"ލިމްޔާ؟...." ދޮރުމަތީގައި ހުރި ލިމްޔާ ފެނުމުން ޔަލްވީގެ މޫނު ބަނަވެގެން ދިޔައެވެ. ހިތްހަމަ ނުޖެހުނުވަރުން ޔަލްވީ އުޅުނީ، ލިމްޔާގެ މޫނުމައްޗަށް ދޮރު ޖަހާށެވެ. ނަމަވެސް ދޮރު ނުޖެހޭނެހެން ލިމްޔާ ހުރީ ދޮރުގައި ހިފަހައްޓާލައިގެންނެވެ.
"އަހަރެން މިއައީ މާފަށް އެދެން....." ޔަލްވީގެ އަތުގައި ހިފާލަމުން ލިމްޔާ ބުނެލިއެވެ. އެއަޑުގައިވަނީ މަޑުމޮޅިކަމެވެ.
********
"ކުރެވުނުވަރު ކުޑަވެގެންތަ އަދިވެސް ތިއުޅެނީ؟" ޔަލްވީ މަސައްކަތްކުރީ ގަދަކަމުން ދޮރު ޖަހާށެވެ. އެކަން ނުވާނެކަން އެނގުމުން، ދޮރުން ދޫކޮށްލާފައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
"އަހަރެން ނޫޅެމޭ..." ލިމްޔާއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"ކީއްކުރަން ތިއައީ؟ ރަޔާން ނުފެންނާތީ ހޯދަންދޯ ތިއައީ؟" ޔަލްވީ ދެލޯ ހަނިކޮށްލަމުން ލިމްޔާއަށް ބަލައިލިއެވެ. "ބުނަންތަ ވާހަކައެއް، އަހަރެން ތި ކައިވެންޏަކަށް ރުހުމެއް ނުދޭނަން! މިގެއަކުންވެސް ނުދާނަން! މިގެއިން ދާންޖެހޭ މީހަކީ ތީ. ހަމަ މިހާރު ދޭ މިގެއިން"
"ޔަލްވީ! އަހަރެން ނޫޅެމޭ ރެންއާ...." ލިމްޔާއަށް ބުނެވުނީ އެހިސާބަށެވެ. ޔަލްވީ ދިޔަ ބާރުމިނުގައި ކޮޓަރިއަށްވަދެ، ދޮރު ތަޅުލިއެވެ. ލިމްޔާ ހިތްހަމަނުޖެހުނެވެ. ލިމްޔާ ވާހަކަ ދައްކަން ޔަލްވީ ފުރުސަތު ދޭންޖެހޭނެއެވެ. އެއީ ލިމްޔާ ގަބޫލުކުރާ ގޮތެވެ.
"ޔަލްވީ ތިހެން ވާހަކަ ތި ދައްކަނީ ކޮން ހައިސިއްޔަތަކުންކަން އޮޅިއްޖެ މިހާރު. ޔަލްވީއެއް ނޫންތަ ރަޔާންދެކެ ރުޅިއައިސްގެން އުޅުނީ. ރަޔާންއަށް ލަނޑުދިނީވެސް ޔަލްވީ. ރަޔާންގެ އުފާތައް ފޭރިގަތީވެސް ޔަލްވީ" އައި ރުޅި ކޮންޓްރޯލްކުރަން ލިމްޔާއަށް އުނދަގޫވިއެވެ. ހިތުގައި ހުރި ހުރިހާ ހިތްހަމަނުޖެހުމެއް ބޭރުކުރަން ލިމްޔާގެ ސިކުނޑި ގޮވިއެވެ.
ޔަލްވީ ކުއްލިއަކަށް ދޮރު ހުޅުވިއެވެ. ރުޅި އައިސްގެން ގޮސް ޔަލްވީގެ މުޅި މޫނު ހުރީ ރަތްވެފައެވެ. ދެއަތް ތުރުތުރުލައެވެ. ޔަލްވީ ދިރިއުޅޭ ގެއަށް އައިސް ލިމްޔާއަށް އެފަދައިން ވާހަކަ ދެއްކެން ޖެހޭނެއޭ ޔަލްވީގެ ހިތެއް ނުބުންޏެވެ.
"ކީކޭ ކިޔަން ތިއުޅެނީ؟ އޭނ؟" ޔަލްވީ ހަޅޭއްލަވައިގަތެވެ. "ކޮންމެ ގޮތަކަށް ކައިވެނި ކުރެވުނަސް ރަޔާން އަކީ މިހާރު އަހަރެންގެ ފިރިމީހާ. އަދި އަހަރެން މީ ރަޔާންގެ އަނބިމީހާ. އަޑު އިވިއްޖެތަ؟"
"އެހެންމީހެއްގެ ލޯތްބެއް ފޭރިގަނެގެން ޔަލްވީއަކަށް..." ލިމްޔާ ބުނަން އުޅުނު ޖުމުލަ ހުއްޓުވަން ޔަލްވީ ގޮސް ހިފީ ލިމްޔާގެ ބުރުގަލުގައެވެ. އެވަގުތު ބުރުގަލުގައި ޖަހާފައިވާ ބައެއް ޕިންތައް ނައްޓައިގެން ގޮސް ޔަލްވީގެ އަތަށް ހެރުނެވެ. ނަމަވެސް އެއިން ކަމަކަށް ޔަލްވީގެ ފަރުވާލެއް ނެތެވެ.
"ބުނެފީމެއްނު ރަޔާންއަކީ އަހަރެންގެ ފިރިމީހާއޭ. ހީ އިޒް މައި ހަޒްބަންޑް. އަޑު އިވިއްޖެތަ؟" ޔަލްވީގެ އަޑު ބާރެވެ.
ގޭތެރެއަށް ވަންނަން އައި ރަޔާންގެ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތިން ފެނުނު މަންޒަރުންނެވެ. ޔަލްވީއާއި ލިމްޔާ އެކަކު އަނެކެއްގެ ބޮލުގައި ހިފައިގަނެގެން އުޅުނުއިރު ހީވަނީ ކުޑަކުދިން ހެންނެވެ. ހަމައެއާއިއެކު ޔަލްވީ ބުނި އެއްޗެއް އަޑުއިވިފައި، ރަޔާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފުރަތަމަ ފަހަރަށް ޔަލްވީގެ ދުލުން ފިރިމީހާއޭ ބުނި އަޑު އިވުމުން، ރަޔާނަށް ކުރެވުނީ ފޮނި އިހުސާސެކެވެ. ޔަލްވީގެ ދުލުން އެބަސް ބުނާ އަޑު އިވިދާނެކަމަށް ރަޔާން ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އަނތްބެއްގެ ދުލުން ފިރިއެއްގެ ނަމުން މުހާތަބުކުރާ އަޑު އިވުން އެއީ ކިހާ ފޮނި އިހުސާސެއްކަން ރަޔާނަށް އެނގުނެވެ.
"ފިރިމީހާ އޭ، އަނބިމީހާއޭ ބުނާއިރު ފިރިމީހާ ބޭނުންވާ ގޮތަށް ޔަލްވީއަށް އުޅެވޭތަ؟ އޭނަ ބުނާ ކަންތައް ކޮށްދެވޭތަ؟ އަނތްބެކޭ ތިކިޔަނީ ހަމައެކަނި ނަމެއްގަ ހުރެއޭ" ލިމްޔާ އެންމެ ބަހެއްވެސް ދުލެއް ނުކުރެއެވެ. "ރެންއަކަށް ކަމަކު ނުދާނެ ތި ސްޓައިލްގެ މީހުނެއް. ތިފާޑަށް ޑްރެސްކުރާނީ ވިޔާނުދާ އަންހެނުން. ކިތަންމެ ވަރަށް ރީތިވެގެން ލިޕްސްޓިކް ޖައްސައިގެން ހުއްޓަސް ރެން ނުބަލާނެ. ރެން ބޭނުންވާނީ ކިޔަމަންތެރި، ދީންވެރި ގެވެހި ކުއްޖެއް"
ލިމްޔާ އެގެއަށް ދިޔައީ ރަޔާންގެމަތިން ހަނދާން ނައްތާލައި، ދިރިއުޅުން ކުރިއަށް ގެންދަން ނިންމި ވާހަކަ ޔަލްވީގެ ކައިރީގައި ބުނާށެވެ. ލިމްޔާ ނިންމާފައި އޮތީ މާލެ ދާށެވެ. އޭނަގެ ފަރާތުން ކުށެއް ކުރެވިފައި އޮތްނަމަ އެކުށަކަށް ޔަލްވީގެ ކިބައިން މަޢާފަށް އެދޭށެވެ. ނަމަވެސް ކަންތައް ވީގޮތުން އެއިން އެއްވެސް ކަމެއް ކުރާކަށް ލިމްޔާ ބޭނުމެއް ނުވިއެވެ.
