އެކްސްގެ ވެރިޔާ އެލޮން މަސްކްގެ އޭއައި ކުންފުނި އެކްސްއޭއައި އިން ތައްޔާރުކޮށްފައިވާ ގްރޮކް ޗެޓްބޮޓް މިހާރު އެކްސް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހިލޭ ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
މިއީ އޯޕަންއޭއައި އާ ވާދަކުރުމަށް އެލޮން މަސްކް ތައްޔާރުކޮށްފައިވާ ޗެޓްބޮޓެކެވެ.
މި ޚަބަރަކީ ގިނަ ބަޔަކަށް އައު ޚަބަރެއް ނޫނެވެ. އެއީ މީގެ ހަފްތާތަކެއް ކުރިން ބައެއް ޔޫޒަރުންނަށް މި ޗެޓްބޮޓް ހިލޭ ލިބޭކަން ފާހަގަކުރެވިފައިވާތީއެވެ.
އެލޮން މަސްކް ވިދާޅުވެފައިވަނީ ގްރޮކް އަކީ އެންމެ ބޮޑަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާ މިބާވަތުގެ ޗެޓްބޮޓް ކަމަށެވެ. އޭނާ ވަނީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ އެހެން ޗެޓްބޮޓްތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ފާޑުކިޔާފައެވެ.
ގްރޮކްއިން ޓެކްސްޓް-ޓު-އިމޭޖް ޚިދުމަތް ވެސް ލިބެއެވެ. އެކްސް އަދި އެކްސްއޭއައި ދެ ކުންފުނީގެ ވެސް ވެރިޔަކީ އެލޮން މަސްކް ކަމަށްވާތީ، ގްރޮކްއަށް އެކްސްގެ ހުރިހާ މަޢުލޫމާތަކަށް ވަގުތުން އެކްސެސް ލިބެއެވެ.
މިހާތަނަށް ގްރޮކް ލިބެމުން އައީ އެކްސްގެ ޕްރިމިއަމް ސަބްސްކްރައިބަރުންނަށް އެކަންޏެވެ. ނަމަވެސް މިހާރު ހުރިހާ ޔޫޒަރުންނަށް ހިލޭ ލިބޭގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ ޗެޓްޖީޕީޓީ އާ ވާދަކުރުމަށް އިތުރު ބަޔަކު ގްރޮކް ބޭނުންކުރަން ފެށުމެވެ.
އޭއައި ތަރައްޤީކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭއިރު، އެކްސްއޭއައި އިން ވަނީ މެމްފިސްގައި ސުޕަރ ކޮމްޕިއުޓަރެއް ޤާއިމްކުރުމަށް އެތައްބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.
އެކްސްއޭއައި އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެކްސް އިންނެވެ. އަދި މިހާރު ގްރޮކްގެ ޑިވެލޮޕަރ އޭޕީއައި ވެސް ލިބެން ފަށާފައިވެއެވެ.
މިވަގުތު އެލޮން މަސްކް ވަނީ އޯޕަންއޭއައި އާ ވާދަވެރި ވިޔަފާރީގެ ހަނގުރާމައެއްގައި ޝާމިލުވެފައެވެ. އޯޕަންއޭއައި އަކީ އޭނާ އެހެން ބަޔަކާއެކު އުފައްދާފައިވާ ކުންފުންޏެކެވެ. ނަމަވެސް ކުންފުނީގެ މިސްރާބާ މެދު ޚިޔާލު ތަފާތުވުމާ ގުޅިގެން އޭނާ ވަނީ އެތަނުން ވަކިވެފައެވެ.
މިހާރު އޭނާ ވަނީ އޯޕަންއޭއައިގެ މައްޗަށް ދަޢުވާއެއް ވެސް އުފުލާފައެވެ. މި ދަޢުވާގައި ބުނެފައިވާ ގޮތުން، އޯޕަންއޭއައި އިން ވަނީ ފައިދާ ނުނަގާ، އޯޕަން-ސޯސް ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި ވިޔަފާރި ކުންފުންޏަކަށް ބަދަލުކޮށްފައެވެ. އަދި އޯޕަންއޭއައިގެ އިންވެސްޓަރުންނަށް އެ ކުންފުނީގެ ވާދަވެރިންގެ ކުންފުނިތަކުގައި އިންވެސްޓް ނުކުރެވޭނެ ކަމަށް ޝަރުތުކޮށްފައިވާތީ، އެކަމާ ގުޅިގެންވެސް ދަޢުވާކޮށްފައިވެއެވެ.