"އެންމެ މުހިއްމު އެންމެ މާތްވެގެންވާ ދުޢާވަނީ އަލް ފާތިހާ ސޫރަތުގައެވެ. އެއީ ތެދުމަގު ދެއްކެވުމަށް އެދިއެވެ. ހިދާޔަތް ލިބުމަކީ އިންސާނާއަށް ލިބޭނެ އެންމެ މަތިވެރި ނަސީބެވެ."

***

މީހުންގެ ކުރިމަތީގައި ދުރުދުރަށް ދާންދެން ފެންނަން އޮތީ ކޯރެކެވެ. އުރްޖުވާން ހުރީ ފާލަމުގެ ރެއިލިންގގައި ހައްޔަރުކޮށްފައެވެ. ފަޔާއި ދެއަތް ބަނދެވިފައިވާތީ އެއްވެސް ހަރަކާތެއް ކުރުމުގެ ބާރެއް އޭނާއަކަށް ނެތެވެ. ފަރަޙް ފަހަތަށް ޖެހިލާފައި އޭނާގެ މަސައްކަތަށް ނަޒަރު ހުއްޓައިލީ ހިތްހަމަޖެހުމާއެކުގައެވެ.

ފަރަހްގެ އޭނާގެ އަނދައަނދާ ހުރި ނަފުރަތުގެ އަލިފާން، އުރްޖުވާންގެ މޫނު ފިއްސާލިއެވެ. އެ ލޮލުގައިވީ އެމީހުންގެ ވަށައިގެންވި ތޫފާނެގެ ހަރުކަށިކަމާ އެއްފަދަ ރުޅިވެރިކަމެކެވެ. އެ މޫނުމަތީގައި ރުޅިވެރިކަމުގެ އަނދިރި ވިލާތައްހެން ކަޅުވެ އަނދިރިވެފައިވާއިރު އުރްޖުވާންގެ މޫނުމަތީގައި ވަނީ އަޖައިބުވެ ހައިރާންވާފަދަ ހިތްހަމަޖެހުމުގެ އަލިކަމެކެވެ. ކޯތާފަތަށް އެޅެމުންދިޔަ ހޫނު ކަރުނަތަކެއް ނަމަވެސް އޭނާގެ ފުން ކަޅު ލޮލުގައި ވީ ދެމިހުރުމުގެ ސާބިތުކަމެވެ.

ފަރަހް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. އޭނާގެ ނޭވާލުމުގެ ހަލުވި އަޑު ފިނި ވައިގެ ތެރޭގައި ގަދަވަމުންދިޔައެވެ.

"އަދިވެސް...." ފަރަހް ރުޅިގަދަވެފައި އުރުޖުވާން މޫނުގައި ހިފައި ނިޔަފަތި އެޅުވިއެވެ. އޭނަގެ އަޑުގައިވީ ހުސްކަމެވެ.

" މި ފުން މިނެއް ނޭނގޭ ކޯރު ކުރިމަތީ ހުރިއިރުވެސް ހަމ ބިރެއްނުގަންނީތަ.....އާދޭހެއްވެސް ނުކުރާނަންތަ؟ސުވަރުގެ އަށް ދާން ރަން ޓިކެޓެއް އޮތީތަ؟...."

" އައި އޮންލީ ފިއާ މައި ލޯޑް.....ތިކަހަލަ މީހެއް ކުރިމަތީ އާދޭހެއް ނުކުރާނަން.....ޑޫ ވަޓް ޔޫ މޭއި....މައި ޓްރަސްޓް އިޒް ވިތް މައި ލޯޑް....." އުރުޖުވާން ގެ ލޮލުގައި ވި ވިދުން އިތުރަށް ގަދަވިއެވެ.

" މިއީ ދުޢާ އިޖާބަ ކުރެވޭނެ ވަގުތެއް.....މި ވާރޭ އަކީ ރަޙްމަތެއް...." އުރުޖުވާން އޭނާދެ ދެއަތް އުފުލާ ދުޢާ ކުރަންފެށިއެވެ. ފަރަހްގެ އަތްތިލަ މަޅާ ބާރުކޮށްލުމާއެކު، އިނގިލިތަކުގެ ނިޔަފަތިތައް ހުދުވެގެން ދިޔައެވެ.އޭނަގެ ބޮލަށް ބަރުވިއެވެ.

"ހުއްޓާލާ...................." ފަރަހްގެ އަޑު ހަރުކަށިވެ ޖަނަވާރެއްގެ އަޑެއްހެން އިވިގެން ދިޔައެވެ. މުޅިތަނުގައި އެ އަޑު ގުގުމާލިއެވެ. އޭނަ އުރްޖުވާން ކައިރިއަށް ރުޅިވެރިކަމާއެކު ދުވެފައި ދިޔައެވެ. ހަރަކާތްތައް ހުރީ ހަމަނުޖެހި، ކޮންޓްރޯލް ގެއްލިފައެވެ.

އުރުޖުވާން ދުޢާ ތައް އަޑުހަރުކޮށް ކިޔަންފެށުމުން އޭނައަށް ވަމުން ދިޔަ އުނދަގޫ ތަހައްމަލު ކުރަން ދަތިވިއެވެ. އޭނަގެ ނޭވާލުން އަވަސްވެ، ހަށިގަނޑު ތެޅެން ފެށިއެވެ.

" ހުއްޓާލާށޭ........................" ރޭގަނޑުގެ އަނދިރިކަމުގައިވެސް އެލޮލުގައި ވި ނުބައި ވިދުވަރު ފާޅުވާން ހުއްޓެވެ. އޭނަ ނުބައިގޮތަކަށް ހަޅޭއްލަވައިގެންފާ މުޅި ހަށިގަނޑުގަިއ ހުރި ބާރެއް ލައި އުރުޖުވާން ކޮށްޕާލިއެވެ.

"ޔާ ﷲ...." އުރުޖުވާންގެ ނޭވާ ހިފަހައްޓަމުން އެހީތެރިކަމަށް އެދުނީ ހެއްދެވި ފަރާތަށެވެ.

ރެލިންގް އިން ފައި ކައްސާލައިގެން ގޮސް ވައިގެ ތެރެއަށް ވެއްޓެމުން ދިޔަ ވަގުތު ބޭއިޙްތިޔާރުގައި ފަރަހް ލައިގެން ހުރި ދޫ ޓީޝާޓުގައި އޭނައަށް ހިފާލެވުނެވެ. އެއާއެކު އޭނަ އަށް އޭނާގެ ލޯ ފިތައި ބާރުކޮށްލެވުނެވެ. ސިކުނޑީގައި އެނބުރެމުންދިޔައީ ހުރިހާ އުފާވެރި ހަނދާނެކެވެ. އެއީ ހިނދުކޮޅެއް ނަމަވެސް ހީވީ އެތައް ގަރުނެއް ހެންނެވެ. ފަރަހް ގެ ހަޅޭކުގެ ބާރު އަޑުން އޭނަގެ ކަންފަތް ބީރުވީފަދައެވެ.

އުރްޖުވާން ކޯރުގެ ފިނިފެންގަނޑުގައި ޖެހުމާއެކު ދުނިޔެ ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ލޮލުން އޮހޮރުނު ކަރުނައިގެ ތިކިތައް، ކޯރުގެ ސާފު ފެނާ އެއްވެގެން ދިޔައެވެ. އެހުރިހާ ފިނިކަމާއެކުވެސް، އޭނާގެ ހިތުގެ ހޫނުކަން އިހުސާސްކުރެވުނެވެ. ކޯރުގެ މަޑުމައިތިރި އޮއިވަރާއެކު، އޭނާގެ ހަށިގަނޑު ފެނުގެ ތެރެއަށް ގެނބިގެން ދިޔައީ ގާގަނޑެއް ވެއްޓުމުން އަޑިއަށް ދާފަދައިންނެވެ. އޭނަ ފުން ނޭވާއެއް ލަމުން ބަނޑުގައި އަތް ޖައްސައިލިއެވެ. ޒިކުރުކޮށްލިއެވެ. ފައިގައި އަޅުވާފައި އޮތް ބޮޑު ބަރުން މައްޗަށް އަރާނެ ފުރުސަތެއް ނުލިބި އޭނާ އަޑިޔަށް ދަމައިގަތެވެ. މަތީގައިވާ ފާލަމުގައި ކާރުތަކުގެ ބޮކިތަކުން އަރާ އަލިކަން ވާރޭގެ ފޮދުތަކުގެ ތެރެއިން ވިދަވިދާ ފެންނަމުންދިޔައެވެ.

ދެ ކާރު އެއްފަހަރާ ހުއްޓުމާއެކު ޓަޔަރުތައް ކަހައިގެން ދިޔުމުގެ އަޑާއި ކާރުތަކުގެ ދޮރުތައް ބާރަށް ލެއްޕުނު އަޑު ރޭގަނޑުގެ ހަމަހިމޭންކަން ފަޅައިލިއެވެ.

ފުރަތަމަވެސް ކާރުން ނިކުތީ ކެނާން އާއި އޭނާއާއި އެކު އައި ހުޝަލް އެވެ. ކެނާންގެ ހިތުގެ ވިންދު އަވަސްވެފައިވިއެވެ. މާޒިމް، މީކާއިލް އަދި ފަހުދު ވެސް ކެނާންގެ ފަހަތުން އައި ކާރުން ނިކުތެވެ. ކަންތައް ހިނގައިދިޔަގޮތުން އެންމެންގެ މޫނުމަތިން ކަންބޮޑުވުމާއި ހައިރާންކަން ފެންނަން ހުއްޓެވެ. ވިދުވަރުގެ އަލީގައި ހުސްވެފައިވާ ރެއިލިންގ އަދި ތިރީގައިވާ ހިމޭން ކޯރުގެ ތެރެއަށް ގެއްލެމުންދިޔަ ކުދި ހިޔަނިތަކަށް އެމީހުންގެ ލޯތަކަށް އަމާޒުވިއެވެ.

ކުއްލިއަކަށް، ފެންގަނޑުގެ ތެރެއަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ.

ކެނާން އެ އަޑާއި ދިމާއަށް ދުވެފައި ދިޔައީ ފުންމާލުމަށެވެ. ހުޝަލް އޭނާގެ އަތުގައި ބާރަށް ހިފަހައްޓިއެވެ.

" ކެނާން...ޑޯންޓް...އެންމެ ފަހުންވެސް މުދަށް އެރުނު ދުވަހު ޔޫ ބެއާލީ ސަވަވައިޑް...ނާރު ދަމައިގެން ކަމެއް ވެއްޖިއްޔާއޯ...." ހުޝަލްގެ އަޑުގައިވީ އާދޭހެވެ. އެކަމަކުވެސް ކެނާންގެ މިޒާޖު ހުންނަގޮތުން އޭނާގެ ގޮތް ދޫނުކުރާނޭކަން އޭނަ އަށް އެނގުނެވެ. ކެނާން އޭނަގެ އަތް ފޮޅާލިއެވެ. އަދި އޭނާ އާއި ޖެހިގެން ހުރި މާޒިމް އާއި ދިމާއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އެ ލޮލުގައިވީ ޖެހިލުން ކެނާން އަށް ކިޔާލެވުނެވެ.

" އައި ވިލް ސޭވް ހާ އީވެން އިފް އިޓް ކޯސްޓްސް މައި ލައިފް...." ހުޝާލްއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ލިބުމުގެ ކުރިން، ކެނަން ރެއިލިންގ މަތިން ފުންމައިލިއެވެ. ޚުޝަލް މަސައްކަތްކުރީ އެހީހޯދުމަށެވެ.

ކެނާންގެ ލަފުޒުތައް ވީ މާޒިމް އަށް ލިބުނު ހިތްވަރެއް ކަމުގައެވެ.

މީކާއިލް ވެސް ތައްޔާރުވީ ކޯރަށް ފުންމާލައި އުރުޖުވާން ސަލާމަތްކުރުމަށެވެ. ނަމަވެސް އެވަގުތު ހުޝަލް އޭނާ ހިފެހެއްޓިއެވެ.

"މޮޔަވީތަ އެންމެން.....ފުރަތަމަ ކޯސްޓް ގާޑުން ދޯ ގެންނަންވީ...އެންމެން ފުންމަލައިގެން ކިހިނެއް މިކަން ވާނީ...." ހުޝަލް ގެ ރުޅިގަދަވިއެވެ.

