުންވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު