"މެއަށް ތަދެއް އަރާހެންވެސް އެބަ ހީވޭ…" ވަސީމްއަށް އުނދަގުލުން ބުނެވުނެވެ.

ވަސީމްއަށް ވަމުންދިޔަ ގޮތުން މައުވާއަށް ބިރުން ހުރެ ބާރަކަށް ރާމިޒާއަށް ގޮވަން ފެށުނެވެ. އޭރު މަޑުމަޑުން ވަސީމްގެ ނޭވާ ހުއްޓެމުންދާހެން ވެސް އޭނާއަށް ހީވާން ފެށިއެވެ. އެއާއެކު ކުރިން ގޮވި ވަރަށް ވުރެ ބާރަށް އޭނާ ރާމިޒާއަށް ގޮވަން ފެށިއެވެ.

އަވަސްއަވަސް ކޮށްލައިގެން ރާމިޒާ ނުކުތީ މައުވާ ގޮވާ އަޑަށެވެ. އޭނާ ނުކުތްއިރު، ވަސީމް އޮތީ ސޯފާމައްޗަށް ދެމިފައި ކަހަލަ ގޮތަކަށެވެ. އޭރު މައުވާ ވެސް ރޮމުން ދިޔައެވެ. ރާމިޒާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާ ބާރު ފިޔަވަޅުތަކެއްގައި ގޮސް ވަސީމްގެ ކައިރީގައި ހުއްޓި ވަސީމްއަށް ގޮވަން ފެށިއެވެ.

"ވަސީމް… ވަސީމް… ކިހިނެއްވީ؟ ދަރިފުޅާ އެންބިއުލާންސްއަށް ގުޅާބަލަ." ރާމިޒާ މައުވާއަށް ބަލައިލިއެވެ. މައުވާ އޭނާގެ ފޯނުން އެންބިއުލާންސްއަށް ގުޅަން އުޅުނު ވަގުތު އޭނާގެ އަތުގެ ތުރުތުރުލުމުގެ ސަބަބުން އެކަން ކުރަން އުނދަގޫވި ނަމަވެސް، ހިތްވަރުކޮށްފައި އެންބިއުލާންސްއަށް ޑައިލްކޮށްލިއެވެ. އެކޮޅުން އެންބިއުލާންސް ފޮނުވާކަމަށް ބުނުމާއެކު މައުވާ ފޯނު ބާއްވަމުން ވަސީމްއަށް ސަމާލުކަން ދިނެވެ. ވަގުތުގެ ނާޒުކުކަމުން ދެން ކުރާނީ ކީއްކަމެއްވެސް މައުވާއަކަށް ނޭނގުނެވެ. ގޮތްހުސްވެފައިވާ ޙާލު އޭނާއަށް އިންތިޒާރުކުރެވެމުން ދިޔައީ އެންބިއުލާންސް އަންނާނެ އިރަކަށެވެ.

އިރުކޮޅެއްފަހުން އެންބިއުލާންސްގެ ސައިރެންގެ އަޑު އިވެން ފެށިއެވެ. މައުވާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

އެމީހުން މައްޗަށް އެރުމަށްފަހު، ސްޓްރެޗާރގައި ވަސީމް ތިރިއަށް ގެންގޮސް އެންބިއުލާންސްއަށް އެރުވިއެވެ. އެއާއެކު، މައުވާއާއި ރާމިޒާއާ ދެމީހުންވެސް އަރާ އިށީނެވެ. އޭރު އަވަސް ފަރުވާދޭ މީހުން ވަސީމްއަށް ފަރުވާދޭން އުޅެއެވެ. ސީޕީއާރް ދެމުންދިޔަ ވަސީމްގެ އެއްވެސް ހަރަކާތެއް އޭރަކު ނެތެވެ. އެމަންޒަރު ފެނި ރާމިޒާއަށް ރޮވެމުން ދިޔައިރު މައުވާއަށް ވެސް ރޮވެނީއެވެ. އެހެންނަމަވެސް، އަމިއްލަ ޖަޒުބާތުތައް ހަމައަަކަށް އަޅުވަން މަސައްކަތްކުރަމުން އޭނާ މަސައްކަތްކުރީ ރާމިޒާއަށް ހިތްވަރުދެވޭތޯއެވެ. އެންބިއުލާންސް އޭގެ އެންމެ ބާރު ސްޕީޑުގައި ގޮސް އެމަރޖެންސީ ބައިގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު ޕެރެމެޑިކުން ހުޝިއާރުކަމާއެކު، ސްޓްރެޗާރގައި ވަސީމް ގެންގޮސް އެމަރޖެންސީއަށް ވެއްދިއެވެ. ރާމިޒާއާއި މައުވާއާ ދެމީހުންވެސް ގޮސް އެތަނުގައި މަޑުކޮށްލިއެވެ. ސްޓްރެޗާއިން އެނދަކަށް ވަސީމް ލީ އިރުވެސް އެމީހުން ދިޔައީ ކެނޑިނޭޅި ވަސީމްއަށް ސީޕީއާރު ދެމުންނެވެ. ފަރުދާތައް ދަމާލުމުން ރާމިޒާއާ މައުވާއާ ދެމީހުންނަށް އެ މަންޒަރު ފަރުދާވި ނަމަވެސް، ޙާލަތުގެ ނާޒުކުކަން އެ ދެމީހުންނަށްވެސް އިޙްސާސްކުރެވުނެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކީ ވަސީމްއަށް މުހިންމު ސިކުންތެއްކަން އެ ދެމީހުންނަށްވެސް އެނގެއެވެ. ދެކޮޅަށް ހޭލަމޭލަވެ އުޅެން ފެށި ނަރުހުންނާއި ޑޮކްޓަރުންގެ އަމަލުތައް ހުރި ގޮތުން ރާމިޒާއަށް ކޮޅަށް ހުންނަން ވެސް ދަތިވެގެން ދިޔައެވެ. ވަސީމްގެ ޙާލަތު އެވަނީ ވަރަށް ނާޒުކު ފައްތަރެއްގައިކަން އޭނާއަށް ނަގައިގަނެވުނެވެ. އެއްފަރާތު ފާރުގައި ލެނގިލައިގެން ހުއްޓާ ޑޮކްޓަރަކު ވަސީމްގެ އެހީތެރިއަކަށް ގޮވާލުމުން ރާމިޒާ މައުވާއާއެކު އެ ދިމާލަށް ދިޔައެވެ.

ޑޮކްޓަރު ބުނީ ވަސީމްއަށް ހާރޓްއެޓޭކެއް ޖެހުނީކަމުގައެވެ. އަދިވެސް ސީޕީއާރު ދެމުން ދާކަމަށާއި، ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު ވަސީމްގެ ފުރާނައަށް ނުރައްކާވެދާނެކަމުގައެވެ. އަދި މިވަގުތަށް ދެވެން އޮތް ހުރިހާ ފަރުވާއެއް އެމީހުން ވަސީމްއަށް ދެމުން ދާކަމުގައެވެ.

"އެކްސްކިއުސް މީ." ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ކުޑަ ތަފްސީލެއް ދީފައި ޑޮކްޓަރު ދިޔުމުން ރާމިޒާއަށް ގިސްލެެވެން ފެށިއެވެ. ރޮވެމުން ދިޔަ ޙާލު މައުވާ ހިތްވަރުކުރަމުން ދިޔައީ ހަމައެކަނި، ރާމިޒާއަށް ޓަކައެވެ. މި ދުވަސްކޮޅު ބޭސް ފަރުވާގެ ކަމެއްގައި ޖާވިދުމެންވެސް ވީ ރާއްޖޭން ބޭރުގައެވެ. އެހެންކަމުން އެހީއަށް އެދި ގުޅާނެ މީހަކުވެސް އެ ދެމީހުންގެ ނެތެވެ. ރާމިޒާގެ ކަރުނަތައް ފުހެލާފައި ﷲ އަށް އިތުބާރުކުރަން މައުވާ ރާމިޒާއަށް ބުނެލިއެވެ. އެކަލާނގެ އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ. އެކަލާނގެ ނިންމަވާ ކޮންމެ ނިންމެވުމެއްގެ ފަހަތުގައި މަތިވެރި ޙިކުމަތެއްވާނެކަމަށް އޭނާއަށް ވިސްނެއެވެ. ރާމިޒާ ބޯ ޖަހާލާފައި ލޯ ފުހެލި ނަމަވެސް، ބަލިކަށިވެފައިވާ ހިތުގެ ކުރިމަތީގައި ކަރުނަތަކެއް އޭނާއަކަށް ނުހިފެއްޓުނެވެ.