އުރުޖުވާންގެ ބާރު ކެނޑެމުން ދިޔައެވެ. މައްޗަށް އަރަން މަސައްކަތްކުރަމުން، އޭނާގެ އަތް ހަލުވިކޮށް ހޫރާލަމުން ދިޔައެވެ. ނަމަވެސް ފައިގައި އެޅިފައިވާ ބަރު އެއްޗަކުން އޭނާ އަނދިރި ވަޅުގަނޑަކާ ދިމާއަށް ދަމައިގަތެވެ. ކިލަނަބު ފެނުގެ ތެރެއިން އޭނައަށް ފަރަހްގެ ފެންނަމުންދިޔައެވެ. އެ މޫނުމަތީގައި ނުބައި އުފަލުގެ ކުލަވަރު ޖެހި ހިނިތުންވުން ފުޅާވަމުން ދިޔައެވެ. އަމިއްލަ ނަފްސު ސަލާމަތްކުރުމަށް ކުރާ ބޭކާރު މަސައްކަތެއްގެ ގޮތުގައި އޭނާގެ އިނގިލިތަކުން ފެނުގައި ކޮންނަމުން ދިޔައެވެ. އޮއިވަރުގެ ތެރޭގައި ގެއްލިގެންދިޔައިރު ހަޅޭއް ނުލެވުނަސް އެހީއަށް އެދޭ ގޮވުމަކަށް ވިއެވެ. އޭނާގެ ހަށިގަނޑު ބަލިކަށިވެ، އޭނާގެ ނިންމުން ބަދަލުވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ސިކުނޑީގެ ކޮންމެ ކަނެއްގައި ކޮންމެވެސް މީހަކު ސަލާމަތްކުރަން އަންނާނެކަމުގެ އުއްމީދު ހިފަހައްޓައިގެން ހުއްޓެވެ.

ކެނާން ފިނި ކޯރުގެ އަޑިއަށް ފީނަމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އުރްޖުވާންއާ ކައިރިވަމުން ދިޔަވަރަކަށް ފަރަހްގެ ސިފަ ސާފުކޮށް ފެންނަން ފެށިއެވެ. އޭނަ ހުރީ ޝިކާރަވެރިއެއްހެން އުރްޖުވާންގެ ކައިރީގައެވެ. އޭނާގެ ވަރުގަދަ ދެއަތުން އުރްޖުވާންގެ ކޮނޑުގައި ބާރަށް ހިފަހައްޓާފައި ވިއެވެ. ކިލަނބު ފެނުގެ ތެރެއިން ވެސް އެ ނުބައި ހިނިތުންވުން ސާފުކޮށް ފެނުނެވެ.

ފަރަހްގެ ސިފައަށް އައި ބަދަލު ފެނި ކެނާން ގެ މެޔަށް ތަދެއް އެރިއެވެ. އެއީ އިންސާނީ ސިފައެއް ނޫނެވެ. ބަލަބަލާހުއްޓާ ހަމުގެ ކުލަ ކަޅުވެގެން ދިޔައެވެ. އަދި އާދަޔާހިލާފް ރަތްކަމެއް އެ ލޮލުގެ ކަޅިއަށް ވެރިވެ އަލިވިއެވެ. ކެނާންގެ ދުލަށް އައި ހާ ހެޔޮ އެއްޗެއް ކިޔައި އުރުޖުވާން ސަލާމަތްކުރުމަށް އަވަސްވިއެވެ. ފަރަހް ވިދުވަރެއްހާ ހަލުވިކޮށް އުރުޖުވާން ގެ ކޮނޑުގައި އަތް އަޅާ ކޮށްޕާލަމުން ލޯމަތިން ގެއްލުނެވެ. އަނދިރިގަނޑަކަށެވެ.

ކެނާން ހަލުވި ކަމާއެކު އަޑިޔަށް ފީނަމުން އުރުޖުވާން އާއި ދިމާއަށް ދިޔައެވެ. ބަލިކަށި އިނގިލިތައް ކެނާންގެ އަތުގެ ތެރެއަށް ވަދެގެން ދިޔުމާއެކު އިތުރު ހިތްވަރެއް ލިބުނެވެ. އޭނާ އުރްޖުވާން ގާތަށް ދަމައިގަތެވެ. އެ ދެމީހުންގެ ހަށިގަނޑު ފެނުގެ ހުސްކަމުގައި ހުއްޓި ހުރީ ވަގުތު މަޑުޖެހުނު ފަދައިންނެވެ. އުރުޖުޥާންގެ ލޯ މަޑުމަޑުން ހުޅުވައިލެވުނެވެ. އެ ނާޒުކު އިނގިލިތަކުން އޭނަގެ މޫނުގައި މަޑުމަޑުން ޖައްސައިލިއެވެ. އޭރު އޭނަގެ ފަޔަށް ބާރުވަމުން ދިޔައެވެ. އަކުނި ވަޔަށް ދަމައިގަތުމާއެކު ފައިގެ ހަރަކާތްތައް ހުއްޓުނެވެ. އަދި މޫނަށް އަނދިރިވާގޮތްވިއެވެ. އޭރު އެމީހުން ގާތަށް މާޒިމް އަންނަތަން ފެނުނެވެ. އޭނައަށް ލިބެމުން ދިޔަ ވޭނުގެ ތެރެއިންވެސް ފައިން ބާރުލުމަށް މަޖުބޫރުކުރުވިއެވެ. އުރުޖުވާން މައްޗަށް އުފުލާލަމުންންވެ. މާޒިމް އަށް އޭނާ ސަލާމަތްކުރެވޭނެކަން ޔަގީންކުރަމުންނެވެ.

" ގޯ....."އެ ލަފުޒުތައް ފެނުގެ ތެރޭގައި ގެއްލިގެން ދިޔައެވެ. އެންމެ ފަހުން ހުސްވަމުންދިޔަ ބާރާއެކު، އޭނާ އުރްޖުވާން މައްޗަށް ދޫކޮށްލިއެވެ. އެކުއްޖާގެ ހަށިގަނޑު މައްޗަށް އަރަމުންދާތަން ބަލަމުން ދިޔައެވެ. އުރުޖުވާން ގެ ނިއުޅިފައި އޮތް އިސްތަށިގަނޑު ފެނުގެ ތެރޭގައި ފެތުރިފައިވީ އިރު ފެނުޕަރީއެއްފަދައެވެ. އެ އަތްތިލަ ކެނާންގެ އަތުން ދެމިގަންނަން ތައްޔާރުނުވާކަން އެނގެއެވެ. ބޯ ހޫރާލަމުން ދިޔައެވެ. ކެނާން ގެއްލިގެންގޮސްދާނެ ކަމުގެ ބިރު އެލޮލުން ފެނުނެވެ. އޭނާގެ ހޭވެރިކަން ގެއްލެމުންދިޔައިރު އެންމެ ފަހުގެ ވިސްނުމުގައި އުފެދުނީ ހިތްހަމަޖެހުމުގެ އިހުސާސެކެވެ. އުރްޖުވާންގެ ދިރިހުރުމަށްޓަކައި އޭނާގެ ފުރާނަ ދޫކޮށްލުމަކީ ލިބޭނެ ޝަރަފެއްކަމުގައި ދެކުނެވެ.

ކޯސްޓްގާޑުގެ ސަލާމަތްކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކުގެ ވިދުވަރުގެ އަލިން އެ ހާދިސާ ހިނގި ސަރަޙައްދު އަލިވެގެންދިޔައެވެ.

"ކެނާން...ކެނާން...."މާޒިމް ފެނުން މައްޗަށް އަރަމުން ނޭވާލާން މަސައްކަތްކުރިއެވެ. މެޑިކްސް އަަވަދިނެތި އުޅުނީ އުރުޖުވާން އަށް އަވަސް ފަރުވާދިނުމުގައެވެ.

ހުޝަލްގެ ހިތް ގެނބުނީ ކެނާން ފެނުން މައްޗަށް އެރިތަން ނުފެނުމުންނެވެ. ކޯސްޓުގާޑުގެ ފީނާ މީހުން ހަލުވިކަމާއެކު އަޑިޔަށް ފީނައި ކެނާން ނެގުމަށް މަސައްކަތްފެށިއެވެ. އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެން ދުޢާކުރުމުގައެވެ. ފަނަރަ މިނިޓުގެ ތެރޭގައި ފެނުން މައްޗަށް ނެގީ ކެނާންއެވެ. އޭނައޮތީ ހޭނެތިފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު