"ނޫން.." ރާމިޒާ ދެކޮޅު ހެދިއެވެ. އޭރު ވެއިޓިން އޭރިޔާގައި އެ ދެމީހުންގެ އިތުރުން ދެން އިނީ އެންމެ މީހެކެވެ. އޭނާއަށް ވެސް އިނީ ނިދިޖެހިފައެވެ. މައުވާ ރާމިޒާއަށް ވިސްނައިދެމުން ދަނިކޮށް ވެއިޓިން އޭރިޔާގެ ދޮރު ކޮންމެވެސް މީހަކު ހުޅުވާލައިފިއެވެ.
އެ ދިމާލަށް މައުވާގެ ނަޒަރު ދަތުރުކޮށްލުމާއެކު އޭނާ ހައިރާންވީ އެތަނަށް ވަތް އަފްނާން ފެނުމުންނެވެ. އަފްނާންއަށްވެސް މައުވާ ފެނުމާއެކު މަޑުޖެހެވުނެވެ. ދެވަނަ ސިކުންތުގައި މައުވާއަށް ބަލައިލެވުނީ ރާމިޒާއަށެވެ. އޭރު ރާމިޒާވެސް އެ ދިމާލަށް ބަލަހައްޓައިގެން އިނެވެ. މައުވާއަށް ބަލައިލުމާއެކު އޭނާއަށް އަނެއްކާވެސް ނަޒަރު ހުއްޓާލެވުނީ ދެންމެ އެތެރެއަށް ވަތް ޒުވާނާއާ ދިމާލަށެވެ.
ހަރަކާތްތައް މަޑުޖެހިފައި މައުވާ އިންނަން ފެށުމުން އަފްނާންއަށްވެސް ކުރިއަށް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. އޭނާއަށް ވެސް ރާމިޒާއަށް ބަލައިލެވުނެވެ. ކުރެވުނީ ރަނގަޅުކަމެއް ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
"އަފޫ…" މައުވާއަށް އަފްނާންގެ ނަން ދުލުން ބޭރުކޮށްލެވުނީ ގަސްތަކު ނޫނެވެ. ފަހަރެއްގައިވެސް އަފްނާން އެތަނަށް އަތުވެދާނެކަމަށް އޭނާއަށް އުންމީދު ކުރެވިފައެއް ނެތެވެ. އޭނާ ހީކުރީ އޭނާ ކޮންމެ ޙާލެއްގައި ހުރިނަމަވެސް، އަފްނާން ރާމިޒާގެ ކުރިމައްޗަށް އަރަން ޖެހޭނެނަމަ އެތަނަށް ނާންނާނެކަމަށެވެ. އޭނާގެ ހިތުގެ ހަމަޖެހުމަށްވުރެ އަފްނާންއަށް އޭނާގެ އުސޫލުތައް މުހިންމުވާނެކަމުގައި މައުވާ ހީކުރިއެވެ. އެހެންނަމަވެސް އެހިތަށް ހަމަޖެހުމެއް ލިބުނީ އެއީ އޭނާގެ ކުށްހީއެއްކަން އިޙްސާސްކުރެވުމުންނެވެ. އަފްނާންއަށް އޭނާގެ ހިތާމަތައް ބަލަން ކެތްނުކުރެވޭނެޔޭ މައުވާގެ ހިތަށް އެރިއެވެ.
"ދަރިފުޅާ…" މައުވާ އެ ޒުވާނާއާ ދިމާލަށް ބަލަން ފެށިގޮތުން، ރާމިޒާއަށް ޝައްކުވިއެވެ. އޭނާ މައުވާއަށް ގޮވާލިއެވެ. އޭރު އަފްނާން ވެސް އެ ދެމީހުންނާ ދިމާލަށް ހިނގައިގަނެއްޖެއެވެ.
"މަންމާ.. މީ އަފްނާން. އަފޫ… މީ އަހަރެން.. މަންމަ." އަފްނާން އައިސް އެ މީހުންނާ ކައިރީގައި ހުއްޓުމުން މައުވާ އޭނާގެ މަންމަ ރާމިޒާއަށް އަފްނާން ތަޢާރަފްކޮށްދިނެވެ. އިތުރު އެއްޗެއް މައުވާ ނުބުނި ނަމަވެސް، އެއީ މައުވާގެ ކާކުކަން ރާމިޒާއަށްވެސް ފަހުމް ވިއެވެ. އޭނާ ހިނިތުންވެލިއެވެ. އަފްނާން ވެސް ވެއިޓިން އޭރިޔާގައި އެ ދެމީހުންނާއެކު މަޑުކޮށްލިއެވެ.
އެރޭ ހަތަރު ދަމު އެއްވެސް އެއްޗެއް ނުކައި ހުުރުމުގެ ސަބަބުން ރާމިޒާއަށް ގޭސްޓްރިކް އުނދަގޫވާން ފެށިއެވެ. އެކަން މައުވާއަށް އެނގުމުން ރޭއް ސުރެ ނުކައި ތިބެވުނުކަންވެސް އޭނާއަށް ރޭކާލީ ދެނެވެ. އޭރު ފަތިސްނަމާދަށް ގޮވަން ކައިރިވެއްޖެއެވެ. މައުވާ ގަސްތުކުރީ ކެންޓީނަށް ގޮސް އެއްޗެއް ކާލުމަށެވެ. އެހެންނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އެތަނުން ދުރަށް ދާކަށް ރާމިޒާ ބޭނުމެއް ނޫނެވެ. އޭނާ އެކަމާ ދެކޮޅު ހެދިއެވެ.
"މަންމަ ނުކާނަން. ދަރިފުޅުމެން ގޮސް އެއްޗެއް ކާލައިގެން އާދޭ." ރާމިޒާ ބުނެލިއެވެ.
"އެކަމަކު، މަންމަވެސް ތިހުރީ ރޭއްސުރެ ނުކައެއްނު. ކޮންމެވެސް އެއްޗެއް ކާން ހިނގާ، އެހެން ނޫނީ ތި އުނދަގޫތައް މާ ބޮޑު ވެދާނެ." މައުވާ ރާމިޒާގެ އަތުގައި ހިފައްޓާލިއެވެ.
"ނޫން. ކާހިތެއް ނެތް. ދަރިފުޅުމެން ގޮސް އެއްޗެއް ކާލާ." ރާމިޒާ އެއްގޮަތަކަށްވެސް އެއްބަހެއް ނުވިއެވެ.
"އަންނައިރު އެއްޗެއް ގެނެސްދެންތަ؟ ސޭންޑްވިޗެއްކަހަލަ އެއްޗެއް؟" ރާމިޒާއަށް ބަލާލާފައި މައުވާ އެހެން ބުނެލީ އޭނާ އެތަނުން ނުދާނެކަން ވިސްނުމުންނެވެ. ރާމިޒާ ބޯ ޖަހާލުމުން މައުވާ އަފްނާންއަށް ބަލައިލިއެވެ. މައުވާގެ އެ ނަޒަރުގެ މާނަ އެނގުމާއެކު އަފްނާންވެސް މައުވާއާއެކު ދާންވެގެން ތެދުވެލިއެވެ. އައިސީޔޫގެ ވެއިޓިން އޭރިޔާއިން ނުކުތުމަށްފަހު އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި މައުވާ ކެންޓީނާ ދިމާލަށް ހިނގައިގަތެވެ.
"މައު.. ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ؟ އަދިވެސް އަހަރެން ދެކެ ހިތްހަަމަ ނުޖެހިފަތަ؟" އަފްނާން ސުވާލުކޮށްލިއެވެ.
"އުހުމް. އެހެންނޫން. އަހަރެން ހިޔެއް ނުކުރަން އަފްނާން އަންނާނެކަމަކަށް." މައުވާ އަފްނާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"އެއީ؟ މައުއަށް ދެރަކަމެއް ވީމަވެސް އަހަރެން ނާންނާނެކަމަށް ޔަޤީން ކުރެވުނީތަ؟" އަފްނާންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. މައުވާ އޭނާގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދުނުކުރަނީ ހެއްޔެވެ؟ އަދި އެކަން ގުޅިފައިވަނީ އޭނާ މައުވާގެ މަންމަމެންނާ ބައްދަލުކުރަން ނުދިޔުމާ ހެއްޔެވެ؟ ޚުދު އޭނާވެސް ހުރީ އެކަމާ ހައިރާންވެފައެވެ. މައުވާގެ ހިތާމަތައް އެނގުމާއެކު އޭނާގެ ހިތަށް ގޮތެއް ވިއެވެ. އެ ހިތާމައިގައި ބައިވެރވެ މައުވާގެ ގާތުގައި ހުރުމަށް އޭނާގެ ޒަމީރު ގޮވާ ގޮވުމަށް އިޖާބަ ދީ އޭނާއަށް މައުވާގެ ގާތަށް އާދެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އަދި އެކަން ކުރުމަށްޓަކައި މިހުރިހާ ދުވަހު އޭނާ ހިފައްޓަމުން އައި އުސޫލުތައްވެސް މުގުރާލެވިއްޖެއެވެ. މައުވާގެ މަންމަގެ ކުރިމައްޗަށް އެރިއްޖެއެވެ. މައުވާގެ ލޯބިވެރިޔާގެ ގޮތުގައި ތަޢާރަފްވެވިއްޖެއެވެ. މައުވާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުގެ މާނަ ނަގަން އަފްނާންއަށް ނޭނގިފައި ހުއްޓާ މައުވާ ވާހަކަ ދެއްކިއެވެ.
"މިހާރު ޔަޤީން ކުރެވިއްޖެ އަހަންނަށް ދެރައެއް ލިބިއްޖެނަމަ އަފޫ އަންނާނެކަން. އަހަރެމެން ދެމެދު މައްސަލަ ޖެހުނަސް، އަފޫގެ ހިތުން އަހަންނަށް ދެވިފައިވާ މަޤާމު ފަނޑުނުވާނެކަން ޔަޤީންވެއްޖެ. ތިހިތުގައި އަހަންނަށްޓަކާ ވާ ލޯބި ދެގޮތެއް ނުވާނެކަން އަފޫ ސާބިތުތިކޮށްދިނީ." މައުވާ ބުނެލިއެވެ.
އެދެމީހުން ކެންޓީނަށް ގޮސް ކާއެއްޗެހި ނަގައިގެން ގޮސް މޭޒެއްގެ ދޮށުގައި އިށީނެވެެ. ބަނޑުހައިވެފައި ހުރި މައުވާއަށް ތައްޓަށް ބަލަހައްޓައިގެން އިނދެވުނީ ކާހިތް ނުވުމުންނެވެ. ކިތަންމެ ބަނޑުހައިވެފައި ހުރިނަމަވެސް، އެއްވެސް ވަރަކަށް ކާހިތެއް ނުވިއެވެ. އެކަން އަފްނާންއަށް ވެސް ފާހަގަކުރެވުނެވެ. އޭނާ މައުވާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. މައުވާގެ އެ އަމަލުތަކުގެ އަސްލަކީ މައުވާގެ ބައްޕަގެ އެ ޙާލަތުގެ ސަބަބުން މައުވާއަށް ކޮށްފައިވާ ފުން އަސަރުތައްކަން އޭނާއަށް އެނގުމާއެކު އަފްނާން މޭޒުމަތީގައި ބާއްވާލެވިފައިވާ މައުވާގެ އަތުގައި ހިފައްޓާލިއެވެ. އަދި މަޑުމަޑުން އެ އަތަށް ފިތާލިއެވެ.
"މައު… ކޮންމެވެސް އެއްޗެއް ކާން ވާނެއެއްނު. މަންމައަށް ހިތްވަރު ދޭން ހުރި މީހަކީވެސް ތިއީއެއްނު." އަފްނާން ބުނެލިއެވެ. މައުވާގެ ދެލޮލުން މިވަގުތު ކަރުނަ ނައެއްކަމަކު އޭނާގެ ދެލޮލުގެ ވިދުމުގައި އެ ހުރީ ހިތާމައިގެ އަސަރެކެވެ. ރަތްވެފައިވާ ލޯ ބުނެދެމުން ދިޔައީ މައުވާގެ ހިތުގެ ޙާލަތެވެ. އެ ކަޅުކަން ގަދަ ދެލޮލުގައި އެވަނީ ކޮންފަދަ ވޭނީ ތަސްވީރެއް ހެއްޔެވެ؟ އެ ދެލޮލަށް މާ ގިނަ އިރު ބަލަހައްޓައިގެން އިންނަން އަފްނާން ނުކުޅެދުނީ އެހެންވެކަންނޭނގެއެވެ. މައުވާގެ އެ ތަކުލީފުތައް ބެލުމަށް އަފްނާންއަށް ކެތްނުކުރެވޭ ފަދައެވެ.
އަފްނާންގެ ހިތްވަރު ބަސްތަކުގެ ސަބަބުން މައުވާގެ ހިތުގައި ގަނޑުފެން އަޅާލަ ދިން ފަދައެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެހެންވެގެންނެވެ. މައުވާ ކާން ފެށުމުން އަފްނާން ވެސް އޭނާ ނެގި ކޮފީއިން އެތި ފޮދެއް ބޯލިއެވެ. މައުވާއަށް ބަލަހައްޓައިގެން އޭނާއަށް އިރުކޮޅެއް ވަންދެން އިދެވުނެވެ. އޭރު ތަފާތު ޚިޔާލުތައް އޭނާގެ ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ.
"ތެންކިޔު އަފޫ. އެންޑް ސޮރީ." މައުވާ އެހެން ބުނެލިއިރު އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ޝުކުރު އަދާކޮށްފައި މާފަށް އެދުނު ސަބަބު ނޭނގޭތީ އަފްނާން އެކަމާ ބެހޭގޮތުން މައުވާއާ ސުވާލުކުރިއެވެ.
"ކިހިނެއްވެގެން ސޮރީ ތި ބުނީ؟" އަފްނާން ސުވާލުކޮށްލިއެވެ.
"އަހަންނަށް އަފޫއާ ދޭތެރޭ ގޯސްކޮށް ހީކުރެވުނީމަ. އަހަރެން ހީކުރީ އަފޫ އަހަންނާ ދޭތެރޭ ސީރިއަސްއެއް ނޫނޭ." މައުވާ އިސްޖަހާލި އެވެ.
"ދެން އެކަމާ މިވަގުތު ނުވިސްނާ…" އަފްނާން ބޭނުންވީ މައުވާގެ ހިތްހަަމަ ޖައްސައިދޭށެވެ. އެހެންކަމުން އޭނާ ހިނިތުންވެލާފައި އޯގާތެރި ރާގެއްގައި ބުނެލިއެވެ. މައުވާ އަފްނާންއަށް ބަލާލިއެވެ. އަފްނާންއަށްޓަކައި އޭނާގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. އޭނާ ބޭނުންވަނީ އަފްނާންއާ ވީ އެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. ބައްޕަ ރަނގަޅުވިހާ އަވަހަކަށް އެ ވާހަކަ އަފްނާންއާ ދައްކަން އެ ހިނދު މައުވާ ހިތުލިއެވެ.
ދެމީހުން ކައި ނިންމާލައިގެން ދިޔައީ ރާމިޒާއަށްވެސް ކާއެއްޗެއް ހިފައިގެންނެވެ. މައުވާ އެ އެއްޗެހި ރާމިޒާއަށް ދިއްކޮށްލުމާއެކު ރާމިޒާ އޭގައި ހިފާފައި ކައިރީގައި ހުރި ގޮނޑިމަތީގައި ބެހެއްޓީ، ފަހުން ކާނެ ކަމަށް ބުނެ އެވެ. އެހެންނަމަވެސް، މިފަހަރު މައުވާ ހުރީ ދޫދޭގޮތަކަށް ނޫނެވެ. އޭނާ އެ ކޮތަޅު ހުޅުވާ އޭގައި އޮތް ސޭންޑްވިޗް ނަގާފައި ރާމިޒާއަށް ދިއްކޮށްލިއެވެ. ރާމިޒާ ދެފަހަރަކު ދެކޮޅު ހަދާފައިވެސް އެންމެ ފަހުން އޭގައި ހިފިއެވެ.
އަފްނާން ހޮސްޕިޓަލުން ނުކުތީ ފަތިސް ނަމާދަށް ގޮވި ފަހުންނެވެ. އޭނާ ގެއަށް ގޮސް އެނދުގައި އޮށޯވެލުމާއެކު އަނެއްކާވެސް މައުވާގެ ހަނދާންތައް ގޯނާކުރަން ފަށައިފިއެވެ. ނުވިސްނަން އުޅުނު ނަމަވެސް، ވިސްނެނީއެވެ. ސިކުނޑި ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެންނެވެ. ތަފާތު އެކި އެކި ވިސްނުންތަކުން އޭނާގެ ސިކުނޑީގެ ހަމަޖެހުންވެސް ވަނީ ނަގާލާފައެވެ. ހިތަށް ތަސައްލީއެއް ލިބެނީ އެއް ނޫނެވެ. ލިބެނީ ނުތަނަވަސްކަމެކެވެ. ސިކުނޑި ގޮވަމުން ދަނީ އެންމެ ކަމަކަށެވެ. އެ ދަނޑިވަޅު މައުވާ އެކަނިކޮށްނުލުމަށެވެ.
*****
ވަސީމް އައިސީޔޫގައި ހަފްތާއެއް ވަންދެން ބޭއްވުމަށްފަހު، ވާރޑަށް ބަދަލުކުރަން ނިންމީ ޙާލު ރަނގަޅުވުމުންނެވެ. ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނު ދުވަހުގެ އެ ވަގުތު ވީ އިއްތިފާޤަކުން އަފްނާންއަށްވެސް އެތަނުގައި ހުރެވުނު ވަގުތަކަށެވެ. މައުވާ އަފްނާން އޭނާގެ ބައްޕަ ވަސީމްއަށް ތަޢާރަފްކޮށްދިނީ އެ ދުވަހުއެވެ. އަފްނާން ފެނުމުން ވަސީމް އަފްނާންއާ ސަލާމްކޮށްލިއެވެ. އަދި ގޮނޑީގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. އޭރު އެތަނުގައި ހުރި ސޯފާގައި މައުވާއާއި ރާމިޒާއާ ދެމީހުން ވެސް އިށީނދެލައިގެން ތިއްބެވެ.
"އަފްނާން ދޯ ކިޔަނީ…" ވަސީމް ވާހަކަ ފެށިއެވެ.
"ލައްބަ." ހިތްއަވަސްވެފައިވާ ޙާލު އަފްނާން ޖަވާބު ދިނެވެ. މަޑުމަޑުންނެވެ.
"މައުވާ އަކީ ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅު. އެ ދަރިފުޅަށް ދެރަގޮތެއް ވާކަށް ބައްޕަ ދުވަހަކުވެސް ނޭދެން." އަފްނާންއާ ހަތަރު ކަޅި ހަމަކޮށްލަމުން ވަސީމް ބުންޏެވެ.
"މި ނޫނީ މައުވާ ދުވަހަކުވެސް ފިރިހެން ކުއްޖަކު ބައްޕަމެންނަށް ތަޢާފަރްކޮށްދީފައެއް ނުވޭ. އަފްނާން ޚާއްސަވަނީ އެހެންވެ. އަފްނާންއަކީ ގޯސް ކުއްޖެކޭ ބައްޕަގެ ހިތެއް ނުބުނޭ. މައުވާއަށް ދެރަގޮތެއް ނުހަދައްޗޭ." ވަސީމްގެ އަޑުން އޭނާ ކަންބޮޑުވެފައިވާ މިންވަރު ހާމަވެއެވެ.
"ލައްބަ." މިފަހަރުވެސް އަފްނާންގެ ޖަވާބު ކުރެވެ. ހީވަނީ ވަސީމްއާ ވާހަކަ ދެއްކުމަކީ އޭނާއަށް އުނދަގޫކަމެއްހެންނެވެ.
"އަފްނާންއަކީ ގޯސް ޒުވާނެކޭ ބައްޕަގެ ހިތެއް ނުބުނޭ. ބައްޕައަށް އެނގޭ ގޯސް މީހެއް ނަމަ މި ވަގުތު މައުވާއާ އެކު ނުހުންނާނެކަން. އެހެންވީމަ ބައްޕަ ބޭނުންވަނީ މައުވާގެ ކައިވެނި ކުރުވަން. ވީ އެންމެ އަވަހަކަށް އަފްނާންގެ އާއިލާއާ މި ވާހަކަ ދައްކަން." ވަސީމްގެ ވާހަކައިން އަފްނާންއަށް ލިބުނު ޝޮކާއެކު ބަލައިލެވުނީ މައުވާއަށެވެ. އޭރު މައުވާއަށްވެސް ލިބުނު ޝޮކާއެކު އަފްނާންއަށް ބަލަހައްޓައިގެން އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ބައްޕަ އެހާ އަވަހަށް އަފްނާން އާ އެފަދަ ވާހަކައެއް ދައްކަފާނެކަމަށް އޭނާއަށް ފަހަރެއްގައިވެސް އުންމީދުކުރެވިފައެއް ނުވެއެވެ. އެހާ ބޮޑަށް ހައިރާންވީ އެހެންވެގެންނެވެ.
"ބައްޕާ." ހަމަހޭވެރިކަން ވުމާއެކު މައުވާއަށް އެ ދިމާލަށް ދެވުނެވެ. އެއާއެކު އަފްނާންވެސް ގޮނޑިން ތެދުވެލިއެވެ.
"ކިހިނެއްވީ؟ ދަރިފުޅުމެން ހިތްހަމަ ނުޖެހުނީތަ؟ ކީއްކުރަން ރައްޓެހިވެގެން އެހާ ގިނަ ދުވަހު އުޅެންވީ. މިހާރު ދެ ކުދިން ތި ތިބީ ކައިވެންޏެއް ފަށާ ހިސާބަށް ގޮސްފައެއްނު. ދެން ކީކުރަން ލަސްކުރަންވީ؟ ދޯ ރާމިޒާ!" ވަސީމް ރާމިޒާއަށް ބަލައިލިއެވެ. އެއާއެކު ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ބުނާކަށް ރާމިޒާއަކަށް ނުކެރުނެވެ.
"މަންމަވެސް އެބުނީނު." ވަސީމް އަނެއްކާވެސް ބުނެލިއެވެ. އެއާއެކު މައުވާ އޭނާގެ ބައްޕަގެ އަތުގައި ހިފައްޓާލިއެވެ. އޭނާއަށް ވަސީމްގެ ދެލޮލުން ފެނުނީ ވަރަށް ފުން އަސަރުތަކެވެ. އެ ދެލޮލުން ވޭން އޭނާއަށް ފެނުނެވެ. ހަމައެއާއެކު އޭނާއާ މެދު ކަންބޮޑުވެފައިވާ މިންވަރުވެސް އޭނާއަށް ފާހަގަވިއެވެ.
ހަޤީގަތުގައި ވަސީމް ބޭނުންވަނީ، އޭނާ މި ދުނިޔެއާ ވަކިވުމުގެ ކުރިން މައުވާއަށް ހެޔޮލަފާ ރަނގަޅު މީހެއްގެ ހިމާޔަތްދޭށެވެ. އޭރުން އޭނަ ނެތް ދުނިޔެއެއްގައިވެސް މައުވާ ބިކައެއް ނުވާނެއެވެ. ޑޮކްޓަރުން ބުނެފައިވަނީ އޭނާ ދެން އުމުރު ދުވަހަށް ބޭސް ކާން ޖެހޭނެކަމުގައެވެ. އަދި ފަރުވާކޮށް ރަނގަޅުވިނަމަވެސް، އަނބުރާ ކުރީގެ ސިއްޙަތަށް ފަހަރުގައި ނުގޮސްފާނެކަމުގައެވެ. އޭނާގެ ބަލި ޙާލަތު ހުރި ގޮތުން ޖަޒުބާތުގައި ޖެހި އެ ހުރިހާ ވާހަކައެއް ދެއްކި ނަމަވެސް، ވަސީމްއަށް ވެސް އެއީ އޭނާގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތްކަން އެނގެއެވެ. މައުވާއަށް ބަލައިލެވުނީ އަފްނާންއަށެވެ.
"ބައްޕަ ބޭނުން އަފްނާންގެ އާއިލާއާ ބައްދަލުކުރަން."
(ނުނިމޭ)