އޭގެ އިރުކޮޅެއްފަހުން ޑޮކްޓަރު ނުކުމެ ވަސީމްގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ބުނެ ތިއޭޓަރއަށް އޭނާ ގެންދިޔައެވެ. އޮޕަރޭޝަނަށްފަހު، ދެން ގެންދެވުނީ އައިސީޔޫއަށެވެ. ރާމިޒާއާ މައުވާއާ ދެމީހުން އައިސީޔޫ ބޭރު ގޮޑިބަރީގައި އިށީނދެލައިގެން ތިބިއިރު، އެ ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ މަޑުމޮޅިކަމެވެ. އޭރު ދަންވަރު ބަރާޖަހާ ބޮޑުވެއްޖެއެވެ. ރާމިޒާ ކަރުހިއްކާ ވާހަކަ ބުނުމުން މައުވާ އެތަނުން ނުކުތީ ފެންފުޅިއެއް ގަނެލުމުގެ ބޭނުމުގައެވެ. ހޮސްޕިޓަލު ކެންޓީނުން ފެންފުޅި ގަނެގެން ހިނގައިގަތްފައި އޭނާ ފޯނަށް ބަލައިލިއެވެ. އޭނާ މިރޭ ވައިބާރއިން އަފްނާންއަށް ފޮނުވި މެސެޖަށް އަފްނާން ރިޕްލައިކޮށްފައި އޮތްތަން ފެނި އޭނާ އެ މެސެޖު ހުުޅުވާލާ ރަނގަޅަށް ކިޔާލިއެވެ.

"އަހަރެން ބައްދަލުކުރަން ބޭނުންނުވާ ސަބަބު ކުރިންވެސް ބުނިން. އަހަރެން އަދި ރެޑީއެއް ނޫން. ތިހާވަރަށް އަހަންނަށް ޝައްކުކުރެވެންޏާ އެކީ ތިއުޅެނީ ކީއްކުރަން؟" އަފްނާންގެ ހަރުކަށި އަޑު އެ މެސެޖުގެ ޒަރިއްޔާއިން މައުވާގެ ކަންފަތަށް ފޯރި ހިނދު އޭނާއަށް ފޯނު ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ހިތް ބަލިކަށިވެފައިވާ އެ ހިނދުކޮޅު އަފްނާންގެ އެ މެސެޖުން އޭނާއަށް އިތުރު ހިތްދަތިކަމެއް ދިނެވެ. އެވަގުތު ހިތް އެދި ގޮވަން ފެށީ އަފްނާންގެ އެހީތެރިިކަމަށެވެ. އަފްނާންގެ އޯގާތެރި ބަސްތަކަށެވެ ހިތްވަރުގެ ބަސްތަކަށެވެ. މި ނާޒުކު ދަނޑިވަޅު އަފްނާންގެ އެހީތެރިކަން އޭނާއަށް ބޭނުމެވެ. އެހެންނަމަވެސް އެ މެސެޖާއެކު މައުވާ ފަސްޖެހުނެވެ. މަންމަގެ ކައިރީގައި ކިތަންމެ ހިތްވަރު ކުރިނަމަވެސް، އޭނާގެ ނާޒުކު ހިތަށްވެސް އެބަ ތަސައްލީއެއް ބޭނުމެވެ. އަފްނާންގެ މެސެޖަށް ރިޕްލައި ކުރާނެހާ ހިތްވަރު ނުލިބުނީ އޭނާ އެޙާލަތުގައި ހުރިނަމަވެސް، މަންމަގެ ކުރިމައްޗަށް އަފްނާން ނާރާނެކަން ޔަޤީން ކުރެވުނުލެއް ބޮޑުކަމުންނެވެ. އަފްނާންގެ ފަރާތުން އިތުރުކަމަކަށް އުންމީދު ނުކުރުމަށް އޭނާގެ ހިތް ގޮވަން ފެށިނަމަވެސް، އަމިއްލަ ހިތުން އަދިވެސް އުންމީދުކުރެވެނީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހިތެއްގައި ލޯބި އުފެދުމަށްފަހު، އުންމީދަކީ އެ ލޯބީގެ ބާރުގައި އެއްވެސް އިޚްތިޔާރެއް ނެތި އުފެދޭ އެއްޗެކެވެ. ވީއިރު ލޯބި ހިތުގައި އޮއްވާ އުންމީދު ހިތުން ނެރެ އެއްލައިލާނީ ކިހިނަކުން ހެއްޔެވެ؟ މައުވާއަށް ވެސް ވެފައިވަނީ އެފަދަ ގޮތެކެވެ.

ފެންފުޅި ހިފައިގެން ގޮސް ރާމިޒާގެ ކައިރީގައި ހުރި ގޮނޑީގައި މައުވާ އިށީނެވެ. އޭރު ރާމިޒާ އިނީ ޖާވިދާ ފޯނުން ވާހަކަ ދައްކާށެވެ. ރާމިޒާ ފޯނު ކޯލު ނިންމާލުމުން އޭނާއަށް ފެންފުޅި ދިއްކޮށްލާފައި މައުވާ ވާހަކަ ދެއްކިއެވެ.

"ޖާވިދުބެތަ؟" މައުވާ ސުވާލުކޮށްލީ ފެންބޮއިގެން ރާމިޒާ ހަމަޖެހިލުމުންނެވެ.

"އާނ. ބުނި އަދިވެސް ހަފްތާއެއްވަރު ވާނެޔޯ މިކޮޅަށް އަންނަން." ރާމިޒާ ބުނެލިއެވެ.

"އިންޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅު ވާނެ. މަންމައެއްނު އަބަދުވެސް ބުނަނީ ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެޔޭ." މައުވާ ރާމިޒާއަށް ހިތްވަރު ދިނެވެ. އެއަށްފަހު، އޭނާވެސް ފެންފުޅިން އެތިފޮދެއް ބޯލިއެވެ.

*****

މެންދަމުން އަލިވެ ދޭއް ޖަހާ ބޮޑުވެއްޖެއެވެ. ނުނިދިފައި އެނދުގައު ފުރޮޅި ފުރޮޅި އޮތް އަފްނާން ފުންމައިގެން ތެދުވެ އިށީނެވެ. އެއަށްފަހު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އެއްފަރާތުގައި ބާއްވާފައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެވުނީ މެސެޖެއް އަންނާނެކަމުގެ އިންތިޒާރުގައި ކަންނޭނގެއެެވެ. އެންމެފަހުން އެއީ ވުން ނާދިރުކަމެއްކަން ވިސްނުނީ ކަންނޭނގެއެވެ. ފޯނު ނަގާ ވައިބާރ ހުޅުވާލާފައި އޭނާ މައުވާއަށް ކުރި މެސެޖަށް ބަލައިލިއެވެ. މީގެ ކުޑަ އިރުކޮޅެއްފަހުންވެސް އޮންލައިންވެފައި ވާކަން އެނގެއެވެ. މެސެޖު ބަލާފަވީ ނަމަވެސް އޭނާއަށް އެއްވެސް ޖަވާބެއް ނުދެއެވެ. ކެތްނުކުރެވުނު ފަދައަކުން އިތުރު މެސެޖެއް އަފްނާން ލިޔަން ފެށިއެވެ. ފުރަތަމަ ފަހަރަށް އަފްނާން ލިޔުނީ އޭނާއަށް ޖަވާބު ނުދެނީ ކީއްވެތޯއެވެ. އެހެންނަމަވެސް އެ މެސެޖު ފުހެލާފައި އޭނާއާއެކު އުޅެން ބޭނުން ނުވަނީތޯ ލިޔެފައި އެ މެސެޖުވެސް ފުހެލިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކު ފޯނު އެނދުމަތީގައި ބޭއްވިއެވެ. މައުވާއަށް އެއްވެސް ކަމަކުން ފަރަޤު ނުވަނީ ހެއްޔެވެ؟ އޭނާ ރުއްސުމަކީ ވެސް މުހިންމުކަމަކަށް ނުވަނީ ހެއްޔެވެ؟ މެސެޖަށް ޖަވާބު ނުދެނީ އެހެންވެގެން ހެއްޔެވެ؟

"މައުވާއަށް ނުވާވަރެއް ކީއްވެ ވަކި އަހަންނަށް ވާންވީ؟ ޔޫ ނޯ ވައި ޔޫ އާ ޑުއިން ދިސް." އަފްނާން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އޭނާ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް، އެގޮތުގައިވެސް އޭނާއަށް އިނދެވުނީ އިރުކޮޅެއްވަންދެނެވެ. މައުވާގެ މެސެޖެއް ނުލިބުމުން އެންމެފަހުން މައުވާއަށް ގުޅަން އޭނާ ނިންމިއެވެ. ހިތުގެ ބޭޤަރާރުކަން މިފަހަރުވެސް އަފްނާންގެ މައްޗަށް ކުރި ހޯދީ އެވެ.

ފުރަތަމަ ފަހަރަށް ގުޅުމުން މައުވާ ފޯނެއް ނުނަގައެވެ. އެކަމުން އަފްނާން ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އޭނާ އެގޮތަށް ތެޅުވުމަށް މައުވާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ އެ ގޮތަށް ބޭޤަރާރުވާން ޖެހޭނީ އޭނާއަށް ނޫނެވެ. މައުވާއެވެ.

"ކޮންޓްރޯލް ޔުއަރ ސެލްފް އަފްނާން." އަފްނާންއަށް ބުނެވުނެވެ. މިފަހަރު ހީވީ އަމިއްލަ ނަފްސަށް އިންޒާރުދިންހެންނެވެ. އެހެންނަމަވެސް އެ ބަސްތަަކަކުންވެސް ވީކަމެއް ނެތެވެ. ނަފްސުގައިވި އުނދަގޫތަކަށް ލުޔެއްވެސް ނުލިބުނެވެ. ދެވަނަ ފަހަރަށް މައުވާއަށް ގުޅަން އޭނާއަށް މަޖުބޫރުވީ އެހެންވެގެންނެވެ. އަމިއްލަ ނަފްސަށް ވެރިވި އަސަރުތައް ފޮރުވަމުން އޭނާ މައުވާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. މިފަހަރު ދެވަނަ ރިންގާއެކު މައުވާ ފޯނު ނަގައިފިއެވެ.

"ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟ އުޅެން ބޭނުން ނުވަނީތަ؟" އެކޮޅުން މައުވާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަފްނާން އެވަގުތު އޭނާގެ ހިތަށް އައި އެއްޗެއް ބުނެލައިފިއެވެ. އެއާއެކު ދެން އިވުނީ މައުވާ ފުންނޭވާއެއް ދޫކޮށްލި އަޑެވެ.

"މައުވާ. އައި އެމް ޓޯކިން ޓު ޔޫ އޭ… އަޑެއް ނީވޭތަ؟" މައުވާ އެއްޗެއް ނުބުނުމުން އަފްނާންގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ.

"އަފޫ ޕްލީޒް. މިވަގުތަކު ނޫން. ތި ރުޅި މަޑުވީމަ އަހަންނަށް ގުޅާ. މިވަގުތު އަހަރެން އިތުރު ސްޓްރެސްއެއް ނަގާކަށް ބޭނުމެއް ނޫން. " އެކޮޅުން ވާހަކަ ދެއްކި މައުވާގެ އަޑު މަޑުވެފައި މަޑުމޮޅިކަމާއި، ބުނެދޭން ނޭނގޭ ހިތާމަވެރި އަސަރެއް އެ އަޑުގައި ވިއެވެ.

"ކިހިނެއްވީ؟ އެހާ އަވަހަށް އަހަރެން ދެކެ ފޫހިވީ؟ އެވަރު ކުޑަ ކަމަކާ؟ ތީ މައުވާ އަހަރެން ދެކެ ވީ ލޯތްބަކީ؟" އަފްނާންއަށް ހަޤީގަތުގައި އޭނާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވެއެވެ. އެހާ ހަރުކަށިކޮށް ވާހަކަ ދެއްކެނީ އެހެންވެގެންނެވެ.

"ހެޔޮނުވާނެ. އިހަށް މިވަގުތު ބާއްވާ. އަހަރެން ބޭނުމެއް ނޫން އަފްނާންގެ ތި ވާހަކަތައް އަޑު އަހާކަށް.. މިވަގުތު އަހަންނަށް ތިއިން އެއްވެސް ކަމެއް މުހިންމެއް ނޫން. އައެމް އޯލްރެޑީ ސްޓްރެސްޑް… " މައުވާއަށް ފަހު ޖުމްލަ ބުނެލިއިރު ރޮވެން ފެށިކަން އަފްނާންއަށް ވެސް ފާހަގަކުރެވުނެވެ. ބޮޑުކަމެއްވެއްޖެކަމުގައި އޭނާގެ ސިކުނޑި ބުނަން ފެށީ ދެނެވެ. އޭނާއާ މައްސަލަޖެހި، މައުވާ އެހާ ވަރަށް ރޮއިފާނެކަމަށް ގަބޫލުނުކުރެވޭތީއާ ވެސް އެކުގައެވެ. މައުވާ ފަހުން އެ ބުނި ޖުމްލަ ނިސްބަތްކުރީ އެހެންކަމަކަށްކަން ޔަޤީން ކުރެވުމާއެކު އޭނާ އަވަސްވެގަތީ އެކަން އޮޅުން ފިލުވުމަށެވެ.

"އިތުރުކަމެއްވީތަ؟" އަފްނާން ސުވާލުކޮށްލިއެވެ. އޭނާގެ އެ ސުވާލަށް ޖަވާބު ނުދެވުނު މައުވާ އޭރުވެސް ރޮމުން ދިޔައެވެ.

"މައު. ޕްލީޒް ޓެލްމީ…" އަފްނާން ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. މީގެކުރިން ދުވަހަކުވެސް މައުވާ އެގޮތަށް ރޮއިފައެއް ނެތެވެ.

"އެނގުނަސް އަފްނާން ކީކުރާނީ؟" މައުވާއަށް ވެސް ބުނެވުނެވެ. އޭނާ ނޭފަތް ދަމާލަމުން ރުއިން މައިތިރިރަން މަސައްކަތްކުރިއެވެ.

"ޕްލީޒް ޓެލްމީ….." އަފްނާންއަށް އާދޭހުގެ ރާގެއްގައި ބުނެވުނެވެ.

"ކަމެއް ނުވޭ. އަހަރެން ވީކަމެއް ބުންޏަސް މިހުރިތަނަކަށް އަފްނާންއަކަށް ނާދެވޭނެ. މިތަނުގައި އަހަރެންގެ މަންމަވެސް އެބަ ހުރި." މައުވާ އެހެން ބުނެލިއިރު އޭނާގެ އަޑު އަނެއްކާ ކުރެހިއްޖެއެވެ.

"ކޮންތާކުތިހުރީ؟" އަފްނާން ސުވާލުކޮށްލި ނަމަވެސް، މައުވާ އެއްޗެއް ނުބުންޏެވެ. "ޖަސްޓް ޓެލްމީ ވެއަރ އާރ ޔޫ؟ މައު….ޕްލީޒް ޓެލް މީ."

"ހޮސްޕިޓަލުގައި." އެންމެފަހުން މައުވާ ބުނެލިއެވެ.

"ހޮސްޕިޓަލުގައޭ… ކިހިނެއްވީ؟" އަފްނާން ހިތް އަވަސްވެފައިވާ ޙާލު އަހާލިއެވެ.

"ބައްޕަ… ބައްޕައަށް ހާރޓް އެޓޭކެއް ޖެހުނީ. މިހާރު އައިސީޔޫގަ. އެނގުނަސް ވަކި އަފްނާންއަށް ކީކޮށްދެވޭނީ. މިވަގުތު އަހަރެން ދާން ޖެހިއްޖެ. އިހަށް ބޭއްވީ…" އެހެން ބުނެލާފައި މައުވާ ފޯނު ބޭއްވިއެވެ. އަފްނާންއަށް ގަނޑުވެފައި އިނދެވުނީއެވެ. މިވަގުތު މައުވާއަށް އޭނާ މުހިންމުވާނެވަރު އަންދާޒާކޮށްލެވުމާއެކު އެނދުންވެސް ތެދުވެވިއްޖެއެވެ. ދެކޮޅަށް ހިނގަން ފެށުނީ ބޭއިޚްތިޔާރުގައެވެ. މައުވާ ގާތަށް ދިޔުމަށް ހިތް އެދި ގޮވަން ފެށިނަމަވެސް، އެކަމަށް އޭނާގެ ޒަމީރު އެއްބަސް ނުވާހެން ހީވާން ފެށިއެވެ. މައުވާގެ މަންމަގެ ކުރިމައްޗަށް އެރުމަކީ އޭނާ ބޭނުންވާގޮތަށް ނުވާތީއެވެ. އެހެންނަމަވެސް، އޭނާގެ ނުކިޔަމަންތެރި ހިތުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން އަފްނާންއަށް މަޖުބޫރުވީ މައުވާގެ ގިސްލުމުގެ އަޑު އަދިވެސް އެ ކަންފަތުގައި ގުގުމަމުން ދިޔައީތީއެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެގެން ނުކުމެ އޭނާ ތައްޔާރުވެލައިގެން ގެއިން ނުކުމެލީ މައުވާގެ ގާތަށް ދިޔުމަށް އެދި ގޮވަމުން ދިޔަ ހިތުގެ އެދުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

އަފްނާން ގުޅުމުން ވެއިޓިން އޭރިޔާއިން ބޭރަށް ނުކުމެ ހުރި މައުވާ ފޯނު ކޯލު ނިންމާލުމަށްފަހުވެސް އިރުކޮޅަކު އެތަނުގައި ހުއްޓެވެ. ކަރުނަތައް ފުހެލާފައ ގިސްލުން ހަމައަކަށް އަޅުވާލާފައި އޭނާ ގޮސް އައިސީޔޫގެ ވެއިޓިން އޭރިޔާއަށް ވަތްއިރު، ރާމިޒާއަށް އިނީ ކުޑަކޮށް ނިދިޖެހިފައެވެ.

"މަންމާ… ގެއަށް ގޮސްލަންވީނު ކުޑަކޮށް ނިދާލަން." މައުވާ ރާމިޒާއަށް ގޮވާލާފައި ބުނެލިއެވެ.

"ނޫން.." ރާމިޒާ ދެކޮޅު ހެދިއެވެ. އޭރު ވެއިޓިން އޭރިޔާގައި އެ ދެމީހުންގެ އިތުރުން ދެން އިނީ އެންމެ މީހެކެވެ. އޭނާއަށް ވެސް އިނީ ނިދިޖެހިފައެވެ. މައުވާ ރާމިޒާއަށް ވިސްނައިދެމުން ދަނިކޮށް ވެއިޓިން އޭރިޔާގެ ދޮރު ކޮންމެވެސް މީހަކު ހުޅުވާލައިފިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު