ޔުނައިޓެޑްހެލްތުގެ ސީއީއޯ މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ އިތުރު ފޮޓޯއެއް އާންމުކޮށްފި

ޔުނައިޓެޑްހެލްުތު ގެ ސީއީއޯ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ. ފޮޓޯ/އޭއެފްޕީ

ޔުނައިޓެޑް ހެލްތުކެއާގެ ސީއިއޯ މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ އިތުރު ފޮޓޯއެއް އެމެރިކާގެ ފުލުހުން އާންމުކޮށްފިއެވެ.

ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު އާންމުކުރި ސީސީޓީވީ ފުޓޭޖުން ހުޑް ޖެކެޓެއް ލައިގެން ހުރި އެ މީހާގެ މޫނު ސާފުކޮށް ފެންނަން ހުރެއެވެ.

މީގެ ކުރިން ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ މޫނުގެ ބޮޑު ބައެއްގައި މާސްކު އަޅައި ފޮރުވައިގެން ހުރި މީހެކެވެ.

އުމުރުން 50 އަހަރުގެ ތޮމްޕްސަން މަރާލާފައި ވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނިއުޔޯކް ހިލްޓަން މިޑްޓައުން ހޮޓަލުގެ ބޭރުގައި ދިން ހަމަލާއެއްގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ސަވައިލެންސް ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާދިން މީހާ ކާރެއްގެ ފަހަތުން ނުކުމެ ތޮމްޕްސަންއަށް އަމާޒުކޮށް އެތައް ފަހަރަކު ބަޑިޖެހުމަށްފަހު ފިލަން ދެއެވެ.

ޔުނައިޓެޑްހެލްތްކެއާގެ ސީއީއޯ ބްރައިއަން ތޮމްޕްސަން މަރާލި މައްސަލައިގައި ޝައްކު ކުރެވޭ މީހާގެ ސްޓިލް ފޮޓޯއެއް. ފޮޓޯ/އޭޕީ

ތޮމްޕްސަން މަރާލި ކަމަށް ޝައްކު ކުރެވޭ ސަބަބެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އޭނާގެ އަންހެނުން އެމެރިކާގެ މީޑިއާތަކަށް ބުނީ އޭނާގެ ފިރިމީހާއަށް އިންޒާރުތައް ދީފައިވާ ކަމަށެވެ.

ޔުނައިޓެޑްހެލްތްކެއާ އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ހެލްތު އިންޝުއަރެންސް ކުންފުންޏެވެ. އެ ކުންފުނިން އެމެރިކާގެ 49 މިލިއަނަށް ވުރެ ގިނަ މީހުންނަށް ހެލްތު ކަވަރޭޖް ފޯރުކޮށްދެއެވެ.

އެ ކުންފުންޏަށް 2023 ވަނަ އަހަރު 371.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 15 ޕަސެންޓް އިތުރު އަދަދެކެވެ.

ޔުނައިޓެޑް ހެލްތު ކެއާއިން ސިއްޚީ ފަރުވާގެ އިޖުރާއަތްތަކާއި ފަރުވާގެ ހުއްދަ ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ތޮމްޕްސަން އެ ކުންފުންޏާ ގުޅުނީ 2004 ވަނައަހަރުއެވެ. ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރަން ފެށީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އޭނާއަކީ ކުންފުނީގެ އެކްޒެކްޓިވުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް