"މަރުގެ ލިސްޓުގައި ތިބާގެ ނަން އޮތް ތަރުތީބު އެނގޭނަމަ އެކަކު އިސްލާހު ނުވިޔަސް ތިބާގެ ނަފުސް އިސްލާހުކޮށް އާޚިރަތަށްޓަކާ މަސައްކަތްކުރާނެއެވެ. ހިތާމައަކީ ކުއްލި މަރުތައް ގިނަވާއިރުވެސް އެންމެން ދުނިޔޭގެ އުފާތަކަށް ހެއްލި ޣާފިލުވެފައި ތިބޭކަމެވެ. ދުނިޔެއަށް ފޮނުއްވި މަގުސަދު ހަދާން ނައްތާނުލާ އަޅުކަމަށް އިސްކަން ދީފައި ދުނިޔަވީ ކަންތައްތަކުގައި މަޝްޣޫލުވާށެވެ."
***
އުހުޝަލްގެ ހިތް ގެނބުނީ ކެނާން ފެނުން މައްޗަށް އެރިތަން ނުފެނުމުންނެވެ. ކޯސްޓުގާޑުގެ ފީނާ މީހުން ހަލުވިކަމާއެކު އަޑިޔަށް ފީނައި ކެނާން ނެގުމަށް މަސައްކަތްފެށިއެވެ. އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެން ދުޢާކުރުމުގައެވެ. ފަނަރަ މިނިޓުގެ ތެރޭގައި ފެނުން މައްޗަށް ނެގީ ކެނާންއެވެ. އޭނައޮތީ ހޭނެތިފައެވެ. ހަންގަނޑު ހުދުވެ ތުންފަތްވެސް ނީލަމް ކުލައަށް ބަދަލުވެފައެވެ.
ކެނާން އަށް އަވަސް ފަރުވާ ދެމުން ދިޔައީ ކޯސްޓް ގާޑު ލޯންޗު ތެރޭގައެވެ. ކޯރުގެ މެދުގައި އެ ލޯނޗު މަޑުޖައްސާލާފައި އޮތް އިރު ސިއްހީ އެހީތެރިން އަވަދިނެތި އުޅުނީ އޭނަގެ ފުއްޕާމެޔަށް އެޅިފައިވާ ފެން ބޭރުކުރުމުގައެވެ. ކުއްލިއަކަށް، އޭނަ ގަދައަށް ކެއްސަން ފެށިއެވެ.އަދި އަނގައިން ފެނާއި ހޮޑު ބޭރުވާން ފެށިއެވެ. އެކަމަކު ނޭވާލަން އުނދަގޫވެފައިވާކަން އެނގުނެވެ. އުނދަގޫ ކަމާއެކު ލޮލުގެ އެސްފިޔަތައް ޖަހަން މަސައްކަތްކުރިއެވެ.
"ކެން..ކެން...." ހުޝަލް ފާލަން މަތީގައި ހުރެ ހިތްވަރުދިނެވެ. "ސްޓޭ ވިތް އަސް........"
ކެނާންގެ ފައި އޭރުވެސް އަކުނިވަޔަށް ދަމަމުން ދިޔައެވެ. އެ ވޭނުގައި ކޮންމެވެސް ވަރަކަށް ސަމާލުކަން ގެއްލުނު ނަމަވެސް އޭނައަށް ނަޒަރު ހުއްޓައިލެވުނީ އުރުޖުވާންއާއި ދިމާލަށެވެ. އުރްޖުވާން އަނެއް ސްޓްރެޗަރުމަތީގައި އޮތްއިރު ވޭނާއި ހަގުރާމަކުރަން މަސައްކަތްކުރާކަން އެނގުނެވެ. އޭނަގެ ނޭވާލުން ހުރީ ބާރުވެފައެވެ.
"ކެނާން....ކެނާން..." އުރުޖުވާން އަށް ކުކުރާލެވުނެވެ. މާޒިމް އޭނާގެ އަތުގައި ހިފހައްޓާއިލައިގެން ހުއްޓަސް ކިޔާ އެއްޗެއް ސާފުވީ ކިރިޔާއެވެ.
" އުރޫޖް...ހި ވިލް ބީ ފައިން...." މާޒިމް ޔަގީންކަން ދިނެވެ. އުރުޖުވާން ގެ އަމިއްލަ ހާލަތާއި ވޭނަށް ވުރެ ކެނާން އާއި މެދު ވިސްނައި ފިކުރުކޮށް އިތުރަށް ބަލިވުމަށް މާޒިމް ނޭދެއެވެ.
ތޫފާން އިތުރު ރުޅިވެރިކަމާއި ފޯރިއާއެކު އޭގެ ނުރައްކާތެރިކަން ދައްކަމުން ދިޔައީ ހިތްތަކަށް ބިރުވެރިކަން ވަންނާނެ ފަދައިންނެވެ. ގުގުރުމުގެ އަޑު ގަދަވަމުން ދިޔައިރު، ވިދުވަރުގެ އަލިކަމުން ލޯތައް ކަނުވާފަދައެވެ. އެ ހަލަބޮލި މަންޒަރުތައް ލޯތައް ވެސް މަރާލަން މަޖުބޫރުކުރުވާފަދަ ވަގުތުކޮޅުތަކަކަށް ވިއެވެ. ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރޭގައި އެންމެން ތެމެމުންދިޔައިރު، ރޭގަނޑުގެ ހަމަހިމޭންކަން މުގުރަމުން ދިޔައީ ވައިގެ ޒޫމް އަޑުންނެވެ. މަޚުލޫގެއްގެ ބިރުވެރި ހަޅޭކެއްގެ އަޑުފަދައިންނެވެ. އިތުރަށް ދަތުރުކުރުމަކީ އޮތް އިޚްތިޔާރެއް ނޫނެވެ. ކޯރުގެ އޮއި މާ ނުރައްކާތެރިވެފައި ވިއްސާރަ މަޑުވާނެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކޯސްޓް ގާޑުގެ ލޯންޗު ރާޅުތަކުގެ މަތީގައި ދެކޮޅަށް ކިރެމުން ދިޔައިރު ބަންޑުން ޖަހާލާފާނެފަދައެވެ.
" ދެން ނެތް އެހެން ގޮތެއް...ދަރިފުޅު ވިއްސަން ތައްޔާރުވާންވީ...." ޑޮކްޓަރު ލަފާދިނެވެ. މާޒިމް އޭނާގެ ހިތާއި ދެކޮޅަށްވެސް އެކަމަށް އެއްބަސްވާން ޖެހުނެވެ. އެނޫން އިޚުތިޔާރެއް ނެތުމުންނެވެ. ބޭރުގައި އޮތް ވިއްސާރައެކޭ އެއްފަދައިން ބޯޓުގެ ހަނު ޖާގައިގާ ތިބި އެންމެންގެ ހިތްތަކުގައިވެސް ހާސްކަމާއި ކަންބޮޑުވުމެވެ.
ޑޮކްޓަރު ކެނާންއާ ދިމާއަށް ބަލާލާފައި މޫނުމަތި ބަނަކޮށްލިއެވެ.
" ނާރުތަކަށް ބާރުވެފައި ވުމުން ލޭ ދައުރު ނުވެ ގިނަ އިރުތަކެއް ވެއްޖެ......ދަ ނެކްސްޓް ފައިވް މިނިސް އިޒް އިމްޕޯޓެންޓް....އިފް ނޮޓް...." ޑޮކްޓަރު އަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރަން އުނދަގޫ ވިއެވެ.
އުރްޖުވާން ބަލިކަށިކޮށް ކެނާންއާ ދިމާއަށް ބޯ އަނބުރާލިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
"މާޒް..... ޕްލީޒް ސޭވް ހިމް...." އޭނާގެ އަޑު މަޑުވެފައި ނާއުއްމީދުކަމުން ފުރިފައިވިއެވެ. ކޮންމެ ލަފުޒަކީ ހިތާއި ފުރާނައިން އެދޭ އެދުމެކެވެ.
މާޒިމްގެ ކަރުގައި އެއްޗެއް ތާށިވީހެން ހީވިއެވެ. އޭނާ ތުރުތުރުއަޅަމުންދިޔަ އަތްތިލަ ކެނާންގެ ކޮނޑުގައި ބާއްވާފައި، ހާސްކަމާއެކު ވާހަކަ ދެއްކިއެވެ.
"އައި ކާންޓް ޗޫޒް ލައިވްސް އެޓް ދިސް މޮމެންޓް....." އޭނަ ކެނާން އަށް ހަމްދަރުދީގެ ނަރޒަކުން ބަލައިލިއެވެ. އަދި މާފްކުރުމަށް އެދުނެވެ.
" ސޭވް...ހާ....." ކެނާން އުނދަގުލުން ބުނެލިއެވެ. މާޒިމް އަށް ކެނާން ގެ ލޮލުގައި އުރުޖުވާން އަށްޓަކައި ވާ ލޯބި އެހިނދކޮޅު ޔަގީންކުރެވުނެވެ.
ބޯޓުގެ ލޮޅުން އިތުރުވާންފެށިއެވެ. ބޮކިތައް ނިވިދިއްލެމުން ގޮސް އޭގެ ކަރަންޓުވެސް ކެނޑުނެވެ. ބައްތިތައް ދިއްލުނު ވަގުތު އެންމެންގެ ލޯތައް ކުރިމަތީގައި އެނބުރެމުންދިޔައީ ބިރުވެރި ދިގު ހިޔަނިތަކެކެވެ. ހީވީ އަނދިރީގެ މައްޗަށް އަދިރިގަނޑެއް ފޭބީހެންނެވެ.
ނަރުހުންގެ އަތްތައް ތުރުތުރުއަޅަމުން ދިޔައިރު، އުރްޖުވާނަށް އަނެއް ވޭނާއި ކުރިމަތިލާން އެހީތެރިވިއެވެ.
"ވީ ނީޑް ޓު މޭކް އިޓް ފާސްޓް....އިފް ނޮޓް...ޝީ ވޯންޓް މޭކް އިޓް......"
އުރްޖުވާން ވޭނާއި ހަގުރާމަކުރަން މަސައްކަތް ކުރަމުން ލޯ މަރައިލައި، މާޒިމްގެ އަތުގައި ހިފެހެއްޓިއެވެ. ނުފެންނަ މަޚުލޫގެއްގެ ބިރާއިއެކު ދަރިފުޅު ގެއްލިދާނެކަމުގެ ބިރު އެކުވެގެން ދިޔައެވެ. ވިއްސާރައިގެ އަޑުގެ ތެރެއިން އެންމެނަށް ތަފާތު އަޑެއް އިވުނެވެ. ބިރުވެރި ތަފާތު ރޫހާނީ އަޑެކެވެ.
އެއީ ވައިރޯޅިތަކުގެ އަޑެއް ނޫނެވެ. އެއީ ތޫފާނީ އަޑެއްވެސް ނޫނެވެ. އެއަށްވުރެ ބިރުވެރި އަނދިރި އަދި ނުބައި އެއްޗެކެވެ.
އުރްޖުވާން ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއިރު ލޮލުގެ ކޮޅުން ކަރުނަ ތިކިތައް ފައިބަމުން ދިޔައެވެ. ކެނާންއަށް ލިބެމުން ދިޔަ ވޭނުގެ ތެރެއިންވެސް މަޑުމަޑުން ޤުރުއާން ކިޔަވަން ފެށިއެވެ. އޭނާގެ އަޑު ކުޑަކޮށް ތުރުތުރު އެޅިއެވެ. އެވަގުތު އަނދިރި ހިޔަނިގަނޑެއް އުރްޖުވާންއާއި ކައިރިވެލިއެވެ. އެ އަނދިރިގަނޑު ހުއްޓުނީ އޭނާގެ ބަނޑުގެ މަތީގައެވެ. އޭނަގެ ލޮލުން ބިރުވެރިކަން ފެނުނެވެ. ހަޅޭއްލަވަން އުޅުނަސް އަނގައިން އަޑެއް ނުނިކުތެވެ. އެއާއެކު މުޅި ހަށިގަނޑުން ތުރުތުރުއަޅަން ފެށިއެވެ.
"ފަރަހް..." މާޒިމް އަށް އޭނާގެ ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ.
ކުއްލިއަކަށް އުޑުމަތިން ވިދުވަރެއް އެޅިހެން، ލޯ ހުޅުވަން އުނދަގޫ ވާ ވަރުގެ އަލިކަމެއް ފެތުރިގެން ދިޔައެވެ. އެ އަލިކަން އަނދިރި ހިޔަނިތަކުގެ ތެރެއަށް ވަދެގަތީ ތޫނު ލޮންސިއެއްހެންނެވެ. ވައިގެ ތެރޭގައި އެ އަލިގަނޑު އެނބުރެމުން ދިޔައެވެ.
ސިކުންތެއްގެ ތެރޭގައި އެ ހިޔަނިގަނޑު ފަހަތަށް ދެމިގަތްއިރު ދުރުން ނުބައި ހަޅޭކެއްގެ އަޑު ފަޒާގައި ހަރުލިއެވެ. އަދި އެ ހިޔަނި ކުދިކުދިވެގެން ދިޔަހެން އެކި ދިމާލަށް ދަމައިގަތެވެ. އެ އަލިކަމުގެ ވަރުގަދަކަމާ ކުރިމަތިލާން ނުކުޅެދިގެންނެވެ. އެންމެ ފަހުން ވޭނީ އަޑެއްގައި ބަރު އެއްޗެއް ވެއްޓުނު އަޑު ވިއްސާރައިގެ ގަދަ އަޑުގެ ތެރެއިންވެސް އިވުނެވެ. ހަމަ އެ ހިނދުކޮޅުގައި އެހިސާބުގެ އަޑުތަކުގެ ތެރެއަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިތުރުވިއެވެ.
ކެނާން އަދިވެސް ޤުރުއާން ކިޔަވަމުން ދިޔައެވެ. އޭނާގެ އަޑު މަޑުމަޑުން ދަށްވަމުން ދިޔައިރު ގުރުއާނުގެ ބަރަކާތް އެތަނުގައި ފެތުރިގެން ހިގައްޖެއެވެ. އެތަނަށް ފެތުރުނު އަލިކަން ކުޑަ ވަގުތުކޮޅަކަށް ދެމިހުރެފައި ފަނޑުވަމުންދާ ތަރިއެއްހެން ގެއްލުނެވެ. ހުއްޓުމެއް ނެތި ވެހެމުން އައި ވިއްސާރަ މަޑުވެއްޖެއެވެ. އުޑުން އެމީހުންނަށް ރަޙުމްކުރި ކަހަލައެވެ.
އުރްޖުވާންގެ ތުންފަތުން މަޑު އާހެއްގެ އަޑު އިވުނެވެ. ވިހެއުމުގެ ވޭނުން ބަލިކަށިވެފައިވާ އޭނާގެ ހަށިގަނޑަށް އެންމެ ފަހުން ހިމޭންކަމެއް ލިބުނެވެ.
މާޒިމްގެ އަތުގެ ތެރޭގައި އޮތް ކުޑަކުއްޖާގެ ނާޒުކު ހަށިގަނޑު މޭގައި ޖައްސާލައިގެން ހުރީ ފަރުވާތެރިކަމާއެކުގައެވެ. އޭނަގެ ނޭވާ ހުއްޓުނެވެ. ވިއްސާރައާއި އަނދިރިކަމުން ސަލާމަތްވެފައިވާ އެ ކުޑަކުއްޖާއަށް ބަލަމުން އުފަލާއި ކާމިޔާބުގެ އިޙްސާސް އޭނާގެ ހިތަށް އެރިއެވެ. މައުސޫމް ކަމުން ފުރިފައިވާ ކުޑަ މޫނެކެވެ. ރަތް މަލެއްގެ ފިޔަފަދަ ތުންކޮޅު ލޮވެލަމުން ލޮލުގެ ދިގު އެސްފިޔަތައް ހުޅުވައިލަމުން ބައްޕައާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މާޒިމްގެ ލޯ ދިއްލުނީ ލޯބީގެ އަލިކަމުންނެވެ. އުފަލުގެ ކަރުނަ އިން ފުރުނެވެ. ނަމަވެސް އެ ސާފު އުފަލުގެ ވަގުތުގައިވެސް އޭނާގެ ހިތުގައި ކޮއްޓަމުން ދިޔައީ އެހެން އުދަގުލެކެވެ.
" ވީ އާ ލޫޒިން ކެނާން....." ޑޮކްޓަރު އެންމެންގެ ސަމާލުކަމަށް ގެނައެވެ. ކޯސްޓު ގާޑުން އަވަދިނެތި މަސައްކަތްކުރަމުން ދިޔައީ ލޯންޗު ދުއްވުމަށެވެ.
އެ އަޑު ކަންފަތުގައި ޖެހުމުން މާޒިމްގެ ހިތުގެ ތެޅުން އިތުރުވިއެވެ.
ކޯސްޓްގާޑު ލޯންޗުގެ ވަރުގަދަ އަލިކަން ކޯރުގެ މައްޗަށް އެޅުނު ވަގުތު އެންމެން ހައިރާންވެ ހުއްޓުން އެރިއެވެ. ކޯރުގެ ފެން މަތީ އުފުލާލާފައި އޮތީ ފުރާނަނެތް ހަށިގަނޑެކެވެ. ކޯރުގެ އޮއިވަރުގައި ހަށިގަނޑު ދަމަމުން ދިޔައެވެ. އަތް އޮތީ ބުދެއް ފަދައިން ދޫވެފައެވެ. އެންމެންގެ ހިތް ފިނިވާގޮތްވިއެވެ.
ނުނިމޭ