"ރަޔާންއަށް އަހަރެން ކަމުދާތީ، ރަޔާންގެ ދިރިއުޅުމުގަ އަހަރެން މިހުރީ! އެހެންނޫންނަމަ، އަހަރެން އައުމުގެ މާކުރިން ލިމްޔާ ހުންނާނީ އަހަރެން މިހުރި މަގާމުގަ" ޕިން ހެރި، އަތުން ލޭއަންނަމުން ދިޔައިރުވެސް ޔަލްވީ ހުރީ ލިމްޔާގެ ބުރުގަލުން ދޫކުރާގޮތަކަށް ނޫނެވެ. އައިސްފައިވާ ރުޅި ގަދަވަމުން ދިޔަވަރަކަށް ލިމްޔާގެ ބުރުގަލަށްވެސް ދިޔައީ ވާންވަމުންނެވެ. ޔަލްވީގެ އަތުން އަންނަމުންދިޔަ ލޭތިކިތައް ތަޅުންގަނޑަށް އެޅެމުން ދިޔައެވެ.
"ޔަލްވީ ލަދެއް ނުގަނޭތަ މަގާމުގެ ވާހަކަ ދައްކާކަށް؟ ތި މަގާމަކީ ޔަލްވީ ގަދަބާރުން ފޭރިގަތް އެއްޗެކޭ. ރެންގެ ރުހުމުގަ ދުވަހަކުވެސް ޔަލްވީއަކަށް ތިމަގާމެއް ނުދޭނެ" ލިމްޔާ މަސައްކަތްކުރަމުން ދިޔައީ ޔަލްވީގެ އަތް ނައްޓުވާލެވޭތޯއެވެ. ނަމަވެސް ޔަލްވީ ހިފަހައްޓާފައިވާލެއް ބާރުކަމުން އެއަތް ނައްޓުވާލެވޭގޮތެއް ނުވިއެވެ.
ލިމްޔާ އަތަށް ލެވުނުހާ ބާރެއް ލާފައި ޔަލްވީގެ އިސްތަށިގަނޑަށް ދަމައިގަތެވެ. ވީތަދުން ޔަލްވީގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ޔަލްވީ ހީކުރިގޮތަށް ލިމްޔާއަކީ އަނިޔާވެރިއެއްވެސް މެއެވެ. ޔަލްވީވެސް ލިމްޔާގެ ބުރުގަލުގައި ހިފީ، ލިމްޔާއަށް އަނިޔާއެއް ވާނެގޮތަކަށް ނޫނެވެ.
"ދޫކުރޭ!" ޔަލްވީގެ އަނގައިން ނުކުތީ ވޭނީ އާހެއްގެ އަޑެވެ. ވީތަދުން ޔަލްވީއަށް ތެޅި ފޮޅިގަނެވުނެވެ. ލިމްޔާގެ ބުރުގަލުން ދޫކޮށްލައި ލިމްޔާގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަންފެށިއެވެ. އޭރު ޔަލްވީގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.
"ދެއަނތްބަށް ކައިވެނި ކުރަން އަހަރެންގެ ކައިރީ ރެން އެދުނީ ކީއްވެކަން ޔަލްވީ....." ލިމްޔާއަށް އިތުރު އެއްޗެއް ބުނެވޭވަރެއް ނުވިއެވެ.
ރަޔާންގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ބިރެއް ފެނިގެން ބަލާހެން ދެ މީހުންނަށްވެސް އަޑު އައި ދިމާއަށް ބަލާލެވުނެވެ. ރަޔާން ހުރީ ދޮރުމަތީގައެވެ.
"ކިހިނެތް ވެގެން މިއުޅެނީ؟" ހިތްހަމަނުޖެހިފައި ހުރިވަރުން ރަޔާންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެކަކު އަނެކެއްގެ ގަޔަށް އަތްއިސްކުރުމަކީ ރަޔާން އެންމެ ނުރުހޭ އެއް ކަންތަކެވެ.
ލިމްޔާއަށް ޔަލްވީގެ އިސްތަށިގަނޑުން ދޫކޮށްލެވުނެވެ. އޭރު އޭނާއަށް ހުރެވުނީ އިސްޖަހާލިގޮތަށް އިސްއުފާލަންވެސް ނުކެރިފައެވެ. އުޅެވުނުގޮތުން ދެރަވެ ލަދުގަންނަގޮތްވެފައެވެ. ރުޅިއަކީ އިންސާނާގެ ކިބައިގައިވާ ރަނގަޅު އެތައް ސިފައެއް ނެތިކޮށްލާވަރުގެ ވަރުގަދަ ހަތިޔާރެއްކަން ވިސްނާނުލެވުނީތީ ލިމްޔާ ދެރަވިއެވެ. އެކަމަށްޓަކައި އޭނާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
"ޔަލްވީ! ލިމްޔާގެ ކިބައިން މާފަށް އެދޭ!" ހަރުކަށި ރާގަކަށް ރަޔާން ބުނެލިއެވެ.
ޔަލްވީ ހައިރާންވެފައި ރަޔާން އާއި ދިމާއަށް ބަލާލިއެވެ. އެ ބެލުމުގައިވީ އެތައް ޝަކުވާއެކެވެ. ވީގޮތްވެސް އަހާލުމެއްނެތި ލިމްޔާގެ ކިބައިން މާފަށް އެދެން ޔަލްވީގެ ކައިރީގައި ރަޔާން ބުނީ ކީއްވެ ހެއްޔެވެ؟ ޔަލްވީ އޭނާގެ ގޭގައި ހުއްޓާ، އެގެއަށް ގޮސް ހައިޖާނު ހިންގި މީހަކީ ލިމްޔާއެވެ. މާފަށް އެދެންޖެހޭނީވެސް ލިމްޔާ ކަމުގައި ޔަލްވީ ނިންމިއެވެ.
"ޔަލްވީ! އަވަސް، ސޮރީ ބުނޭ!" ކުރިއާއި ހިލާފަށް ރަޔާންގެ އަޑު މަޑެވެ.
"ނޯ..." ޔަލްވީއަށް ރޮވުނެވެ. ލިމްޔާގެ ކައިރިން މާފަށް ނޭދޭނެކަމަށްބުނެ ޔަލްވީ ދުއްވައިގަތީ ކޮޓަރި އާއި ދިމާއަށެވެ.
"ރެން! ލިމް މި...." ޔަލްވީ ދިޔަ ދިމާއަށް ބަލަން ހުރެފައި، ރަޔާންއާއި ދިމާއަށް ލިމްޔާ އެނބުރުނެވެ. ލިމްޔާ އެއްޗެއް ބުނަން މަސައްކަތްކުރިއެވެ.
ރަޔާންގެ މޫނު ބަނަވެގެން ދިޔަގޮތުން ލިމްޔާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ރަޔާން ހީވަނީ ދުވަހަކުވެސް ލިމްޔާއާއި ދިމާއަށް ނުބަލަން ހުވާކޮށްގެން ހުރިހެންނެވެ. ވާހަކަ ދައްކަން ބޭނުންނުވާކަން އެ މޫނުގެ އަސަރުތައް ހެކިދެއެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން ލިމްޔާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ނެގީ މަދު ސިކުންތުކޮޅެކެވެ.
ރަޔާން ހުރީ ލިމްޔާދެކެ ހިތްހަމަނުޖެހިފައެވެ. ވިހަ ސަމާސާއެއް ކުރަން ލިމްޔާއަކީ ކުޑަކުއްޖެއް ނޫނެވެ. އަނެއްކޮޅުން ރަޔާންގެ ގެއަށް އައިސް އޭނާގެ އަނބިމީހާއާއި އެފަދަ ގޮތަކަށް ކަންތައް ކުރުމުން، އޭނާ ލިމްޔާއަށް ކުރި ގަދަރު އެކީހެން ފުނޑުފުނޑުވެއްޖެއެވެ. ޔަލްވީގެ ކުރިމަތީގައި ރަޔާން ލިމްޔާއާއި ދިމާއަށް އެއްޗެއް ނުބުނީ ލިމްޔާއަކީ ބޭރުން ގެއަށް އައިސްހުރި މީހަކަށްވީތީއެވެ. ރަޔާންއަށް ބާރުފޯރުވޭނެ މީހަކީ ޔަލްވީކަމުގައި ވާތީއެވެ. ޔަލްވީއަށް އެކަން ނުވިސްނުނުކަމުގައިވިޔަސް، ލިމްޔާއަށް އެކަން ވިސްނި، ހިތުގައި ރިއްސާލިއެވެ.
"ސޮރީ!" ލިމްޔާގެ އަޑު މަޑެވެ.
"ލިމް.... މިވަގުތު އަހަރެމެން ބޭނުން އެކަނިވެލަން.... ޕްލީޒް..." ރަޔާންގެ އަޑުގައިވަނީ ފޫހިކަމެވެ. ލިމްޔާގެ ކަންތައް މާ މައްޗަށް ގޮސްފިކަމަށް ރަޔާން ގަބޫލުކުރިއެވެ.
ބަސްއަހާ ކުޑަކުއްޖަކު ފަދައިން ލިމްޔާ ހިނގައިގަތީ ގެއިން ނުކުތުމަށެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ. ލިމްޔާއަށް ނުކުމެވުނީ އަފްސަމްގެ ކުރިމައްޗަށެވެ. ކުޑަކޮށް ހުއްޓުންއެރި ނަމަވެސް، އަފްސަމްއަށް މޫނު ފޮރުވަމުން ލިމްޔާ މަސައްކަތްކުރީ އެތަނުން ދުރަށް ދާށެވެ.
"ކިހިނެއްވީ؟" ލިމްޔާ ރޯތަން ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަފްސަމްއަށް އެނގުނެވެ. "މަޑުކޮށްބަލަ!"
އަފްސަމް ލިމްޔާގެ ފަހަތުން ގޮސް، ހުއްޓުވިއެވެ.
"ތިހެން ހުރެގެން ދަނީ؟" ލިމްޔާގެ ދެލޮލަށް އިޝާރާތްކުރަމުން އަފްސަމް ބުނެލިއެވެ. "މީހަކަށް ފެނިދާނެ"
ލިމްޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ލިމްޔާ ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެން އަފްސަމް ހުރީ، ކުރެވޭނެ އިތުރު ކަމެއް ނެތުމުންނެވެ. ލިމްޔާ ހިތްހަމަނުޖެހިދާނެތީ އެހަށިގަނޑުގައި އިނގިލިކުރި ޖައްސާލަންވެސް އޭނާއަކަށް ނުކެރުނެވެ.
********
ރަޔާން ކޮޓަރިއަށް ވަތްއިރު ޔަލްވީ އޮތީ، ބަންޑުންވާހެން އެނދުގައި އޮށޯވެލައިގެންނެވެ. ޔަލްވީ ރޮނީކަން އެނގުމުން ރަޔާނަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ޔަލްވީ ރުއިމުން ރަޔާންގެ ހިތަށް އުނދަގޫވެއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ. އެކަމަކު، ރަޔާން ބުނާ ކޮންމެ އެއްޗެއް ބުނަނީ ޔަލްވީއާއި މެދުގައި ވިސްނާފައެވެ. ޔަލްވީ އޭނާއަށް ހާއްސަވީމައެވެ. ޔަލްވީއަށް އެކަން ވިސްނޭނެނަމައޭ ރަޔާންގެ ހިތަށް އެރިއެވެ. ރަޔާންގެ ކަންފަތްދަށުގައި ގުގުމައިލީ ޔަލްވީ ލިމްޔާއާއި ދެއްކި ވާހަކަތަކެވެ. ރަޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
ރަޔާން މަޑުމަޑުން، ޔަލްވީގެ މަގަތުގައި އިށީނދެލިއެވެ. ޔަލްވީ ވަގުތުން ދުރަށް ޖެހުނެވެ. އޭރުވެސް އޭނާ އޮތީ ބަންޑުންނެވެ. މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.
"ޔަލްވީ!" ލޯބިން ފުރިގެންވީ ރާގަކަށް ރަޔާން އޭނާގެ އަނބިމީހާއަށް ގޮވާލިއެވެ.
ޔަލްވީ ލައިގެން އޮތް ޓީޝާޓު މައްޗައް ހިއްލިފައިވާތީ އުނަގަނޑުން ބައެއް އޮތީ ހާމައަށް ފެންނާށެވެ. ނުބަލަން މަސައްކަތްކުރި ނަމަވެސް ރަޔާންގެ ނަޒަރު ޔަލްވީގެ ހަށިގަނޑަށް ހުއްޓެމުން ދިޔައެވެ. ކޮޓަރީގައި ދިއްލާފައިވާ ނިދާބޮކިން ތަނަށް ވެރިވެފައިވަނީ މަސްތުކުރުވާފަދަ ފަނޑު އަލިކަމެކެވެ. ޔަލްވީގެ ބަސްތައް ރަޔާންގެ ކަންފަތް ކައިރީގައި ގުގުމަން ފެށިއެވެ. އެއީ ދެމީހުންގެ ދެމެދަށް ވެރިވެފައިވި ހުސްކަން ގިރާކުރުމަށް ހުޅުވާލެވުނު ދޮރެކެވެ.
(ނުނިމޭ)