އަފްސަމްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. ޔަލްވީ ރަޔާންއާއި ގަޔާވެއެވެ. ޔަލްވީ ދެއްކި ވާހަކަތަކުން އެކަނިވެސް އެކަން ދޭހަވެއެވެ. އަފްސަމްއަށް ހިނިތުންވެލެވުނެވެ. އެވީގޮތުން ދެން ކަންތައް ކުރާނެ ގޮތެއް އޭނާގެ ހިތުގައި ރާވާލިއެވެ.
********
"ލައިލާ ދޯ" އަފްސަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ލައިލާ ރަޔައްޓެދެކެ ލޯބިވާވަރު އެނގިއްޖެ. ދީވާނާ ވާވަރުވެފަ ހުރީ. މިބުނީ ތެދެއްކަން އެނގޭނެ ކުޑަކުޑަ ދުވަސްކޮޅަކުން"
ޔަލްވީ އިނީ ތުންފިއްތާލައިގެންނެވެ. ލައިލާއެއްގެ ނަން އަޑު އިވުމުންވެސް އޭނާގެ ލޭ ކެކިގެންދެއެވެ. ގޭ ކައިރިއަށް ސައިކަލު ރަގަޅަށް މަޑުކޮށްނުލެވެނީސް ޔަލްވީ ފުންމާލިއެވެ. އަފްސަމްދެކެ އައިސްފައިވާ ރުޅިން ގެއަށް ދެވޭލެއްވެސް އޭނާ އިނީ ލަސްވެފައެވެ. އަފްސަމްއަށް ފުސްމޫނު ދައްކާލުމަށްފަހު، ޔަލްވީ ގޮސް ގޭތެރެއަށް ވަނެވެ.
"އަފްސަމް ހީކުރީ އަހަންނަށް ކައްކަން ނޭނގޭނެކަމަށްތަ؟" ހިތާއި ހިތުން ކުދި ކިޔަމުން ޔަލްވީ ގޮސް ވަނީ ބަދިގެއަށެވެ. އެވަގުތު ކުރީ ދުވަހުގެ ހާދިސާގެމަތިން ހަނދާންވެ، ޔަލްވީގެ ދެފައި ގަނޑުވިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ކުރިއަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ.
********
ގޭތެރެއަށް ވަދެގެން އައި ރަޔާންގެ ނޭފަތުގައި ޖެހުނީ އެއްޗެއް އަނދާ ކަހަލަ ވަހެކެވެ. ޔަލްވީގެ ނަމުން ބާރަށް ގޮވާލަމުން ރަޔާންއަށް ބަދިގެއާއި ދިމާއަށް ދުއްވައިގަނެވުނެވެ. ބަދިގެއަށް ވަތް ވަގުތު ފެނުނު މަންޒަރުން ރަޔާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އުނދުންމައްޗަށް އުދާފައި ހުރި އެއްޗެއް އަނދައިގެން ގޮސް މުޅި ތެލިވެސް ވަނީ ކަޅުވެފައެވެ. އުނދުން ކައިރީގައި އޮތް ތުވާލިކޮޅުގައި އަލިފާން ރޯވެ އަނދަމުން ދިޔައެވެ. މުޅި ތަން ވަނީ ދުމުން ފުސްވެފައެވެ. މަންޒަރު ބަލަން، ޔަލްވީ ހުރީ ގަބުވެފައެވެ. ރަޔާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އުނދުން ނިއްވާލިއެވެ. ތުވާލިކޮޅުގެ ސަލާމަތުން އޮތް ބައިގައި ހިފައި ސިންކު ތެރެއަށްލުމަށްފަހު، އިސްކޫރުން ފެން ދޫކުރިއެވެ.
"ނަސީބެއްނު ބޮޑުކަމެއް ނުވަނީސް އާދެވުނުކަން" ރަޔާން ހާސްވެފައި ޔަލްވީއާއި ދިމާއަށް ބަލައިލިއެވެ.
"ޔަލްވީއަށް ނޭނގުނުތަ އުނދުން ނިއްވާލަންވެސް؟" ރަޔާން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. މޫނުން ފެންނަމުންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
ޔަލްވީ ދެންވެސް އެއްޗެއް ނުބުންޏެވެ. ދެލޯ ބޮޑުކޮށްލިގޮތަށް އުނދުނާއި ދިމާއަށް ބަލަން ހުރިއިރު، އަތުގައި އޮތް ދޭފަތް ތިރިކޮށްލަންވެސް އޭނާގެ ހަނދާނުގައި ނެތް ކަހަލައެވެ. ޔަލްވީއަށް ލިބިފައިވާ ޝޮކު އޭރުވެސް ފިލައިގެން ނުދެއެވެ. ރަޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔަލްވީގެ އަތުގައި އޮތް ދޭފަތް އަތުލިއެވެ.
"ކީއްކުރަން ބަދިގެއަށް ވަދެގެން ތިއުޅެނީ؟ އަހަރެން އަންނަންދެންވެސް ޔަލްވީއަށް މަޑުކޮށްނުލެވުނީތަ؟" ރަޔާން ހިތްހަމަނުޖެހުނީ ޔަލްވީއަށް ގެއްލުމެއް ވެދާނެތީއެވެ. އޭނާ ޔަލްވީގެ މުޅި ހަށިގަނޑަށް އަވަސް ނަޒަރެއް ދިނެވެ. ރަޔާނަށް ހަމަޖެހުމެއް ލިބުނީ ޔަލްވީގެ ހަށިގަނޑުން އެއްވެސް ގެއްލުމެއް ފެންނަން ނެތުމުންނެވެ.
ޔަލްވީ ހޮސްޕިޓަލުން ދޫކޮށްލީ އަރާމުކުރަން ބުނެފައެވެ. އެހާ އަވަހަށް ބަދިގެއަށް ވަދެގެން ކަމެއް ކުރަނިކޮށް ގެއްލުމެއް ލިބޭކަށް ރަޔާން ނޭދެއެވެ.
"ދޭ ރެސްޓްކޮށްލަން. ކާއެއްޗަކަށް އޯޑަރުދީފަ މިއައީ. އިރުކޮޅަކުން އަފްސަމް އަންނާނެ ހިފައިގެން. އައީމަ ގޮވާލާނަން" ހަމަޖެހިލަން މަސައްކަތްކުރަމުން ރަޔާން ބުނެލިއެވެ.
ޔަލްވީ ދެރަވިއެވެ. އޭނާ އެހާވަރުން ކައްކަން އުޅުނީ ރަޔާނަށް ކާންދޭށެވެ. ރަޔާންގެ ކުރިމަތީގައި ޔަލްވީއަކީވެސް ކަންކަން ކުރެވޭ މީހެއްކަން ދެއްކުމުގެ ގޮތުންނެވެ. ޔަލްވީ ހީކުރީ ރަޔާން ހިތްހަމަނުޖެހުނީ ތެލި ހަލާކުވުމުން ކަމަށެވެ. އަފްސަމް ބުނިހެން ރަޔާންއަށް މިހާރު ޔަލްވީގެ ބޭނުމެއް ނެތުނީއެވެ. ޔަލްވީއަކީ ކަމެއްނެތި ރަޔާންގެ ހަޔާތުގައި ބަހައްޓާ މީހާއެވެ. އެވަގުތު ރަޔާން ދެވަނަ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ އަފްސަމް ބުނިކަން ޔަލްވީގެ ހަނދާނަށް އައެވެ. ވިސްނެމުންދިޔަ ވަރަކަށް ޔަލްވީގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.
ރަޔާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނާ ހީކުރީ ޔަލްވީ ވެދިޔަ ކަންތަކުގެ ސަބަބުން ކަމަށެވެ. ޔަލްވީގެ ކައިރިއަށް ޖެހިލާފައި، މޫނުގައި ހޭކިފައިވާ ކިލާތައް ފޮހެލަދޭން އުޅުނެވެ. ރަޔާން ކުރަންއުޅޭ ކަމެއް ނޭނގި، ޔަލްވީ ވަގުތުން ފަހަތަށް ޖެހުނެވެ.
"ތީގެ ސަތޭކަ ހާސް ތެލިވެސް ގަނެދީފާނަން" ޔަލްވީ ހުރީ ރޮވޭވަރު ވެފައެވެ. އަޑުވެސް ނުކުތީ ކުރެހިގެންނެވެ. ރުޅި އައިސް ހަޅޭއްލަވައިގަންނަން އުޅުނަސް، ހިތުގައިޖެހިފައި ހުރިވަރުން، ޔަލްވީއަށް މާ ބާރަށް ވާހަކައެއް ނުދެއްކުނެވެ. އަނެއްކޮޅުން މައިންބަފައިންނާއި އޮތް ގުޅުން ކެނޑި، އަތުގައި އެއްޗެއް ނެތްކަންވެސް ޔަލްވީގެ ހަނދާނަށް އައެވެ. ޔަލްވީ ލަދުގަތެވެ. ރަޔާން އޭނާއަށް ކިހާ މަލާމާތެއް ކުރާނެ ހެއްޔެވެ؟
"ނޫޅެން ދެން ދުވަހަކުވެސް ކައްކާކަށް...." ޔަލްވީ ތުންފިއްތައިލިއެވެ.
ޔަލްވީގެ ކައިރިއަށް ދިޔުމަށް ރަޔާން ފިޔަވަޅެއް އަޅާލިއެވެ. ހަމައެވަގުތު އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި، ކަންފަތުގައި ޖައްސާލުމާއިއެކު ރަޔާން އަށް ލިބުނީ ޝޮކެކެވެ.
"ލިމް؟" ރަޔާންގެ މޫނުން ފެނުނީ ހާސްކަމެވެ.
ކިތަންމެ މަޑުން ބުނި ނަމަވެސް ރަޔާން ބުނި އެއްޗެއް ޔަލްވީއަށް އަޑު އިވުނެވެ.
"ވަރަށް އަވަހަށް އެބަ އަންނަން. ކޮޓަރި ތަޅުލައިގެން އޮންނާތި!" ރަޔާން ހުރީ އަވަސް އަރުވާލާފައެވެ.
ޔަލްވީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ރަޔާންގެ އަތުން ފޯނު ޖަހައިގަންނަން ބޭނުންވިއެވެ. އެކަމަކު، ރަޔާން ގޮސް ނުކުންނަންދެންވެސް ޔަލްވީއަށް ހުރެވުނީ ބަލާށެވެ.
********
ރަޔާން ގެއިން ނުކުތް މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓެވެ. އޭނާގެ ތުންފަތުގައި ވަނީ ނުރައްކާތެރި ހިނިތުންވުމެކެވެ. ރަޔާން ގޮސް ލޯކުރިމަތިން އޮބާލަންދެން އޭނާ ބަލަން ހުއްޓެވެ.
"އަހަރެންގެ މަގުސަދު ހާސިލްކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން......" ލައިގެން ހުރި ޓީޝާޓުގެ ހޫޑްއިން ބޯ ފޮރުވާލުމަށްފަހު ރަޔާންގެ ގެއާއި ދިމާއަށް އެމީހަކު ހިނގައިގަތެވެ.
********
"އައި ހޭޓް ޔޫ.... އައި ހޭޓް ޔޫ..." ޔަލްވީގެ ދެލޯ ކަރުނުން ފުރުނެވެ. ރަޔާން ކަންތައް ކުރިގޮތުން ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އޭނާ އެކަނި ދޫކޮށްލާފައި ރަޔާން ދިޔައީ ލިމްޔާގެ ކައިރިއަށެވެ.
އެކަނިހުރެ އަމިއްލަ ހިތާއި ހަނގުރާމަކުރަމުން ދިޔަ ޔަލްވީ ސިހުނީ ބޭރު ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުމުންނެވެ. ރަޔާން ދަމުން ދިޔައީ ބޭރުދޮރު ތަޅުލާފައިކަން އެނގުނީ ދެނެވެ. ޔަލްވީ ހީކުރީ އެއްޗެއް ބާއްވާފައި ދެވިގެން ރަޔާން އެނބުރި އައީ ކަމަށެވެ. ރަޔާން ކަންތައް ކުރިގޮތުން އެހާ އަވަހަށް ދޮރު ހުޅުވަން ދާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. ޔަލްވީ ބޭނުންވީ ރަޔާން އިތުރަށް ތަޅުވާލާށެވެ. ޔަލްވީގެ ހިތަށް ތަދުކޮށްފައި ދިޔުމުން އެކަމުގެ ބަދަލެއްގެ ގޮތުންނެވެ. ހުއްޓާނުލައި އެމީހަކު ދޮރުގައި ޓަކިޖަހަން ފެށުމުން، ޔަލްވީގެ ބޮލަށް އުނދަގޫވިއެވެ. ކަރުނަތައް ފޮހެލަމުން ޔަލްވީ ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭރު ޔަލްވީގެ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތެވެ. ޔަލްވީ ހީކުރީ ރަޔާން ކަމަށެވެ. ޔަލްވީ މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލިއެވެ. ހުޅުވިގެން ދިޔަ ދޮރާއި އެއްވަރަށް ޔަލްވީގެ ދެލޯވެސް ދިޔައީ ބޮޑުވެގެންނެވެ.
********
"ކޮބާ ލިމް؟" ރަޔާން ބަނދަރަށް ދިޔައިރު، އެތަނުގައި އަފްސަމް ހުއްޓެވެ.
އަފްސަމް ގުޅާފައި ލިމްޔާ މޫދަށް ފުންމާލައިގެން އުޅޭތީ އަވަހަށް ބަނދަރަށް އައިސްދިނުމަށް އެދުމުން ރަޔާން ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ދިޔައިރު ލިމްޔާ ފެންނަން ނެތުމުންވެސް ރަޔާން އިތުރަށް ހާސްވިއެވެ. އަމިއްލަ ނަފުސަށް ގެއްލުން ލިބޭ ކަހަލަ ކަމެއް ލިމްޔާ ކޮށްފާނެ ކަމަކަށް ރަޔާން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.
"އޭނަ ހިނގައްޖެ!" އަފްސަމްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ޖެހިލުންވުމުގެ އަސަރު ފެންނަން ހުއްޓެވެ.
"ކޮންތާކަށް؟ ހޮސްޕިޓަލައްތަ؟ ކީއްވެއް ލިމްއާ އެކީ ނުދިޔައީ؟" ހާސްވީވަރުން ރަޔާންއަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.
"ސޮރީ" އަފްސަމް އިސްޖަހައިލިއެވެ.
"ކޮންކަމަކާ؟" ރަޔާންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅިގަތެވެ.
"ދޮގު ހަދަންޖެހުނީމަ" އަފްސަމް ތަފްސީލް ދިނެވެ.
"އަފްސަމް ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔާބަލަ" ރަޔާން ހިތްހަމަނުޖެހޭގޮތްވިއެވެ.
"އަހަރެން ލިމްޔާ އާ ވާހަކަ ދައްކައިފިން. ލިމްޔާ ބުނީ ކައިވެނި ކުރާކަށް ބޭނުމެއްނޫނޭ...." އަފްސަމް ހުރީ ސީދާ ރަޔާންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ހާލަތުގެ ގޮތުން ރަޔާން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އޭނާ ހުރީ ހާސްވެފައެވެ.
"ދެން؟" ރަޔާން ހުރީ ވާނުވާ ނޭނގިފައެވެ. އަފްސަމް ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު ހުރިގޮތުން އެތަނަށް ގެނުވި ބޭނުމާއިމެދު ރަޔާންގެ ހިތުގައި ސުވާލު އުފެދުނެވެ.
"ލިމްޔާ މޫދަށް ފުންމާލީކީ ނޫން" އަފްސަމް ބުނެލިއެވެ. "ލިމްޔާ ދިޔައީ ޔަލްވީއާ ބައްދަލުކުރަން. ރަޔައްޓެ ހުއްޓާ ޔަލްވީއާ ވާހަކަ ދައްކަން ނުކުރޭ ވާހަކަ ބުނީމަ އަހަރެން ބުނީ ރަޔައްޓެއަށް ގުޅައިގެން މިތަނަށް އެބަ ގެންނަމޭ. ލިމްޔާ ދާށޭ. ލިމްޔާ މޫދަށް ފުންމާލި ވާހަކަ ބުނީ ކޮންމެހެންވެސް ރަޔައްޓެ މިތަނަށް ގެންނަން ބޭނުންވާތީ. އަހަންނަށް އެނގޭ އިތުރުގޮތަކަށް މިގަޑީގަ ރަޔައްޓެ ގެންނަން އެހާ ފަސޭހައެއް ނުވާނެކަން. ސޮރީ...." އަފްސަމް އިސްޖަހާލީ ކުށްވެރިއަކު ފަދައިންނެވެ.
އަފްސަމް ހުރީ ރަޔާނާއި ހަތަރުކަޅި ހަމަކުރަންވެސް ޖެހިލުންވެފައެވެ. ރަޔާން ހުރި ގޮތުން ކުރެވުނު ކަންތަކުގެ ބޮޑުކަން އޭނާއަށް އިހުސާސްކުރެވުނެވެ. ހަދަންނުވާ ވަރުގެ ދޮގެއް ހެދުމުން އޭގެ ނަތީޖާ ގޯސްވެދާނެކަން އަފްސަމަށް ކުރިން ވިސްނާނުލެވުނީއެވެ. ނަމަވެސް ކަން އޮތީ ވެނިމިފައެވެ. މައާފަށް އެދުނަސް، އެވަރުގެ ކުށަކަށް އެހާ ފަސޭހައިން މައާފު ނުލިބޭނެކަންވެސް އަފްސަމަށް އެނގެއެވެ.
"އަފްސަމްއަށް އެނގޭތަ ތި ކުރެވުނު ކަމެއް؟ އޭނ؟" ރަޔާން ހިތްހަމަނުޖެހުނެވެ.
ރަޔާންއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އަފްސަމް އެވަރުގެ ބޮޑު ދޮގެއް ހެދިއިރު ރަޔާން ހާސްވާނެ ވަރާއި، ބިރުގަންނާނެވަރު އިހުސާސް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ޔަލްވީ އެކަނިކޮށްލާފައި ރަޔާން ދިޔައީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަގްސަދުގައެވެ. ނަމަވެސް ކުރެވުނީ ބޭކާރު ކަމެއްކަން އެނގުމުން ރަޔާނަށް ލިމްޔާދެކެވެސް ހިތްހަމަނުޖެހެވުނެވެ. ލިމްޔާ އިތުރަށް ޔަލްވީއާއި ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަމުދުން ޔަލްވީ ހޮސްޕިޓަލުން ދޫކޮށްލި ވަގުތު ބަލާފައި އެކަން ކުރުމުން، ރަޔާންގެ ހިތްހަމަނުޖެހުން އިތުރުވިއެވެ. ރަޔާން އިތުރު އެއްޗެއް ބުނުމެއް ނެތި އެތަނުން ދިޔުމަށް ހިނގައިގަތެވެ. އަފްސަމް ކުރީ މަޖަލަށްވެސް މީހަކު ކުރާކަހަލަ ސަމާސާއެއް ނޫނެވެ. އެފަދަ މީހަކަށް އޭނާ ދެވަނަ ފަހަރަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟
********
"ލިމްޔާ؟...." ދޮރުމަތީގައި ހުރި ލިމްޔާ ފެނުމުން ޔަލްވީގެ މޫނު ބަނަވެގެން ދިޔައެވެ. ހިތްހަމަ ނުޖެހުނުވަރުން ޔަލްވީ އުޅުނީ، ލިމްޔާގެ މޫނުމައްޗަށް ދޮރު ޖަހާށެވެ. ނަމަވެސް ދޮރު ނުޖެހޭނެހެން ލިމްޔާ ހުރީ ދޮރުގައި ހިފަހައްޓާލައިގެންނެވެ.
"އަހަރެން މިއައީ މާފަށް އެދެން....." ޔަލްވީގެ އަތުގައި ހިފާލަމުން ލިމްޔާ ބުނެލިއެވެ. އެއަޑުގައިވަނީ މަޑުމޮޅިކަމެވެ.
(ނުނިމޭ)